މުކައްލަފެއްގެ މައްޗަށް ވާޖިބުވެގެންވާ އެންމެ މުހިންމު ކަމަކީ އަދި އެންމެ މަތިވެރި ފަރުޟަކީ އުޑުތަކާއި ބިމާ އަދި ޢަރުޝީގެ ވެރިރައްބަށް އަޅުކަންކުރުމެވެ. ﷲ ތަޢާލާ އެއިލާހުގެ ކީރިތި ފޮތުގައި ވަޙީކުރައްވާފައިވެއެވެ.
﴿إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّـهُ رَبُّ الْعَالَمِينَ﴾ [سورة الاعراف ٥٤]
މާނައީ: “ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރައްބަކީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި ﷲ އެވެ. އެއަށްފަހު، އެއިލާހު ޢަރުޝީގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ. އަދި އެއިލާހު ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެއިލާހުގެ އަމުރުފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި އަމުރުކުރެއްވުންވަނީ، އެއިލާހަށް ޚާއްޞަ ވެގެންނެވެ. ޢާލަމްތަކުގެ ވެރި ﷲ މަތިވެރިވެ ވޮޑިގެންފިއެވެ.”
އަދި އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރައްވާފައިވަނީ އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވީ އެއިލާހަށް އަޅުކަން ކުރުމަށްޓަކައި ކަމެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ [سورة الذاريات ٥٦]
މާނައީ: “ތިމަންއިލާހަށް (އިޚުލާޞްތެރިކަމާއެކު) އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ޚަލްޤުނުކުރައްވަމެވެ.”
ﷲ ތަޢާލާ އެއްކައުވަންތަކުރުމަކީ އެއަޅުކަމެއް އަދާކުރުމަށްޓަކައި އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވުނު ސަބަބެވެ. އެއީ ނަމާދާއި، ރޯދައާއި، ޒަކާތާއި، ޙައްޖާއި، ރުކޫޢާއި، ސަޖިދައާއި، ޠަވާފާއި، ކަތިލުމާއި، ނަދުރު ބުނުމާއި، ބިރެވެތިވުމާއި، އުންމީދުކުރުމާއި، މަދަދަށް އެދުމާއި، ވާތްގަށް އެދުމާއި ރައްކާތެރިކަމަށް އެދުމާ އަދި ދުޢާގެ އެންމެހާ ވައްތަރުތައްފަދަ އަޅުކަމުގެ ތެރޭގައި ހިމެނޭ އެންމެހާކަމެއްގައިމެ އެއިލާހު އެއްކައުވަންތަކުރުމެވެ. އަދި އެއިލާހުގެ އެންމެހާ އަމުރުފުޅުތަކަށް ކިޔަމަންވުމާއި އެއިލާހުގެ ކީރިތި ފޮތާއި އެއިލާހުގެ އަމާނާތްތެރި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން އެއިލާހު ނަހީކުރައްވާފައިވާކަމަށް ދަލީލު ލިބޭ އެންމެހާ ކަންކަން ދޫކޮށްލުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. -عليه من ربه أفضل الصلاة والتسليم- އެންމެހާ އިންސީންނާއި ޖިންނީން އެކަމަކަށްޓަކައި ޚަލްޤުކުރެއްވި މިއަޅުކަމަށް އެއިލާހުވަނީ އެބައިމީހުންނަށް އަމުރު ކުރައްވާފައެވެ. އަދި އެންމެހާ ރަސޫލުން ފޮނުއްވީ އަދި ފޮތްތައް ބާވައިލެއްވީ އެއަޅުކަން ތަފްޞީލާއެކު ބަޔާންކޮށްދީ، އެކަމަށް ދަޢުވަތުދީ، އިޚްލާޞްތެރިކަމާއެކު އެއިލާހަށް އެކަނި އަޅުކަން ކުރުމަށް އެންގެވުމަށެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ [سورة البقرة ٢١]
މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރައްބަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެއިލާހީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ޚަލްޤުކުރެއްވި އިލާހެވެ. (އެއިލާހަށް އަޅުކަންކުރަންވީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا﴾ [سورة الإسراء ٢٣]
މާނައީ: “ހަމައެކަނި އެއިލާހަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރައްބު ކަނޑައަޅުއްވައި އެންގެވިއެވެ.”
މިއާޔަތުގައި قَضَىٰ ގެ މާނައަކީ އަމުރުކުރައްވާ ވަޞިއްޔަތްކުރެއްވުމެވެ.
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَٰلِكَ دِينُ الْقَيِّمَةِ﴾ [سورة البينة ٥]
މާނައީ: “ކިޔަމަންތެރިކަން ﷲއަށް ޚާލިޞްކުރާޙާލު ޙުނަފާއިންގެ ގޮތުގައި (އެބަހީ: ތައުޙީދުގެ މަގަށް ލެނބިހުރެ) ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރުވެވިގެންނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.”
ﷲ ގެ ފޮތުގައި މިމާނައިގައި އައިސްފައިވާ އާޔަތްތައް ވަރަށް ގިނައެވެ.
އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا وَاتَّقُوا اللَّـهَ إِنَّ اللَّـهَ شَدِيدُ الْعِقَابِ﴾ [سورة الحشر ٧]
މާނައީ: “އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا﴾ [سورة النساء ٥٩]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ ﷲ އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު ﷲ އާއި، އެއިލާހުގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) ތިޔަބައިމީހުން ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ﴾ [سورة النساء ٨٠]
މާނައީ: “ރަސޫލާއަށް ކިޔަމަންވާ މީހާ ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ﴾ [سورة النحل ٣٦]
މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތާ ދުރުހެލިވުމަށް އެންގެވުމަށެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ﴾ [سورة الأنبياء ٢٥]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ [١] أَلَّا تَعْبُدُوا إِلَّا اللَّـهَ إِنَّنِي لَكُم مِّنْهُ نَذِيرٌ وَبَشِيرٌ [٢]﴾ [سورة هود]
މާނައީ: “(މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައްވަނީ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ ނިޡާމަކުން تنظيم ކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ. (އެއީ) މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ އިލާހުގެ ޙަޟްރަތުންނެވެ. [1] (އެއީ) ތިޔަބައިމީހުން ﷲ އަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ، އެއިލާހުގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި، ބިރުވެރިކަމުގެ ޚަބަރުދެއްވާ އަދި އުފާވެރިކަމުގެ ޚަބަރުދެއްވާ ރަސޫލަކީމެވެ. [2]”
ފަހެ، މާނަ ސާފުކޮށް އެނގިގެންވާ މިއާޔަތްތަކާ އަދި ﷲ ގެ ފޮތުގައި މިމާނައިގައި އައިސްފައިވާ އެހެން އާޔަތްތަކުން ދަލީލުކޮސްދެނީ އިޚްލާޞްތެރިކަމާއެކު ހަމައެކަނި ﷲ އަށް އަޅުކަންކުރުން ވާޖިބުވެގެންވާކަމެވެ. އެއީ ދީނުގެ އަޞްލެވެ. އަދި މިއްލަތުގެ އަސާސެވެ. އަދި ހަމައެއާއެކު އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވި ޙިކުމަތަކީއެއީއެވެ. އަދި ރަސޫލުން ފޮނުއްވާ ފޮތްތައް ބާވައިލެއްވީވެެސް އެކަމަށްޓަކައެވެ. ފަހެ، އެންމެހާ މުކައްލަފުންގެ މައްޗަށް ވާޖިބުވެގެންވަނީ މިއަމުރުފުޅަށް ރައްކާތެރިވެ، އެކަން ރަނގަޅަށް އުނގެނި ދަސްކުރުމެވެ. އިސްލާމްދީނަށް ނިސްބަތްވެގެން ތިބި ގިނަ ބަޔަކު ނަބީބޭކަލުންނާއި ޞާލިޙުންނާމެދު ހައްދުފަހަނައަޅާ ގޮސް ޤަބުރުތަކުގެ މަތީގައި ބިނާތަކާއި މިސްކިތްތަކާއި ޤުއްބުތައް ހަދާ، އެޤަބުރުތަކުގެ އަހުލުވެރިންގެ ކިބައިން ކަންކަމަށާއި މަދަދަށް އެދެއެވެ. މިފަދަ ކަންކަމާމެދު ރައްކަތެރިވާންވާނެއެވެ. އެފަދަ މީހުން ޤަބުރުތަކުގައިވާ ނަބީބޭކަލުންނާއި ޞާލިޙުންގެ ކިބައިން ރައްކާތެރިކަމަށް އެދި، އެބައިމީހުންގެ ބޭނުންތައް ފުއްދައި ދިނުމަށާއި، އެބައިމީހުންނަށް ޖެހިފައިފާ މުޞީބާތްތައް ފިއްލަވައިދިނުމަށާއި، ބަލިމީހުންނަށް ޝިފާ ދެއްވާ، ޢަދުއްވުންގެ މައްޗަށް ނަޞްރު ދެއްވުމާއި އަދި މިނޫންވެސް ބޮޑު ޝިރުކުގެ ތެރޭގައި ހިމެނޭ މިފަދަ ކަންކަން ކުރެއެވެ. އަދި ﷲގެ ފޮތުން ދަލީލު ލިބޭގޮތާ އެއްގޮތްވާގޮތުގެ މަތިން ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞައްޙަމަގުން ޘާބިތުވެފައިވެއެވެ. ޞަޙީޙައިނިގައި (އެބަހީ: ޞަޙީޙު އަލްބުޚާރީއާއި ޞަޙީޙު މުސްލިމުގައި) މުޢާޛު رضي الله عنه ގެ އަރިހުން، ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނަށް ވިދާޅުވިކަމަށް ރިވާވެގެން އައިސްފައިވެއެވެ. “އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤާއި ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު އެނގިލައްވާތޯއެވެ؟” ފަހެ، މުޢާދުގެފާނު ދެންނެވިއެވެ. “އެކަން އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެއިލާހުގެ ރަސޫލާއެވެ.” ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އަޅުތަކުންގެ މައްޗަށްވާ ﷲގެ ހައްޤަކީ، ހަމައެކަނި އެއިލާހަށް އަޅުކަންކުރުމާއި، އެއިލާހާ އެއްވެސް ފަރާތެއް ޝަރީކު ނުކުރުމެވެ. ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެއިލާހާ އެއްވެސް ފަރާތެއް ޝަރީކު ނުކުރާ މީހުންނަށް ޢަޛާބު ނުދެއްވުމެވެ.”
އަދި ޞަޙީޙު އަލްބުޚާރީގައި އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ مَاتَ وَهُوَ يَدْعُو مِنْ دُونِ اللهِ نِدًّا دَخَلَ النَّارَ» [رواه البخاري]
މާނައީ: “ﷲ ފިޔަވައި އެއިލާހާއެކު އެހެން ޝަރީކަކަށް އަޅުކަންކުރާޙާލު މަރުވެއްޖެމީހާ ދަންނައެވެ. އޭނާ ނަރަކައަށް ވަންނާނެއެވެ.”
އަދި ޞަޙީޙު މުސްލިމުގައި ޖާބިރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ لَقِيَ الله لَا يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ، وَمَنْ لَقِيَهُ يُشْرِكُ بِهِ دَخَلَ النَّارَ» [رواه مسلم]
މާނައީ: “ﷲ އާ އެއްވެސް އެއްޗެއް ޝަރީކުނުކުރާ ޙާލު، ﷲ އާ ބައްދަލުކޮށްފިމީހާ ސުވަރުގެ ވަންނާނެއެވެ. އަދި ﷲ އާ އެއްވެސް އެއްޗެއް ޝަރީކުކުރާ ޙާލު، ﷲ އާ ބައްދަލުކޮށްފިމީހާ ނަރަކައަށް ވަންނާނެއެވެ.”
