[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރުޤްޔާ ހެދުމުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ޚާއްޞަކުރުން

ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންނަށް ހިދާޔަތެއްކަމުގައި ބާވާލެއްވި ކީރިތި ޤުރުއާނަކީ ހިތުގެ ބަލިތަކަށާއި، ޖިސްމާނީގޮތުން ޖެހޭ ބަލިތަކަށްވާ ޝިފާޢެކެވެ. އަދި އެއީ ޚާލިޞްހިތަކާއިގެން، ﷲގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން ހިތުން ޤަބޫލުކޮށް ކަށަވަރުކޮށްގެން ހުރެ ހަދައިފިކަމުގައިވާނަމަ އެންމެ މަންފާބޮޑު ޝިފާޢެވެ. އެގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި އެކަލޭގެފާނުގެ ޞަޙާބީންނާއި، އޭގެފަހުން އައި ބޮޑެތި ޢިލްމުވެރިން ވަނީ ޤުރުއާނުގެ ޒަރީޢާއިން ބަލިތަކަށް ޝިފާ ލިބިގެންފައެވެ. ނުވަތަ އެހެންމީހުންނަށް ޝިފާ ދެއްވުމަށް އެދި ޤުރުއާނުން ރުޤްޔާ ހަދާދެއްވާފައެވެ. އަޅުގަނޑުގެ އަޚް މުޙައްމަދު ޝަމްޢޫން ސިލްސިލާކޮށް ލިޔުއްވަމުންގެންދަވާ “ޖިންނީނަކީ ޙަޤީޤަތެކެވެ. ޚުރާފަތެއް ނޫނެވެ.” މިލިޔުންތަކުގައި މީގެ ބައެއް މިސާލުތައް ނަންގަނެވޭނެތީވެ، މިލިޔުމުގައި އަޅުގަނޑު އެދަލީލުތައް ގެނައުމަށް ޤަޞްދެއްނުކުރަމެވެ.

ސިޙުރާއި އަދި އެހެންވެސް ބަލިތަކަށް ރުޤްޔާ ހެދުމުގައި ޤުރުއާނުން ކިޔަވާނީ ކޮންއާޔަތްތަކެއްތޯ މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ސުވާލުގިނަވެފައިވާ މައްސަލައެކެވެ. ބައެއް ބަލިތަކަށް ޤުރުއާނުގެ ވަކި އާޔަތްތަކެއް ކިޔެވުމަކީ އެބައްޔަކަށް ޝިފާ ލިބޭނެކަމެއްކަމަށް ދޫދޫމަތިންނާއި ފޮތްތަކުން ފެންނަންފަށައިފިއެވެ. އާޔަތްތައް ވަކި ޢަދަދަކަށް ކިޔެވުމަށް ބުނެވޭ ވާހަކަތައް އަޑުއިވެން ފަށައިފިއެވެ. މިފަދަ އާޔަތްތައް އެގޮތަށް ކިޔެވުމަށް ބުނެވޭ ސަބަބެއްކަމުގައި ތަޖުރިބާކުރެވިފައިވުމަކީ އެކަށީގެންވާކަމެކެވެ. އެއާޔަތްތައް ކިޔެވުމުން ހަމައެބަލިޖެހިފައިވާ މީހަކަށް ރަނގަޅުވުމުން، ދެން އެބަލިޖެހިފައިވާ އެހެން މީހަކަށް ހަމައެއާޔަތްތައް ކިޔެވެއެވެ. މިގޮތަށްގޮސް އެކުރެވުނު ތަޖުރިބާ މުޖުތަމަޢުތަކަށް ފެތުރިގެން ދެއެވެ. އެހެން ލިޔުމެއްގައި ޤުރުއާނުން ރުޤްޔާހެދުމުގައި ތަޖުރިބާއަށް ބަރޯސާވުމުގެ ޙުކުމާމެދު މަޢުލޫމާތުކޮށްޅެއް ގެނެސްދެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަމެވެ. إن شاء الله. (“ރުޤްޔާ ކިޔެވުމުގައި ތަޖުރިބާއަށް ބަރޯސާވުން” މިލިޔުން ބެއްލެވުމަށް ފިއްތަވާލައްވާ)

