[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތިސްނަމާދަށް ހޭލުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް

* އިޚްލާސްތެރިކަމާއެކީ މަތިވެރި ޘަވާބު އެދި ފަތިސްނަމާދު އެ ނަމާދުގެ ވަޤުތުގައި ކުރުމުގެ ޢަޒުމު ކަނޑައެޅުން

ފަތިސްނަމާދު އިހު ސުންނަތްކުރުމާއި ޖަމާޢަތުގައި ފަތިސްނަމާދުކުރުމާއި ނަމާދު ފަހުން ޒިކުރުކުރަން އިނުމަކީ މަތިވެރި އަޖުރު ލިބެނިވި އަޅުކަންތަކެކެވެ. މި އަޅުކަންތަކަށް ލިބޭ އަޖުރު މަތިން ގިނަގިނައިން ހަނދާންކުރާނަމަ، ފަތިސްނަމާދު ކުރުމަކީ ތިމާގެ ކަށީގައި ހިފާފައިވާ އާދައަކަށްވުމަށް މާގިނަ ދުވަހެއް ނުނަގާނެއެވެ. މިފަދަ ބައެއް ޙަދީޘްތައް މި އަރޓިކަލްގެ ފަހު ބައިގައި ގެނެސްދެވޭނެއެވެ.

 

* ނިދުމުގެ ކުރިން ވުޟޫކުރުން

ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ..)) [أخرجه البخاري]

 މާނައީ: “ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން އޭގެފަހުގައި ތިބާގެ ކަނާއަތްފަރާތަށް ވާގޮތަށް އޮށޯއޮންނާށެވެ.”

ވުޟޫމަތީގައި ނިދާ މީހާއަށް ފާފަ ފުއްސެވުންއެދި ދުޢާކުރުމަށް މަލާއިކަތަކު އޭނާގެ ކައިރީގައި ހުންނާނެކަމަށް ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ.

 

* ނިދުމުގެ ކުރިން ކިޔަން ވާރިދުވެފައިވާ ޒިކުރުތައް ކިޔުން

މި ދުޢާތަކުގެ އިތުރުން އާޔަތުލް ކުރުސިއާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތާއި އިޙްލާސް، ފަލަޤި، ނާސި (މި ތިން ސޫރަތުންކުރެ ކޮންމެ ސޫރަތެއް ތިންފަހަރު) ކިޔުމަށް ހަނދާން ބަހައްޓާށެވެ.

މި ފަދަ ދުޢާތައް އެކުލެވޭ ޙިޞްނުލް މުސްލިމް(ދިވެހި) އެޕް ތިރީގައި މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

މި ފޮތުގެ ޕީޑީއެފް މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 

* ދުޢާކުރުން

﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ [سورة غافر 60]

މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.”

ފަތިސް ނަމާދު އެ ނަމާދުގެ ވަގުތުގައި ކުރުމުގެ ތައުފީޤް ދެއްވުން އެދި ގިނަގިނައިން ދުޢާކުރާށެވެ.

 

* ފާފަތަކުން ދުރުވުން

﴿وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ﴾ [سورة الشورى 30]

މާނައީ: “ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެއިލާހު ގިނަފާފަތައް عفو ކުރައްވަތެވެ.”

ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤު ނުލިބުމަކީ ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއްފަހަރަކު މީހަކު އިމާމް އަލްހަސަނުލް ބަޞަރީއާއި ސުވާލުކުރިއެވެ.

“ތިމަންމެނަށް ރޭ އަޅުކަން ކުރަން ނުހޭލެވެނީ ކީއްވެތޯއެވެ؟” ޖަވާބުގައި އިމާމް އަލްހަސަނުލް ބަޞަރީ ވިދާޅުވިއެވެ.

“قيدتكم ذنوبكم”

މާނައީ: “ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުން ހައްޔަރުކުރީއެވެ.” (އެބަހީ: ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް ރޭ އަޅުކަންކުރުމުގެ ތައުފީޤް ނުލިބެނީއެވެ.)

