-
ހެޔޮކަމުގައި ތިބާއަށްވުރެ ކުރިއަރާދިޔަ ޞާލިޙުބޭކަލުންގެ ޢަމަލުތަކަށް ބެލުން
ހެޔޮޢަމަލުކުރުމުގައި ވާދަކުރާއިރު، ތިބާ ތިޔަ އުޅޭ ޒަމާނުގައި އުޅޭ، ޢަމަލުގައި ތިބާއަށްވުރެ ފަހަތުގައި އުޅޭ މީހުންނަށް ނުބަލާށެވެ. އަދި އަބަދުވެސް، ނަބީބޭކަލުންނާއި ޞާލިޙުން އުޅުއްވި ގޮތް ބަލާ ދިރާސާކުރާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿أُولَـٰئِكَ الَّذِينَ هَدَى اللَّـهُ فَبِهُدَاهُمُ اقْتَدِهْ ﴾ [الأنعام ٩٠]
މާނައީ: “އެބޭކަލުންނީ، ﷲ ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގަށް ކަލޭގެފާނު ތަބާވެވެވަޑައިގަންނަވާށެވެ.”
އަދި ޢިލްމުވެރިންނާއި އަޅުވެރިންނާއި ޝަރަފުވެރި ޒުހުދުވެރި ބޭކަލުންގެ ސިޔަރަތު ކިޔާށެވެ. އޭގެ ސަބަބުން ތިބާގެ އީމާންތެރިކަން ތާޒާވެދާނެކަމަށް އުންމީދުކުރެވެއެވެ.
-
ކުރެވޭ ޢަމަލުތައް މަތިވެރިނުކުރުން
އަޅާއަށް ޖެހޭ އެންމެ ބޮޑު މުޞީބާތަކީ އަމިއްލަ ނަފްސު ފެނުމެވެ. ރުހުމުގެ ލޮލުން އަމިއްލަ ނަފްސަށް ބަލައިފި މީހަކު އޭނާގެ ނަފްސު ހަލާކުކުރާނެއެވެ. ތިބާގެ އަމަލުތަކަކީ ވަރަށް މޮޅު އެއްޗެއްކަމަށް ދެކޭމީހެއްގެ ކިބައިގައި އިޚްލާޞްތެރިކަން އުނިވެއެވެ. ނުވަތަ އެޢަމަލެއް އޭނާގެ ކިބައިން ބީވެގެން ދެއެވެ. ނުވަތަ ޢަމަލުކުރުމަށްފަހުގައިވެސް އެޢަމަލު ބާޠިލުވެގެންދެއެވެ.
ސަޢީދު ބުން ޖުބައިރު ވިދާޅުވެއެވެ.
” ފާފައެއްގެ ސަބަބުން މީހަކު ސުވަރުގެއަށް ވެއްދެވުނެވެ. އަދި ހެޔޮ ޢަމަލެއްގެ ސަބަބުން (އެހެން) މީހަކު ނަރަކައަށް ވެއްދެވުނެވެ.”
ފަހެ އެކަލޭގެފާނަށް ދެންނެވުނެވެ.
” އެއީ ކިހިނަކުންތޯއެވެ.”
ވިދާޅުވިއެވެ.
“މީހަކަށް ފާފައެއް ކުރެވުމުން، އެފާފައަށް ﷲ ދެއްވަފާނެ ޢުޤޫބާތަށް ބިރުވެތިވާ ޙާލު، ﷲ އާ ބައްދަލުކުރުމުން، ފަހެ އޭނާގެ އެބިރުވެތިކަމަށްޓަކައި އެއިލާހު އޭނާގެ ފާފަ ފުއްސަވާދެއްވިއެވެ. އަދި ހެޔޮކަމެއްކުރިމީހާ އެކަމާމެދު ބޮޑާވެރިވެ، އެގޮތުގައި ﷲ އާ ބައްދަލުކުރުމުން، ފަހެ އޭނާ ނަރަކައަށް ވެއްދެވިއެވެ.”
___________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.