[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 7

  • އޭގެ ފަހުން ، މާތް ނަބިއްޔާ صلى الله عليه وسلـم ގެ މައްޗަށް ދޮގުހަދައި އަމިއްލަ އަމިއްލައަށް ޙަދީޘްތައް ހަދަން ފެށި ބަޔަކު ފާޅުވުމުން ، އޭރު ތިއްބެވި ސަލަފުއްޞާލިޙުންގެ ބޭކަލުން އެކަމާ ވެސް ކުރިމަތި ލައްވައި ، ޞައްޙަ ޙަދީޘްފުޅުތަކާއި ޞައްޙަ ނޫން ޙަދީޘްތައް ވަކިކުރައްވައި ، ބާޠިލު ދޮގު ޙަދީޘްތަކުގެ ކިބައިން އިތުރު އެކަލޭގެފާނު صلى الله عليه وسلـم ގެ ޞައްޙަ ޙަދީޘްފުޅުތައް ޙިމާޔަތް ކުރެއްވުމަށްޓަކައި ޤުރްއާނާއި ސުންނަތާއި ޞަޙާބީން رضي الله عنهم ގެ ކިބައިން ފެންނަން ހުރި އުޞޫލުތަކަށް ބިނާ ކުރައްވައި އޭގެ މައްޗަށް ވަރުގަދަ ހަރުދަނާ ހަރުކަށި ޤަވާޢިދުތައް އެކުލަވާލައްވައި އެފިތުނައިގެ ކިބައިން މި މަތިވެރި އިސްލާމްދީން ޙިމާޔަތްކުރެއްވިއެވެ.

  • އަދި އޭގެ ފަހުން ، ﷲ ތަޢާލާގެ މަތިވެރި ސިފަފުޅުތަކަށް އިންކާރު ކުރަން ފެށި ޖަހުމިއްޔާއިންގެ ފިތުނަ ފާޅުވުމާއެކު ، އޭރު ތިއްބެވި ޢިލްމުވެރިން އެއާ ދެކޮޅަށް ތެދުވެވަޑައިގެން ، އޭގެ ބާޠިލުކަން ބަޔާންކޮށްދެއްވައި ، ރައްދު ދެއްވައި ، ޙައްޤަށް ނަޞްރު ހޯއްދަވައި ދެއްވިއެވެ.

  • އަދި އެއަށްފަހު ފާޅުވެ ، ޚަލްޤުލްޤުރްއާން (ޤުރްއާނަކީ މަޚްލޫޤެއް ކަމަށް) ފެތުރިިގެން ދިޔަ ބިދުޢަވެރި ދަޢުވާއަށް ވެސް އިމާމް އަޙްމަދު ބިން ޙަންބަލް މެން ފަދަ ޢިލްމުވެރިން رحمهم الله ރައްދު ދެއްވައި ޙުއްޖަތް ޤާއިމު ކުރައްވައި އެންމެ ފަހުން ﷲ ގެ ރަޙްމަތާ އެކު އިސްލާމްދީނަށް ކާމިޔާބު ހޯއްދަވައި ދެއްވިއެވެ.

  • ދެން އެއަށް ފަހު ފާޅުވި ، ދީނުގެ ނައްޞުތަކުގެ މައްޗަށް ބުއްދި އިސްކުރާ ބައިގަނޑު ކަމުގައިވާ މުޢުތަޒިލާއިންގެ ފިތުނައާ ދެކޮޅަށް ވެސް އޭރު ތިއްބެވި ޢިލްމުވެރިން އިސްލާމް ދީނަށް ނަޞްރު ދިނުމަށްޓަކައި ޤުރްއާނާއި ސުންނަތުން ދަލީލު ދައްކަވައި ، އިންސާނާގެ މި ކޮށި ބުއްދިއަށް ނުވިސްނޭ ކޮންމެކޮންމެ ނައްޞެއް އެއްލާލުން ގޯސްކަން ބަޔާންކުރައްވައި ޙުއްޖަތް ޤާއިމު ކުރެއްވިއެވެ.

ފަހެ އެހެނީ ، ދީނުގެ އެއްވެސް ޞައްޙަ ނައްޞަކީ ޞައްޙަ އެއްވެސް ބުއްދިއަކާ ޚިލާފުވާނެ އެއްޗެއް ނޫނެވެ. އެއީ ތިމާއަށް ލިބިފައިވާ މަދު ޢިލްމަށް ނުވަތަ ކޮށި ވިސްނުމުގެ މައްޗަށް ބިނާކޮށް އެއްޗެށް، ކަމެއް، ނުވަތަ ގޮތެއް ޤަބޫލުކޮށްގެން ހުއްޓައި ،  އެއާ ޚިލާފަށް ﷲ ގެ ފޮތުގައި އާޔަތެއް ނުވަތަ ﷲ ގެ ނަބިއްޔާ صلى الله عليه وسلـم ގެ ސުންނަތުގައި ޙަދީޘެއް އައުމަކީ ، އެ ދެ މަޞްދަރު އެއްލާލަން ޖެހޭކަމުގެ ޙުއްޖަތެއް ނޫނެވެ. އެއާ ޚިލާފަށް އޭގެން ދަލީލު ލިބެނީ ތިމާގެ ބުއްދިއާއި ލިބިފައި ހުރި ޢިލްމުގެ ނިކަމެތިކަމެވެ. އެއްވެސް ޙާލެއްގައި ޞައްޙަ ޞަރީޙަ ނައްޞުތައް ގޯހީކީ ނޫނެވެ.

===ނުނިމޭ===