އިލާހީ މަޞްދަރުތަކުގެ އަލީގައި މުޞީބާތްތަކުން މިންޖުވާނެގޮތްތައް
- ﷲ ތަޢާލާއާއިމެދު ހެޔޮ ހީކުރުންތައް ހީކުރުން
ޤުދުޞިއްޔަ ހަދީސެއްގައިވެއެވެ.
((أَنَا عِنْدَ ظَنِّ عَبْدِي بِي)). [رواه البخاري]
މާނައީ: “ތިމަން އިލާހު ވޮޑިގެންވަނީ ތިމަން އިލާހުގެ އަޅާ ތިމަންއިލާހާމެދު ހީކުރާ ގޮތެއްގެ މަތީގައެވެ.”
ތިބާ ޙާސިލުކުރަން ބޭނުންވާ ކަންކަމުގައި ހެޔޮ ހީކުރުންތައް ގެންގުޅުމަށްޓަކައި ތިރީގައިވާ ފަދައިން ޢަމަލުކުރާށެވެ.
ތިބާ އެކަންކަން ވުމަށް ވަރަށް އެދޭ، އެކަމަކު އަދި އެ ކަންކަން ޙާސިލުނުވެހުރި ކަންކަމުގެ ލިސްޓެއް ހިތަށް އަރުވާލުމަށްފަހު، އިތުރު ތިން ސުވާލު އަމިއްލަ ނަފްސާއި ކޮށްލާށެވެ.
- އެކަންކަން ޙާސިލުކުރަން ތިބާ މިހާރު ކުރަނީ ކޮންކަންތައްތަކެއް ހެއްޔެވެ؟
- އެކަންކަން ޙާސިލުކުރަން އިތުރަށް ކުރެވޭނީ ކޮންކަންތައްތަކެއް ހެއްޔެވެ؟
- މުސްލިމަކަށް ދެރަގޮތެއް މާތް ﷲ މިންވަރު ނުކުރައްވާނެއެވެ. އެކަން ވާންނެތްނަމަ، އެއަށްވުރެ ރަނގަޅު ގޮތެއް މާތް ﷲ މިންވަރުކުރައްވާނެއެވެ. ބައެއްފަހަރު ދުނިޔެމަތީގައެވެ. އަނެއްބައިފަހަރު އާޚިރަތުގައެވެ. އެހެންކަމުން މިކަމާއިމެދު މާﷲ މިންވަރުކުރައްވާފައިވާ ގޮތަށް ތިބާ ފުރިހަމައަށް ރުހެން ހެއްޔެވެ؟
ހަމަމިފަދައިން ތިބާއަށް ކުރިމަތިވެފައިވާ ހިތާމަތަކާއި ދަތިތަކާއިމެދުގައިވެސް ފިކުރުކޮށްލައްވާށެވެ.
ﷲއަށް އުރެދިފައިވާ އަޅުތަކުންވެސް އެކަލާނގެ ރަޙްމަތަށް އުއްމީދު ކަނޑާނުލުމަށް އެކަލާނގެ ވަނީ އަންގަވާފައެވެ.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.”
މި އާޔަތުގެ މަޤްޞަދަކީ އެއްގޮތަކަށްވެސް ފާފަކުރުމަށް ބާރުއެޅުމެއްނޫނެވެ. އެއާޚިލާފަށް މި އާޔަތުގެ މަޤްޞަދަކީ ﷲގެ ހަޟްރަތަށް ތައުބާވެ، އިސްތިޣްފާރުކުރުމުގެ މުހިންމުކަން ބަޔާންކުރެއްވުމެވެ. މި އާޔަތުން އަންގައިދީފައިވަނީ ފާފައެއްކުރެވުނުކަމުގައިވިޔަސް، ފާފަކުރުމުގައި ދެމިހުރުމުގެ ބަދަލުގައި، ކުށުގެ އިހްޞާޞްކުރެވި، ﷲގެ ހަޟްރަތުން ފާފަފުއްސެވުންއެދި ދަންނަވާ އަޅުންނަކީ އެބައިމީހުންދެކެ ﷲ ލޯބިވެވޮޑިގެންވާ ބަޔަކުކަމެވެ. އަދި ތައުބާވެ އިސްތިޣްފާރުކުރުމަކީ މަތިވެރިވަންތަ ﷲއާ އެކަލާނގެއާ ދެމެދު އޮންނަ ގުޅުން މެދުނުކެނޑި ދެމިއޮންނަނިވި ސަބަބެއްކަމުގައެވެ.
