ޤުރުއަން ކިޔެވުމުގެ އަދަބުތަކުގެ ތެރެއިން
ޙަމްދުހުރީ ﷲ އަށެވެ. އެއީ އަޅުކަންކުރާ މީހުން އެފަރާތެއްގެ ޝަރީޢަތަށް ބޯލަނބާ ފަރާތެކެވެ. އެއިލާހުގެ މަތިވެރިކަމަށްޓަކައި އެއިލާހަށް ރުކޫޢުކޮށް ސަޖިދަކުރާ މީހުން ޚުޝޫޢަތްތެރިވެއެވެ. އަދި އެއިލާހަށް މުނާޖާދެންނެވުމުގައި ހުރި ފޮނިކަމަށްޓަކައި ތަޙައްޖަދު ކުރާމީހާ، ނުނިދާ ރޭގަނޑު ހޭލާހުރެއެވެ. އަދި އެއިލާހުގެ ޘަވާބު ހޯދުމަށްޓަކައި ޖިހާދުކުރާ މީހާ، އޭނާގެ ނަފްސު ޤުރުބާންކޮށް ޖިހާދު ކުރެއެވެ. އެއިލާހު ތަޢާލާ ބަސްވަޙީކުރައްވައެވެ. އަދި އެއިލާހުގެ ކަލާމްފުޅު މަޚުލޫޤުންގެ ވާހަކަދެއްކުމާ އެއްވަތަރުވުމުން މަތިވެރިވެ ވޮޑިގެންވެއެވެ. އެއިލާހުގެ ކަލާމްފުޅުގެ ތެރޭގައި އެއިލާހުގެ އަޅާ އަޙްމަދުގެފާނުގެ (އެބަހީ: މުޙައްމަދުގެފާނުގެ) މައްޗަށް ބާވައިލެއްވުނު، އެއިލާހުގެ ފޮތް ހިމެނިގެންވެއެވެ. އަހަރެމެން ރެއާއި ދުވާލު ތަކުރާރުކޮށް އެފޮތް ކިޔަވަމުއެވެ. އަދި ގިނަގިނައިން ތަކުރާރު ކުރުމަކުން އެކަލާމްފުޅު ބާވެ ނުދެއެވެ. އަދި ފޫއްސެއްވެސް ނުމެވެއެވެ. އަދި ގިނަގިނައިން ކިޔެވުމަކުން އެއިން ބާޠިލުކަމެއްވެސް ނުމެ ފެނެއެވެ. އެއިލާހުގެ ދޮރުކޮޅުގެ ކައިރީ ރައްދުވުމެއްނެތި ހުރުމަށް އުންމީދުކުރާމީހެއް ފަދައިން މިއަޅާ ޙަމްދުކުރަމެވެ. ﷲމެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް އިލާހަކު ނުވާކަމަށާއި އެއިލާހު އެއްކައުވަންތަކަމަށާއި އެއިލާހާ ޝަރީކަކު ނުވާކަމަށް، ﷲއަށް އިޚްލާޞްތެރިވެ އެއިލާހަށް އަޅުވެތިވި މީހެއްގެ ހެކިން އަޅުހެކި ވަމެވެ. އަދި މުޙައްމަދުގެފާނަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނު އަޅުކަމުގެ ވާޖިބުތަކައިގެން ޤާއިމްވިއެވެ. އަދި އެކަމަށްޓަކައި ކޮއްތު ތައްޔާރުކުރެއްވިއެވެ. އެކަލޭގެފާނަށް ޞަލަވާތް ލައްވާށިއެވެ. އަދި އަބޫބަކުރުއްޞިއްދީޤަށްވެސް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނު، އެކަލޭގެފާނު ދެކެ ރުޅި އަންނަ މީސްތަކުންގެ ހިތްތައް ފާރުގަނޑުތަކަކުން ފުރުއްވާލެއްވިއެވެ. އަދި ޢުމަރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނު އިސްލާމްދީން ވަރުގަދަކޮށްދެއްވުމުގައި ދެމިހުންނެވިއެވެ. އަދި ޢުޘްމާނުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ކައިރިއަށް ޝަހީދުވުމުގެ ވަގުތު އައިހިނދު ޘާބިޠުވެ ވަޑައިގެންނެވިއެވެ. އަދި ޢަލީގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ކުފުރުގެ ގޮވާން، އެކަލޭގެފާނުގެ ކަނޑިފުޅުން ބުރިކޮށްލެއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އާލުންނާއި އަޞްޙާބުންނަށް ތާއަބަދަށް ދެމިގެންވާ ޞަލަވާތް ލައްވާށިއެވެ. އަދި ގިނަގުނަވެގެންވީ ސަލާމުން ސަލާމްލައްވާށިއެވެ.
އަޚުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިމަތީގައި ކިޔެވޭ އަދި އަޑުއިވޭ އަދި ހިތުދަސްކުރެވޭ މި ޤުރުއާނަކީ، ޢަލާލަމްތަކުގެ ވެރި ރައްބު އަދި އިސްވެދިޔަ މީހުންނާއި އަދި އަންނާނޭހާ ބައެއްގެ ވެރި އިލާހުގެ ކަލާމްފުޅެވެ. އަދި އެއީ އެއިލާހުގެ ވަރުގަދަވެގެންވާ ވާފަށެވެ. އަދި އެއިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. އަދި އެއީ ބަރަކާތްތެރިވެގެންވާ ޛިކުރެވެ. އަދި ބަޔާންވެގެންވާ ނޫރެކެވެ. އަދި އެއިލާހު އެޤުރުއާނުގައި އެއިލާހުގެ މަތިވެރިކަމާއި ހައިބަވަންތަކަމާއި އެކަށީގެންވާ ގޮތުގެމަތިން ޙަޤީޤަތުގައިވެސް ބަސްފުޅު ވަޙީކުރައްވާފައިވެއެވެ. އެޤުރުއާން ޖިބުރީލްގެފާނު މައްޗަށް ބާވާލެއްވުނެވެ. އެކަލޭގެފާނަކީ ކުއްތަންކުރެވިގެންވާ މަތިވެރިވެގެންވާ މަލާއިކަތް ބޭކަލުންގެ ތެރިއިން ބޭކަލެކެވެ. ދެން އެޤުރުއާން މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ހިތްޕުޅަށް ބާވާލެއްވުނެވެ. އެއީ އެކަލޭގެފާނު ބަޔާންވެގެންވާ ޢަރަބިބަހުން، އިންޛާރު ދެއްވާ ބޭކަލުންގެ ތެރެއިން ލެއްވުމަށްޓަކައެވެ. ﷲތަޢާލާ މަތިވެރިވެގެންވާ ޞިފަފުޅުތަކުން އެޤުރުއާން ސިފަކުރައްފައިވެއެވެ. އެއީ ތިޔަބައިމީހުން އެޤުރުއާން މަތިވެރިކޮށް އިޙްތިރާމް ކުރުމަށްޓަކައެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ. ﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ [البقرة: 185 ] މާނައީ: “ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤ ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.” ﴿ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ الْآيَاتِ وَالذِّكْرِ الْحَكِيمِ ﴾ [آل عمران: 58 ] މާނައީ: “މިއީ، ފާޅުވެގެންވާ ދަލީލު ތަކާއި، ޙިކުމަތްތެރި ޛިކުރުގެ ތެރެއިން (އެބަހީ: ކީރިތި ޤުރުއާނުން) ކަލޭގެފާނަށް، ތިމަންއިލާހު ކިޔައިދެއްވާ ވާހަކަތަކެކެވެ. ” ﴿يَا أَيُّهَا النَّاسُ قَدْ جَاءَكُم بُرْهَانٌ مِّن رَّبِّكُمْ وَأَنزَلْنَا إِلَيْكُمْ نُورًا مُّبِينًا ﴾ [النساء: 174 ] މާނައީ:”އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟުރަތުން ޙުއްޖަތެއް، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. އަދި، ފާޅުވެ ބަޔާންވެގެންވާ ނޫރެއް ތިޔަބައިމީހުންނަށް ތިމަންއިލާހު ބާވައިލެއްވީމެވެ.” يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ الْكِتَابِ وَيَعْفُو عَن كَثِيرٍ قَدْ جَاءَكُم مِّنَ اللَّـهِ نُورٌ وَكِتَابٌ مُّبِينٌ ﴿١٥﴾يَهْدِي بِهِ اللَّـهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿١٦﴾” [المائدة: 15 – 16 ] މާނައީ: “އޭ ފޮތުގެ އަހުލުވެރިންނޭވެ! ފޮތުން ތިޔަބައިމީހުން ވަންހަނާކޮށް އުޅުނު ކަންތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާ އަދި (އޭގެ) ގިނަ ކަންތައްތައް ޢަބޫ ކުރައްވާ ޙާލު، ހަމަކަށަވަރުން، ތިމަންއިލާހުގެ ރަސޫލާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ހަމަކަށަވަރުން، ﷲގެ ޙަޟުރަތުން ނޫރަކާއި، ބަޔާންކުރަނިވި ފޮތެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ، އެއިލާހު ރުއްސަވާ މަގަށް ތަބަޢަވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވަތެވެ. އެއިލާހު އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގުދައްކަވަތެވެ.” ﴿وَمَا كَانَ هَـٰذَا الْقُرْآنُ أَن يُفْتَرَىٰ مِن دُونِ اللَّـهِ وَلَـٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ ﴾ [يونس: 37 ] މާނައީ: “ﷲ ނޫންފަރާތަކުން ހަދައިގެން ގެންނަ އެއްޗަކަށް މި ޤުރުއާން ނުވެއެވެ. އެހެނެއްކަމަކު (އެ ޤުރުއާން ބާވައިލެއްވީ) އޭގެކުރީގައިވާ ފޮތްތައް ތެދުކުރުމަށާއި، ފޮތުގައިވާ ޙުކުމްތައް ތަފްޞީލު ކޮށްދެއްވުމަށެވެ. އެ ފޮތާމެދު ޝައްކެއް ނެތެވެ. (އެ ފޮތް ބާވައިލެއްވީ) ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟުރަތުންނެވެ.” ﴿يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ﴾ [يونس: 57 ]. މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟުރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡުއަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި ރަޙުމަތެއް އަތުވެއްޖެކަން ކަށަވަރެވެ.” ﴿الر كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ﴾ [هود: 1 ] މާނައީ: “ا ل ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲ އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައްވަނީ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ ނިޡާމަކުން ތަންޡީމު ކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ. (އެއީ) މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަވަންތަ އިލާހުގެ ޙަޟުރަތުންނެވެ. ” ﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴾ [الحجر: 9 ] މާނައީ: “ހަމަކަށަވަރުން، ޤުރުއާން ބާވައިލެއްވީ، ތިމަންއިލާހެވެ. އަދި ހަމަކަށަވަރުން، ތިމަންއިލާހު، އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.” وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ ﴿٨٧﴾ لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ ﴿٨٨﴾ [الحجر: 87 – 88 ] މާނައީ: “ހަމަކަށަވަރުން، ތަކުރާރުކޮށްކިޔެވޭ ހަތް އާޔަތާއި، މާތްކަން