ޝަރުޢީ ރުޤްޔާއަށް އަލިއަޅުވާލާއިރު މުހިންމު ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ. އެއީ ރާއްޖޭގައިވެސް މިހާރަކަށް އައިސް ބައެއް ބޭފުޅުން ރުޤްޔާ ކުރުމުގެ ނަމުގައި އެކި ކަންކަމަށް ވަކި އާޔަތްތަކެއް ޚާއްޞަކޮށް، އެއާޔަތްތައް ކިޔަންވީ މިންވަރު އަންގައި، އެކިކަންކަމަށް ރުޤްޔާ ކުރުމުގައި ޚާއްޞަ އާޔަތްތައް ކިޔައި ރުޤްޔާ ކުރުމުން ދެއެވެ. މިޘާލަކަށް ގައިން ދިލަނަގާނަމަ ވަކި އާޔަތްތަކެއް، އަދި ކިޑްނީ ބަލި ޖެހިފައި ވާނަމަ ވަކި އާޔަތް ތަކެއް، އަދި ދަރިން ނުލިބޭނަމަ ވަކި އާޔަތްތަކެއް މިވެނިވަރަކަށް ކިޔަން އަންގާފައި ވެއެވެ. މިއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. މިފަދައިން އާޔަތްތައް ޚާއްޞަ ކުރުމާ ބެހޭގޮތުން ސުޢޫދީ ޢަރަބިއްޔާގެ ޢިލްމީ ދިރާސާތައްކޮށް ފަތުވާދޭ ދާއިމީ ކޮމިޓީގެ ފަތުވާއެއްގައި ވެއެވެ: މި ކޮމިޓީގައި ތިއްބެވި ޢިލްމުވެރިންނަކީ: بكر أبو زيد ، صالح الفوزان ، عبد الله بن غديان ، عبد العزيز آل الشيخ ، عبد العزيز بن عبد الله بن باز.
ކޮމިޓީ އާ ކުރެވުނު ސުވާލު: ޝަރުޢީ ރުޤްޔާބެހޭގޮތުން އަޅުގަނޑުވެސް ތިޔަބޭފުޅުންނާ ސުވާލެއްކުރާނަމެވެ. ކޮންމެ ކަމަކަށް، ބައެއް އާޔަތްތެއް ވަކި ޢަދަދަކަށް ކިޔުމަށް ޚާއްޞަކުރެވިދާނެ ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ މިޘާލަކަށް މިވަނި އާޔަތެއް 2001 ފަހަރު ކިޔުމަށެވެ. ނުަވަތަ އަދި އެނޫންވެސް ގޮތަކަށެވެ.
ޖަވާބު: “ޝަރުޢީ ރުޤްޔާވަނީ ޤުރުއާނުންނާއި އަދި ޝަރުޢީ ދުޢާތަކުންނެވެ. އާޔަތެއް ނުވަތަ ދުޢާއެއްވިޔަސް ވަކި ޢަދަދަކަށް ކިޔުމަށް ކަނޑައެޅުމަށް ދަލީލެއް ބޭނުންވާނެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ދުޢާއެއްކުރައްވާނަމަ ބައެއްފަހަރު ތިން ފަހަރު ތަކުރާރުކުރައްވާކަން މެނުވީ، އެކަމުގައި އަޅުގަނޑުމެންނަށް ދަލީލެއް އެނގިފައެއް ނުވެއެވެ.
