ﷲއަށް ވަކީލުކުރުމަކީ ދީނުގައި ވަރަށް މަތީ ޤަދަރެއް ދެވިފައިވާ ކަމެކެވެ. ﷲ ތަޢާލާވަނީ އެއިލާހަށް އަޅުކަންއަދާކުރުމާ އެކުއެކީ އެކަންވެސް ޛިކުރުކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿فَاعْبُدْهُ وَتَوَكَّلْ عَلَيْهِ﴾ [سورة هود ١٢٣]
މާނައީ: “ފަހެ، ކަލޭގެފާނު އެއިލާހަށް އަޅުކަން ކުރައްވާށެވެ! އަދި އެއިލާހަށް ވަކީލު ކުރައްވާށެވެ!”
އަދި އެއިލާހުގެ ލޯބި ޙާޞިލުވުމުގެ ސަބަބެއްކަމުގައި އެކަންވަނީ ލައްވާފައެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ﴾ [سورة آل عمران ١٥٩]
މާނައީ: “ހަމަކަށަވަރުން ވަކީލުކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ.”
ﷲ އަށް ވަކީލުކުރުމުން، އެއިލާހުގެ ރުއްސަވާވޮޑިގަތުމާއި ޝައިޠާނާގެ މައްޗަށް ގަދަކަން ލިބިގެންދެއެވެ.
ރަސޫލުބޭކަލުންނަކީ ވަކީލުކުރުމުގައި ނަމޫނާ ދެއްކެވި އިމާމުންނެވެ.
ފަހެ އިބްރާހީމް އަލްޚަލީލު عليه السلام ވިދާޅުވި (ބަސްފުޅު ކީރިތި ޤުރުއާނުގައިވެ) އެވެ.
﴿رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ﴾ [سورة ممتحنة ٤]
މާނައީ: “އަޅަމެންގެ ވެރިރައްބު! ހަމައެކަނި އިބައިލާހަށް އަޅަމެން ވަކީލުކޮށްފީމުއެވެ. އަދި ހަމައެކަނި އިބައިލާހުގެ ޙަޟްރަތަށް އަޅަމެން ރުޖޫޢަވެ ތައުބާވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަ އިލާހުގެ ޙަޟްރަތަށެވެ.”
އަދި ޝުޢައިބު عليه السلام ވިދާޅުވިއެވެ.
﴿وَمَا تَوْفِيقِي إِلَّا بِاللَّـهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ ﴾ [سورة هود ٨٨]
މާނައީ: “އަދި ﷲ ގެ ޙަޟްރަތުން މެނުވީ، އަހުރެންނަށް ތައުފީޤު ލިބުމެއްނުވެތެވެ. އަހުރެން ވަކީލު ކުރަނީ، އެއިލާހަށެވެ. އަދި ތައުބާވަނީވެސް، އެއިލާހުގެ ޙަޟްރަތަށެވެ.”
ޙަޤީޤީ މާނައިގައި ﷲ އަށް ވަކީލުކޮށްފިމީހަކު، ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަންނަ ހުއްޓެވެ. ފަހަރުގައި ދުނިޔަވީ ކަންކަމާއި އެތަނުގެ ޒީނަތްތެރިކަމުގައި ހުރިހާގޮތަކުން ރަނގަޅު މީހަކަށް ޙާޞިލުނުވި ކަމެއް ފަރުވާ ކުޑަ މީހަކަށް ވެދާނެއެވެ. އަދި ގޮތުގައި ހުންނަމީހަކަށް ލައްވާ ނުލިކަމެއް ނުކުޅެދުންތެރިއަކަށްވެސް ލިބިދާނެއެވެ. އެފަދަ ކަންކަމުގައި ﷲ އަށް ވަކީލުކޮށްގެން މެނުވީ ކުރިއަރައި ނުދާނެއެވެ.
ވަކީލުކުރުމާމެދު އިމާމު އަޙްމަދާ ސުވާލުދެންނެވުމުން ވިދާޅުވިއެވެ.
” އެއީ އަޅުތަކުންގެ ކިބައަށް އޮތް ހުރިހާ އުންމީދެއް މެދުކަނޑާލުމެވެ.”
(ވަކީލުކުރުމެއް ނެތި) ހަމައެކަނި ސަބަބުތަކުގައި ހިފުމަކީ ބޭނުންވާކަމެއް ޙާޞިލުވެގެންދާނެކަމެއް ނޫނެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.