 

* ނިދާ ގަޑި އަވަސްކުރުން

ނިދުމާއި ހަނދާން ނެތުން އެއީ ނަމާދު ވަގުތުން ފަސްވުމަށް ދިމާވާނެ ހަމައެކަނި މަޤްބޫލު ދެ ޢުޛުރެވެ. އެހެންނަމަވެސް ނިދާ އިރު ފަތިސްނަމާދަށް ބަންގި ގޮވަން ނުހަނު ގާތްވެފައި ވަނިކޮށް ގަޞްދުގައި ނިދާ ނުވަތަ އެކަމަށް ފަރުވާ ކުޑަކޮށް، ހޭލުމަށްޓަކައި ސަބަބުތަކުގައި ނުހިފުމަކީ ފާފަވެރިވާނެކަމެކެވެ. އެހެންކަމުން ނިދާގަޑި އާއި ހޭލާގަޑި އަވަސް ކޮށް ނަމާދަށް ބުރޫނާރާ ގޮތަށް ތާވަލު ބައްޓަންކުރުން ވަރަށް މުހިއްމެވެ. ރަސޫލާ صلى الله عليه وسلم ސުންނަތަކީވެސް ނިދާ ގަޑިއާއި ހޭލާ ގަޑި އަވަސްކުރުމެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ.

((كَانَ يَنَامُ أَوَّلَ اللَّيْلِ، وَيُحْيِي آخِرَهُ)) [أخرجه مسلم]

މާނައީ: “އެކަލޭގެފާނު ނިދިކުރައްވަނީ ރޭގަނޑުގެ ކުރީ ކޮޅުގައެވެ. އަދި ރޭގަނޑުގެ ފަހުބައި އަޅުކަމުގައި ހޭދަކުރައްވައެވެ.”

 

* ހޭނުލެވޭނެހެން ހީވެއްޖެނަމަ، ނަމާދަށް ހޭލެއްވުމަށް އެހެންމީހެއްގެ ކައިރިން އެދޭށެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ﴾ [سورة المائدة 2]

މާނައީ: “ހެޔޮކަމާއި ތަޤުވާވެރިކަމުގެ މައްޗަށް ތިޔަބައިމިހުން އެއްބަޔަކު އަނެއްބަޔެއްގެ ވާގި ލިބިގަންނާށެވެ.”

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا)) [متفق عليه]

މާނައަކީ: “އެއް މުއުމިނަކު އަނެއް މުއުމިނެއްގެ މިޘާލަކީ އެކަތިއަނެކައްޗައް ގުޅިފައިވާ ޢިމާރާތެއްގެ މިޘާލެވެ.”

 

ފަތިސް ނަމާދާއި ގުޅުން ހުރި ބައެއް ޙަދީޘްތައް

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.

((رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا)) [رواه مسلم]

މާނައީ: “ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.”

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ، وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ))  [رواه مسلم]

މާނައީ: “ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިމިހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރިފަދައެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފިމީހާ މުޅި ރޭގަނޑު އެކުއެކީގައި އަޅުކަމުގައި ޤާއިމްވެހުރި މީހެއްފަދަ އެވެ.”

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ .

((مَنْ صَلَّى الغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ، ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ)) [رواه الترمذي و حسنه الألباني] 

މާނައީ: “ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު އިރުއަރަންދެން ޛިކުރު ކުރުމަށްޓަކައި އިނުމަށްފަހު، ދެ ރަކުޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖެއް އަދި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ.”

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.

((مَنْ صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ اللهِ، فَلَا يَطْلُبَنَّكُمُ اللهُ مِنْ ذِمَّتِهِ بِشَيْءٍ فَيُدْرِكَهُ فَيَكُبَّهُ فِي نَارِ جَهَنَّمَ (([رواه مسلم]

މާނައީ: “ފަތިސްނަމާދު ކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގަ އެވެ. ފަހެ، ހަމަކަށަވަރުން ﷲ ލައްވާފައިވާ ރައްކާތެރިކަން ނިގުޅައި އިހުމާލުވެއްޖެ މީހާ ނަރަކައިގެ ތެރެއަށް އެއްލާލައްވާނެތެވެ.”

ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ މަތިވެރިވެގެންވާ ނަމާދެކެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((أَفْضَلُ الصَّلَوَاتِ عِنْدَ اللَّهِ عَزَّ وَجَلَّ صَلاةُ الصُّبْحِ يَوْمَ الْجُمُعَةِ فِي جَمَاعَةٍ)) [رواه البيهقي في شعب الإيمان وصححه الألباني]

މާނައީ: “ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ.”

އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ، ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

((ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنَيْهِ)) [متفق عليه]

މާނައީ: “އެމީހާގެ ދެކަންފަތަށް ޝައިޠާނާ ކުޑަކަމުގޮއްސިއެވެ.”

_________________________

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) [رواه مسلم في صحيحه برقم 133 – (1893)]

މާނައީ: “ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭފަދަ އަޖުރާއި ޘަވާބު ހުއްޓެވެ.”