ޙައުލު (އަހަރު) ހަމަވުން
ޒަކާތް ވާޖިބުވުމުގައި ޙައުލު ހަމަވުން ޝަރުޠުވެގެންވުން
(ޒަކާތް ވާޖިބުވުމަށްޓަކައި) ޙައުލު ހަމަވުން ޝަރުޠުވެގެންވެއެވެ.([1]) އެއީ؛ ރަނާއި ރިއްސާއި، ނަޢަމްސޫފިންނާއި، ވިޔަފާރިމުދަލުގައެވެ.
ދަލީލުތައް؛
ފުރަތަމައީ؛ އަޘަރުތަކުން
(1) ޢަލީ رَضِيَ اللهُ عنه ގެ ކިބައިން ރިވާވެފައިވެއެވެ. ޢަލީގެފާނު ވިދާޅުވެފައިވެއެވެ. ((لَيْسَ فِي الـمَالِ زكَاةٌ حَتَّى يَحُوْلَ عَلَيْهِ الحَوْلُ))([2]) މާނައީ: “މުދަލަށް ޙައުލު ހަމަވެއްޖައުމަށްދާންދެން އެ މުދަލަކުން ޒަކާތް (ދެއްކުމެއް) ނުވެއެވެ.”
(2) އިބްނު ޢުމަރު رَضِيَ اللهُ عنهما ވިދާޅުވިއެވެ. ((مَنِ اسَتَفَادَ مَالًا فَلَا زكَاةَ فِيْهِ حَتَّى يَحُولَ عَلَيْهِ الحَوْلُ عِنْدَ رَبِّهِ))([3]) މާނައީ: “މީހަކު މުދަލުން ފައިދާ ހޯދާނަމަ، ރައްބުލްމާލުގެ އަތުގައިހުރެ، އެ މުދަލަށް ޙައުލު ހަމަވެއްޖައުމަށްދާންދެން އެ މުދަލަކުން ޒަކާތް (ދެއްކުމެއް) ނުވެއެވެ.”
ދެވަނައީ؛ އިޖްމާޢުން
ޒަކާތް ވާޖިބުވުމަށް ޙައުލު ހަމަވުން ޝަރުޠުވެގެންވާކަމަށް އިޖްމާޢު ނަޤުލުކުރައްވާފައިވާ ޢިލްމުވެރިންގެ ތެރޭގައި: އިބްނުލް މުންޛިރާއި([4])، އިބްނު ޙަޒްމާއި([5])، އިބްނު ޢަބްދުލް ބައްރާއި([6])، އިބްނު ރުޝްދާއި([7])، އިބްނު ޤުދާމާ([8]) ވެއެވެ. އަދި ޙައުލު ހަމަވުން ޝަރުޠުވެގެންނުވާކަމަށް އައިސްފައިވާ ބަހަކީ އިތުބާރުކުރެވޭފަދަ ބަހެއްނޫންކަމުގައި ޞިފަކުރެވިފައިވެއެވެ.([9])
މަސްއަލަ: ޙައުލު ހަމަނުވާކަމަށް މުދަލުގެ ވެރިފަރާތުން ދަޢުވާކޮށްފިނަމަ
ދޮގު ހަދާފާނެކަމަށް ތުހުމަތުކުރެވޭ މީހަކު ފިޔަވައި، މުދަލުގެ ވެރިޔާ، އޭނާގެ މުދަލަށް ޙައުލު ހަމަނުވާކަމަށް ދަޢުވާކޮށްފިނަމަ، ނުވަތަ ޒަކާތް ދައްކައިފިކަމަށް ދަޢުވާކޮށްފިނަމަ، އޭނާގެ ބަހަކީ ތެދުކުރެވޭނެ ބަހެކެވެ. މިކަމުގެ ދަލީލު އިޖްމާޢުން އައިސްފައިވެއެވެ. އިބްނު ޢަބްދުލް ބައްރު ވަނީ މިގޮތަށް އިޖްމާޢު ނަޤުލުކުރައްވާފައެވެ.([10])
ހަނދުމަހުން ޙައުލު ބެލުމަށް އުނދަގޫވެއްޖެނަމަ
ކުންފުނީގެ ނުވަތަ މުއައްސަސާގެ މިންކުރުންތައް މީލާދީ އަހަރުގެ މައްޗަށް ބިނާކޮށްފައިވުމުގެ ސަބަބުން، ހަނދުމަހުން ޙައުލު ހަމަކުރަން އުނދަގޫވެއްޖެނަމަ، މީލާދީ އަހަރުގެ މައްޗަށް ޙައުލު ބެލުމަކީ ހުއްދަކަމެކެވެ. މި ޙާލަތުގައި؛ ހިޖްރީ އަހަރަށްވުރެ މީލާދީ އަހަރުގައި ދުވަސްތައް ގިނަވާނެތީވެ، ޒަކާތަށް ނަގާ ނިސްބަތްވެސް އިތުރުކުރާނީއެވެ. އެހެންކަމުން، ޒަކާތް ނަގާނީ 2.577 އިންސައްތައެވެ. މިގޮތަށް؛ މި ޒަމާނުގައި ޒަކާތާބެހޭ މައްސަލަތަކާމެދު ބޭއްވިފައިވާ ނަދުވާތަކުން ޤަރާރު ނެރެފައިވެއެވެ.([11])
