-
ސުވަރުގެއާއި ނަރަކައަށް ވެއްދުމަކީ މީސްތަކުންގެ ބާރުގެ ދަށުގައިވާ ކަމެއް ނޫންކަން ހިތް މައްޗަށް ގެނައުން
ބަޔަކަށް ދެއްކުމަށްޓަކައި ޢަމަލުކުރާއިރު، އެބައިމީހުންނަކީވެސް ތިބާއެކޭ އެއްފަދައިން، ބިރުގަނެފައިވާ ޙާލު މަޙުޝަރުބިމަށް އެއްކުރެވޭނެ ނިކަމެތި ބައެއްކަމުގެ އިޙްސާސްކުރަން ޖެހެއެވެ. އޭރުން އެފަދަ ބަޔަކަށް ދެއްކުމުގެ ނިޔަތުގައި ކަންކަންކޮށްގެން، މަޙްޝަރުގެ މައިދާނުގައި ލުއިކަމެއް ނެތްކަން ވިސްނިގެންދާނެއެވެ. އަދި ކިއެއް ހެއްޔެވެ. އެބައިމީހުންވެސް ވާހުށީ އޭނާއާއެކު އެދުވަހުގެ އެއުނދަގޫކަމުގައެވެ.
ފަހެ ތިބާއަށް އެކަން އެނގިއްޖެނަމަ، ދެނެގަނެވޭކަމަކީ ޢަމަލުގައި އިޚްލާޞްތެރިވާއިރު ސުވަރުގެއާއި ނަރަކަ މިލްކުވޮޑިގެންވާ ފަރާތަށް މެނުވީ އެކަންކަން އަދާ ނުކުރުމަށެވެ.
މުއުމިނު އަޅާ ޔަޤީންކުރަންޖެހޭ ކަމަކީ އިންސާނުންނަށް ތިބާ ސުވަރުގެއާ ގާތް ނުކޮށްދެވޭނެކަމެވެ. އަދި އެބައިމީހުންގެ ގާތުގައި އެދުނަސް ނަރަކައިންވެސް ނެރެ ނުދެވޭނެކަމެވެ. އަދި ކިއެއް ހެއްޔެވެ. އާދަމުގެފާނުން ފެށިގެން އެންމެ ފަހު އިންސާނާއަށް ދާންދެން ތިބާއާއެކު ވިޔަސް، އެބައިމީހުންނަށް ތިބާ ސުވަރުގެއާއި އެންމެ ފިޔަވަޅެއްވެސް ގާތް ނުކޮށްދެވޭނެއެވެ.
އެހެންކަމުން އެއްވެސްކަމެއް މިލްކުނުވާ އިންސާނުންނަށް ދެއްކުމަށްޓަކައި ޢަމަލުކުރަނީ ކީއްވެ ހެއްޔެވެ؟
އިބްނު ރަޖަބު ވިދާޅުވިއެވެ.[1]
” ދުނިޔަވީ ބޭނުމަކަށްޓަކައި ރޯދަހިފައި ނަމާދުކޮށް އަދި ޛިކުރުކޮށްފިމީހަކު ދަންނައެވެ. އެކަމުގައި އޭނާއަކަށް އެއްވެސް ހެވެއް ނުވެއެވެ. އެހެނީ އެކަމުގައި އޭނާއަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އޭގެ ސަބަބުން އޭނާއަށް ލިބޭނީ ފާފައެވެ. އަދި އެހެންމީހަކަށް އޮތް ފައިދާއެއްވެސް އެކަމުގައި ނުވެއެވެ.”
އެއަށްފަހު އެބައެއްގެ މަދަޙަޘަނާ ހޯދުމަށްޓަކައި، ތިބާގެ ޢަމަލުތައް ޒީނަތްތެރިކުރި މީހުންގެ ކިބައިން ތިބާ އެ އެދުނު އެދުމެއްވެސް ޙާޞިލެއް ނުވާނެއެވެ. އަދި ކިޔެއް ހެއްޔެވެ. އެބައިމީހުން ތިބާއަށް ބަދުބަސް ބުނާނެއެވެ. އަދި އެބައިމީހުންގެ ގާތުގައި ތިބާ ފަޟީޙަތްވެ، އެބައިމީހުންގެ ހިތަށް ތިބާއާމެދު ނަފްރަތު ވަދެގެންދާނެއެވެ. ޙަދީޘްގައިވެއެވެ.
((مَنْ يُرَائِي يُرَائِي اللهُ بِهِ)) [رواه مسلم]
މާނައީ: “މީހުންނަށް ދެއްކުމަށް ކަންކަން ކުރާމީހާ ދަންނައެވެ. ﷲ އޭނާގެ ކަންކަން އޭނާ މެދުވެރިކޮށް މީހުންނަށް ދައްކަވާނެއެވެ.”
ތިބާ ﷲ އަށްޓަކައި އިޚްލާޞްތެރިވެއްޖެނަމަ ދަންނައެވެ. ތިބާދެކެ އެއިލާހު ލޯބިވެވޮޑިގަންނަވާނެއެވެ. އަދި އެންމެހާ މަޚްލޫޤުންގެ ލޯބިވެސް ލިބޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَـٰنُ وُدًّا﴾[سورة مريم ٩٦]
މާނައީ: “ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނައެވެ!) ރަޙްމާނުވަންތަ އިލާހު، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ.”
___________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] جامع العلوم والحكم (1/67)