كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ ﴿٤٦﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٤٧﴾ وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ ﴿٤٨﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٤٩﴾ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ ﴿٥٠﴾ (سورة المرسلات: 46-50)
(ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ. – ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ. – ތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ. – ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ. – ފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން حَدِيثٍ (ވާހަކަ) އަކަށް ހެއްޔެވެ؟
ފަހެ އީމާންތެރިކަމުގެ އެއްވެސް މިންވަރެއް ހިތުގައި ހުރި މީހަކު މިއާޔަތްތައް ކިޔާފައި އޭގައި އެވާ “حَدِيث” ގެ މުރާދަކީ އެއްގޮތަކަށް ވެސް ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘް ބަސްފުޅުތައް ކަމުގައެއް ނުބުނާނެއެވެ. އެހެނީ އެއާޔަތްތަކުގައި އެވަނީ، އެއްވެސް ޙާލެއްގައި ނަބިއްޔާ صلى الله عليه وسـلم އަށް އީމާންވެގެން ތިއްބެވި މުއުމިނުންނާ މުޚާތަބު ކުރައްވާފައެއް ނޫނެވެ. އަދި ކިއެއް، އެއީ ނަބިއްޔާ صلى الله عليه وسـلم ގެ ރިސާލަތަށް އިންކާރު ކުރާ ކާފިރު މުޝްރިކުންނާ މުޚާތަބު ކުރެވިފައިވާ އާޔަތްތަކެވެ. ފަހެ، އެއާޔަތްތަކުން އެނގި ސާފުވެގެން ދަނީ، ކާފިރުންނަށް ﷲ ތަޢާލާ އިންޒާރު ދެއްވައި އިންކާރު އެކުރައްވަނީ، އެބައިމީހުންނަށް ﷲ ގެ ޙަޟްރަތުން އެކަލޭގެފާނު ގެންނެވި ރިސާލަތަށް އީމާން ނުވެގެން އުޅޭތީއެވެ. ކީރިތި ޤުރްއާނަށް ކާފިރު ވާތީއެވެ. އެފަދަ ބަޔަކު އެކަލޭގެފާނު ﷲ ގެ ދީނާ މެދު ސުންނަތުގައި ޙަދީޘްފުޅު ކުރައްވާ ޙަދީޘް ބަސްފުޅުތައް ޤަބޫލުކުރާނީ، އެކަލޭގެފާނަށް ދެއްވުނު އެންމެ ބޮޑު މުޢުޖިޒާތް ކަމުގައިވާ ކީރިތި ޤުރްއާން އިހަށް އީމާންވެގެންތާއެވެ. ކީރިތި ޤުރްއާނަށް ކާފިރުވާ ބަޔަކު އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަށް އީމާންވާނެކަމަށް ބުނުމަކީ އެއްވެސް ހަމައަކުން ބެލިޔަސް ހަމަޖެހޭ ވާހަކައެއް ނޫނެވެ. އެހެނީ، މިހާރުވެސް މިއުޅެނީ ޤުރްއާނަށް އީމާންވާ ކަމަށް ދަޢުވާ ކުރާ (ޤުރްއާނީންވެސް) އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަށް އީމާން ނުވެގެން ވިއްޔައެވެ. ދެން މައްކާގެ ކާފިރުން އެއަށް އީމާންވެގެން އެކަމާ ﷲ ތަޢާލާ އިންކާރު ކުރައްވައި އާޔަތްތައް ބާވައިލައްވާނީ ކޮން ހަމަޔަކުން ހެއްޔެވެ. سبحان الله عما يصفون!
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 47