[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 6

الحديث السابع:

عَنْ أَبِي رُقَيَّةَ، تَمِيمِ بْنِ أَوسٍ الدَّارِىِّ رَضِيَ اللَّهُ عَنْهُ أَنَّ النَّبِىَّ صلى الله عليه وسلم قَالَ: ((الدِّينُ النَّصِيحَةُ، قُلْنَا: لِمَنْ؟ قَالَ: لِلَّهِ، وَلِكِتَابِهِ، وَلِرَسُولِهِ، وَلأَئِمَّةِ الْمُسْلِمِينَ، وَعَامَّتِهِمْ))

[رَوَاهُ مُسْلِمٌ]

މާނައީ: އަބޫ ރުޤައްޔާ، ތަމީމް ބުން އައުސް އައްދާރީ رضي اللّه عنه ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “ދީނަކީ ނަޞީޙަތެވެ.” (އެބަހީ: އިޚްލާޞްތެރިވުމެވެ.) ތިމަންބޭކަލުން ދެންނެވީމެވެ. “ކޮން ބަޔަކަށް ތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ އަށާއި އެއިލާހުގެ ފޮތަށާއި އެއިލާހުގެ ރަސޫލާއަށާއި މުސްލިމުންގެ ވެރިންނަށާ އަދި އެމީހުންގެ ޢާންމުންނަށެވެ.”

 

ޢަރަބިބަހުގައި ނަސޭޙަތުގެ ދެމާނައެއްވެއެވެ. އެއް މާނައަކީ އިޚްލާޞްތެރިވުމެވެ. އަނެއް މާނައަކީ ޢާއްމު ވާހަކަދެއްކުމުގައިވެސް ބޭނުންކުރާ ފަދައިން ހެޔޮ އިރުޝާދުދީ، ހެޔޮބަސްބުނުމެވެ.

 

ﷲ އަށް އިޚްލާސްތެރިވާނެގޮތް:

ތައުޙީދުގެ ތިންބަޔަށް ރައްކާތެރިވުން. އެއީ:

  1. تَوحِيدُ الرُّبُوبِيَّة އެކަލާނގެ ރުބޫބިއްޔަތުގައި އެއްކައުވަންތަކުރުން: ކާއިނާތު ޚަލްޤުކުރެއްވުމާއި އެކާއިނާތުގެ އެންމެހައި ކަމެއް ތަދުބީރުކުރެއްވުމުގަޔާއި، ރިޒުޤްދެއްވުމާއި، މަރުއްވެވުމާއި ދިރުއްވުމުގައި އެކަލާނގެއަށް ބައިވެރިޔަކުނުވާކަމަށް އީމާންވުން
  2. تَوحِيدُ الاُلُوهِيَّة އެކަލާނގެ އުލޫހިއްޔަތުގައި އެއްކައުވަންތަކުރުން: އެންމެހައި އަޅުކަމެއް އެކަލާނގެއަށް ޚާއްސަކުރުމާއި އަޅުކަންތަކުގައި އެކަލާނގެއާއި އެހެން ފަރާތެއް ބައިވެރިނުކުރުން
  3. تَوحِيدُ اْلاَسْمَاءُ وَالصِّفَاتُ އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއްކައުވަންތަކުރުން

އެކަލާނގެ ފޮތަށް އިޚްލާސްތެރިވާނެގޮތް:

  1. (الإيمان الجازم) ކީރިތި ޤުރުއާނަކީ މާތްﷲ ގެ ކަލާމްފުޅުކަމުގައި ހިތުން ތެދުކޮށް ޤަބޫލުކުރުން
  2. (التسليم المطلق و القبول التام) ކީރިތި ޤުރުއާނުގައި އައިސްފައިވާ ޙުކުމްތަކަށާއި އިރުޝާދުތަކަށް ފުރިހަމަޔަށް ކިޔަމަންގަތުން
  3. ކީރިތި ޤުރުއާން ކިޔެވުމާއި އޭގެ މާނައާމެދު ވިސްނާ ފިކުރުކުރުމާއި، ކުޅަދާނަވީވަރަކުން ޤުރުއާން ހިތުދަސްކުރުމާއި، ކީރިތި ޤުރުއާނުގެ ޢިލްމުތައް

ކިޔަވއިދިނުން އަދި އިސްވެ މިދެންނެވުނު ކަންކަމުގެ މައްޗަށް މީސްތަކުންނަށް

ދަޢުވަތުދިނުން.

ﷲގެ ރަސޫލާއަށް އިޚްލާސްތެރިވުމަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބަޢަވުމެވެ. އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަޙީތަކުން ދުރުވުމެވެ.

ވެރިންނަށް ނަޞީހަތްތެރިވުމަކީ ވެރިންނަށް ކިޔަމަންވުމާއި، ﷲއަށް އުރެދުމަކަށް އަމުރުނުކުރާހާ ހިނދަކު އެބައިމީހުންގެ އަމުރުތަކަށް ތަބަޢަވުމާއި، ހެޔޮކަންކަމުގައި ވެރިންނަށް މަދަދުވެރިވުމާއި، ވެރިންނަށް ހެޔޮ ރިވެތިގޮތުގައި ނަސޭޙަތްދިނުމާއި، އެބައިމީހުންނަށް ހެޔޮ ދުޢާކޮށްދިނުމާއި އަދި ވެރިންނާއި ދެކޮޅަށް ނުކުމެގަތުމުން ދުރުވެގަތުމެވެ.

ޢާއްމު މުސްލިމުންނަށް ނަޞީޙަތްތެރިވުމަކީ އެބައިމީހުންނަށް ހެޔޮ ފައިދާ ހުރިކަންކަމަށް މަގުދެއްކުމާއި އެބައިމީހުންނަށް ދީނީ އަދި ދުނިޔަވީ ޢިލްމު ފޯރުކޮށްދިނުމާއި އެބައިމީހުންނަށް ކަންކަން އޮޅުވާލުމުން ދުރުވުމާއި، އެބައިމީހުންނާއި ޙަސަދަވެރިވުމުންދުރުވުމާއި އަދިވެސް މިފަދަ ކަންތައްތަކެވެ.

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް