[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 67

70ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمْرُ الـمُطْلَقُ لَا يَدُلُّ عَلَى تَكْرَارٍ وَلَا عَلَى مَرَّةٍ

މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު އަމުރުން ތަކުރާރުކޮށް ކުރުމަކަށް އަދި އެއް ފަހަރު ކުރުމަކަށް ދަލީލެއް ނުކޮށްދޭ}

މި ޤަވާޢިދުގެ މުރާދު: އަމުރުގެ ދެ ވައްތަރެއް ވެއެވެ. އެއީ، މުޠުލަޤު އަމުރާއި މުޤައްޔަދު އަމުރެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، މުޠުލަޤު އަމުރު (އެބަހީ، އެއް ފަހަރު ކުރުމަށް ނުވަތަ ތަކުރާރުކޮށް ކުރުމަށް ނުވަތަ ޝަރުޠަކާ އެކު ކުރުމަށް ނުވަތަ ސިފައަކާ އެކު ކުރުމަށް ދަލީލުކޮށްދޭ ޤަރީނާއެއް ނެތި އޮންނަ އަމުރު) ގެ ޞީޣާއިން އެއް ފަހަރު ކުރުމަކަށް ނުވަތަ ތަކުރާރުކޮށް ކުރުމަކަށް (އެބަހީ، ވަކި އަދަދަކަށް އެ ކަން ކުރުމަކަށް) ދަލީލެއް ނުކޮށްދެއެވެ. އެހެނެއްކަމަކު، އެއިން ދަލީލުކޮށްދެނީ އެ މާހިއްޔަތު (އެ ކަން) ގެނެސްގަތުމެވެ. އެއް ފަހަރު ކުރުމުން މާހިއްޔަތު ގެނެސްގަނެވޭފަދައިން، އެއް ފަހަރަށްވުރެ ގިނަ ފަހަރު އެ ކަން ކޮށްގެން ވެސް މާހިއްޔަތު ގެނެސްގެނެވިދާނެއެވެ. މި ރައުޔު ގިނަ ޢިލްމުވެރިންނަށް ނިސްބަތްކުރެވިފައި ވެއެވެ. އަދި އައްރާޒީއާއި އަލްއާމިދީއާއި އިބްނުލްޙާޖިބު މި ރައުޔު އިޚްތިޔާރު ކުރެއްވިއެވެ. އަދި ޙަނަފީންނަށާއި މާލިކީންނަށް ވެސް ނިސްބަތްކުރެވިފައި ވެއެވެ.

މިއާ ޚިލާފަށް، އެހެން ރައުޔެއްގައި ވަނީ، މުޠުލަޤު އަމުރުން ދަލީލުކޮށްދެނީ، މުޅި އުމުރުގައި ވެސް އެ ކަން ތަކުރާރުކޮށްކޮށް ހުރުން ކަމުގައެވެ. ތަކުރާރުކޮށްކޮށް ހުރުން މަނާކުރާ ދަލީލެއް ލިބިއްޖައުމަށްދާންދެނެވެ. އަދި ޝަރުޠަކާ އެކުގައެވެ. އެ ޝަރުޠަކީ، ޟަރޫރީ ވަގުތުތަކާއި ޤަޟާޙާޖަތުގެ ވަގުތުތަކާއި ނިދުމުގެ ވަގުތުތައް ފިޔަވައި، އެ ކަން ގެނެސްގަންނަން ކުޅަދާނަވެގެންވާ ޒަމާނުގެ ތެރޭގައި އެ ކަން ގެނެސްގަތުމަށް އޮތުމެވެ. މިއީ، މަދު ބޭފުޅުންގެ ރައުޔުގެ ގޮތުގައި އިމާމުލްޙަރަމައިނި ޛިކުރުކުރައްވާފައިވާ ރައުޔެވެ. އަދި ފިޤުހުވެރިންނާއި މުތަކައްލިމުންކުރެ ޖަމާޢަތެއްގެ ބޭފުޅުންނަށް މި ރައުޔު ނިސްބަތްކުރެވިފައި ވެއެވެ. އަދި މާލިކާއި ބައެއް ޝާފިޢީންނަށް ވެސް މި ރައުޔު ނިސްބަތްކުރެވިފައި ވެއެވެ.