(ނުނިމޭ)
([1]) ޒަކާތުގައި ޝަރުޢީގޮތުން އިޢުތިބާރުކުރެވޭނީ ހަނދު އަހަރުން ޙައުލު ހަމަވުމަށެވެ. އަލްޤުރްޠުބީ ވިދާޅުވެފައިވެއެވެ. “ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا)) (التوبة: 36) މާނައީ: “ހަމަކަށަވަރުން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ.” މި އާޔަތުން ދަލީލުކުރަނީ؛ އަޅުކަމާއި އެނޫންވެސް ޙުކުމްތައް މިކަމާ ގުޅުވުމެވެ. އެކަންވާހުށީ؛ މަސްތަކާއި އަހަރުތައް ޢަރަބިން ދަންނަގޮތަށެވެ. ބާރަމަހަށްވުރެ އިތުރުނުވިޔަސް ޢަރަބިނޫންމީހުންނާއި، ރޫމީންނާއި، ޤިބްޠީން މަސްތައް ބަލައިއުޅޭ ގޮތަކަށް ނޫނެވެ. އެހެނީ، މިބައިބައިމީހުންގެ ޢަދަދުކުރުން (ޢަރަބިންނާ) ތަފާތެވެ. މިގޮތުން؛ ބައެއް މަސްތަކުގައި ތިރީސްދުވަހަށްވުރެ އިތުރުވެއެވެ. އަދި ބައެއް މަސްތަކުގައި މިއަށްވުރެ އުނިވެއެވެ. ޢަރަބިންގެ މަސްތައް، ބައެއް މަސްތަކުގައި ތިރީސްދުވަހަށްވުރެ މަދުވިޔަސް ތިރީސްދުވަހަށްވުރެ އިތުރެއްނުވާނެއެވެ.” ((تفسير القرطبي)) (8/133). އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. “ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ)) (البقرة: 189) މާނައީ: “ހުޅެވިހަނދާމެދު ކަލޭގެފާނާ އެބައިމީހުން ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި ޙައްޖުގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ.” ފަހެ، (މި އާޔަތުގައި) އެކަލާނގެ ޚަބަރުދެއްވާފައި އެވަނީ ހުޅެވިހަނދަކީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށްވާ އެއްޗެއްކަމެވެ. މިކަން އެންމެހާ ކަމެއްގެ މައްޗަށް ޢާއްމުވެގެންވެއެވެ. ޙައްޖުގެ ވާހަކަ ޚާއްޞަކުރައްވާފައި އެވަނީ ޙައްޖުގެ އަޅުކަން ޚާއްޞަކޮށް ފާހަގަކުރެއްވުމުގެ ގޮތުންނެވެ. ފަހެ، ފުރަތަމައިނުންވެސް ޝަރުޢުގައި ސާބިތުވެފައިވާ ޙުކުމްތަކުގެ ވަގުތުތައް މީސްތަކުންނަށް ބަޔާންކޮށްދޭ އެއްޗެއްގެ ގޮތުގައި މާތް ﷲ ވަނީ ހުޅެވިހަނދު ލައްވާފައެވެ. ނުވަތަ އަޅުކަންތައް (ކުރަންފެށުމުގެ) ސަބަބެއްކަމުގައި ލައްވާފައެވެ. އަދި އަޅެއްގެ ޝަރުޠުތައް ސާބިތުކުރެވޭ ޙުކުމްތަކަށްވެސްމެއެވެ. ފަހެ، ޝަރުޢުގައި ވަގުތެއް ކަނޑައަޅާފައިވާނަމަ ނުވަތަ ވަގުތެއް ޝަރުޠުކޮށްފައިވާނަމަ، ފަހެ، ހުޅެވިހަނދަކީ އެ ވަގުތު ބަލާނެ މިންގަނޑެވެ. މީގެ ތެރެއަށް؛ ރޯދައާއި، ޙައްޖާއި، އީލާކުރުން (އެބަހީ؛ ވަކި މުއްދަތަކަށް އަނބިމީހާއާ އެއްދާންކުރުން ދޫކޮށްލުން) އާއި ޢިއްދައިގެ މުއްދަތާއި، ކައްފާރާގެ ރޯދަ ވަންނާނެއެވެ… ހަމަމިފަދައިން ނަދުރުގެ ރޯދަފަދަ ކަންކަން ވަންނާނެއެވެ. ހަމަމިގޮތަށް؛ އަގުތަކާގުޅޭ ކަންކަމުގެ ޝަރުޠުތަކާއި، ސަލަމް ވިޔަފާރީގެ ދަރަންޏާއި، ޒަކާތާއި، ޖިޒްޔައާއި، ދިޔައާއި، ގަނެވިއްކުމުގެ އިޚްތިޔާރާއި، ހުވާއާއި، ކައިވެނީގެ ރަނުގެ މުއްދަތާއި، އަޅުން މިނިވަންކުރުމަށް ލިޔެވޭ ލިޔުންތަކާއި، ޤިޞާޞްގެ މައްސަލާގައި ޞުލްޙަވުމާއި، ފަސްކުރެވޭ ކޮންމެ ދަރަންޏަކާއި އެއްބަސްވުންފަދަ އެންމެހާ އެއްޗަކަށް ވަންނާނެއެވެ.” ((مجموع الفتاوى)) (25/133، 134). މި މަސްއަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނެތްކަން ނަޤުލުކުރައްވައި އިބްނު ޙަޒްމް ވިދާޅުވެފައިވެއެވެ. “ޙައުލު ވާހުށީ ޢަރަބިގޮތުންކަމުގައި އަހަރެމެން ބުނާ ބަސް ދަންނައެވެ. ފަހެ، ޙައުލެއްގައި ވަނީ ބާރަމައްސަރުކަމާމެދަކު އުއްމަތުގެ އެއްވެސް މީހަކު ޚިލާފުވެފައެއްނުވެއެވެ. އަދި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ)) (التوبة: 36) މާނައީ: “ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ.” ޙުރުމަތްތެރިވެގެންވާ މަސްތައް ޢަރަބި މަސްތަކުންނޫނީ ނުވާނެއެވެ. އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ)) (البقرة: 189) މާނައީ: “ހުޅެވިހަނދާމެދު ކަލޭގެފާނާ އެބައިމީހުން ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި ޙައްޖުގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ.” އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ)) (يونس: 5) މާނައީ: “(އެއީ) ތިޔަބައިމީހުން އަހަރުތަކުގެ ޢަދަދާއި (މައްސަރުތަކާއި ދުވަސްތަކުގެ) ޙިސާބު ދެނެގަތުމަށްޓަކައެވެ.” ހުޅެވިހަނދުން ޢަރަބި އަހަރު ނޫނީ ޢަދަދުނުކުރެވޭނެއެވެ. މަސްތަކުގެ މައްޗަށް ވަގުތު ކަނޑައެޅިގެންވާ ޝަރުޢީކަމެއް، ނުވަތަ އަހަރު ހަމަވާންޖެހޭކަމެއް ޢަރަބި މަހުންނޫނީ، ނުވަތަ ޢަރަބި އަހަރުން ނޫނީ ވާޖިބުވެގެން ނުވާނެކަމަށްވާ ބަސް ޞައްޙަވެގެންވެއެވެ.” ((المحلى)) (4/76).
([2]) أخرجه أحمد (1265)، وعبد الرزاق في ((المصنف)) (7023)، وابن أبي شيبة في ((المصنف)) (10214)، والدارقطني (1892). قال ابن حزم في ((المحلى)) (6/39): ثابت، وصحح إسناده أحمد شاكر في تعليقِه على المسند (2/311)، وحسن إسناده ابن باز في ((حاشية بلوغ المرام)) (377).
([3]) رواه الترمذي (632)، وعبد الرزاق في ((المصنف)) (7030)، والدارقطني (1895)، والبيهقي (4/104) (7572). قال الترمذي: (هذا أصحُّ من حديث عبد الرحمن بن زيد [يعني المرفوع]، وقال البيهقي في ((السنن الصغير)) (2/48): (رُوي من وجهٍ آخَرَ ضعيفٍ مرفوعًا)، وصصحه المباركفوري في ((تحفة الأحوذي)) (3/27)، وصحَّح إسنادَه موقوفًا الألبانيُّ في ((صحيح سنن الترمذي)) (632): وقال: (وهو في حُكم الرفع).
([4]) އިބްނުލް މުންޛިރު ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން، މުދަލަށް ޙައުލު ހަމަވެއްޖެނަމަ، އެ މުދަލަކުން ޒަކާތްދިނުން ވާޖިބުވާނެކަމަށް އިޖްމާޢުވެފައިވެއެވެ.” ((الإجماع)) لابن الـمـُنْذِر (ص: 47). އަދިވެސް ވިދާޅުވެފައިވެއެވެ. “އިޖްމާޢުވެފައިވާގޮތުގައި: މުދަލުގައި ޒަކާތް ވާޖިބުވާހުށީ ޙައުލަކަށް (އެބަހީ: އަހަރަކަށް) އެޅުމުންނެވެ. ފަހެ، މުދަލުގެ ވެރިޔާގެ މައްޗަށް ޒަކާތް ދެއްކުން ވާޖިބުވުމަށްފަހު؛ އެ ޒަކާތް އޭނަގެ ކިބައިން (ޒަކާތުގެ ގޮތުގައި) ފުދިގެންވާނެއެވެ.” ((الإجماع)) لابن الـمـُنْذِر (ص: 47).
([5]) އިބްނު ޙަޒްމު ވިދާޅުވެފައިވެއެވެ. “އުއްމަތުގެ އިޖްމާޢުގައި ވަނީ ޙައުލު ހަމަވުމުން ޒަކާތް ވާޖިބުވާނެކަމަށެވެ. އަދި ޙައުލު ހަމަވުމުގެ ކުރިން ޒަކާތް ވާޖިބުވާނެކަމަށް (ޢިލްމުވެރިން) އެއްބަހެއްނުވެއެވެ.” ((المحلى)) (4/215) رقم (693). އަދިވެސް ވިދާޅުވެފައިވެއެވެ. “އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި: ކޮންމެ ޙައުލެއް ހަމަވުމުން ކޮންމެ މުދަލަކުން ޒަކާތްދިނުން ތަކުރާރު ކުރަންޖެހޭނެއެވެ. ދަނޑުގޮވާމާއި، މޭވާ ފިޔަވައެވެ. ފަހެ، އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި: މިތަކެތިން ޒަކާތް ނެރެންޖެހޭނީ ހަމައެކަނި އަހަރަކު އެއްފަހަރުއެވެ.” ((مراتب الإجماع)) (ص: 38).
