[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތެދުވެރިކަމުން ޒީނަތްތެރިވުން 2

އަދި ތެދުވެރިކަމަކީ އެސިފައިން ސިފަލިބިއްޖެ މީހެއްގެ މަތިވެރިކަން ހާމަކޮށްދޭ ކަމެކެވެ. އަދި އެސިފައިން ސިފަ ލިބިގަތުމަކީ ހެޔޮލަފާ މީހުންގެ މަންޒިލަށް ވާޞިލުކޮށްދޭ ކަމެކެވެ. ފަހެ ވާހަކަދެއްކުމުގައްޔާއި މުޢާމަލާތްކުރުމުގައި ތެދުވެރި މީހަކު ތިބާއަށް ފެނިއްޖެނަމަ ދަންނައެވެ. އޭނާ މަތިވެރިވެގެންދާ ތަނާއި އޭނާގެ ހިންމަތުގެ ތެދުވެރިކަންވެސް ތިބާއަށް ފެނިގެން ދާނެއެވެ.

ޖުނައިދު رحمه الله ވިދާޅުވިއެވެ.

“ތެދުވެރިކަމުގެ ޙަޤީޤަތަކީ ދޮގެއް ހަދައިގެން މެނުވީ ސަލާމަތް ނުވެވޭނެފަދަ ޙާލަތެއްގައިވެސް ތެދުބުނުމެވެ.”

ތެދުވެރިކަމުން ތިބާ ޒީނަތްތެރިވެއްޖެނަމަ ދަންނައެވެ. ފަހެ އެއީ ﷲ ތަޢާލާ ތިބާއަށް ދެއްވި ބޮޑު ނިޢުމަތެއްކަމުގައި ދަންނާށެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“އިސްލާމްކަމުގެ ނިޢުމަތަށް ފަހު، ތެދުވެރިކަމުގެ ނިޢުމަތް ފަދަ މޮޅުއިތުރު ނިޢުމަތެއް ﷲ ތަޢާލާ އެއިލާހުގެ އަޅާއަށް ނުދެއްވައެވެ. އެއީ އިސްލާމްދީނުގެ ދިރުމެވެ. އަދި އަޅާއަށް މެދުވެރިވާނެ އެންމެ ބޮޑު މުޞީބާތްތަކުގެ ތެރޭގައި ދޮގުވެރިކަން ހިމެނެއެވެ. އެއީ އިސްލާމް ދީން ބަލިކޮށް ފަސާދަކޮށްލާ ކަމެކެވެ.” [1]

ޤިޔާމަތްދުވަހު އަޅާ ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ތެދުވެރިކަން ހިމެނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قَالَ اللَّـهُ هَـٰذَا يَوْمُ يَنفَعُ الصَّادِقِينَ صِدْقُهُمْ ۚ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ﴾ [سورة المائدة ١١٩] 

މާނައީ: “ﷲ ވަޙީކުރައްވާނެތެވެ. މިއީ، ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއުރެންނަށް ހުށްޓެވެ. އެ ސުވަރުގެތަކުގައި، އެއުރެން އަބަދަށް ދެމިތިބޭ ގޮތުގައެވެ. ﷲ އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ.”

ފަހެ ބަހާއި ޢަމަލުގައި ތެދުވެރިވާށެވެ. އޭރުން ސުވަރުގޭގައި ޞިއްދީޤުންގެ ދަރަޖައަށް ވާޞިލުވާނެއެވެ.

= ނިމުނީ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް

[1] زاد المعاد (2/591)