- އެކަލާނގެއަށް ތަވައްކަލްކޮށް، ޙާލަތު ބަދަލުކުރަން މަސައްކަތްކުރުން
ސަބަބުތަކުގައި ހިފާ، ހާލަތު ބަދަލުކުރަން މަސައްކަތްކުރަންޖެހޭކަން އަންގަވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
(إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ)
{ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ.}
އައްޝެއިޙް ޢަބްދުލް ޢަޒީޒް އަލްތުރައިފީ މިއާޔަތާއި ގުޅޭގޮތުން ވިދާޅުވެފައިވެއެވެ.
”ދަތިކަމާއި ތަދުމަޑުކަމުގެ ސަބަބުތައް ބަޔަކު މީހުން ގެނެސްގެންފިނަމަ، މާތް ﷲ އެބަޔަކަށް ތަދުމަޑުކަން ޖައްސަވައެވެ. އަދި ފާގަތިކަމުގެ ސަބަބުތައް ބަޔަކު މީހުން ގެނެސްގެންފިނަމަ، މާތް ﷲ އެބަޔަކަށް ފާގަތިކަން ދެއްވައެވެ.”
- ދުޢާކުރުމާއި އިސްތިޣްފާރުކުރުން
މުސްލިމަކަށް އުނދަގުލެއް ކުރިމަތިވާ ކޮންމެފަހަރަކު އެންމެ އޯގާވަންތަ އިލާހު އޭނައަށް މަދަދު ދެއްވާނެކަން ޔަޤީންކުރެވެއެވެ. އަދި އެއިލާހުގެ ހަޟްރަތުގައި އެ އުނދަގޫ ނުވަތަ މުޞީބާތް ފިއްލެވުން އެދި ދަންނަވައެވެ.
(وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ)
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.
ސޫރަތުލް ޣާފިރު 60
(وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَان)ِ
އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ.
މިފަދައިން ކުރެވިދާނެ ބައެއް ދުޢާތައް ތިރީގައި ހުށައަޅާލަމެވެ.
رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ (28:24)
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ހެޔޮކަންކަމުގެ ތެރެއިން މިއަޅާގެމައްޗަށް ބާއްވައިލަނިވި ކޮންމެ ކަމަކަށް މިއަޅާވަނީ ބޭނުންވެގެންނެވެ.
رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا
އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ
”ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެ ވާގިފުޅާ ލައިގެން، ވާން އޮތް ކަންކަމަށް ވެވޭ ދެރަ، އަދި ނިމިފައިވާ ކަންކަމަށް ކުރެވޭ ހިތާމަ، އަދި ނުކުޅެދުންތެރިކަން އަދި ކަންނެތްކަން، އަދި ފިނޑިކަން އަދި ދަހިވެތިކަން އަދި ބަރު ދަރަނިވެރިވުން އަދި އެހެން މީހުންގެ ބާރު ދަށުވުމުން، ރައްކާތެރިކަމަށް މިއަޅާ އެދެމެވެ.”
މި ދުޢާގައި އައިސްފައިވާ ދެ ކަލިމައެއްގެ މާނަ:
الْهَمِّ ވާން އޮތްކަންކަމާއި މެދު ފިކުރުބޮޑުވެ ކުރެވޭ ހިތާމަ
الْحَزَنِ ނިމިފައިވާ ކަންތަކަށް ކުރެވޭ ހިތާމަ
ބަންގި އާއި ޤަމަތާއިދޭތެރޭގަޔާއި ވާރޭވެހޭވަގުތާއި، ރޯދަވީއްލުމުގެ ކުރިންނާއި ދަމުނަމާދުގެ ވަގުތަކީ ދުޢާ އިޖާބަވެގެންވާ ވަގުތުތަކެވެ. އަދި މިނޫންވެސް ދުޢާ އިޖާބަވާ ވަޤުތުތައް ވެއެވެ. އިސްތިޣްފާރުކުރުމަކީ ކުރެވިފައިވާ ފާފަތައް ފުއްސެވުން އެދި ދުޢާކުރުމެވެ. ގިނަގިނައިން އިސްތިޣްފާރުކުރުމަކީ ހިތާމަތައް ފިލާ، ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ރިޒުޤުލިބުން މެދުވެރިވާ ކަމެއްކަމުގައި ނަބަވީ އިރުޝާދުގައި އައިސްފައިވެއެވެ.
އިސްތިޣްފާރުކުރެވިދާނެ ފަސޭހަގޮތެއް
أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
މާނަ: ޔާ ﷲ. މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ. އަދި މިއަޅާ އިބަ ﷲއަށް ތައުބާވަމެވެ.
- ފާފަތަކުން ދުރުވުން އަދި ތަޤްވާވެރިވުން
”ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ނުލިބުމާއި، ނުރަނގަޅު އިޚްތިޔާރުތައް ކުރެވުމާއި، ހައްޤުމަގު ނުފެނުމާއި، ހިތް ފަސާދަވުމާއި، ހަނދާންބަލިވުމާއި، ބޭކާރުގޮތުގައި ވަޤުތުހޭދަކުރެވުމާއި، ވަޤުތުގެ ބަރަކާތް ކެނޑިގެންދިޔުމާއި، އެހެން މީހުންގެ ނަފުރަތުލިބުމާއި ތިމާއާއި މާތްﷲއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމާއި، ދުޢާތައް އިޖާބަނުވުމާއި، ހިތްހަރުވުމާއި، ރޯދިބަރަކާތުން މަޙްރޫމުވުމާއި، ޢިލްމުން މަޙްރޫމްވުމާއި، ނުބައި އެކުވެރިންނާއިއެކު އުޅެންޖެހުމާއި، ހިތް ނުތަނަވަސްވުމާއި، ހިތާމަ ދެމިގެންދިޔުމާއި، ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެންދިޔުން ހިމެނެއެވެ.
ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދެއެވެ.’’
وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾65:4
އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.
وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ
އަދި ﷲ އަށް ތަޤްވާވެރިވެއްޖެމީހާއަށް ދިންނެވުމުގެ މަގެއްދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނައަށް ރިޒުޤު ދެއްވާނެތެވެ.
مَخْرَجًا ގެ މާނައަކީ މުޞީބާތުން ނިކުތުމެގެ މަގެވެ.
އީމާންވެ، ތަޤްވާވެރިވުމުގެ ސަބަބުން ރޯދި ބަރަކާތް އިތުރުވެގެންދާނެކަން އަންގަވާ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
..(ولو أن أهل القرى ءامنوا و اتقوا لفتحنا عليهم بركات من السماء و الأرض…) سورة الأعراف 96
”އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވާނަމަ، އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާހުށީމެވެ.”
- މިންވަރަށް އީމާންވުން
އަޅުގަނޑުމެންގެ ހިތް އެދޭހައި ކަމެއް އަދި އެއީ ﷲ ތަޢާލާގެ ހަޞްރަތުގައި ހެޔޮކަމަކަށް ނުވެދާނެއެވެ. އަދި އަޅުގަނޑުމެން ހިތް ނުރުހުންތެރިވާ ކަމެއް އެއީ އަޅުގަނޑުމެނަށް ﷲ ތަޢާލަގެ ހަޟްރަތުން ފައިދާ ކުރަނިވި ކަމަކަށްވެސް ވެދާނެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ.
” وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ” – سورة البقرة 216-
މާނަ : ” އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ލޯބިކުރާކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ. “
އެކަމަކު މުއުމިނުންނަށް އުފާވެރި ދިރިއުޅުމެއް ދެއްވަވާނެކަމުގައި އިލާހީ ވަޢުދުފުޅެއްވެއެވެ.
مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٧﴾
مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ.
ސޫރަތުއް ނަޙްލް 97
= ނުނިމޭ =