ބޮޑުވެގެންވާ ޤުރުއާން، ތިމަންއިލާހު ކަލޭގެފާނަށް ދެއްވީމެވެ. އެއުރެންގެތެރެއިން ބަޔަކަށް، ދުނިޔޭގެ އުފަލެއްގެ ގޮތުގައި ތިމަންއިލާހު ދެއްވާފައިވާ ކަންތަކަށް ކަލޭގެފާނުގެ ލޯފުޅު ނުފޯރުއްވަވާށެވެ! އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި މުއުމިނުންނަށްޓަކައި، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!)” ﴿وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ ﴾ [النحل: 89 ] މާނައީ: “އަދި ތިމަންއިލާހު، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަޙުމަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ. ” إنَّ هَـٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا﴿٩﴾ وَأَنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا﴿١٠﴾[الإسراء: 9 – 10 ] މާނައީ: ” ހަމަކަށަވަރުން، މި ޤުރުއާން، އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ޞާލިޙް ޢަމަލުތައްކުރާ މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ދެއެވެ. އަދި ހަމަކަށަވަރުން، އާޚިރަތަށް އީމާންނުވާ މީހުންނަށް، ވޭންދެނިވި ޢަޛާބެއް، ތިމަންއިލާހު ތައްޔާރުކުރެއްވިކަމުގެ ޚަބަރު ވެސްމެއެވެ.” ﴿وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا﴾ [الإسراء: 82 ] މާނައީ: “ތިމަންއިލާހު ޤުރުއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރުއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.” ﴿قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَـٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا﴾ [الإسراء: 88 ] މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.” مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ ﴿٢﴾ إِلَّا تَذْكِرَةً لِّمَن يَخْشَىٰ ﴿٣﴾ تَنزِيلًا مِّمَّنْ خَلَقَ الْأَرْضَ وَالسَّمَاوَاتِ الْعُلَى ﴿٤﴾ [طه: 2 – 4 ] މާނައީ: ” ތިމަންއިލާހު ކަލޭގެފާނުގެ މައްޗަށް މި ޤުރުއާން ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ. (ﷲ އަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ (ތިމަންއިލާހު އެ ޤުރުއާން ބާވައެއް ނުލައްވަމެވެ.) ބިމާއި، އުސްވެގެންވާ އުޑުތައް ހެއްދެވި އިލާހުގެ ޙަޟުރަތުން ބާވައިލެއްވި ވަޙީއެކެވެ.” ﴿تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا ﴾ [الفرقان: 1 ] މާނައީ: “ޢާލަމްތަކަށް އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެއިލާހުގެ އަޅާއަށް ޤުރުއާން ބާވައިލެއްވި އިލާހު، މަތިވެރިވެވޮޑިގެންފިއެވެ.” وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ ﴿١٩٢﴾ نَزَلَ بِهِ الرُّوحُ الْأَمِينُ ﴿١٩٣﴾ عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ ﴿١٩٤﴾بِلِسَانٍ عَرَبِيٍّ مُّبِينٍ ﴿١٩٥﴾ وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ ﴿١٩٦﴾ أَوَلَمْ يَكُن لَّهُمْ آيَةً أَن يَعْلَمَهُ عُلَمَاءُ بَنِي إِسْرَائِيلَ ﴿١٩٧﴾ [الشعراء: 192 – 197 ]، މާނައީ: ހަމަކަށަވަރުން، އެ ޤުރުއާން އަކީ، ޢާލމްތަކުގެ ވެރިއިލާހު ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރުއާނާއިގެން ފައިބައިވަޑައިގަތީ، ޖިބުރީލްގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޛާރުކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. (އެ ޤުރުއާން ބާވައިލެއްވީ) ބަޔާންވެގެންވާ ޢަރަބި ބަހުންނެވެ. އަދި ހަމަކަށަވަރުން، އިސްވެދިޔަ ނަބިއްޔުންގެ ފޮތްތަކުގައިވެސް އެ ޤުރުއާނުގެ ވާހަކަ ވާކަން ކަށަވަރެވެ. އިސްރާއީލްގެ ދަރިންކުރެ، ޢިލްމުވެރިން އެކަންތައް ދަންނަކަން އެއީ، އެއުރެންނަށް (އެބަހީ: މައްކާގެ މުޝްރިކުންނަށް) ހެތްކެއްކަމުގައި ނުވޭހެއްޔެވެ؟ ” وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ ﴿٢١٠﴾ وَمَا يَنبَغِي لَهُمْ وَمَا يَسْتَطِيعُونَ ﴿٢١١﴾ [الشعراء: 210 – 211 ] މާނައީ: ” އެޤުރުއާން ގެނެސްދިނީ ޝައިޠާނުންނެއް ނޫނެވެ. އަދި އެއީ ޝައިޠާނުންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެ ޝައިޠާނުންނަށް އެކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ.” ﴿بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ﴾ [العنكبوت: 49 ] މާނައީ: “އަދި ކިއެއްތަ! އެއީ ޢިލްމުލިބިގެންވާ މީހުންގެ ހިތްތަކުގައި ބަޔާންވެގެންވާ އާޔަތް ތަކެކެވެ. އަނިޔާވެރިން ނޫނީ، ތިމަންއިލާހުގެ އާޔަތްތަކާ ދެކޮޅެއް ނަހަދާނެތެވެ.” وَمَا عَلَّمْنَاهُ الشِّعْرَ وَمَا يَنبَغِي لَهُ إِنْ هُوَ إِلَّا ذِكْرٌ وَقُرْآنٌ مُّبِينٌ ﴿٦٩﴾ لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ الْقَوْلُ عَلَى الْكَافِرِينَ﴿٧٠﴾ [يس: 69 – 70 ] މާނައީ: “އަދި ތިމަންއިލާހު އެކަލޭގެފާނަށް ޅެން އުނގަންނަވައެއް ނުދެއްވަމެވެ. އަދި އެކަލޭގެފާނު އެކަމަކަށް އެކަށީގެނެއްވެސް ނުވެތެވެ. އެއީ ހަނދާންކޮށްދެނިވި ފޮތެއް ކަމުގައްޔާއި، ބަޔާންވެގެންވާ ޤުރުއާން ކަމުގައި މެނުވީ ނުވެއެވެ. އެއީ ދިރިހުރި ކަމުގައިވާ މީހަކަށް އިންޛާރު ކުރެއްވުމަށްޓަކައެވެ. އަދި ކާފަރުންގެ މައްޗަށް (ޢަޛާބުގެ) ބަސްފުޅު ޙައްޤު ވުމަށްޓަކައެވެ. ” ﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾ [ص: 29 ]. މާނައީ: “(މިއީ) ކަލޭގެފާނަށް ތިމަންއިލާހު ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަޞޭޙަތް ލިބިގަތުމަށެވެ.” ﴿قُلْ هُوَ نَبَأٌ عَظِيمٌ﴾ [ص: 67 ] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއީ (އެބަހީ: ޤުރުއާން އަކީ) ބޮޑުވެގެންވާ ޚަބަރެކެވެ.” ﴿اللَّـهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُّتَشَابِهًا مَّثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ اللَّـهِ ذَٰلِكَ هُدَى اللَّـهِ يَهْدِي بِهِ مَن يَشَاءُ﴾ [الزمر: 23 ] މާނައީ: “ﷲ އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ ޙާލުގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިއިލާހަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް ﷲ ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ ﷲގެ ތެދުމަގެވެ. އެއިލާހު އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ.” إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ وَإِنَّهُ لَكِتَابٌ عَزِيزٌ ﴿٤١﴾ لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ ﴿٤٢﴾ [فصلت: 41 – 42 ] މާނައީ: “ހަމަކަށަވަރުން، އެއުރެންގެގާތަށް ޤުރުއާން އައިހިނދު، އެ ޤުރުއާނަށް ކާފަރު ވިމީހުންނަށް (ގަދަވެގެންވާ ޢަޛާބު ހުށްޓެވެ.) ހަމަކަށަވަރުން، އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ. އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް ބާޠިލުކަމެއް ނާންނާނެތެވެ. (އެއީ) ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތައިލާހުގެ ޙަޟުރަތުން ބާވައިލެއްވި ފޮތެކެވެ.” ﴿وَكَذَٰلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا مَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَـٰكِن جَعَلْنَاهُ نُورًا نَّهْدِي بِهِ مَن نَّشَاءُ مِنْ عِبَادِنَا﴾ [الشورى: 52 ] މާނައީ: “އަދި ހަމައެފަދައިން ތިމަންއިލާހުގެ އަމުރުފުޅުން ކަލޭގެފާނަށް ތިމަންއިލާހު ޤުރުއާން ވަޙީ ކުރެއްވީމެވެ. ފޮތަކީ ކޮންއެއްޗެއްކަން، އަދި އީމާންއަކީ ކޮންއެއްޗެއްކަން ކަލޭގެފާނު (ކުރިން) ދެނެވަޑައިގަންނަވާ ކަމުގައި ނުވެތެވެ. އެހެނެއްކަމަކު، ތިމަންއިލާހު އަޅުންގެ ތެރެއިން ތިމަންއިލާހު އިރާދަކުރައްވާ ބަޔަކަށް، ތިމަންއިލާހު، އެއިން ތެދުމަގު ދައްކަވާ ނޫރެއްކަމުގައި އެ ޤުރުއާން ލެއްވީމެވެ.” ﴿وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ﴾ [الزخرف: 4 ] މާނައީ: “އަދި ހަމަކަށަވަރުން، ތިމަންއިލާހުގެ ޙަޟުރަތުގައިވާ މައިފޮތުގައި (އެބަހީ: ލައުޙުލް މަޙްފޫޡުގައި) އެފޮތްވަނީ މަތިވެރިވެގެންވާ ޙިކުމަތްތެރި ފޮތެއް ކަމުގައެވެ.” ﴿هَـٰذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ﴾ [الجاثية: 20 ] މާނައީ: “މި ޤުރުއާނަކީ، މީސްތަކުންނަށްވާ އަލިގަދަ ދަލީލު ތަކެކެވެ. އަދި ޔަޤީންކުރާ ބަޔަކަށްވާ ހިދާޔަތަކާއި، ރަޙްމަތެކެވެ.” ﴿وَالْقُرْآنِ الْمَجِيدِ ﴾ [ق: 1 ]މާނައީ: “މާތްވެގެންވާ ޤުރުއާން ގަންދެއްވައި ވަޙީ ކުރައްވަމެވެ. (ހަމަކަށަވަރުން، އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައި ތިމަންއިލާހު މުޙައްމަދުގެފާނު ފޮނުއްވީމެވެ.)” فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ ﴿٧٥﴾ وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ ﴿٧٦﴾ إِنَّهُ لَقُرْآنٌ كَرِيمٌ ﴿٧٧﴾ فِي كِتَابٍ مَّكْنُونٍ ﴿٧٨﴾ لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ ﴿٧٩﴾ تَنزِيلٌ مِّن رَّبِّ الْعَالَمِينَ ﴿٨٠﴾ [الواقعة: 75 – 80 ] މާނައީ: “ފަހެ، ހަމަކަށަވަރުން، ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވައި ތިމަންއިލާހު ހުވާ ވަޙީ ކުރައްވަމެވެ. އަދި ތިޔަބައިމީހުން ދަންނަނީނަމަ، ހަމަކަށަވަރުން، އެއީ ބޮޑުވެގެންވާ ހުވަޔެއްކަން ކަށަވަރެވެ. ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރުއާންކަން ކަށަވަރެވެ. ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ. ޠާހިރު ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ. (އެއީ) ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟުރަތުން ބާވައިލެއްވި ފޮތެކެވެ. ” ﴿لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّـهِ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ﴾ [الحشر: 21 ] މާނައީ: “ތިމަންއިލާހު ފަރުބަދައެއްގެ މައްޗަށް މިޤުރުއާން ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް ﷲއަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ މިޘާލުތައް މީސްތަކުންނަށް ތިމަންއިލާހު ޖައްސަވަނީ، އެއުރެން ފިކުރު ކުރުމަށްޓަކައެވެ.” އަދި ޖިންނިން ވިދާޅުވިކަމަށް ﷲތަޢާލާ ވަޙީ ކުރެއްވިއެވެ. ﴿قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا﴾ [الجن: 1 ] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (ޤުރުއާން) އަޑު އަހައިފިކަމަށް، ތިމަންއިލާހު ވަޙީ އިއްވަވައިފިއެވެ. ފަހެ (އެއުރެންގެ ޤައުމުގެމީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން އަޖާބުވާފަދަ ޤުރުއާނެއްގެ އަޑު އަހައިފީމުއެވެ.” އަދިވެސް އެއިލާހު ވަޙީ ކުރެއްވިއެވެ. بَلْ هُوَ قُرْآنٌ مَّجِيدٌ ﴿٢١﴾ فِي لَوْحٍ مَّحْفُوظٍ ﴿٢٢﴾ [البروج: 21 – 22 ] މާނައީ: “އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: ލައުޙުލް މަޙްފޫޡުގައިވާ) މާތް ޤުރުއާނެވެ.”
