الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ކޮންމެ ފަރުޟު ނަމާދެއް ކުރުމަށް ފަހުގައިވެސް ސުންނަތް ނަމާދެއް ކުރަން ބޭނުންވާ މީހާ، އެ ހުރިތަން ބަދަލުކޮށްލުމަށް ނުވަތަ ވާހަކައެއް ދައްކާލުމަށް ފަހުގައި މެނުވީ ސުންނަތް ނަމާދު ނުފެށުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ.
***********************
عُمَرُ بْنُ عَطَاء بْن أَبِي الْخُوَار ވިދާޅުވިއެވެ. نَافِع بْنَ جُبَيْر އެކަލޭގެފާނު ސާއިބުގެ އަރިހަށް ފޮނުއްވިއެވެ. – އެއީ نَمِر ގެ އުޚްތުގެ ދަރިއެވެ. – އެކަލޭގެފާނު ފޮނުއްވީ މުޢާވިޔާ رضي الله عنه ގެ އަރިހުން ނަމާދުގައި އެކަލޭގެފާނަށް ފެނިވަޑައިގެން ކަމަކާމެދު ސުވާލު ދަންނަވާށެވެ. ފަހެ ވިދާޅުވިއެވެ. އާދޭހެވެ. އަލްމަޤްޞޫރާގައި [1] އެކަލޭގެފާނާއެކު ތިމަންކަލޭގެފާނު ހުކުރު ނަމާދު ކުރެއްވީމެވެ. ފަހެ އިމާމު ސަލާމް ދެއްވުމުން، ތިމަންކަލޭގެފާނު ތެދުވެ، އެ ހުންނެވި ފިޔަވަޅުގެ މަތީގައި ހުންނަވައިގެން (ސުންނަތް ނަމާދު) ކުރެއްވީމެވެ. ފަހެ އެކަލޭގެފާނު ވެދެވަޑައިގެން މީހަކު ފޮނުވައިގެން ތިމަންކަލޭގެފާނު ގެންނަވާފައި ވިދާޅުވިއެވެ.
«لَا تَعُدْ لِمَا فَعَلْتَ، إِذَا صَلَّيْتَ الْجُمُعَةَ، فَلَا تَصِلْهَا بِصَلَاةٍ حَتَّى تَكَلَّمَ أَوْ تَخْرُجَ، فَإِنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَمَرَنَا بِذَلِكَ، أَنْ لَا تُوصَلَ صَلَاةٌ بِصَلَاةٍ حَتَّى نَتَكَلَّمَ أَوْ نَخْرُجَ». [أخرجه مسلم في صحيحه، كتاب: الجمعة ، باب: الصلاة بعد الجمعة برقم: 73 – (883)]
މާނައީ: “ތިޔަ ކުރެއްވިހެން އެހެން ފަހަރަކުން ނުކުރައްވާށެވެ. ހުކުރު ނަމާދު ކުރެއްވުމަށް ފަހުގައި އެނަމާދާއި ގުޅުވައިގެން އެހެން ނަމާދެއް ނުކުރައްވާށެވެ. އެއީ އެދެމުގައި ވާހަކައެއް ދެއްކުމަށް ދާންދެނެވެ. ނުވަތަ (މިސްކިތުން) ނުކުންނެވުމަށް ދާންދެނެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسلم އެފަދައިން ތިމަން ބޭކަލުންނަށް އަމުރުކުރައްވާފައިވެއެވެ. އެއީ އެއް ނަމާދު އަނެއް ނަމާދާ ނުގުޅުވުމަށެވެ. އެދެމުގައި ވާހަކައެއް ދެއްކުމަށް ދާންދެނެވެ. ނުވަތަ މިސްކިތުން ނުކުންނެވުމަށް ދާންދެނެވެ.”
މިޙަދީޘުން ދަލީލު ލިބެނީ ފަރުޟު ނަމާދާއި ސުންނަތް ނަމާދު ވަކިކޮށްލުން ޝަރުޢު ކުރައްވާފައިވާ ކަމެވެ. އެއީ އެދެމެދުގައި ވާހަކައެއް ދެއްކުމެވެ. ނަމާދުގެ ފަހުން ކިޔާ ޛިކުރުތައް ނުވަތަ އެހެން ވާހަކައެއް ދެއްކިޔަސް އެކަމަށް ފުދިގެންވެއެވެ. ނުވަތަ އެއް ތަނުން އަނެއް ތަނަށް ބަދަލުވިޔަސް އެކަން ޙާޞިލުވާނެއެވެ. [2] އެއީ ފަރުޟު ނަމާދާއި ސުންނަތް ނަމާދު ފަރަޤުކުރުމަށެވެ. އަދި ފަރުޟު ނަމާދަށް އިތުރުކުރުމެއް ގެނެސްދާނެތީ އެކަމުން ރައްކާތެރިވުމުގެ ގޮތުންނެވެ. އިބްނު ޢުމަރު رضي الله عنه ގެ އަރިހުން ޞައްޙަ ސަނަދަކުން އިބްނު މުންޛިރާއި އަލްބައިހަޤީ ރިވާކުރެއްވިއެވެ.
ހުކުރު ނަމާދަށް ފަހު މީހަކު އޭނާ ނަމާދުކުރި ތަނުގައި ހުރެގެން ނަމާދުކުރާތީ އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. ފަހެ އެކަލޭގެފާނު އެމީހާ އެއްފަރާތް ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ހުކުރު ނަމާދުގައި ހަތަރު ރަކުޢަތް ކުރަނީ ހެއްޔެވެ؟
އިސްލާމީ ޝަރީޢަތުގައި މިމައްސަލައާ އެއްގޮތް އެހެން މައްސަލަތަކެއްވެސް ވެއެވެ. އެއީ (ރޯދަ ވީއްލާ ވަގުތު ޖެހުމުން) ރޯދަ ވީއްލުން ފަސްނުކުރުމާއި (ފަތިސް ނަމާދު ބަންގިއާ ހަމައަށް) ހާރު ކެއުން ފަސްކުރުމާއި ފިޠުރު ޢީދު ނަމާދަށް ދިޔުމުގެ ކުރިން އެއްޗެއް ކެއުމާއި ރަމަޟާންމަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަހިފުން ނަހީކުރެއްވުން ހިމެނެއެވެ.
މިހުރިހާ ކަމަކީވެސް އަމުރުކުރައްވާފައިވާ ކަމަކާ އެނޫން ކަމަކާ އެކު ވެދާނެތީ އަދި އާދައަކާ އެހެންކަމަކާ އެކުވެދާނެތީ ލައްވާފައިވާ ކަންކަމެވެ.
އަދި މިނޫން އެހެން ޙިކުމަތެއްވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެއީ އަޅުކަން ކުރާ ތަންތަން އިތުރުކުރުމަށެވެ. އިމާމު ބުޚާރީއާއި ބައިހަޤީއަށް އައްޝައުކާނީ ވަނީ އެބަސްފުޅު ނިސްބަތްކުރައްވާފައެވެ. އެހެނީ އަޅުކަން ކުރާ ތަންތަން އެތަނުގައި އަޅުކަންކުރާ މީހުންނަށް ހެކިވާނެއެވެ. އެއީ އަންނަނިވި އާޔަތުގެ ޢާންމު ޞީޣާއިން ނަންގަވާފައި މާނައެކެވެ.
﴿فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ﴾ [سورة الدخان ٢٩]
މާނައީ: “ފަހެ، އެއުރެންގެ މައްޗަކަށް އުޑެއްވެސް އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ.”
އެބަހީ: ކިޔަމަންގަތުމުގެ ޢަމަލުތައް ކޮށްއުޅުނު މީހުން (މަރުވުމުން) ބިން ރޯނެއެވެ. އިބްނު ކަޘީރުވަނީ މިވާހަކަ ބަޔާންކުރައްވާފައެވެ. އަދި އަންނަނިވި އާޔަތުގައިވެސް ވަނީ އެފަދައިންނެވެ.
﴿ يَوْمَئِذٍ تُحَدِّثُ أَخْبَارَهَا﴾ [سورة الزلزلة ٤]
މާނައީ: “އެދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ.”
އެހެނީ ބިމަކީވެސް އަޅުތަކުންގެ ޢަމަލުތަކަށް ހެކިވާނޭ އެއްޗެކެވެ. ތިރްމިޛީއާއި އިމާމު އަޙްމަދު، އަބޫ ހުރައިރާގެ އަރިހުން މިވާހަކަ ޞައްޙަ ނޫން ސަނަދަކުން ރިވާކުރެއްވިއެވެ. އަދި ދުޚާނު ސޫރަތުގެ އާޔަތާމެދު ޙަދީޘްތަކެއް ވާރިދުވެގެން އައިސްފައިވެއެވެ. އެއީ އަނަސްގެފާނުގެ އަރިހުން ޟަޢީފު ސަނަދަކުން ތިރްމިޛީ ރިވާކުރެއްވި ޙަދީޘްފަދަ ޙަދީޘެވެ.
= ނުނިމޭ =
______________________
މަޞްދަރު: منحة العلام لفضيلة الشيخ عبدالله بن صالح الفوزان (4/54-57).
[1] އެއީ މިސްކިތުގައި އިމާމުންނަށް ހަދާފައި ހުންނަ ކޮޓަރިއެވެ. އެންމެ ފުރަތަމަ އެފަދަ ތަނެއް ހެއްދެވީ މުޢާވިޔާ رضي الله عنه އެވެ. އެއީ އެކަލޭގެފާނަށް ޚަވާރިޖުންގެ ތެރެއިން މީހަކު ހަމަލާ ދިނުމުންނެވެ. ދެން އެއަށް ފަހުގައި އެކަން ވަނީ މިއަދާ ހަމައަށްވެސް ވެރިންނަށް ރައްކާތެރިކަން ދޭ ތަނެއްގެ ގޮތުގައި ދެމިގެން އައިސްފައެވެ.
[2] ސަލަފުންގެ ބައެއް ބޭކަލުންވަނީ މިޙަދީޘް ޝަރަޙަކުރެއްވުމުގައި އެމީހަކު ނަމާދުކުރަން ހުރި ތަނުން ކުޑަކޮށް ކުރިއަށް ޖެހުނަސް ނުވަތަ ފަހަތަށް ޖެހުނަސް މިކަމުގައި ފުދޭނެކަމުގައި ވިދާޅުވެފައެވެ. އަދި މިކަމުގެ އެންމެ ކުޑަ މިންވަރަކީ ފައި ކުޑަކޮށް ޙަރަކާތްކޮށްލާ ފަރުޟުކުރަން ހުރި ފިޔަވަޅުން ކުޑަކޮށް ދުރުވެލުން ކަމުގައި ބައެއް ބޭކަލުން ވިދާޅުވެއެވެ. (ބައްލަވާ: فتح الباري لابن رجب (7/432)).