އަދި މިއާ ޚިލާފަށް، އެހެން ރައުޔެއްގައި ވަނީ، މުޠުލަޤު އަމުރުން ދަލީލުކޮށްދެނީ، އެންމެ ފަހަރަކު އެ ކަން ކުރުން ކަމުގައެވެ. އަދި އެއަށްވުރެ ގިނަ ގިނައިން އެ ކަން ކުރުން އެ އަމުރުން ނަފީކުރާ ކަމުގައެވެ. ތަކުރާރުކޮށް އެ ކަން ކުރުމަށް ދަލީލުކޮށްދޭނީ އިތުރު ދަލީލަކުން އެ ކަމަށް ދަލީލުކޮށްދޭނަމައެވެ. މިއީ، ގިނަ ބޭފުޅުންގެ ރައުޔުގެ ގޮތުގައި އިމާމުލްޙަރަމައިނި ޛިކުރުކުރައްވާފައިވާ ރައުޔެވެ. އަދި ޙަނަފީންނަށާއި ޢާއްމުކޮށް ހުރިހާ މާލިކީންނަށާއި ގިނަ ޝާފިޢީންނަށް މި ރައުޔު ނިސްބަތްކުރެވިފައި ވެއެވެ.

އަދި މިއާ ޚިލާފަށް، އެހެން ރައުޔެއްގައި ވަނީ، މުޠުލަޤު އަމުރަކީ އެއް ފަހަރު ކުރުމާއި ތަކުރާރުކޮށް ކުރުން އެ އަމުރުގެ ލަފްޒުގައި ލަފްޒީގޮތުން ހިމެނިފައިވާ އެއްޗެއް ކަމަށާއި، އެ ތަނުން ވަކި އެއް މާނައެއް އިތުރު ޤަރީނާއެއް ނެތި ނުނެގޭނެ ކަމުގައެވެ. އަދި އެ ތަނުން ވަކި މާނައަކަށް ޤަރީނާއެއް ލިބެން ނެތްނަމަ، އެއިން އެއްވެސް މާނައަކާ އެއްގޮތަށް ޢަމަލު ނުކުރެވޭނެ ކަމުގައެވެ. އަދި އެ ހާލަތުގައި ވަކި ކޮޅެއް އިޚްތިޔާރު ކުރުމެއްނެތި ހުއްޓިހުންނާނީ ކަމުގައެވެ. މިއީ، ބައެއް ބޭފުޅުންގެ ފަރާތްޕުޅުން އަލްހިންދީ ގެންނަވާފައިވާ ރައުޔެކެވެ. އަދި ވަކި ފަރާތަކަށް ނިސްބަތްކުރެއްވުމެއް ނެތި އަލްއިސްނަވީ ވެސް މި ރައުޔު ގެންނަވާފައި ވެއެވެ.

އަދި މި ނޫން ވެސް ރައުޔުތައް މި މައްސަލާގައި ވާރިދުވެފައި ވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، މީހަކު އޭނާގެ ވަކީލުގެ ގާތުގައި [މި މުދާ ގަންނާށޭ] ބުނުމުން، އޭނާ އެ މުދާ ވިއްކައިލުމެވެ. އަދި އެ މުދާ ވިއްކި ފަހުން އެ މުދަލުގައި ޢައިބެއް ހުރުމުން، އޭނާއަށް އަނބުރާ އެ މުދާ ރައްދުކުރެވުމެވެ. މި ހާލަތުގައި އެ އަމުރުގެ މައްޗަށް ބިނާކޮށް، އެ މުދާ ދެވަނަ ފަހަރަށް (އެ ޢައިބު ފިލުވައިގެން ނަމަވެސް) ވިއްކުން އެ ވަކީލުގެ މައްޗަކަށް ނުވެއެވެ. ސަބަބަކީ، މުޠުލަޤު އަމުރުން ތަކުރާރުކޮށް އެ ކަން ކުރުމުގެ މާނަ ލިއްބައި ނުދޭތީއެވެ. އެހެނެއްކަމަކު، އެފަދަ އަމުރަކުން ދޭހަކޮށްދެނީ އެ ކަންތައް ކުރުމެވެ. އެ ވަކީލު އެ ކަންތައް ކޮށްފިއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =