މިޤިސްމުގެ ތިންވަނަ ފަޞްލާމެދު ދަންނައެވެ. ފޮތުގެ މުއައްލިފު އެބައި ޚާއްޞަކުރައްވާފައިވަނީ އެކަމާބެހޭގޮތުން ތާބިޢީބޭކަލުންގެ އަރިހުން އައިސްފައިވާ ރިވާޔަތްތައް ބަޔާންކުރެއްވުމަށެވެ. އެކަލޭގެފާނުވަނީ ތާބިޢީންގެ އިމާމުވެރި ބޭކަލުންނާއި އިސް ބޭކަލުން ޙަދީޘް ލިޔުއްވިކަމަށާއި އެބޭކަލުންގެ ދަރިވަރުންނަށް އެކަމަށް ހުއްދަދެއްވިކަމަށާއި އެކަމަށް ބާރުއެޅުއްވިކަން ބަޔާންކުރާ ރިވާތްތައް ސަނަދާއެކު ގެންނަވާފައެވެ.[1]
ތާބިޢީ ބޭކަލުންނަށް ފަހު އައި ބޭކަލުންގެ މެދުގައި ލިޔުންތެރިކަން ފުޅާވެ، ލިޔެފައިވާ ފޮތްތަކަށް ބަރޯސާވުން އިތުރުވި ސަބަބާމެދު ދަންނައެވެ. އެކަމާ ބެހޭގޮތުން ޚަޠީބުލް ބަޣްދާދީ رحمه الله ވިދާޅުވިއެވެ.
“މީސްތަކުންގެ މެެދުގައި ލިޔުންތެރިކަން ފުޅާވެ، އަދި ލިޔެފައިވާ ފަތްފުށްތަކަށް ބަރޯސާވުން އެދެވިގެން ނުވާކަމަށް ބުނާ ޙާލުވެސް އޭގެ މައްޗަށް ބަރޯސާވާންޖެހުނު ސަބަބަކީ ރިވާޔާތްތައް ފެތުރި ސަނަދުތައް ދިގުވާން ފެށުމުންނެވެ. އަދި ޙަދީޘްގެ ސަނަދުގައިވާ ބޭކަލުންގެ ނަންތަކާއި އެބޭކަލުންގެ ކުންޔާތަކާ އަދި ނަސަބުގެ ތަފްޞީލު އިތުރުވާން ފެށުމުންނެވެ. އަދި ލަފްޒުތަކާމެދު ހުރި ޢިބާރާތްތައް ތަފާތުވާން ފެށުމުންނެވެ. މިބަޔާންކުރި ތަކެތި ހިތު ދަސްކުރެވޭ ވަރެއް ނުވިއެވެ. އަދި ޙަދީޘް ޢިލްމު މިޒަމާނުގައި ހަމައެކަނި ހިތުދަސްކުރުމަށް ވުރެ ބޮޑަށް ރައްކާތެރިކުރެވިފައިވާ ޢިލްމަކަށްވެގެން ދިޔައެވެ. އަދި ހިތުދަސްކުރުމަށް ބާރު ދެރަ ބޭކަލުންނަށް ލިޔުއްވުމަށް ﷲގެ ރަސޫލާހުއްދަދެއްވާފައި ވާތީއާ އަދި ސަލަފުންގެ ބޭކަލުންކުރެ ޞަޙާބީންނާއި ތާބިޢީންނާއި ދެން އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ބޭކަލުންވެސް އެފަދައިން ހުއްދަ ދެއްވާފައިވެސް ވާތީއެވެ.” [2]
= ނުނިމޭ =
_________________________
[1]ފޮތުގެ ޞަފްޙާ: 99 – 133 މުއައްލިފުވަނީ މިރިވާޔާތްތައް ގެންނަވާފައެވެ. އަދި ތާބިޢީ ބޭކަލުންނާއި ޞަޙާބީ ބޭކަލުންގެ އަރިހުން އައިސްފައިވާ ރިވާޔަތްތައް ގެންނަވާފައިވަނީ الحافظ ابن عبد البر އެވެ. އެއީ جامع بيان العلم (1 / 64 – 69) ކިޔުނު ފޮތުގައެވެ.
[2] تقييد العلم ص: 64 – 65.