ރުޤްޔާ ހެދުމުގައި ވަކި އާޔަތްތަކެއް ޚާއްޞަކުރުން ދަންނައެވެ. އިސްލާމްދީނުގެ ޤަވާޢިދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއްޤަވާޢިދަކީ ޝަރުޢީކަމެއް ޚާއްޞަކުރުމަށް ޤުރުއާނާއި ސުންނަތުން ދަލީލުބޭނުންވާނެއެވެ. މިގޮތުން މިސާލަކަށް: ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ކަމެއް ޚާއްޞަކުރުމަށްޓަކައި ޞައްޙަ ޝަރުޢީ ދަލީލެއް ބޭނުންވާނެއެވެ. ހަމައެފަދައިން، ތަނެއްގެ ނުވަތަ ވަޤުތެއްގެ ބަރަކާތްތެރިކަމަށް ދަލީލުކުރުމަށްޓަކައި ދަލީލު ބޭނުންވާނެއެވެ. މިގޮތުން ޝަރުޢީ ދަލީލުތަކުގައި ސާބިތުވެފައިވާތީވެ ހަފްތާގެ އެހެންދުވަސްތަކަށްވުރެ ހުކުރުދުވަސް ޚާއްޞަވެއެވެ. އެހެން މަސްތަކަށްވުރެ ރަމަޟާންމަސް ޚާއްޞަވެއެވެ. އެހެންތަންތަނަށްވުރެ މިސްކިތްތައް ޚާއްޞަވެއެވެ. އަދި އެހެން ހުރިހާ މިސްކިތްތަކަށްވުރެ މަސްޖިދުލްޙަރާމާއި މަސްޖިދުއްނަބަވީއާއި މަސްޖިދުލްޢަޤްޞާއާއި ޤުބާ މިސްކިތް ޚާއްޞަވެއެވެ. އާޔަތުލް ކުރުސި، ބަޤަރާ ސޫރަތް، އާލްޢިމްރާން ސޫރަތް ފަދަ ސޫރަތްތަކާއި އާޔަތްތައް ޚާއްޞަވެއެވެ. މިފަދަ ކޮންމެ ޚާއްޞަކުރުމެއް ބިނާވެގެންވާންވާނީ ޤުރުއާނާއި ނަބިއްޔާގެ ސުންނަތަށެވެ. ދީނުގައި ޚާއްޞަކަމެއް ދެއްވާފައިވާނުވާ ކަމެއް، ދީނުގެ ނަމުގައި ޚާއްޞަކުރުން ހުއްދަވެގެންނުވެއެވެ. މިޤާޢިދާ ފަހަނައަޅައި ދިޔުމުގެ ސަބަބުން އެތައްބަޔަކަށް ވަނީ ޙައްޤުމަގުން އެއްކިބާވެވި، ބައެއް ފަހަރަށް ޝިރުކުގެ ތެރެއަށް ވަދެވިފައެވެ. މިގޮތުން ޞޫފީންގެ ހައްދުފަހަނައަޅާފައިވާ މީހުންނާއި، އެހެންވެސް ބާޠިލު ފިރުޤާތަކުގެ މީހުންވަނީ މިސްކިތްތަކަށްވުރެ އެބައިމީހުން ވަލީވެރިންކަމަށް ދަޢުވާކުރާ މީހުންގެ ޤަބުރުތައްކައިރިއަކީ ޚާއްޞަކަމެއް އެކުލެވިގެންވާ މަތިވެރި ތަނެއްކަމުގައި ހަދާފައެވެ. އެފަދަ ޤަބުރުތައް ކައިރީ ދުޢާކުރުމަކީ ދުޢާ އިޖާބަވެ، ކަންކަން ކާމިޔާބުވާނެކަމެއްކަމުގެ ޢަޤީދާ ބިންވަޅުނެގިފައެވެ. އެހެންކަމުން، ވިސްނަންޖެހޭ އެންމެ މުހިއްމުނުކުތާއަކީ ކަމެއް އިސްލާމްދީނުގައި ޚާއްޞަކުރުމުގައި ބަލަންޖެހޭނީ ޤުރުއާނާއި ސުންނަތަށެވެ.