މިއީ މަތިވެރިވެގެންވާ ޞިފަފުޅުތަކެކެވެ. އަހަރެމެން ނަޤުލުކުރި ހުރިހާ އާޔަތްތަކާއި އަދި ނަޤުލް ނުކުރާ އާޔަތްތައް ދަލީލިކޮށްދެނީ މިޤުރުއާނުގެ މަތިވެރިކަމަށެވެ. އަދި މިޤުރުއާން މަތިވެރިކުރުން ވާޖިބުވެގެންވާ ކަމެވެ. އަދި އެޤުރުއާން ކިޔަވާހިނދު އަދަބުވެރި ވާންޖެހޭނެކަމެވެ. އަދި ޤުރުއާން ކިޔަވަމުންދާހިނދު ބޭކާރުކަންތަކާއި ކުޅިވަރުތަކުން ދުރުހެލިވާން ޖެހޭކަމެވެ.
ފަހެ ޤުރުއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި ﷲތަޢާލާއަށް ހިތް ނިޔަތް ޚާލިޞްކުރުން ހިމެނެއެވެ. އެހެނީ ޤުރުއާން ކިޔެވުމަކީ އެންމެ މަތިވެރިވެގެންވާ އަޅުކަންތަކުގެ ތެރެއިން ހިމެނޭ އަޅުކަމެކެވެ. އެޤުރުއާނުގެ މާތްކަން އިސްވެ ބަޔާންކުރެވުނު ފަދައިންނެވެ. ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿فَادْعُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ ﴾ [غافر: 14 ] މާނައީ: “ފަހެ ތިޔަބައިމީހުން ﷲއަށް ދުޢާކުރާހުށިކަމެވެ. އެއީ އެއިލާހަށް އަޅުކަން ޚާލިޞްކުރާހާލުގައެވެ. “ އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَا﴾ [البينة: 5 ] މާނައީ: “ބާޠިލު މަގުން އެއްކިބާވެތިބެ، ﷲއަށް އަޅުކަން ޚާލިޞްކުރާ ޙާލު، ﷲއަށް އަޅުކަންކުރުމަމެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ.” ޤުރާންކިވުން، ދުއާއު މައްސަލައާއި ދުޢާއު އިބާދާތުގެ ތެރެއިން ހިމެނެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((اقْرَءُوا الْقُرْآنَ، وَابْتَغُوا بِهِ اللهَ، مِنْ قَبْلِ أَنْ يَأْتِيَ قَوْمٌ يُقِيمُونَهُ إِقَامَةَ الْقِدْحِ، يَتَعَجَّلُونَهُ، وَلَا يَتَأَجَّلُونَهُ))[1] މާނައީ: “ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. އަދި ޤުރުއާން ކިޔަވާހިނދު ﷲގެ ވަޖުހުފުޅު އެދޭށެވެ. (އެއީ) ބަޔަކު އައުމުގެ ކުރިންނެވެ. ތީރު ދުނިދަނޑި ސީދާކުރާ ފަދައިން އެމީހުން އެޤުރުއާން ސީދާކުރެއެވެ. (އެބަހީ: ޤުރުއާން ކިޔެވުމުގައި ތަޖުވީދާއި މަޚުރަޖާއި ސިފަތައް އިސްލާޙުކުރުމުގައި ހައްދު ފަހަނައަޅައިގޮސް އެކަމުގައި މަޝްހޫރުވާން މަސައްކަތްކުރެއެވެ.) އެމީހުން އެޤުރުއާނުގެ އަޖުރަށް އެއެދެނީ މިދުނިޔޭގައެވެ. އާޚިރަތުގައެއް ނޫނެވެ.”
އަދި ޤުރުއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި، ޙާޟިރުވެގެންވާ ހިތަކާއިގެން، ކިޔެވޭ އެއްޗަކާމެދު ތަދައްބުރުކޮށް، އޭގެމާނަ ފަހުމްކޮށް އަދި ކިޔެވާހިނދު އޭނާގެ ހިތް ބިރުވެތިވާ ޙާލު ޤުރުއާން ކިޔެވުން ހިމެނެއެވެ. އަދި ޤުރުއާން ކިޔަވާހިނދު ﷲތަޢާލާ އޭނާއާ މުޚާޠަބުކުރާކަން ހިތްމައްޗަށް ގެންނަންޖެހެއެވެ. އެހެނީ ޤުރުއާނަކީ ﷲގެ ކަލާމްފުޅެވެ.
