[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަރްޙާއި ތަޢްދީލު (9)

އަދި ހަމައެހެންމެ، ޢަދުލުވެރިކަމާއި މުރޫއަތްތެރިކަން ނުވަތަ އެއިން ކޮންމެވެސް ކަމެއް ފިލައިގެންދާނޭފަދަ ރާވީންގެ ޢަމަލުތަކާއި ތަޞައްރުފުތައް ވެސް އެ ބޭފުޅުން ގެންނަވާފައިވެއެވެ. އެއީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ދޮގުހަދައިފާނޭކަމުގެ ޝުބުހަ ނަފްސަށް ވެރިކުރުވާ ކަންތައްތަކެކެވެ. އެފަދަ ބަސްފުޅުތަކުގެ ތެރޭގައި، ޖަރީރު ބްނު ޢަބްދިލްޙަމީދުގެ އަޚް، އަނަސް ބްނު ޢަބްދިލްޙަމީދާ ގުޅޭ ގޮތުން އަބޫ ޙާތަމް ރިވާކުރައްވާފައިވާ އަންނަނިވި ރިވާޔަތް ހިމެނެއެވެ. ވިދާޅުވިއެވެ. ((سمعت يحيى بن المغيرة قال: سألت جريراً عن أخيه أنس، فقال: لا يكتب عنه، فإنه يكذب في كلام الناس، وقد سمع من هشام بن عروة، وعبيدالله بن عمر، ولكن يكذب في حديث الناس، فلا يكتب عنه))[1] މާނައީ: [ޔަޙްޔާ ބްނުލްމުޣީރާ ވިދާޅުވާ އަޑު އަހުރެން އެހީމެވެ: އަހުރެން ޖަރީރުގެ އަރިހުގައި އޭނާގެ އަޚާއާ ގުޅޭ ގޮތުން ސުއާލުކުރީމެވެ. ވިދާޅުވިއެވެ: [އޭނާ ރިވާކުރާ ތަކެތި ނުލިޔެވޭނެތެވެ. އެހެނީ، މީސްތަކުންނާ ވާހަކަދައްކައިއުޅޭއިރު އޭނާ ދޮގުހަދައެވެ. އޭނާ ހިޝާމް ބްނު ޢުރުވާއާއި ޢުބައިދުﷲ ބްނު ޢުމަރުގެ އަރިހުން ޙަދީޘް އަޑުއަހާފައި ވެއެވެ. އެހެންނަމަވެސް، މީސްތަކުންނާ ވާހަކަދައްކައިއުޅޭއިރު އޭނާ ދޮގުހަދައެވެ. އެހެންކަމުން، އޭނާ ރިވާކުރާ ތަކެތި ނުލިޔެވޭނެތެވެ.]]