މިމާނައިގައިވާ ޙަދީޘްތައްވެސް ވަރަށް ގިނައެވެ.
މިކަމަކީ އެންމެ މުހިންމު އަދި އެންމެ މަތިވެރި ކަންތަކެވެ. ﷲ އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ފޮނުއްވެވީ ތައުހީދަށް ދަޢުވަތު ދެއްވުމަށާއި ޝިރުކު ނަހީ ނުރެއްވުމަށެވެ. އެކަމަކައިގެން ފޮނުއްވި ކަންތައް ފޯރުކޮށްދެއްވުމުގެ މަތީގައި އެކަލޭގެފާނު -عليه الصلاة والسلام- އެންމެ ފުރިހަމަ ގޮތުގައި ޤާއިމުވެ ހުންނެވިއެވެ. ﷲގެ މަގުގައި، އެކަލޭގެފާނަށް އެތަކެއް އުނދަގުލެއް ކުރެވުނެވެ. ފަހެ، އެކަންކަމަށް އެކަލޭގެފާނު ކެތްތެރިވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ އަޞްޙާބުންވެސް ކެތްތެރިވެވަޑައިގެން ތިއްބެވިއެވެ. -رضي الله عنهم- އަދި ﷲ ތަޢާލާ، ޢަރަބި ޖަޒީރާގައި އަޅުކަންކުރެވުނު އެންމެހާ ތަކެއްޗާއި ބުދުތައް އެތަނުން ނައްތާލައްވާ، މީސްތަކުން އެއިލާހުގެ ދީނަށް ޖަމާޢަތް ޖަމާޢަތަށް ވަނުމަށް ދާންދެން އެކަލޭގެފާނާއެކު އެބޭކަލުން އެދަޢުވަތު ފޯރުކޮށްދެއްވުމުގައި ދެމިތިއްބެވިއެވެ. އަދި ކަޢުބާގެ އެތެރޭގައާއި އެތަނުގެ ވަށައިގެން ހުރި ބުދުތައް ތަޅުއްވާލެއްވިއެވެ. އަދި ލާތައާއި، ޢުއްޒާއާއި، މަނާތު ހަލާކު ކޮށްލެއްވިއެެވެ. އަދި ޢަރަބި ޤަބީލާތަކުގައި ހުރި އެންމެހާ ބުދުތައް ތަޅުއްވަލެއްވިއެވެ. އަދި އެބައިމީހުން އަޅުކަންކުރަމުން ގެންދިޔަ ތަކެތި ހަލާކުކޮށްލެއްވިއެވެ. އަދި ﷲ ގެ ކަލިމަފުޅު މަތިވެރި ކުރެއްވިއެވެ. އަދި ޢަރަބި ޖަޒީރާގައި އިސްލާމްދީން ފާޅުވިއެވެ، ދެން އެއަށްފަހު، އިސްލާމްދީނުގެ ދަޢުވަތާއި ޖިހާދާއިގެން މުސްލިމުން ޢަރަބި ޖަޒީރާއިން ބޭރަށް މިސްރާބު ޖެހިއެވެ. އަދި ބާއްޖަވެރިވާނެކަމަށް ކަނޑައަޅުއްވާފައިވާ އަޅުތަކުންނަށް، އެބޭކަލުން މެދުވެރިކުރައްވާ ﷲ ހިދާޔަތު ދެއްކެވިއެވެ. އަދި އެބޭކަލުން މެދުވެރިކުރައްވާ އޭރު މީހުން ދިރިއުޅެމުންދިޔަ ގިނަ ހިސާބުތަކުގައި ޙައްޤާއި ޢަދުލުވެރިކަން ފެތުރެއްވިއެވެ. އޭގެ ސަބަބަުން އެބޭކަލުން ވެވަޑައިގަތީ ހިދާޔަތަށް މަގުދައްކަވާ އިމާމުންކަމުގައްޔާއި ޙައްޤު ޤާއިދުންކަމުގައެވެ. އަދި ޢަދުލުވެރިކަމާއި އިޞްލާޙަށް ދަޢުވަތުދެއްވި ބޭކަލުންކަމުގައެވެ. އަދި ތާބިޢީންނާއި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބާވީ އިމާމުންނާއި ޙައްޤަށް ދަޢުވަތު ދެއްވި ދާޢީން ހިންގެވީ އެބޭކަލުން ދެއްކެވި މަގުންނެވެ. ﷲގެ ދީން ފެތުރުއްވެވިއެވެ. އަދި މީސްތަކުންނަށް ތައުޙީދަށް ދަޢުވަތު ދެއްވިއެވެ. އަދި އެބޭކަލުންގެ ނަފްސުތަކުންނާއި މުދަލުން ﷲ ގެ މަގުގައި ޖިހާދުކުރެއްވިއެވެ. އަދި ﷲ ގެ މަގުގައި ކުރާކަމެއްގައި މަލާމާތްކުރާ ބައެއްގެ މަލާމާތަށް އެބޭކަލުން ބިރެއް ނުގަނެއެވެ. ފަހެ، ﷲ ތަޢާލާ އެބައިމީހުންނަށް ވާޤިވެރިވެ ވޮޑިގަންނަވާ، އެބައިމީހުންނަށް ނަޞްރުދެއްވާ، އަދާވާތްތެރިންގެ މައްޗަށް އެބައިމީހުންގެ ފާޅުކުރެއްވިއެވެ. އަދި އެއިލާހު އެބައިމީހުންނަށް ވަޢުދުވެ ވޮޑިގެންނެވި ކަންތައް ދެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّـهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ﴾ [سورة محمد ٧]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް (އެބަހީ: ﷲ ގެ ދީނަށް) ނަޞްރުދޭނަމަ، އެއިލާހު ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތުކުރައްވާނެތެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَلَيَنصُرَنَّ اللَّـهُ مَن يَنصُرُهُ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ [٤٠] الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ وَلِلَّـهِ عَاقِبَةُ الْأُمُورِ [٤١]﴾ [سورة الحج]
މާނައީ: “ހަމަކަށަވަރުން، ﷲ އަށް ނަޞްރުދޭ މީހަކަށް، އެއިލާހު ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ﷲ އީ ބާރުވެރިވަންތަ، ޢަޒީޒުވަންތަ އިލާހުކަން ކަށަވަރެވެ. [40] އެބައިމީހުންނީ ބިމުގައި ތިމަންއިލާހު، އެބައިމީހުން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲ އަށެވެ. [41]”
އެއަށްފަހު މީސްތަކުން ބަދަލުވިއެވެ. އަދި މީސްތަކުން ބައިބައިވެ، ޖިހާދާމެދު ފަރުވާކުޑަކުރިއެވެ. އަދި ޝަހުވަތްތަކަށް ތަބާވިއެވެ. އަދި އެބައިމީހުންގެ މެދުގައި މުންކަރާތްތައް ފާޅުވިއެވެ. ﷲ ތަޢާލާ ރައްކާތެރިކުރެއްވި މީހަކު މެނުވީ އެކަމުން ސަލާމަތް ނުވެއެވެ. އަދި ﷲ އެބައިމީހުންގެ ހާލަތު ބަދަލުކުރެއްވިއެވެ. އެބައިމީހުންގެ ޢަދުއްވުން އެބައިމީހުންގެ މައްޗަށް ބާރުވެރި ކުރެއްވިއެވެ. އެއި އެބައިމީހުން ހޯދައިގަތް ކަންތައްތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. އަދި ތިބާގެ ވެރިރައްބަކީ އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ އިލާހަކުކަމުގައި ނުވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿ذَٰلِكَ بِأَنَّ اللَّـهَ لَمْ يَكُ مُغَيِّرًا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ﴾ [سورة الرعد ٥٣]
މާނައީ: “އެއީ ބަޔަކުމީހުންނަށް ﷲ ދެއްވާފައިވާ ނިޢުމަތެއް، އެބަޔަކުގެ އަމިއްލަ ނަފްސުތަކުގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން ހަމަކަށަވަރުން، އެއިލާހު ބަދަލެއް ނުކުރައްވާނެއެވެ.”
