މިޒަމާނުގެ މީހުންކުރަމުންދާ ޝިރުކުގެ ނުބައިކަން
ހަތަރުވަނަ ޤަވާޢިދު
ހަމަކަށަވަރުން އަހަރެމެންގެ ޒަމާނުގެ މުޝްރިކުން، ކުރީގެ (އެބަހީ ޖާހިލިއްޔަ ޒަމާނުގެ) މުޝްރިކުންނަށްވުރެ ޝިރުކުކުރުމުގައި ހައްދުފަހަނައަޅާފައިވާލެއް މާބޮޑެވެ. އެހެނީ، ކުރީގެ މުޝްރިކުން ޝިރުކުކޮށް އުޅުނީ ލުއިފަސޭހަކަން ލިބިގެންވާ ވަގުތެވެ. އަދި އުނދަގުލާއި މުޞީބާތުގެ ވަގުތުތަކުގައި އިޚްލާޞްތެރިވެއެވެ. ނަމަވެސް އަހަރެމެންގެ ޒަމާނުގެ މުޝްރިކުންގެ ޝިރުކުކުރުން ވަނީ، ލުއިފަސޭހަ ވަގުތުތަކުގައްޔާއި އުދަނގުލާއި މުޞީބާތުގެ ވަގުތުތަކުގައި ދާއިމުވެފައެވެ. ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިވަޙީބަސްފުޅެވެ.
﴿فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّـهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ﴾ [سورة العنكبوت ٦٥]
މާނައީ: “ފަހެ، އެއުރެން ނަވަށް އަރާހިނދު، އެއިލާހަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި ﷲއަށް އެއުރެން ދުޢާކުރެއެވެ. ފަހެ އެއިލާހު އެއުރެން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނަވާހިނދު، އެއުރެން އެއިލާހަށް ޝަރީކުކުރެއެވެ.” [1]
ފިލާވަޅުގެ އިރުޝާދުތައް
* ބާޠިލު އިލާހުތަކަށް އަޅުކަންކުރާމީހުންގެ އަޅުކަންތައް ބާޠިލުކަމުގެ އެއް ހެއްކަކީ ބޮޑެތި މުޞީބާތްތައް ޖެހޭ ވަގުތުގައި އެބައިމީހުންގެ އިލާހުންތައް ދޫކޮށް އެބައިމީހުންވެސް އިޚްލާޞްތެރިކަމާއެކު ﷲ އަށް އަޅުކަންކުރާކަމެވެ.
* ބޮޑެތި މުޞީބާތްތަކުގެ ވަގުތުގައިވެސް އެމީހަކު އެހުރި ޝިރުކުގެ މަތީގައި ދެމިހުންނަމީހަކީ ހަމައެކަނި ލުއިފަސޭހަ ޙާލަތުގައި ޝިރުކުކުރާމީހުންނަށްވުރެވެސް ނުބައި މީހެކެވެ.
* މިޒަމާނުގައި ގަބުރުތަކަށް އަޅުކަންކުރާމީހުން ހުރިހާ ޙާލަތެއްގައިވެސް އެގަބުރުތަކަށް އަޅުކަންކުރެއެވެ. ލުއިފަސޭހަކަމުގެ ޙާލަތާއި ދަތިއުނދަގުލުގެ ވަގުތުގައިވެސް އެބައިމީހުން އަޅުކަންކުރަނީ ގަބުރުތަކަށެވެ. ޖާހިލިއްޔަ ޒަމާނުގައި މީސްތަކުންކޮށް އުޅުނު ޝިރުކަށްވުރެ މިބައިމީހުންގެ ޝިރުކު މާނުބައިވެފައި ނުރައްކާތެރިއެވެ.
ސުވާލުތައް
1- އަހަރުމެންގެ ޒަމާނުގެ މުޝްރިކުންނާއި އިހު ޒަމާނުގެ މުޝްރިކުންގެ ތަފާތަކީ ކޮބާ ހެއްޔެވެ؟
2- ބުދުތަކަށް އަޅުކަންކުރުމަކީ ބާޠިލުކަމެއްކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
3- ބޮޑެތި މުޞީބާތްތައް ޖެހުމުން، މުޝްރިކުންވެސް އިޚްލާޞްތެރިކަމާއެކު ﷲއަށް އަޅުކަންކުރާކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
4- އިސްވެ ބަޔާންވެދިޔަ ހަތަރު ޤަވާޢިދު ކުރުގޮތަކަށް ލިޔާށެވެ.
= ނުނިމޭ =
_____________________________
[1] މިހާ ހިސާބުން القواعد الأربع މިފޮތް މިނިމުނީއެވެ.