ފަހެ، ޢާއިޝަ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
«أن النبي – صلى الله عليه وسلم – كان إذا أوى إلى فراشه كل ليلة جمع كفيه ثم نفث فيهما فقرأ فيهما (قل هو الله أحد) و (قل أعوذ برب الفلق) و (قل أعوذ برب الناس) ثم يمسح بهما ما استطاع من جسده، يبدأ بهما على رأسه ووجهه وما أقبل من جسده، يفعل ذلك ثلاث مرات» [صحيح البخاري فضائل القرآن (5017) ، سنن الترمذي الدعوات (3402) ، سنن أبي داود الأدب (5056) ، مسند أحمد (24853)]
މާނަ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ކޮންމެ ރެއަކުވެސް ތަންމަތީގައި އޮށޯވެ ދެއަތްޕުޅު ޖަމާކުރެއްވުމަށްފަހު އެއަށް ފުމެލައްވައެވެ. ފަހެ ( قل هو الله أحد ) ( قل أعوذ برب الفلق ) ( قل أعوذ برب الناس ) އެއަށް ކިޔުއްވައެވެ. އެއަށްފަހު ވީވަރަކުން ހަށިގަނޑުގައި ދެއަތް ހިންގަވާލައްވައެވެ. ފައްޓަވަނީ ބޮލާއި މޫނުފުޅުންނެވެ. އަދި ހަށިގަނޑުގެ ކުރިމަތީގައިވާ ގުނަވަންތަކުންނެވެ. (އެބަހީ: މޭފުޅާއި ބަނޑުފަދަ ގުނަވަންތަކުންނެވެ.) އެފަދައިން ތިންފަހަރު ކަންތައް ކުރައްވައެވެ.” [1]
މިގޮތުން ރުޤްޔާ ކުރުމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ބައެއް ސޫރަތްތަކާއި އާޔަތްތައް ޚާއްޞަކުރައްވާފައެވެ. މިގޮތުން ފާތިޙާ ސޫރަތާއި، ސޫރަތުލް ފަލަޤި އާއި ސޫރަތުއް ނާސި ރުޤްޔާ ކުރުމުގައި ޚާއްޞަވެފައިވާކަން ސުންނަތުގައި ޘާބިތުވާން އެބައޮތެވެ. [2] އަދި އާޔަތުލް ކުރުސިއަކީ އެހެން ހުރިހާ އާޔަތްތަކަށްވުރެ މަތިވެރިވެގެންވާ އާޔަތެއްކަމުގައިވެސް ޘާބިތުވާން އެބައޮތެވެ. [3] ހަމައެއާއެކު ސޫރަތުލް ބަޤަރާ ކިޔެވޭ ގެއަކުން ޝައިޠާނާ ދުރުވާނެކަންވެސް ޘާބިތުވާން އެބައޮތެވެ. [4] ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ މުޅި ޤުރުއާނަކީ ޝިފާއެއްކަމުގައި ބަޔާންކުރައްވާފައެވެ. [5] އެހެންކަމުން، ޤުރުއާނުގެ ކޮންމެ ސޫރަތަކާއި ކޮންމެ އާޔަތަކީ ބަލިތަކަށްވާ ޝިފާއެކެވެ. ކޮންމެ ސޫރަތަކާއި އާޔަތެއް ރުޤްޔާގެ ގޮތުގައި ކިޔެވޭނެއެވެ. އެކަމުގައި މައްސަލައެއް ނެތެވެ. މައްސަލައަކަށްވަނީ ވަކި އާޔަތްތަކެއް ޚާއްޞަކުރާ ހިސާބުންނެވެ. އަހަރެމެންނަށް ހަމައެކަނި ޚާއްޞަކުރެވޭނީ ޝަރުޢުގައި ޘާބިތުވާ ސޫރަތްތަކާއި އާޔަތްތަކެވެ. އެފަދައިން ބުނާ ބޭކަލުން، އެއީ ތަޖުރިބާއަށް ބިނާކޮށް ޚާއްޞަ ކުރާ އާޔަތްތަކެއް ކަމުގައި ބުނެއެވެ. ނަމަވެސް އެގޮތަށް ތަޖުރިބާ އަށް ބިނާކޮށް، އާޔަތްތަކާ އަދި އެހެނިހެން ދުޢާތައްވެސް ޚާއްޞަ ކުރުމަކީ ހުއްދަކަމެއް ނޫންކަމުގައި ދަލީލުތަކުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. [6]
ރުޤްޔާކުރުމުގައި އާޔަތްތައް ޚާއްޞަކުރުމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދާލުމަށް މި ދެ ލިޔުން ކިޔާލާށެވެ: https://dhisalafiyyah.net/article/10613
https://dhisalafiyyah.net/article/6613
އަދި ރުޤްޔާ ކިޔެވުމުގައި ތަޖުރިބާއަށް ބަރޯސާވުމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދާލުމަށް މިލިޔުން ކިޔުއްވާށެވެ: https://dhisalafiyyah.net/article/6628
=ނުނިމޭ =
_______________________________
[1] فتاوى اللجنة الدائمة 2/209 – 210
[2] ބައްލަވާ: ޞަޙީޙުލް ބުޚާރީ: (4439، 5736) މުސްލިމް: (2201)
[3] ބައްލަވާ: މުސްލިމް: (810)
[4] ބައްލަވާ: މުސްލިމް: (780)
[5] ބައްލަވާ: ސޫރަތުލް އިސްރާ: 82 އަދި ސޫރަތު ޔޫނުސް: 57
[6] ބައްލަވާ: مجلة الدراسات العقدية (23/178).