([6]) އިބްނު ޢަބްދުލް ބައްރު ވިދާޅުވެފައިވެއެވެ. “ދަނޑުންނާއި، މޭވާއިންނާއި، ގޮވާންތަކުގެ ޒަކާތް ދަންނައެވެ. ފަހެ، އެތަކެތިން ޒަކާތް ވާޖިބުވާނީ އެ ތަކެތި ކަނޑާއިރުގައްޔާއި، އެތަކެތި ސާފުކޮށް، އެތަކެތީގެ އޮށްތައް ވަކިކުރުމަށްފަހު މުގުރާއިރުއެވެ. ދަނޑެއް ދޫކޮށްކުރުމަށްފަހު، ނުވަތަ ވިއްކުމަށްފަހު، ނުވަތަ ކަދުރުރުއް ފޯދި، އޭގައި ކަދުރުއެޅުމަށް ފައްކާވުމަށްފަހު މަރުވެއްޖެމީހާގެ ކިބައިން ޒަކާތް ވާޖިބުވާނީވެސް މިގޮތަށެވެ. އަދި ކަނޑާފައިވާ ތަކެތިންނާއި، ހިކިފައިވާ ތަކެތިންނާއި، ދަނޑު ހެއްދުމަށްޓަކައި ފެން ބޭނުން ނުވުންފަދަ ކަންކަމުގައިވެސް ބަލާނީ މި މިންގަނޑަށެވެ. އިތުބާރުނުކުރެވޭ ބަސްތައް ފިޔަވައި، މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނެތި އިޖްމާޢުވެފައިވާ ކަމެކެވެ. އަދި ޖަމަލާއި، ގެރިއާއި، ބަކަރި ދަންނައެވެ. މި ޖަނަވާރުތަކުން ޒަކާތް ވާޖިބުވާނީ ޙައުލާއި ނިޞާބު ފުރިހަމަވުމުންނެވެ. އެންމެހާ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ މިގޮތުގެ މައްޗަށެވެ. ހަމައެކަނި މާލިކުގެފާނުގެ އަރިހުން ރިވާވެފައިވާ ބަސްފުޅެއް މެނުވީއެވެ. މާލިކުގެފާނު ވިދާޅުވިއެވެ. ‘(ނަޢަމްސޫފިން) ޒަކާތް ވާޖިބުވާނީ ޙައުލު ފުރިހަމަވެ، އެ މުއްދަތު ފަހަނައަޅައިދިޔުމުންނެވެ. ދަންނަބޭކަލުންގެ އަރިހުގައި މީގެ މާނައަކީ: ޙައުލު ފުރިހަމަވެ، އެ މުއްދަތު ފަހަނައެޅުމުން މެނުވީ ހުއިހައްޕާމީހާ އެތަކެތިން ޒަކާތް ނެރޭކަށް ނުޖެހޭނެއެވެ. އެހެންކަމުން، މުއްދަތު ފަހަނައެޅުމަކީ ޙައުލު ފުރިހަމަވިކަމުގެ ޢަލާމާތެކެވެ. އަދި ރަނާއި ރިހި ދަންނައެވެ. މީގެން އެއްވެސް އެއްޗަކަށް ޙައުލު ފުރިހަމަވެގެން މެނުވީ ޒަކާތް ވާޖިބެއްނުވާނެއެވެ. ޖުމްހޫރު ޢިލްމުވެރިންގެ ބުރަވެވަޑައިގަންނަވަނީ މިގޮތަށެވެ. މިގޮތާ ޚިލާފަށް؛ އައިސްފައިވާ ބަސްފުޅުތަކަކީ އިތުބާރުނުކުރެވޭފަދަ ބަސްފުޅުތަކެކެވެ. ތިމަންނައަށް އެނގިގެން ޚިލާފަށް އައިސްފައިވަނީ އިބްނު ޢައްބާސްއާއި، މުޢާވިޔަތުގެފާނުގެ ކިބައިން ރިވާވެފައިވާކަމަށް އައިސްފައިވާ ރިވާޔަތްތަކެކެވެ. އެ ދެ ބޭކަލުން ވިދާޅުވާކަމުގައިވެއެވެ. ރަނާއި ރިއްސަށްވާ ނިޞާބު ހަމަވާ ވަރަށް މިތަކެތި މިލްކުވެއްޖެމީހަކު ވަގުތުން ޒަކާތް ދެއްކުން ވާޖިބުވާނެއެވެ. މި ބަސްފުޅަކީ ޢިލްމުވެރިން މި ބަސްފުޅަށް ބުރަވެވަޑައިގަންނަވާ ބަސްފުޅެއްނޫނެވެ. އަދި އައުޒާޢީގެ ފަރާތުން އައިސްފައިވާ ރިވާޔަތެއްގައި މެނުވީ، ފަތުވާދެއްވާ އެއްވެސް އިމާމުވެރި ބޭކަލަކުވެސް މި ފަދައިން ވިދާޅެއްނުވެއެވެ.” ((التمهيد)) (20/155).