އަދި ޤުރުއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި، ޤުރުއާން ކިޔަވާހިނދު ޠަހާރަތުގެ މަތީގައި ހުރެ ކިޔެވުން ހިމެނެއެވެ. އެހެނީ އެކަމަކީ އެއީ ﷲ ޢައްޒަ ވަޖައްލަގެ ކަލާމްފުޅު މަތިވެރިކުރުމުގެ ތެރެއިން ހިމެނޭކަމެކެވެ. އަދި ޖުނުބުވެރިޔާ ފެނުން ހިނައިގަތުމަށް ކުޅަދާނަކަން ލިބިގެންވާނަމަ ހިނައިގަތުމަށް ދާންދެން ނުވަތަ ބައްޔެއްގެ ސަބަބުން ނުވަތަ ފެން ނެތުމުގެ ސަބަބުން ނުކުޅެދިއްޖެނަމަ ތަޔަމްމުމް ކުރެއްޖެއުމަށް ދާންދެން ޤުރުއާން ނުކިޔަވާށެވެ. އަދި ޤުރުއާން ކިޔެވުމަށް ޤަސްދުނުކޮށް، ޖުނުބުވެރިޔާއަށް ޤުރުއާނުގައި ވާރިދުވެފައިވާ ފަދައިން ﷲއަށް ޛިކުރުކޮށް އަދި ޤުރުއާނުގައުވާ ފަދައިން ދުޢާ ކުރެވިދާނެއެވެ. މިސާލަކަށް މިފަދައިން ކިޔުމެވެ. ﴿رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ ﴾
އަދި ޤުރުއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި، ހަޑި ނަޖިސް ތަންތަނުގައި، ޤުރުއާން ކިޔެވޭހިނދު ކަނުލައި އަޑުނޭހޭ ޖަމާޢަތެއްގެ ތެރޭގައި ޤުރުއާން ނުކިޔެވުން ހިމެނެއެވެ. އެހީ އެފަދަ ޙާލަތުގައި ޤުރުއާން ކިޔެވުމަކީ އެޤުރުއާނަށް އިހާނެތިކުރުމެވެ. އަދި ފާޚާނާގައި ޤުރުއާން ކިޔެވުން ހުއްދަވެގެން ނުވެއެވެ. އަދި ހަމަ އެފަދައިން ކުޑަކަމު ދިޔުމަށް ނުވަތަ ބޮޑުކަމު ދިޔުމަށް ހަދާފައިވާ ތަނެއްގައި ކިޔެވުންވެސް ހުއްދައެއް ނުވާނެއެވެ. އެއެނީ އެތަންތަނަކީ ޤުރުއާން ކިޔެވުމަށް އެކަށީގެންވާ ތަންތަނެއް ނޫނެވެ.
އަދި ޤުރުއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި، ކިޔަވާން ފަށާއިރު ﷲގެ ޙަޟުރަތުން ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދުން ހިމެނިގެންވެއެވެ. އެއީ ﷲތަޢާލާގެ މިވަޙީބަސްފުޅުންނެވެ. ﴿فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ ﴾ [النحل: 98 ] މާނައީ: “ފަހެ، ކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙުމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުންއެދި، ﷲގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!” އެއީ އެޤުރުއާން ކިޔެވުމުން ނުވަތަ ކިޔެވުން ފުރިހަމަކުރުމުން ޝައިޠާނާ އޭނާ ދުރުނުކުރުމަށްޓަކައެވެ.
އަދި ބިސްމިކިޔުމާމެދު ދަންނައެވެ. ފަހެ ޤުރުއާން ކިޔަވަން ފަށަނީ ސޫރަތެއްގެ މެދުތެރެއިންނަމަ ބިސްމި ނުކިޔާށެވެ. އަދި ކިޔަވަން ފަށަނީ ސޫރަތެއްގެ ފެއްޓައިގެންނަމަ ބިސްމި ކިޔާށެވެ. ތައުބާ ސޫރަތް ފިޔަވައެވެ. އެހެނީ އެސޫރަތް ފެށުމުގައި ބިސްމިއެއް ނޯވެއެވެ. އެހެނީ ޞަޙާބީންނަށް އެއީ މުސްތަޤިއްލި ސޫރަތެއްތޯ ނުވަތަ އަންފާލު ސޫރަތުގެ ބައެއްތޯ، އޮޅުންއަރާފައި ވާތީއެވެ. އެހެންވެ އެބޭކަލުން ބިސްމިއަކާއި ނުލައި އެދެސޫރަތް ވަކި ކުރެއްވިއެވެ. މި އިޖުތިހާދަކީ ޝައްކެއްނެތް ގޮތުގައި ވާޤިޢުއާ ދިމާވާ އިޖުތިހާދެކެވެ. ﷲގެ ބެއްލެވުމުގެ ދަށުގައި ޤުރުއާން ރައްކާތެރި ކުރެއްވިފައި ވާއިރު، އެސޫރަތުގައި ބިސްމިވާނަމަ އެސޫރަތް ފެށުމުގައި ބިސްމި ބާވައިލެއްވީހެވެ. ﷲ ތަޢާލާގެ މި ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. ﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴾ [الحجر: 9 ]. މާނައީ:”ހަމަކަށަވަރުން، ޤުރުއާން ބާވައިލެއްވީ، ތިމަންއިލާހެވެ. އަދި ހަމަކަށަވަރުން، ތިމަންއިލާހު، އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.”