މިގޮތުން ރުޤްޔާ ހެދުމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ބައެއް ސޫރަތްތަކާއި އާޔަތްތައް ޚާއްޞަކުރައްވާފައެވެ. މިގޮތުން ފާތިޙާ ސޫރަތާއި، ސޫރަތުލް ފަލަޤި އާއި ސޫރަތުއް ނާސި ރުޤްޔާހެދުމުގައި ޚާއްޞަވެފައިވާކަން ސުންނަތުގައި ޘާބިތުވާން އެބައޮތެވެ.(1) އަދި އާޔަތުލް ކުރުސިއަކީ އެހެން ހުރިހާ އާޔަތްތަކަށްވުރެ މަތިވެރިވެގެންވާ އާޔަތެއްކަމުގައިވެސް ޘާބިތުވާން އެބައޮތެވެ.(2) ހަމައެއާއެކު ސޫރަތުލް ބަޤަރާއާއި ސޫރަތުލް އާލްޢިމްރާން ކިޔެވޭ ގެއަކުން ޝައިޠާނާ ދުރުވާނެކަންވެސް ޘާބިތުވާން އެބައޮތެވެ.

ކޮންމެއަކަސް، މިމަސްއަލާގައި މައްސަލަޖެހޭ ހިސާބަކީ، ބައެއް ރުޤްޔާ ހަދާމީހުން ބައެއްކަހަލަ ބަލިތަކަށް ވަކި ޚާއްޞައާޔަތްތަކެއް ޚާއްޞަކުރާ ހިސާބުންނެވެ. މިގޮތުން މިސާލަކަށް ވަކި ޚާއްޞަ ބައްޔަކަށް ބަޤަރާ ސޫރަތް ނުވަތަ حم އިންފެށޭ ސޫރަތްތައް އެކަނި ކިޔެވުމަށް ބުނެވޭ ބުނެވުމެވެ. ކިޑުނީގެ ބަލިތަކަށް ވަކި ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ކިޔެވުމަށް ބުނުމާއި، އެހެން ސޫރަތްތަކަކާއި އާޔަތްތަކެއް ހިތުގެ ބަލިތަކަށް ކިޔަވަން ބުނެވޭ ބުނެވުމެވެ. އަދި އެއްމަޖިލީހެއްގައި އެސޫރަތްތައް އެއްކޮށް ކިޔުމަށް ޚާއްޞަކުރުންފަދަ ކަންކަމެވެ. ނުވަތަ ބައެއް މީހުން ރުޤްޔާ އާދައިގެ ރުޤްޔާ އާއި، މެދުމިނުގެ ރުޤްޔާއާއި، ދިގު ރުޤްޔާފަދަ ބައިތަކަށް ރުޤްޔާ ބެހުން ފަދަ ޝަރުޢުގައި ޚާއްޞަވެގެންނުވާ އާޔަތްތަކަށް ވަކި ބައްޔަކަށް، ނުވަތަ ވަކިގޮތަކަށް ކުރުމަށް ޚާއްޞަކުރުމަކީ ޝަރުޢުއާ ޚިލާފުކަމެއްކަމުގައި ފާހަގަކޮށްލަމެވެ. އަދި މިކަމުގެ ސަބަބުން ޖަހާލަތުގެ އަނދިރިކަމަށް ބޮޑަށް ވެއްޓެނީ ޢާއްމުންކަމަށް ވުމާއެކު މިކަމަކީ ބިރުހުރި ނުރައްކާތެރިކަމެއްކަމުގައި ދެކެމެވެ.

