[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 122

128ވަނަ ޤަވާޢިދު (ޖުމްލަ 189): مَفْهُومُ الغَايَةِ حُجَّةٌ

މި ޤަވާޢިދުގެ ތަރުޖަމާ: {مَفْهُومُ الغَايَة އަކީ ޙުއްޖަތެއް}

މި ޤަވާޢިދުގެ މުރާދު: إِلَى ނުވަތަ حَتَّى ފަދަ ޙަރުފަކާ ޙުކުމް ގުޅުވައިލައި، އެފަދަ ޙަރުފެއް ބޭނުންކޮށްގެން، ކަނޑައެޅިގެންވާ ވަކި غَايَة އަކަށް (ހިސާބަކަށް) ޙުކުމް ދަންމައިލުމުން އެނގެނީ، އެ غَايَة އަށް ފަހު އޮންނަ ބަޔަކީ، އޭގެ ކުރިން އޮތް ބަޔާއި ޙުކުމުގެ ގޮތުން ތަފާތު ބަޔެއް ކަމެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، އަބުލްވަލީދު އަލްބާޖީއާއި އަލްއާމިދީ އަދި ބައެއް ޙަނަފީންގެ އަރިހުގައި، مَفْهُومُ الغَايَة އަކީ ޙުއްޖަތެއް ނޫނެވެ. އެހެންކަމުން، އެ ބޭފުޅުންގެ ނަޒަރުގައި، غَايَة ން ޙުކުމް ޤައިދު ކުރެވިފައި އޮތުމަކުން، غَايَة އަށް ފަހު އޮންނަ ބަޔަށް ޙުކުމް ނަފީވެގެން ވާކަމަކަށް ދަލީލެއް ނުކޮށްދެއެވެ. އަދި ކިޔެއްތަ! غَايَة އަށް ފަހު އޮންނަ ބަޔާ މެދު އޮތީ ސުކޫތުކޮށެވެ. އެ ބަޔާ ގުޅޭ ގޮތުން ނަފީއެއް ވެސް އަދި ސާބިތު ކުރުމެއް ވެސް އައިސްފައެއް ނުވެއެވެ. ވީއިރު، އޭގެ ޙުކުމް ބަޔާންކޮށްދޭ އެހެން ދަލީލަކަށް ބޭނުންޖެހިފައި ވެއެވެ.

ދެން ފަހެ، مَفْهُومُ الغَايَة (ޣާޔަތުގެ މަފްހޫމް) އަކީ، إِلَى ނުވަތަ حَتَّى ފަދަ ޙަރުފެއް ބޭނުންކޮށްގެން، ކަނޑައެޅިގެންވާ ވަކި غَايَة އަކަށް (ހިސާބަކަށް) ޙުކުމް ދަންމައިލުމެވެ.

އަދި މި ޤަވާޢިދުގެ ދަށުން އުފެދިފައިވާ ރައުޔުތަފާތުވުމާ، مُغْيَا ގެ ތެރެއަށް غَايَة ވަނުމާ މެދު އުފެދިފައިވާ ރައުޔުތަފާތުވުމާ ތަފާތެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِلَى الْمَرَافِقِ) (ސޫރަތުލްމާއިދާ: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އުޅަނބޮށިތަކާ ހަމައަށް…] މި އާޔަތުގެ މި ތަންކޮޅާ ތިން މައްސަލައެއް ގުޅިފައި ވެއެވެ. ފުރަތަމައީ، އުޅަނބޮށްޓަށް ވުރެ ތިރި ދޮވުމެވެ. (މިއީ، އާޔަތުގެ މަންޠޫޤުން އެނގޭ ގޮތެވެ.) ދެވަނައީ، އުޅަނބޮށި ދޮވުމެވެ. (މިއީ، مُغْيَا ގެ ތެރެއަށް غَايَة ވަނުމާ މެދު އުފެދިފައިވާ ރައުޔުތަފާތުވުމާ ގުޅޭ މައްސަލައެވެ.) ތިންވަނައީ، އުޅަނބޮށްޓަށް ވުރެ މަތި ނުދޮވުމެވެ. (މިއީ، مَفْهُومُ الغَايَة އިން ލާޒިމު ކުރާ ގޮތެވެ.)

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَإِنْ طَلَّقَهَا فَلَا تَحِلُّ لَهُ مِنْ بَعْدُ حَتَّى تَنْكِحَ زَوْجًا غَيْرَه) (ސޫރަތުލްބަޤަރާ: 230 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ދެން (ތިންވަނަ ފަހަރަށް) އެ ކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށްފަހު، އެ ކަނބުލޭގެ އެހެން ފިރިޔަކާ ކާވެނި ކޮށްފުމަށް ދާންދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެ ކަނބުލޭގެ ޙަލާލެއް ނުވާނެތެވެ.] މި އާޔަތުން އެނގެނީ، ތިންވަނަ ފަހަރަށް ވަރިކޮށްފައިވާ އަންހެނާ، އެހެން ކައިވެންޏެއް ކުރުމަށް ފަހު، އެ ކައިވެނިން ވަރިވެ، ފުރަތަމަ ފިރިމީހާއާ އަލުން ކައިވެނި ކުރުން ހުއްދަވެގެން ވާކަމެވެ. މި ޙުކުމަކީ، غَايَة ގެ ކުރިން ސާބިތުވެފައި އޮތް ޙުކުމާ ޚިލާފު ޙުކުމެކެވެ. ސަބަބަކީ، غَايَة ގެ ކުރިން ސާބިތުވެފައި އޮތް ޙުކުމަކީ ޙަރާމްކަމެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =