މުދާ ކަންޒުކުރުން
ޝަރުޢުގައި މަނާކުރައްވާފައިވާ މުދަލުގެ ކަންޒަކީ އެ ކަންޒަކުން ޒަކާތް ނުދޭ ކަންޒެވެ. ފަހެ، އެ ކަންޒަކުން ޒަކާތް ދީފައިވާ ކަންޒަކީ (މަނާވެގެންވާ) ކަންޒެއް ނޫނެވެ. އެއީ ވަޅުލާއިފައިވާ ކަންޒެއްވިޔަސް ނުވަތަ ފެންނަގޮތަށްހުރި ކަންޒެއްވިޔަސްމެއެވެ. ފިޤްހު ޢިލްމުވެރިންގެ ތެރެއިން އެކި ހިސާބުތަކުގެ ގިނަ ފިޤްހުވެރިން ވިދާޅުވަނީ މިގޮތަށެވެ.([1]) އަދި ގިނަ ޢިލްމުވެރިންވެސް ވިދާޅުވަނީ މިގޮތަށެވެ.([2])
ދަލީލުތައް؛
ފުރަތަމައީ؛ ޤުރްއާނުން
(1) ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ * يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ)) (التوبة: 34-35) މާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، އެބައިމީހުންނަށް ކަލޭގެފާނު ދެއްވާށެވެ! (އެގޮތުގެމަތިން) އެބައިމީހުން، އެއްކޮށް ޚަޒާނާކުޅަ، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން، އެބައިމީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި ޖެއްސެވޭނެއެވެ. (އަދި އަންގަވާނެތެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ޚަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކޭށެވެ!”
މި އާޔަތުން ދަލީލުނެގޭ ގޮތް؛
މަނާވެގެންވާ ކަންޒުގެ ތަފްޞީލުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ ((وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ)) މާނައީ: “ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!)” ފަހެ، އެ ކަންޒަކުން ވާޖިބުކުރައްވާފައިވާ ހޭދަކުރުންތައް ހޭދަނުކުރާކަމުގައިވާނަމަ އެއީ (މަނާވެގެންވާ) ކަންޒެކެވެ. އަދި އިންސާނާގެ މައްޗަށް ވާޖިބުކުރައްވާފައިވާ ހޭދަކުރުންތައް ހޭދަކުރާނަމަ އެއީ އެފަދަ ކަންޒެއް ނޫނެވެ. އެއީ ބިމުގައި ވަޅުލާފައިވާ ކަންޒެއްނަމަވެސްމެއެވެ. އެކި ހިސާބުތަކުގެ ފިޤްހުވެރިންގެ ތަފްސީރަކީ މިއީއެވެ.([3])
(2) ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((يُوصِيكُمُ اللَّـهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ)) (النساء: 11) މާނައީ: “ތިޔަބައިމީހުންގެ ދަރިންނާމެދު، ﷲ ތިޔަބައިމީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ.”
މި އާޔަތުން ދަލީލުނެގޭ ގޮތް؛
ވާރުތަމުދަލާބެހޭގޮތުން އައިސްފައިވާ އާޔަތްތަކުން ދަލީލުކުރާގޮތުގައި؛ ތަރިކަ ދޫކުރި މައްޔިތާގެ ފަރާތުން އޭނާގެ ވާރިސުންނަށް މާތް ﷲ ވަނީ މިންވަރު ކަނޑައަޅުއްވާފައެވެ. ވާރުތަމުދަލުން ވާރިސުންނަށް މިގޮތަށް މިންވަރެއް ލިބޭނީ މައްޔިތާ މުދަލެއް ފޮރުވާފައި ބެހެއްޓުމުންނެވެ.([4])
(3) ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ)) (البقرة: 286) މާނައީ: “އެ ނަފްސެއް ހޯދި ހެޔޮކަމެއް (ގެ ސަވާބު) އެ ނަފްސަކަށް ވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ ޢުޤޫބާތް) އެ ނަފްސެއްގެ މައްޗަށްވެއެވެ.”
މި އާޔަތުން ދަލީލުނެގޭ ގޮތް؛
މި އާޔަތުން ދަލީލުކުރާގޮތުގައި އިންސާނާ ހޯދައިގަންނަ ކޮންމެ އެއްޗަކީ އޭނާގެ ޙައްޤެކެވެ.([5])
ދެވަނައީ؛ ސުންނަތުން
(1) އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللهُ عنه ވިދާޅުވިއެވެ. ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. ((لَيْسَ فِيمَا دُونَ خَمْسِ أَوَاقٍ صَدَقَةٌ، وَلَا فِيمَا دُونَ خَمْسِ ذَوْدٍ صَدَقَةٌ، وَلَا فِيمَا دُونَ خَمْسِ أَوْسُقٍ صَدَقَةٌ))([6]) މާނައީ: “ފަސް އޫޤިއްޔާ (އެބަހީ؛ 200 ދިރުހަމް) ހަމަނުވާ (ރިހިން) ޒަކާތްދިނުމެއް ނުވެއެވެ. އަދި ފަސް ޖަމަލު ހަމަނުވާނަމަ ޒަކާތްދިނުމެއް ނުވެއެވެ. އަދި ފަސް ވަސަޤު (އެބަހީ؛ ކަދުރާއި ގޮވާމުން 300 ޞާޢު ނުވަތަ ގޮދަނުން ގާތްގަނޑަކަށް 612 ކިލޯ) ހަމަނުވާނަމަ ޒަކާތްދިނުމެއް ނުވެއެވެ.”
މި ޙަދީޘުން ދަލީލުނެގޭ ގޮތް؛
މި ޙަދީޘުން ދޭހަކޮށްދެނީ؛ ފަހަކަށްވުރެ ގިނަވެއްޖެނަމަ ޒަކާތްދިނުންވެއެވެ. ޒަކާތް ނެރުމަށްފަހު ދެން އިތުރަށް ހުންނައެއްޗަކީ (މަނާވެގެންވާ) ކަންޒެއްކަމަކަށް ނުބެލެވެއެވެ. ފަހެއް ހަމަނުވާކަމުގައިވާނަމަ އެ މުދަލަކުން ޒަކާތް ނެރުންވަނީ މަޢާފުކުރައްވާފައެވެ. އެހެންކަމުން، މިއީވެސް އެފަދަ ކަންޒެއް ނޫނެވެ.([7])
(2) ސަޢުދު ބުން އަބީ ވައްޤާޞް رَضِيَ اللهُ عنه ވިދާޅުވިއެވެ. ((كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعُودُنِي عَامَ حَجَّةِ الوَدَاعِ مِنْ وَجَعٍ اشْتَدَّ بِي، فَقُلْتُ: إِنِّي قَدْ بَلَغَ بِي مِنَ الوَجَعِ وَأَنَا ذُو مَالٍ، وَلاَ يَرِثُنِي إِلَّا ابْنَةٌ، أَفَأَتَصَدَّقُ بِثُلُثَيْ مَالِي؟ قَالَ: «لاَ» فَقُلْتُ: بِالشَّطْرِ؟ فَقَالَ: «لاَ» ثُمَّ قَالَ: «الثُّلُثُ وَالثُّلُثُ كَبِيرٌ – أَوْ كَثِيرٌ – إِنَّكَ أَنْ تَذَرَ وَرَثَتَكَ أَغْنِيَاءَ، خَيْرٌ مِنْ أَنْ تَذَرَهُمْ عَالَةً يَتَكَفَّفُونَ النَّاسَ، وَإِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلَّا أُجِرْتَ بِهَا، حَتَّى مَا تَجْعَلُ فِي فِي امْرَأَتِكَ»))([8]) މާނައީ: “ޙައްޖަތުލް ވަދާޢުގެ އަހަރުގައި ތިމަންނައަށް ޖެހުނު ބައްޔެއްގައި ތިމަން ވަނިކޮށް، ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ތިމަންގެ ގާތަށް ޒިޔާރަތްކުރައްވާކަމުގައިވިއެވެ. ފަހެ، ތިމަންނަ ދެންނެވީމެވެ. ތިމަންނައަށް މިވަނީ ބައްޔަކާ ކުރިމަތިލާންޖެހިފައެވެ. ތިމަންނައަކީ މުދާ ހުރި މީހަކީމެވެ. އަދި އެންމެ އަންހެން ދަރިއެއް މެނުވީ ތިމަންނަގެ ނެތެވެ. ތިމަން އެއިގެތެރެއިން ތިންބައިކުޅަ ދެބައި ޞަދަޤާތްކުރަންތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ނޫނެކެވެ.” ފަހެ، ތިމަންނަ ދެންނެވީމެވެ. ދެބައިކުޅަ އެއްބައެވެ؟ ފަހެ، ޙަދީޘް ކުރެއްވިއެވެ. “ނޫނެކެވެ.” ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިންބައިކުޅަ އެއްބައެވެ. ތިންބައިކުޅަ އެއްބައި ބޮޑެވެ. ނުވަތަ ގިނައެވެ. ހަމަކަށަވަރުން، ތިބާ، ތިބާގެ ވާރުތަވެރިން ފުދިގެންވާޙާލުގައި ދޫކުރުމަކީ، އެބައިމީހުން މީސްތަކުންގާތަށް އެހީއަށް އެދޭނެފަދަގޮތަށް ދޫކުރުމަށްވުރެ ހެޔޮވެގެންވާ ގޮތެކެވެ. އަދި ﷲގެ ވަޖުހުފުޅުއަދައިގެން ތިބާ އެއްޗެއް ހޭދަކޮށްފިކަމުގައިވާނަމަ، އެ އެއްޗަކަށް އަޖުރު ނުލިބިނުދެއެވެ. އެއީ ތިބާގެ އަނބިމީހާގެ އަނގައަށް ލަވާލާ ސުވާކޮޅަށް ދާންދެނެވެ.”
ތިންވަނައީ؛ އަޘަރުން
(1) ޚާލިދު ބުން އަސްލަމް ވިދާޅުވިއެވެ. “ތިމަންމެން ޢަބްދުﷲ ބުން ޢުމަރު رَضِيَ اللهُ عنهما އާއެކު ނުކުތީމެވެ. އެހިނދު އަޢުރާބީއަކު ދެންނެވިއެވެ. މާތް ﷲގެ ވަޙީ ބަސްފުޅު ((وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ)) (التوبة: 34) މާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!)”، މި އާޔަތާބެހޭގޮތުން ޚަބަރުދެއްވަ ބައްލަވާށެވެ. އިބްނު ޢުމަރު رَضِيَ اللهُ عنهما ވިދާޅުވިއެވެ. “މުދާ ކަންޒުކޮށް، އެއިން ޒަކާތް ނުދޭކަމުގައިވާނަމަ އެމީހަކަށް ހަލާކުހުއްޓެވެ. މުދާ ކަންޒުކުރުން (މަނާވެފައިވަނީ) ޒަކާތް ބާވާލެއްވުމުގެ ކުރިންނެވެ. ފަހެ، ޒަކާތް ބާވާލެއްވުމުން، ޒަކާތަކީ މުދާތައް ޠާހިރުކޮށްދޭ އެއްޗެއްކަމުގައި ލެއްވިއެވެ.”([9])
(2) ޢަބްދުﷲ ބުން ދީނާރު ވިދާޅުވިއެވެ. “(ޝަރުޢުގައި މަނާކުރައްވާފައިވާ) ކަންޒަކީ ކޮބައިތޯ އިބްނު ޢުމަރާ ސުވާލުކުރެވުނު އަޑު ތިމަން އެހީމެވެ. ފަހެ، އެހިނދު ވިދާޅުވިއެވެ. “އެއީ އެ މުދަލަކުން ޒަކާތް ނުދައްކާ މުދަލެވެ.”([10])
______________________________________
([1]) އިބްނު ޢަބުދުލްބައްރު ވިދާޅުވިއެވެ. ” ޢަބްދުﷲ ބުން ދީނާރު ވިދާޅުވިއެވެ. “(ޝަރުޢުގައި މަނާކުރައްވާފައިވާ) ކަންޒަކީ ކޮބައިތޯ އިބްނު ޢުމަރާ ސުވާލުކުރެވުނު އަޑު ތިމަން އެހީމެވެ. ފަހެ، އެހިނދު ވިދާޅުވިއެވެ. “އެއީ އެ މުދަލަކުން ޒަކާތް ނުދައްކާ މުދަލެވެ.” … (ތައުބާ ސޫރަތުގައިވާ) ކަންޒުގެ މާނައަކީ ކޮބައިކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އައިސްފައިވެއެވެ. ފަހެ، އެބޭކަލުންކުރެ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ އިބްނު ޢުމަރު އެ ވިދާޅުވިފަދައިންނެވެ. އެކި ހިސާބުތަކުގެ ގިނަ ފިޤްހުވެރިން ވިދާޅުވަނީ މިގޮތަށެވެ.” ((الاستذكار)) (3/172، 173)، وينظر: ((المجموع)) للنووي (6/12)، ((فتح الباري)) لابن حجر (3/273).
([2]) އިބްނު ޢަބްދުލްބައްރު ވިދާޅުވިއެވެ. “ކަންޒާބެހޭގޮތުން ސަލަފުއްޞާލިޙުންގެ ތެރެއިންނާއި އެއިގެފަހުން ވަޑައިގެންނެވި ޢިލްމުވެރިންކުރެ ގިނަ ޢިލްމުވެރިން ވިދާޅުވެލައްވަނީ އިބްނު ޢުމަރު ވިދާޅުވެފައިވާ ފަދައިންނެވެ.” الاستذكار (3/174)، އަންނަވަވީ ވިދާޅުވިއެވެ. “އަލްޤާޟީ (ޢިޔާޟް) ވިދާޅުވިއެވެ. ޤުރްއާނާއި ޙަދީޘްގައި އައިސްފައިވާ ކަންޒާބެހޭގޮތުން ސަލަފުންގެ ބޭކަލުންގެ މެދުގައި އިޚްތިލާފު އައިސްފައިވެއެވެ. ފަހެ، އެއިގެތެރެއިން ގިނަ ބޭކަލުން ވިދާޅުވަނީ: އެއީ ޒަކާތް ވާޖިބުވެ، ޒަކާތް ނުދައްކާ ކޮންމެ މުދަލެކެވެ. ޒަކާތް ނެރިއްޖެ މުދަލަކީ ކަންޒެއް ނޫނެވެ…. އަދި ފަތުވާދެއްވާ އިމާމުވެރި ބޭކަލުން ފުރަތަމަ ބަހަށް (އެބަހީ؛ މި ބަޔާންކުރެވުނު ބަހަށް) އިއްތިފާޤުވެވަޑައިގެންފައިވެއެވެ. އަދި ޞައްޙަ ގޮތަކީވެސް މިއެވެ.” ((شرح النووي على مسلم)) (7/68).
([3]) ((الاستذكار)) لابن عَبدِ البَرِّ (3/173)، ((طرح التثريب في شرح التقريب)) للعراقي (4/7)، ((مجموع فتاوى ورسائل العُثيمين)) (18/516، 517).
([4]) ((الموسوعة الفقهية الكويتية)) (2/348).
([5]) ((الموسوعة الفقهية الكويتية)) (35/166).
([6]) رواه البخاري (1405)، ومسلم (979).
([7]) ((فتح الباري)) لابن حجر (3/272).
([8]) رواه البخاري (1295)، ومسلم (1628).
([10]) رواه مالك (2/361)، والشافعي في ((المسند-ترتيب سنجر)) (684)، والبيهقي (4/83) (7483). صحَّحه موقوفًا البيهقيُّ، وابن الأثير في ((شرح مسند الشافعي)) (3/10)، وصحَّح إسنادَه النوويُّ في ((المجموع)) (6/13)، والألبانيُّ في ((سلسلة الأحاديث الصحيحة)) (2/103).