މިފަދަގޮތަށް ކުރެވޭ ރުޤްޔާތަކަކީ ޤުރުއާނުން ކިޔެވޭ އާޔަތްތަކަކަށްވެފައި، އަދި އެއީ ޝަރުޢީ ބޭސްވެރިކަމުގެ ތެރެއަށް ފެތޭ، ޝިރުކުން އެއްކިބާވެފައިވާ ރުޤްޔާތަކަކަށް ވެދާނެއެވެ. ނަމަވެސް މައްސަލަޖެހޭ ހިސާބަކީ ޝަރުޢުގައި ޚާއްޞަކުރައްވާފައިނުވާކަމެއް ޚާއްޞަކުރުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މުޅި ޤުރުއާނަކީ ޝިފާއެއްކަމުގައި ބަޔާންކުރައްވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((وَنُنَزِّلُ مِنْ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ)) الإسراء: 82 މާނައީ: “އަދި މި ކީރިތި ޤުރުއާނުގައި މުއުމިނުންނަށްޓަކައިވާ ބަލިބަލީގެ ޝިފާއާއި އަދި ރަޙްމަތްވެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ)) يونس: 57 މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ.” މިދެއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ މުޅި ޤުރުއާނަކީ ޝިފާއެއްކަމުގައި ބަޔާންކުރައްވާފައެވެ. ވަކި އާޔަތެއް ވަކި ސޫރަތެއް ޚާއްޞަނުކުރައްވައެވެ. އެހެންކަމުން، ޤުރުއާނުގެ ކޮންމެ ސޫރަތަކާއި ކޮންމެ އާޔަތަކީ ބަލިތަކަށްވާ ޝިފާއެކެވެ. ކޮންމެ ސޫރަތަކާއި އާޔަތެއް ރުޤްޔާގެ ގޮތުގައި ކިޔެވޭނެއެވެ. އަހަރެމެންނަށް ހަމައެކަނި ޚާއްޞަކުރެވޭނީ ޝަރުޢުގައި ޘާބިތުވާ ސޫރަތްތަކާއި އާޔަތްތަކެވެ.

ރުޤްޔާ ހަދައިދޭ ބައެއް މީހުންނަށް ވަކި ސޫރަތްތަކަކުން ނުވަތަ އާޔަތްތަކަކުން ރަނގަޅު ނަތީޖާއެއް ފެނުމަކީ އެއްވެސް ޙާލެއްގައި ސޫރަތެއްގެ ނުވަތަ އާޔަތެއްގެ މަތިވެރިކަމަށް ދަލީލުކުރުން ޞައްޙަވެގެންވާ ކަމެއްނޫނެވެ. އަދި ޝަރުޢީ ދަލީލެއް ވާރިދުވެފައިނުވާ، ޚާއްޞަ ސޫރަތްތަކަކާއި، އާޔަތްތަކެއް އެހެން މީހުންގެ މައްޗަށް ޝަރުޢުކޮށްގަތުމަކީ އެފަދަމީހަކަށް ޙައްޤުވެގެންވާކަމެއް ނޫނެވެ. އެހެނީ، އެރަނގަޅު ނަތީޖާ ފެނުމަކީ، ރުޤްޔާ ހަދާމީހާއާއި ހަދައިދެވޭމީހާގެ ޔަޤީންކަމަށާއި، އެދެމީހުންގެ އީމާންކަންފަދަ އެހެން ސަބަބުތަކަށް ބިނާވެފައިވާކަމެކެވެ. ރުޤްޔާހެދުމުގައި އެދެމީހުންގެ ޔަޤީންކަމާއި، އީމާންކަމާއި، ތަޤްވާވެރިކަމަކީ މުހިއްމު ދައުރެއް އަދާކުރާ ކަންކަމެވެ. އެހެންކަމުން، އެކަކަށް ރަނގަޅު ނަތީޖާ ފެންނަ ފަދައިން އެހެން މީހާއަށް ނަތީޖާނުފެނުން އެކަށީގެންވެއެވެ. އެހެނީ ދުޢާއަކީ ތޫނުކަނޑިއެކެވެ. ތޫނުކަނޑިއަކުން އެއްޗެއް ބުރިކުރުމަށް ބުރިކުރާމީހާގެ ހުނަރުވެރިކަމަކީ މުހިއްމުކަމެކެވެ. ހަމައެފަދައިން ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ނުފެނުނު ސޫރަތްތަކާއި އާޔަތްތަކަކީ ރުޤްޔާއަށް ކިޔެވުމުގައި މުހިއްމު ނޫން އާޔަތްތަކެއްކަމުގައި ދެކުމަކީވެސް ގޯހެކެވެ. އަދި އެއީ ﷲގެ ވަޙީ ބަސްފުޅަށް ޤަދަރުކުޑަކުރެވޭނެކަމެކެވެ.