އަދި ރާވީގެ ސިޔަރަތަށް ނަޒަރުހިންގާއިރު، ނަޤްދުކުުރައްވާ ޢިލްމުވެރިޔާއާ އެއް ޒަމާނެއްގައި އުޅޭ ރާވީންގެ ޙަޔާތުގެ ހުރިހާ މަރުޙަލާއަކަށް ވެސް ފާރަވެރިވުން ލާޒިމުކުރެއެވެ. އެހެނީ، ސީދާމަގުން ގޮސްގޮސް ހުރެފައި، ފަހުން މަގުއޮޅިިގެންގޮސްދާނެއެވެ. ނުވަތަ މަގުއޮޅިގެންގޮސްފައި، ފަހުން ސީދާމަގަށް އަތުވެދާނެއެވެ. އެފަދަ މިސާލުތަކުގެ ތެރޭގައި، سليمان بن أحمد الدمشقي ثم الواسطي އާ ގުޅޭ ގޮތުން އަބޫ ޙާތަމް ވިދާޅުވެފައިވާ ބަސްފުޅު ހިމެނެއެވެ. ((كتبت عنه قديما، وكان حلواً، قدم بغداد فكتب عنه أحمد بن حنبل، ويحيى بن معين قديماً، وتغير بأخرة، اختلط بقاض كان على واسط، فلما كان في رحلتي الثانية قدمت واسطاً فسألت عنه، فقيل لي: قد أخذ في الشرب والمعازف والملاهي، فلم أكتب عنه))[2] މާނައީ: [އޭނާ ރިވާކުރާ ތަކެތި އަހުރެން ކުރިން ލިޔުނީމެވެ. އަދި އޭނާއީ ބަރާބަރު މީހެއްކަމުގައި ވިއެވެ. (އޭނާ) ބަޣުދާދަށް ދިޔައެވެ. އެހިނދު، އޭނާ ރިވާކުރާ ތަކެތި އަޙްމަދު ބްނު ޙަންބަލާއި ޔަޙްޔާ ބްނު މަޢީން ކުރިން ލިޔުއްވިއެވެ. އޭނާ ފަހުން ތަޣައްޔަރުވިއެވެ. ވާސިޠަށް ކަނޑައަޅާފައިހުރި ޤާޟީއަކާއެކު އޭނާ އުޅުނެވެ. އަހުރެންގެ ދެވަނަ ދަތުރުގައި ވާސިޠަށް ވަދެވުނުހިނދު، އޭނާއާ ގުޅޭ ގޮތުން ސުއާލުކުރީމެވެ. އަހުރެން ގާތު ބުނެވުނެވެ: ބަނގުރާބުއިމާއި މިއުޒިކާއި ކުޅިވަރުތަކުގެ ތެރެއަށް އޭނާ ވަދެއްޖެއެވެ. އެހެންވެ، އޭނާ ރިވާކުރާ ތަކެތި އަހުރެން ނުލިޔަމެވެ.]

ثـانيا: إلقاء الأسئلة على الراوي (ދެވަނަ މަގު: ރާވީއާ ސުއާލުތައް ކުރިމަތިކޮށްގެން)

އެގޮތުން، ރާވީގެ ތެދުވެރިކަމާއި އެއްޗެއްސާ މެދު އޭނާގެ ކިބައިގައި ހުރި ސާބިތުކަން ބެލުމަށް ސުއާލުކުރެވޭނެތެވެ. މިސާލަކަށް، އުފަންވީ ތާރީޚާއި، އޭނާ އެ ބައެއްގެ އަރިހުން ރިވާކޮށްފައިވާ ފަރާތްތަކުގެ އަރިހުން ޙަދީޘް އަޑުއެހި ތަނާއި، ޙަދީޘް އަޑުއެހި ތާރީޚާއި، އަޑުއެހި ގޮތާ ގުޅޭ ގޮތުންނެވެ. އަދި ފަހަރުގައި، މިވެނި މީހެއްގެ ފުށުން އޭނާ އަޑުއަހާފައިވާކަމަށް ދެކެވޭ ވާހަކައަކީ ޞައްޙަ ވާހަކައެއްތޯ ދިމާސީދަލަށް އޭނާއާ ސުއާލުކުރިމަތިކުރެވިދާނެއެވެ. ނުވަތަ އޭނާ ގެނެސްފައިވާ ޙަދީޘްތަކަކީ ކޮން ތަނަކުން ގެނައި ޙަދީޘްތަކެއްތޯ އެހިދާނެއެވެ.

އެއާ ގުޅުވައިގެން ރާވީން ދޭ ޖަވާބުތަކުން، އެއުރެންގެ ތެދުވެރިކަން ނުވަތަ ދޮގުވެރިކަން، އަދި ސާބިތުކަމާއި ކަންފަސޭހަކަން އެނގިގެންދާނެއެވެ. ސުފްޔާނުއްޘައުރީ ވިދާޅުވެފައިވާ ފަދައިންނެވެ. ((لما استعمل الرواة الكذب استعملنا لهم التاريخ))[3] މާނައީ: [ރާވީން ދޮގުހަދަން ފެށުމުން، އަޅުގަނޑުމެން ތާރީޚުގެ ބޭނުންހިފަން ފެށީމުއެވެ.]

އަދި އަލްޚަޠީބުލްބަޣުދާދީ، ޚާއްޞަކޮށް ރިވާޔަތަށް ބިނާކޮށް ރާވީގެ ފާސިޤުކަން ސާބިތުވާ ކަންކަން ބަޔާންކުރައްވަމުން ވިދާޅުވެފައި ވެއެވެ. ((ومنها أن يدعي السماع ممن لم يلقه، ولهذه العلة قيد الناس مواليد الرواة، وتاريخ موتهم، فوجدت روايات لقوم عن شيوخ قصرت أسنانهم عن إدراكهم…، وضبط أصحاب الحديث صفات العلماء وهيئاتهم وأحوالهم لهذه العلة، وقد افتضح غير واحد من الرواة في مثل ذلك))[4] މާނައީ: [އަދި އޭގެ ތެރޭގައި، ބައްދަލުވެފައިނުވާ މީހެއްގެ ފަރާތުން އަޑުއެހިކަމަށް ދަޢުވާކުރުން ހިމެނެއެވެ. މި ޢިއްލަތާހުރެ ރާވީންގެ އުފަންދުވަހާއި އެބައިމީހުން ނިޔާވި ތާރީޚު މީސްތަކުން ޤައިދުކުރިއެވެ. އެއާހުރެ، އެ ޝައިޚުންނާ އެއް ޒަމާނެއްގައި އުޅުމުގެ ފުރުސަތު ނެތް ޝައިޚުންތަކެއްގެ ފަރާތުން ބަޔަކުމީހުން ގެނެސްފައިވާ ރިވާޔަތްތަކެއް ފެނިގެންދިޔައެވެ… އަދި މި ޢިއްލަތާހުރެ، ޙަދީޘުގެ އަހުލުވެރިން ޢިލްމުވެރިންގެ ސިފަތަކާއި ހައިއާތުތަކާއި ހާލަތްތައް ޟަބްޠުކުރިއެވެ. މިފަދަ ކަންކަމާހުރެ އެތަކެއް ރާވީންނެއް ފަޟީޙަތްވިއެވެ.]

އަލްޚަޠީބުލްބަޣުދާދީ އެފަދައިން އެ އިޝާރާތްކުރެއްވި ސަބަބަކީ، ދޮގުވެރިޔާއާއި ސާބިތުކަމެއްނެތްމީހާ ގިނަފަހަރަށް ރިވާޔަތުގެ އުޞޫލުތައް ނުދަންނާނެތީއެވެ. އަދި އޭނާއަށް ގިނަފަހަރަށް ރާވީންގެ ތާރީޚުތަކާއި އެބައިމީހުންގެ ސިފަތަކެއް ނޭނގޭނެތީއެވެ. އޭގެ ސަބަބުން އޭނާގެ ހާލަތު ފަސޭހަކަމާއެކު ފާޅުވެ ހާމަވެގެންދާނެއެވެ.