([7]) އިބްނު ރުޝްދު ވިދާޅުވެފައިވެއެވެ. “ޒަކާތުގެ ވަގުތު ދަންނައެވެ. ފަހެ، ހަމަކަށަވަރުން ރަނާއި، ރިހިންނާއި، ނަޢަމްސޫފިން ޒަކާތް ވާޖިބުވުމަށް ޙައުލު ހަމަވުމަކީ ޖުމްހޫރު ފިޤްހުވެރިން ޝަރުޠުކުރައްވާކަމެކެވެ. އެއީ؛ ހަތަރު ޚަލީފާއިންނާއި، ޞަޙާބީން رَضِيَ اللهُ عنهم ގެ މެދުގައި އެކަން ފެތުރިފައިވުމާއި، އެގޮތަށް ޢަމަލުކުރުން ފެތުރިފައިވާތީއެވެ. އަދި މިކަމުގައި ޚިލާފެއްނެތި އެހާބޮޑަށް މިގޮތަށް ފެތުރިފައިވާކަމަށް އެބޭކަލުން ޤަބޫލުކުރައްވާތީއެވެ. މިކަމަކީ ތައުޤީފީކަމަކަށް ނުވާނަމަ މިގޮތަށް މިކަން ނުވީހެވެ. އިބްނު ޢުމަރު، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން މަރްފޫޢުކޮށް ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((لَا زكَاةَ فِيْ مَالٍ حَتَّى يَحُولَ عَلَيْهِ الحَوْلُ)) މާނައީ: “މުދަލަކަށް ޙައުލު ހަމަވެއްޖައުމަށްދާންދެން އެ މުދަލަކުން ޒަކާތް (ދެއްކުމެއް) ނުވެއެވެ.” އެންމެހާ ކަންކޮޅުތަކެއްގެ ފިޤްހުވެރިން މިކަމުގެ މައްޗަށް އިޖްމާޢުވެފައިވެއެވެ.” ((بداية المجتهد)) (1/270).
([8]) އިބްނު ޤުދާމާ ވިދާޅުވިއެވެ. “ފަހެ، ހަމަކަށަވަރުން މުދަލުގެ ތެރެއިން ޒަކާތް ނެރެންޖެހެނީ ފަސް ބާވަތަކުންނެވެ. އެއީ: ނަޢަމްސޫފީންނާއި، އަގުކުރެވޭ ތަކެތިންނެވެ. އެއީ: ރަނާއި ރިއްސެވެ. އަދި ވިޔަފާރީގެ މުދަލުންނެވެ. މި ތިން ބާވަތުގެ ތަކެތިން ޒަކާތް ވާޖިބުވުމަށް ޙައުލު ހަމަވުމަކީ ޝަރުޠެކެވެ. މިކަމުގައި ޚިލާފެއްވާކަމެއް ތިމަންމެނަކަށް އެނގިގެނެއްނުވެއެވެ.” ((المغني)) (2/467).
([9]) ((التمهيد)) لابن عبدِ البَرِّ (20/155)، ((بداية المجتهد)) لابن رشد (1/270)، ((المجموع)) للنووي (5/361).
([10]) އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ. “މަހެއްހާދުވަސްކުރިން ފެށިގެން ނޫނީ މި މުދަލުން ތިމަންނައަށް ފައިދާއެއް ނުވެއޭ، އަދި އެ މުދާ ތިމަން އަތުގައިހުރެ ޙައުލު ހަމައެއްނުވެއޭ ޒަކާތް ނަގާ ފަރާތްތަކަށް މުދަލުގެ ވެރިޔާ ބުނެ، ޙައުލު ހަމަނުވާކަމަށް ދަޢުވާކޮށްފިނަމަ، އޭނާގެ ބަހަކީ ތެދުކުރެވިގެންވާ ބަހެކެވެ. ހަމަމިފަދައިން؛ ތިމަންނަ ޒަކާތް ދީފީމޭ ބުނެއްޖެނަމަވެސް (އޭނާގެ ބަސް ޤަބޫލުކުރެވޭނެއެވެ.). އަދި އޭނާ ލައްވާ ހުވާކުރުވުމެއްނުވެއެވެ. ދޮގުހަދާކަމަށް ތުހުމަތުކުރެވޭމީހަކު ފިޔަވައެވެ. މިއީ އެގޮތެއްގެ މައްޗަށް ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވާގޮތެވެ.” ((الاستذكار)) (3/166).
([11]) ((أحكام وفتاوى الزَّكاة والنذور والكفارات)) – بيت الزَّكاة الكويتي (ص 20).