ފަހެ، ވެރިންނާއި، ރައްޔިތުންނާ އަދި އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމެވެ. އަދި ހަމައެކަނި އެއިލާހަށް އިޚްލާޞްތެރިކަމާއެކު އަޅުކަންކުރުމެވެ. އަދި އިސްވެދިޔަ ކަންތައްތަކާއި ފާފަތަކުގެ މައްޗަށް ތައުބާވެ، އެބައިމީހުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ފަރުޟުތައް އަދާކުރުމަށް އަވަސްވެ ގަތުމެވެ. އަދި އެބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުވުމެވެ. އަދި އެކަންކަމުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކޮށް އެހީތެރިވުމެވެ.
އަދި އެގޮތުން އެންމެ މުހިންމު ކަމަކީ ޝަރުޢީ ޙައްދުތައް ޤާއިމުކުރުމާއި، މީސްތަކުންގެ މެދުގައި އެންމެހާ ކަންކަމުގައި ޝަރީޢަތާ އެއްގޮތަށް ޙުކުމް ކުރުމެވެ. އަދި ﷲ ގެ ޝަރުޢާ ޚިލާފުވާ ވަޟަޢީ ޤާނޫނުތަކަށް ޢަމަލުކުރުން ހުއްޓާލުމެވެ. އަދި އެންމެހާ ޤައުމުތަކުން ޝަރުޢާ އެއްގޮތަށް ޙުކުމްކުރުމެވެ. އަދި ހަމައެއާއެކު، ޢިލްމުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ މީސްތަކުންނަށް އެބައިމީހުންގެ ދީން އުނގަންނައިދިނުމެވެ. އަދި އެބައިމީހުންގެ މެދުގައި އިސްލާމީވަންތަކަން ފެތުރުމެވެ. އަދި ޙައްޤަށް ވަޞިއްޔަތްކޮށް، އެކަމުގެ މައްޗަށް ކެތްތެރިވުމެވެ. އަދި ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމެވެ. އަދި އެކަމަށް ވެރިންނަށް ހިތްވަރު ދިނުމެވެ. މުސްލިމުންގެ ތެރެއިން ފާސިދުވެފައިވާ މީހުން، ﷲ ތަޢާލާ އިޞްލާޙުކޮށްދެއްވަނީ އެފަދަައިންނެވެ. އަދި މަގު ގެއްލިފައިވާ މީހުން އަލުން ހަމަމަގަށް އޭގެ ސަބަބުން ގެނެސްދެއްވާނެއެވެ. އަދި އިހުގައި އެބައިމީހުންނަށް ހުރި ޝަރަފުވެރިކަން އަލުން އިޢާދަކޮށްދެއްވާނެއެވެ. އަދި އެބައިމީހުންގެ ޢަދުއްވުންގެ މައްޗަށް އެބައިމީހުންނަށް ނަޞްރު ދެއްވާނެއެވެ. އަދި ބިމުގައި އެބައިމީހުން ބާރުވެރި ކުރައްވާނެއެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ. އެއިލާހީ އެންމެ ތެދުވެރި ބަސްފުޅު ވަޙީކުރައްވާ އިލާހެވެ.
