[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 19

 

ފަހެ 23 އަހަރު ވަންދެން ދީނުގެ ޙުކުމްތައް ބަޔާންކޮށްދެއްވުމަށް އުޅުއްވި ނަބިއްޔާ صلى الله عليه وسـلم ގެ ކޮންމެ ކަލިމައެއް، ކޮންމެ ޙަރަކާތެއް، ކޮންމެ ސުކޫތެއް، ކީރިތި ޤުރްއާނެކޭ އެއްފަދައިން އަކުރުން އަކުރަށް އެޒަމާނުގައި ލިޔެގެން ރައްކާކޮށް ބެލެހެއްޓުމަކީ ކިހާވަރެއްގެ މަސައްކަތެއްކަން ކިރިޔާވެސް ބުއްދިއެއް ހުރި ހަމަ ކޮންމެ މީހަކަށް ތަޞައްވުރު ކޮށްލެވޭނެއެވެ. އަދި އެއީ މިޒަމާނުގައިވެސް ކުރަން ވަރަށްވެސް ދަތިކަމެއްކަމާ މެދުގައި އެއްވެސް މީހަކު ދެބަސްނުވާނެއެވެ. އެހެނީ ތަކުރާކު ޙަދީޘް ނުލައި ހަމައެކަނި ، ޞަޙީޙް ބުޚާރީގައިވާ 2761 (ތަކުރާރު: 9000) ވަރަކަށް ޙަދީޘާއި ޞަޙީޙް މުސްލިމްގައި އެފަދައިންވާ 4000 (ތަކުރާރު: 8000) ވަރަކަށް ޙަދީޘާއި އޭގެ އިތުރުން ބާކީ ހުރި ޙަދީޘް ފޮތްތަކުގައި ހުރި އެންމެހާ ޙަދީޘެއް ލިޔުމަކީ ކޮންޕިއުޓަރުތައް އީޒާދުވެގެން މިފަހަކާ ޖެހެންދެން ވަރަށް ވެސް ނުހަނު ދަތިކޮށް ކުރެވެން ހުރި މަސައްކަތްތަކެވެ. މިކަމުގެ ބުރަކަން 2000 ގެ އަހަރުގެ ކުރިން ތަޢުލީމު ޙާޞިލުކޮށް، ނުވަތަ އޮފީސްތަކުގައި ލިޔެކިޔުމުގެ މަސައްކަތްތަކުގައި އުޅެފައިވާ ކޮންމެ މީހަކަށް ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިވާނެއެވެ.

 

ކަން އެހެން އޮތްއިރު، އެފަދަ ފަޤީރު، ލިޔަންކިޔަން އެނގޭ މީހުން އެހާމެ މަދު، އަވީލައިގެން ހިއްކާފައި ހުންނަ ބަކަރި ހަންގަޑާއި އެނޫން ތަކެތީގައި ލިޔެ އުޅުނު އަދި ޓެކްނޮލޮޖީގެ ގޮތުން އެއްވެސް ކަމެއް ނެތް ޒަމާނެއްގައި އެކަން ކުރެވޭނެ ގޮތެއް އޮންނާނެތޯ ސުވާލު ވެސް ކުރުމަކީ ހަމަޖެހޭ މީހަކު ކުރާނެ ކަމެއް ނޫނެވެ. ނުވަތަ އެކަން ނުކުރީ ކީއްވެތޯ ސުވާލު އުފައްދާނީވެސް ބުއްދި ހަމަނުޖެހޭ ބައެއްކަން ކަށަވަރެވެ.

 

ފަހެ ޤުރްއާން ފިޔަވައި އެހެން އެއްޗެއް ނަބިއްޔާ صلى الله عليه وسـلم ގެ އަރިހުން ނުލިޔުއްވުމަށް ޞަޙީޙް މުސްލިމްގައި ވާރިދުވެފައިވާ އެޙަދީޘް އެމީހުން ދަލީލަކަށް ބޭނުންކުރަން އެޙަދީޘް ނަގާއިރު، އެޙަދީޘްގައި އެވާ ނަހީއާ ޚިލާފަށް އައިސްފައިވާ މަޝްހޫރު ޙަދީޘްތައް އެމީހުންގެ ފުރަގަހަށް އެއްލާލައެވެ. އެއީ ނެތް ޙަދީޘްތަކެއް ކަމަށް އެމީހުން ހަދައެވެ.

 

އެގޮތުން މައްކާ ފަތަޙަ ކުރެއްވި ދުވަހު ނަބިއްޔާ صلى الله عليه وسـلم ގެ ދެއްވި ޚުޠުބާ ލިޔެދެއްވުމަށް ޔަމަނުކަރައިގެ މީހަކު އައިސް އެދުމުން އޭނާއަށް އެ ޚުޠުބާ ލިޔެދެއްވުމަށް އެންގެވިކަމަށް ޞަޙީޙް ބުޚާރީގައި ވާރިދުވެފައިވާ “اكتبوا لأبي شاه”. [البخاري: 1-309].

“އަބޫ ޝާހް އަށް ތިޔަބައިމީހުން ލިޔެދެއްވާށޭ”، އޮތް ޙަދީޘް އެމީހުން ފޮރުވައި ވަންނަހާކޮށް އިހުމާލުކޮށްލައެވެ.

 

ނުނިިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 18