އަދި ޤުރުއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި، ޤުރުއާން ކިޔަވާހިނދު އަޑު ރިވެތިކުރުމާއި އަޑު ޒީނަތްތެރިކުރުން ހިމެނިގެން ވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުންނ ރިވާވެފައިވާ ޙަދީޘްގައިވާ ފަދައިނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَا أَذِنَ اللَّهُ لِشَيْءٍ مَا أَذِنَ لِنَبِيٍّ حَسَنِ الصَّوْتِ بِالْقُرْآنِ يَجْهَرُ بِهِ))[2] މާނައީ: “އެބޭކަލެއްގެ އަޑު ރީތިވެގެންވާ ނަބިއްޔަކު ޤުރުއާން ރީތިކޮށް އަޑުހަރުކޮށް ވިދާޅުވާ އަޑު ﷲތަޢާލާ އައްސަވާހެން އެހެން އެއްޗެއް އައްސަވާވޮޑި ނުގަންނަވައެވެ.”
އަދި ބަރާއު ބުން ޢާޒިބް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْرَأُ وَالتِّينِ وَالزَّيْتُونِ فِي الْعِشَاءِ وَمَا سَمِعْتُ أَحَدًا أَحْسَنَ صَوْتًا مِنْهُ أَوْ قِرَاءَةً))[3] މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢިޝާނަމާދުގައި (والتِّينِ وَالزَّيْتُونِ) ކިޔަވާއަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. އެކަލޭގެފާނުގެ އަޑަށްވުރެ ނުވަތަ އެކަލޭގެފާނުގެ ކިޔެވުމަށްވުރެ ރިވެތި ކިޔެވުމެއް ނުވަތަ އަޑެއް ތިމަންކަލޭގެފާނު ނާއްސަވަމެވެ.”
އެހެންނަމަވެސް މީހަކު ބާރަށް ޤުރާން ކިޔެވުމުން އުނދަގޫވާފަދަ ބައެއް އޭނާގެ ވަށައިގެން ތިބިނަމަ، މިސާލަކަށް ނިދާފައި އޮތް މީހެއް އަދި ނަމާދަށް ހުރިމީހެއް އަދި މިފަދަ އެނޫންބައެއް ތިބިނަމަ، އެމީހަކަށް އުނދަގޫވެދާނެކަމަށްޓަކައި ބާރަށް ނުކިޔަވާށެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީސަތަކުންގެ ތެރެއަށް ނުކުމެ ވަޑައިގެންނެވިއިރު އެބައިމީހުން ނަމާދު ކުރަނީއެވެ. އަދި އެބައިމީހުންގެ ތެރެއިން ބަޔަކު ބާރަށް ޤުރުއާން ކިޔަވަނީއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِنَّ الْمُصَلِّيَ يُنَاجِي رَبَّهُ فَلْيَنْظُرْ مَاذَا يُنَاجِيهِ بِهِ ، وَلاَ يَجْهَرْ بَعْضُكُمْ عَلَى بَعْضٍ بِالْقُرْآنِ))[4] މާނައީ: “ހަމަކަށަވަރުން ނަމާދުކުރާމީހާ އޭނާ އެވަނީ އޭނާގެ ވެރި ރައްބަށް މުނާޖާ ދެންނެވުމުގައެވެ. ފަހެ އޭނާގެ ވެރި ރައްބަށް މުނާޖާ ދަންނަވާއިރު އެކިޔާ އެއްޗެއް އޭނާ ބަލާހުށި ކަމެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު ޤުރުއާން ކިޔަވަމުންދާއިރު އަނެއްބަޔަކު އެއަށްވުރެ ބާރަށް ނުކިޔަވާށެވެ.”
އަދި ޤުރުއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި، ތަރުތީލުކޮށް ލަސްލަހުން ކިޔެވުން ހިމެނެއެވެ. އެއީ ﷲތަޢާލާގެ މިވަޙި ބަސްފުޅުންނެވެ. ﴿وَرَتِّلِ الْقُرْآنَ تَرْتِيلًا ﴾ [المزمل: 4 ] މާނައީ: “އަދި ލަސްލަހުން ޤުރުއާން ކިޔަވައި ވިދާޅުވާށެވެ.” ފަހެ މަޑުމައިތިރިކަމާއެކު އަވަސްއަރުވާލުމަކާއި ނުލާ ކިޔަވާށެވެ. އެހެނީ އެކަން، ޤުރުއާނުގެ މާނައާމެދު ތަދައްބަރުކޮށް، ލަފްޡުތަކާއި އަކުރުތައް ރަނގަޅަށް ކިޔުމަށް އެހީތެރިވެދެއެވެ. ޞަޙީޙު ބުޚާރީގައި އަނަސް ރަޟިޔަﷲ ޢަންހުންގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނުގެ އަރިހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިޔެވުމާމެދު ސުވާލު ދެންނެވުނެވެ. ވިދާޅުވިއެވެ. “އެކަލޭގެފާނު ކިޔެވުމުގައި މައްދު ކުރައްވައެވެ. ދެން އެއަށްފަހު ކިޔަވާ ވިދާޅުވިއެވެ. “بسم الله الرحمن الرحيم” (އެކަލޭގެފާނު ކިޔެވި ހިނދު) (بسم الله) ކިޔާފައި ދަމާލެއްވިއެވެ. (الرحمن) ކިޔާފައި ދަމާލެއްވިއެވެ. އަދި (الرحيم) ކިޔާފައިވެސް ދަމާލެއްވިއެވެ.”[5]
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިޔެވުމާމެދު އުންމު ސަލަމާގެ އަރިހުގައި ސުވާލު ދެންނެވުނެވެ. އެކަމަނާ ވިދާޅުވިއެވެ. “كان يُقَطِّع قراءته آية آية، (بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾)”[6] މާނައީ:”އެކަލޭގެފާނު ކިޔަވާވިދާޅުވާހިނދު އާޔަތަކުން އާޔަތަކުން މަޑުކުރައްވައެވެ. ( بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾)” (އެބަހީ އާޔަތްތައް ގުޅުވާގެން ނުކިޔަވައެވެ.)