﴿وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ﴾ [سورة الروم ٤٧]
މާނައީ: “އަދި މުއުމިނުންނަށް ނަޞްރުދެއްވުމަކީ، ތިމަންއިލާހުގެ މައްޗަށްއޮތް ޙައްޤެއް ކަމުގައިވެއެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَعَدَ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا وَمَن كَفَرَ بَعْدَ ذَٰلِكَ فَأُولَـٰئِكَ هُمُ الْفَاسِقُونَ﴾ [سورة الروم ٥٥]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، ޞާލިޙު ޢަމަލުތައްކޮށް އުޅުނުމީހުންނަށް، އެބައިމީހުންގެ ކުރިން އުޅުނު މީހުން ޚަލީފާވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެބައިމީހުން ބިމުގައި ޚަލީފާވެރިކުރައްވާނެ ކަމަށާއި، އެބައިމީހުންނަށްޓަކައި އެއިލާހު ރުއްސެވި އެބައިމީހުންގެ ދީން، ހަމަކަށަވަރުން އެބައިމީހުންނަށްޓަކައި تمكين ކުރައްވާނެ ކަމަށާއި، އެބައިމީހުންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން އަމާންކަމަކަށް އެބައިމީހުން ބަދަލުކުރައްވާނެކަމަށް، ﷲ ވަޢުދު ކުރައްވާފައިވެއެވެ. އެބައިމީހުން ތިމަންއިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކޮށް، ތިމަންއިލާހަށް އަޅުކަން ކުރެއެވެ. އެއަށްފަހު ކާފިރުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ، ހަމަ ފާސިޤުންނެވެ.”
އަދި ވަޙީކުރެއްވިއެވެ.
﴿إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ [٥١] يَوْمَ لَا يَنفَعُ الظَّالِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ [٥٢]﴾ [سورة غافر]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހުގެ ރަސޫލުންނަށާއި، އީމާންވި މީހުންނަށް، ދުނިޔޭގެ ޙަޔާތުގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: ޤިޔާމަތް ދުވަހުގައި) ނަޞްރު ދެއްވާހުށީމެވެ. [51] (އެއީ) އަނިޔާވެރިންނަށް އެބައިމީހުންގެ ޢުޛުރު ދެއްކުން މަންފާއެއް ނުކުރާނޭ ދުވަހެވެ. އަދި އެބައިމީހުންނަށް ހުރީ ލަޢުނަތެވެ. އަދި އެބައިމީހުންނަށްހުރީ ނުބައިވެގެންވާ ގޮވައްޗެވެ. [52]”
ﷲ ތަޢާލާގެ ޙަޟްރަތުގައި އެދިދަންނަވަނީ މުސްލިމުންގެ ވެރިންނާއި ޢާންމުން އިޞްލާޙުކޮށްދެއްވުމަށެވެ. އަދި އެބައިމީހުން ދީނުގައި ފިޤުހުވެރިކޮށްދެއްވުމަށެވެ. އަދި ތަޤްވާގެ މަތީގައި އެބައިމީހުން ޖަމާކޮށްދެއްވުމަށެވެ. އަދި އެބައިމީހުންކުރެ އެންމެންނަށް އެއިލާހުގެ ސީދާވެގެންވާ ތެދުމަގަށް މަގު ދެއްކެވުމަށެވެ. އަދި އެބައިމީހުންގެ ސަބަބުން ޙައްޤަށް ނަޞްރު ދެއްވުމަށެވެ. އަދި ބާޠިލު ނިކަމެތިކޮށްދެއްވުމަށެވެ. އަދި ހެޔޮކަމާއި ތަޤުވާވެރިވުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ތައުފީޤުދެއްވުމަށެވެ. އަދި ޙައްޤާއި ކެތްތެރިވުމަށް ވަޞިއްޔަތްކުރުމުގެ ތައުފީޤުވެސް ދެއްވުމަށެވެ. ހަމަކަށަވަރުން އެއިލާހީ އެކަމަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ.
وصلى الله وسلم على عبده ورسوله وخيرته من خلقه نبينا وإمامنا وسيدنا محمد بن عبد الله ، وعلى آله وأصحابه ومن اهتدى بهداه.
والسلام عليكم ورحمة الله وبركاته.
____________________________________
މަޞްދަރު: العقيدة الصحيحة وما يضادها للشيخ عبد العزيز بن عبد الله بن باز -رحمه الله-