އެހެންކަމުން، ތެދުވެރި ސާބިތުމީހާ މިފަދަ ސުއާލުތަކަށް ބިރުގަނެ ޖެހިލުމެއް ނުވާނެއެވެ. އެ ގޮޮތުން، ޢަބްދުއްރަޙްމާން ބްނު މުޙައްމަދުގެ ފަރާތްޕުޅުން އެ ބޭފުޅާ ވިދާޅުވިކަމަށް ޔަޢުޤޫބު ބްނު ޝައިބާ ރިވާކުރެއްވިއެވެ. ((حدثنا يوماً سليمان بن حرب بأحاديث عن جرير الرازي، فقلت له: أين كتبت يا أبا أيوب عن جرير الرازي؟ قال: بمكة، أنا وعبدالرحمن، وشاذان، أخرج إلينا جرير كتاباً فدفعه إلى عبدالرحمن، وإلى شاذان، فهذه الأحاديث انتقاؤهما))[5] މާނައީ: [އެއްދުވަހަކު، ސުލައިމާން ބްނު ޙަރްބު، ޖަރީރު އައްރާޒީގެ ފަރާތްޕުޅުން ގެނެސްފައިވާ ޙަދީޘްތަކެއް އަހުރެމެންނަށް ކިޔައިދެއްވިއެވެ. އެހިނދު އަހުރެން ދެންނެވީމެވެ: އޭ އަބޫ އައްޔޫބެވެ! ޖަރީރު އައްރާޒީގެ ފަރާތްޕުޅުން ޙަދީޘް ލިޔުއްވީ ކޮންތަނެއްގައިތޯއެވެ؟ ވިދާޅުވިއެވެ: [މައްކާގައެވެ. ޖަރީރު، އަހުރެންނާއި ޢަބްދުއްރަޙްމާނާއި ޝާޛާންގެ ގާތަށް ފޮތެއް ނެރެގެން ގެނެސްދެއްވިއެވެ. އަދި އެ ފޮތް ޢަބްދުއްރަޙްމާނަށާއި ޝާޛާންގެ އަތްޕުޅަށް ދެއްވިއެވެ. މި ޙަދީޘްތަކަކީ އެ ދެ ބޭފުޅުން އެއިން ނެންގެވި ޙަދީޘްތަކެކެވެ.]]

އެހެންނަމަވެސް، ދޮގުވެރިޔާއާއި ސާބިތުކަމެއްނެތްމީހާ މިއާ މުޅިން ތަފާތުވާނެއެވެ. އެ ގޮތުން، އަބުލްވަލީދު އައްޠަޔާލިސީ ކުރެން، ޢާމިރު ބްނު އަބީ ޢާމިރް އަލްޚައްޒާޒާ ގުޅޭ ގޮތުން ސުއާލުވެވުނުހިނދު ވިދާޅުވިއެވެ. ((كتبت عنه حديث أيوب بن موسى، عن أبيه، عن جده…، فبينما نحن عنده يوماً إذ قال: حدثنا عطاء بن أبي رباح –أو سمعت عطاء بن أبي رباح- وسئل عن كذا وكذا، فقلت: في سنة كم؟ قال: في سنة أربع وعشرين، قلنا: فإن عطاء توفي سنة بضع عشرة))[6] މާނައީ: [އަހުރެން އޭނާގެ އަރިހުން، حديث أيوب بن موسى عن أبيه عن جده ލިޔުނީމެވެ… އެއްދުވަހަކު އަހުރެމެން އޭނާގެ އަރިހުގައި ތިއްބައި، ވިދާޅުވިއެވެ: [އަހުރެމެންނަށް ޢަޠާ ބްނު އަބީ ރަބާޙު ވިދާޅުވިއެވެ. -ނުވަތަ ޢަޠާ ބްނު އަބީ ރަބާޙު ވިދާޅުވިއަޑު އަހުރެން އެހީމެވެ- އަދި މިވެނި އެވެނި ކަމަކާ ގުޅޭ ގޮތުން ސުއާލުވެވުނެވެ.] އަހުރެން ދެންނެވީމެވެ: [އެއީ ކޮން އަހަރެއްގައިތޯއެވެ؟] ވިދާޅުވިއެވެ: [ސައުވީސްވަނަ އަހަރުގައެވެ.] އަހުރެމެން ދެންނެވީމުއެވެ: [ދިހައެއްގެ އަހަރުތަކުގެ ތެރޭގައި ޢަޠާ ވަނީ އަވަހާރަވެފައެވެ.]]