އަދި އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ” ދުވަސްވެފައިވާ ކަދުރެއް އެއްލާލާ ފަދައިން ތިޔަބައިމީހުން ޤުރުއާން ނުކިޔަވާށެވެ. (އެބަހީ: ވިސްނުމެއް ނެތި އެފޮތުގެ ކަލިމަތައް އުކާލާ ފަދައިން ނުކިޔަވާށެވެ.) އަދި އަވަސްއަވަހަށް ކިޔޭ ޅެމެއްހެންވެސް ޤުރުއާން ނުކިޔަވާށެވެ. އެޤުރުއާނުގެ ޢަޖައިބުތަކާމެދު ތިޔަބައިމީހުން ވިސްނާފިކުރުކުރާށެވެ. އަދި ޤުރާންކިޔަވާ ހިނދު ތިޔަބައިމީހުންގެ ހިތްތައް ހަރަކާތްތެރި ކުރުވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އެމީހެއްގެ އަމާޒަކީ އެއީ އެންމެ ފަހު ސޫރަތް ކަމުގައި ނަހަދާށެވެ. (އެބަހީ: އަވަސްއަވަހަށް ޤުރުއާން ޚަތިމުކޮށްލުން އެއީ އަމާޒު ކަމުގައި ނަހަދާށެވެ.)”
އަދި ޤުރުއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި، ރޭގަނޑާއި ދުވާލުގެ ތެރެއިން ކޮންމެ ވަގުތެއްގައިވެސް، އޭނާ ވުޟޫގެ މަތީގައިވާހާލު، ސަޖިދައިގެ އާޔަތެއް ކިޔަވައިފިނަމަ ސަޖިދަކުރުން ހިމެނެއެވެ. (ފަހެ ސަޖިދާގެ އާޔަތެއް ކިޔަވައިފިނަމަ) ސަޖިދައަށް ދިޔުމަށްޓަކައި ތަކުބީރު ކިޔާށެވެ. އަދި ކިޔާށެވެ. “سبحان ربي الأعلى” އަދި ދުޢާކުރާށެވެ. ދެން އެއަށްފަހުގައި ތަކްބީރަކާ އަދި ސަލާމަކާއި ނުލައި ތެދުވާށެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަން ވާރިދުވެގެން ނުވެއެވެ. ނަމާދުގައި ފިޔަވައެވެ. ނަމާދުގައި ސަޖިދައެއް ކުރަންވެއްޖެނަމަ، ސަޖިދަ ކުރާއިރުވެސް އަދި ތެދުވާއިރުވެސް އެކަލޭގެފާނު ތަކުބީރުކިޔުއްވައެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެފައިވާ ޙަދީޘްގައިވާ ފަދައިން، އެކަލޭގެފާނު ސަޖިދައަށް ތިރިވެ ވަޑައިގަންނަވާހިނދުވެސް އަދި ސަޖިދައިން ތެދުވެވަޑައިގަންނަވާ ހިނދުވެސް ތަކުބީރު ކިޔާވިދާޅުވެއެވެ. އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެފަދައިން ކަންތައް ކުރައްވާކަމަށް ވިދާޅުވެއެވެ.[7]
އަދި އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “رأيت النبي يكبر في كل رفع وخفض وقيام وقعود”[8] މާނައީ: “ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ތިރިވުމެއްގަޔާއި ކޮންމެ އުފުލުމެއްގައާއި ކޮންމެ ތެދުވުމެއްގައި ކޮންމެ އިށީނދުމެއްގައި ތަކުބީރު ކިޔުއްވަނިކޮށް ތިމަންކަލޭގެފާނު ދެކިވަޑައިގަތީމެވެ.” ނަމާދުގެ ސަޖިދައާއި ނަމާދުގައި ތިލާވަތުގެ ސަޖިދައަށްވެސް މިޙަދީޘް އާންމުވެގެން ވެއެވެ.
މިއީ ޤުރުއާން ކިޔެވުމުގެ ބައެއް އަދަބުތަކެވެ. ފަހެ ތިޔަބައިމީހުން އެއަދަބުތަކުން އަދަބުވެރިވާށެވެ. އަދި އެއަދަބުތަކުން އަދަބުވެރިވުމަށް މަސައްކަތް ކުރާށެވެ. އަދި އެކަމުން ﷲގެ ފަޟުލަވަންތަވެރިކަމަށް އެދޭށެވެ.
اللهم اجعلنا من المعظِّمين لحرمتك، الفائزين بهباتك، الوارثين لجناتك، واغفر لنا ولوالدينا ولجميع المسلمين برحمتك يا أرحم الراحمين، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
________________________________
މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.
މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް
[1] أبو داود الصلاة (830) ، أحمد (3/357) وإسناده حسن
[2] البخاري التوحيد (7105) ، مسلم صلاة المسافرين وقصرها (792) ، النسائي الافتتاح (1017) ، أبو داود الصلاة (1473) ، أحمد (2/285) ، الدارمي فضائل القرآن (3497) .
[3] أخرجه البخاري: كتاب الأذان باب القراءة في العشاء رقم (769) ومسلم: كتاب الصلاة باب قراءة في العشاء رقم (464)
[4] أحمد (4/344) ، مالك النداء للصلاة (178) .
[5] البخاري فضائل القرآن (4759) ، النسائي الافتتاح (1014) ، أبو داود الصلاة (1465) ، ابن ماجه إقامة الصلاة والسنة فيها (1353) ، أحمد (3/119) .
[6] رواه أحمد وأبو داود والترمذي .
[7] البخاري الأذان (752) ، مسلم الصلاة (392) ، النسائي التطبيق (1155) ، أحمد (2/236) ، مالك النداء للصلاة (168) .
[8] الترمذي الصلاة (253) ، النسائي التطبيق (1149) ، الدارمي الصلاة (1249) .