އެހެންކަމުން، ވަކިން ޚާއްޞަކޮށްގެން ވަކިބަލިތަކަށް ޝަރުޢުގައި އެއްވެސް އަޞްލެއްފެންނަންނެތް ސޫރަތްތަކާއި އާޔަތްތައް ގަނޑުކޮޅުކޮޅުގައި ލިޔެގެންނާއި، އިންޓަނެޓާއި، އެހެންވެސް މުވާސަލާތީ ނިޒާމުތަކުން ފެތުރުމަކީ އެކަންކަމުގެ ސަބަބުން ނޭދެވޭ އެތައް ނަތީޖާތަކެއް ނުކުމެދާނެކަމެކެވެ. މިގޮތުން:

1. ޝަރުޢުގައި އަޞްލެއް ފެންނަންނެތް ސޫރަތްތަކާއި އާޔަތްތައް، އެހެން ސޫރަތްތަކާއި އާޔަތްތަކަށްވުރެ ޚާއްޞަކުރެވުން.

2.  ﷲގެ ވަކި ވަޙީ ބަސްފުޅުތަކަކަށް ޝަރުޢުގައި ބަޔާންވެގެންނުވާ ޚާއްޞަކަމެއް ދެވުން.

3. މިކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢުއަށް، ޚާއްޞަކޮށް ޢާއްމުންނަށް ކުރުން. މިގޮތުން، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާފަދައިން، މުޅި ޤުރުއާނަކީ ޝިފާއެއްކަމުގައިވާކަން މީހުންނަށް އޮޅި، އެކަމުގައި ޖާހިލުކަމުގެ ތެރެއަށް މީސްތަކުން ގެނބިގެން ދިޔުން.

4. ޝަރުޢުގައި ލާޒިމުނުކުރާ ކަންތައްތައް މީހުންގެ މައްޗަށް ވަކި ޚާއްޞަގޮތަކަށް ލާޒިމުކުރުމުން. މިފަދަ އެތައް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާކަމެކެވެ.

ނިންމާލަމުން ބުނެލަންއޮތީ، ﷲގެ ފޮތް ކީރިތި ޤުރުއާނަކީ އެންމެހާ ބަލިތަކަށްވާ ޝިފާއެކެވެ. ބަލިތަކުން ފަސޭހަވުމަށް ރުޤްޔާގެ ގޮތުގައި ކޮންމެ ސޫރަތަކާއި އާޔަތެއް ކިޔެވިދާނެއެވެ. ޚާއްޞަކުރެވޭހުށީ ޝަރުޢުގައި ޘާބިތުވެގެންވާ ސޫރަތްތަކާއި އާޔަތްތަކެވެ. އެއްވެސް މީހަކަށް ޝަރުޢުގައި ޘާބިތުނުވާ ސޫރަތެއް ނުވަތަ އާޔަތެއް އެހެންމީހުން ކިޔުމަށް ނުވަތަ ވަކި ޢަދަދަކަށް ކިޔުމަށް ލާޒިމުނުކުރެވޭނެއެވެ. ރުޤްޔާއިން ކުރާ އަސަރު ހަމައެކަނި ބިނާވެގެންވަނީ ކިޔަވާކިޔަވާލުމަކަށް އެކަންޏެއްނޫންކަން ދަންނަންވާނެއެވެ. އޭގެން ކުރާ އަސަރު ބިނާވެގެންވާ ވަރަށް ގިނަކަންކަންވެއެވެ. އެގޮތުން ﷲގެ ފޮތަށާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ވީހާ ބޮޑެއްކޮށް ތަބަޢަވީވަރަކަށް ރުޤްޔާގެ ފައިދާ ކުރާނެއެވެ. والله أعلم.

________________________

 (1) ބައްލަވާ: ޞަޙީޙުލް ބުޚާރީ: (2115، 5310) މުސްލިމް: (4065).

(2) ބައްލަވާ: މުސްލިމް: (1343).

________________________

މަރުޖިޢު:

* البدع العملية المتعلقة بالقرآن الكريم: أحمد بن عبدالله بن محمد آل عبدالكريم.