މި ވާހަކައަށް ކޮމެންޓުކުރައްވަމުން، އައްޛަހަބީ ވިދާޅުވިއެވެ. ((إن كان تعمد فهو كذاب، وإن كان شبه له بعطاء بن السائب فهو متروك لا يعي))[7] މާނައީ: [އޭނާ އެފަދައިން ބުނީ ޤަޞްދުގައިކަމަށްވާނަމަ، އެއީ ދޮގުވެރިޔެކެވެ. އޭނާ އެފަދައިން ބުނީ ޢަޠާ ބްނު އައްސާއިބާ ވައްތަރުވުމުގެ ސަބަބުން ކަމުގައިވާނަމަ، އޭނާއީ ހޭލުންތެރިކަމެއްނެތް މަތުރޫކު ރާވީއެކެވެ.]

ހަމައެހެންމެ، ރާވީއަކީ ކުށެއްނެތް މީހަކު ކަމުގައި، އޮޅުވައިލަން ބޭނުންނުވާ ނުވަތަ އެ ކަމަށް ކުޅަދާނަ މީހަކުކަމުގައި ވެދާނެއެވެ. އެހެންކަމުން، އޭނާގެ ހާލަތުގެ ޙަޤީޤަތް ޞަރީޙަކޮށް ބަޔާންކޮށްފާނެއެވެ. ފަހަރުގައި އެ ގޮތަށް ކަންކުރީ، އޭނާގެ ހާލަތު ފާޅުވެފައިވާތީ ނުވަތަ ނަޤުދުކުރައްވާ ޢިލްމުވެރިޔާއަށް ބިރުން، ޞަރީޙަކޮށް ބަޔާންކުރުން ނޫން އެހެން ގޮތެއް ނެތީމަކަމަށް ވެސް ވެދާނެއެވެ.

އެ ގޮތުން، އިބްނު ޢުމަރުގެ ފަރާތްޕުޅުން، ޖަމީލު ބްނު ޒައިދު އައްޠާއީ ރިވާކުރެއްވިއެވެ. އަދި އެ ބޭފުޅާގެ އަރިހުން އަޑުއެއްސެވިކަމަށް ޞަރީޙަކޮށް ބަޔާންކުރެއްވިއެވެ. އެހިނދު، އަބޫބަކުރު ބްނު ޢައްޔާޝް، އެ ބޭފުޅާ ކުރެން އެއްސެވިއެވެ: [މި ޙަދީޘްތައް -އިބްނު ޢުމަރުގެ ޙަދީޘްތައް- ލިބުނީ ކިހިނަކުންތޯއެވެ؟] ވިދާޅުވިއެވެ. ((أنا ما سمعت ابن عمر، إنما قالوا لي: إذا قدمت المدينة فاكتب أحاديث ابن عمر، فقدمت المدينة فكتبتها))[8] މާނައީ: [އަހުރެން އިބްނު ޢުމަރުގެ ފަރާތްޕުޅުން ޙަދީޘް އަޑެއް ނާއްސަވަމެވެ. އެހެނެއްކަމަކު، މަދީނާއަށް ގޮސްފިނަމަ، އިބްނު ޢުމަރުގެ ޙަދީޘްތައް ލިޔާށޭ އެބައިމީހުން އަހުރެން ގާތު ބުނުމުން، އަހުރެންނަށް މަދީނާއަށް ދެވުމުން، އެ ލިޔުނީއެވެ.]

=ނުނިމޭ=

ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)


[1]  ((الجرح والتعديل)) 289:2، وانظر: ((أسئلة البرذعي لأبي زرعة)) ص564.

[2]  ((الجرح والتعديل)) 101:4.

[3]  ((الكفاية)) ص119.

[4]  ((الجامع لأخلاق الراوي)) 131:1.

[5]  ((تاريخ بغداد)) 257:7.

[6]  ((الضعفاء الكبير)) 308:3؛ و((الجامع لأخلاق الراوي)) 131:1.

[7]  ((الميزان)) 36:2.

[8]  ((العلل ومعرفة الرجال)) 484:1، 69:2؛ ((التاريخ الصغير)) 79:2؛ ((المراسيل)) ص25؛ ((الضعفاء الكبير)) 191:1؛ ((جامع التحصيل)) ص186؛ ((تهذيب التهذيب)) 114:2.