(22) އިމާމާއަށް ހަނދާންނެތިއްޖެނަމަ؛ ކުށުސަޖިދަޖެހުމުގައި މައުމޫމުން އިމާމާއަށް ތަބާވުން ވާޖިބުވާނެއެވެ. އެއީ؛ އިމާމާއެކު މައުމޫމުންނަށް ހަނދާންނެތުނުނަމަވެސް ނުވަތަ ހަމައެކަނި ހަނދާންނެތުނީ އިމާމާއަށްކަމުގައި ވީނަމަވެސްމެއެވެ. އަދި އިމާމާ ކުށުސަޖިދަޖެހީ ސަލާމްދިނުމުގެ ކުރިންކަމުގައިވިޔަސް ނުވަތަ ސަލާމްދިނުމުގެ ފަހުންކަމުގައިވިޔަސްމެއެވެ. މީގެ ތެރެއިން އިސްތިސްނާވާނީ؛ ޖަމާޢަތުން ބައެއް ގެއްލޭފަހުން ޖަމާޢަތުގައި ބައިވެރިވެފައިވާ މީހާއެވެ. އިމާމާ ކުށުސަޖިދަޖެހީ ސަލާމްދިނުމަށްފަހުގައި ކަމަށްވާނަމަ މިފަދަ މީހަކު އިމާމާއަށް ތަބާވާކަށްނުޖެހޭނެއެވެ. މިފަދަ މީހަކު ޖެހޭނީ އެމީހަކަށް ޖަމާޢަތުން ގެއްލުނުބައި ފުރިހަމަކުރުމަށްފަހު ސަލާމްދޭށެވެ. އަދި ނަމާދުގެ ފަހުން ކުށުސަޖިދަޖަހާށެވެ.
(23) އިމާމާއަށް ނަމާދުގައި ކަމެއް ހަނދާންނެތި ކުށުސަޖިދަ ނުޖަހައިފިނަމަ، މައުމޫމުން (އިމާމާއަށް އަންގާލުމުގެ ގޮތުން ބާރަށް) ތަސްބީޙަ ކިޔާނީއެވެ. ފަހެ، އެހާވަރުންވެސް އިމާމާ ކުށުސަޖިދަ ނުޖަހައިފިނަމަ، އަދި އިމާމާ ކުށުސަޖިދަ ނުޖަހާނެހެން ހީވެއްޖެނަމަ، ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި، ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުން މައުމޫމުންގެ މައްޗަށް ވާޖިބުވާނެއެވެ.
(24) އިމާމާ ފިޔަވައި ހަމައެކަނި އެންމެ މައުމޫމަކަށް ހަނދާންނެތިއްޖެނަމަ:
* ނަމާދުގެ ޖަމާޢަތުން އެއްވެސް ބައެއް ނުގެއްލޭނަމަ ހަމައެކަނި އެ މައުމޫމާ ކުށުސަޖިދަޖެހުމެއް ނުވެއެވެ. އެއީ؛ އެމީހާގެ އިމާމާއާ ޚިލާފުނުވުމަށެވެ. އެހެންނަމަވެސް، ރުކޫޢެއް ނުވަތަ ސަޖިދައެއް ހަނދާންނެތުންފަދަ ނަމާދުގެ ރަކުޢަތެއް ބާޠިލުވާފަދަ ކަމެއް މައުމޫމަކަށް ހަނދާންނެތިއްޖެނަމަ، އިމާމާ ސަލާމްދިނުމުން އެ މައުމޫމަކު ވަކިން އެ ބާޠިލުވި ރަކުޢަތުގެ ބަދަލުގައި ރަކުޢަތެއް ކުރާނީއެވެ. ދެން ސަލާމްދޭނީއެވެ. އަދި ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާނީއެވެ. އެހެނީ، އެމީހަކަށް އެވަނީ ނަމާދަށް އިތުރުކުރެވިފައެވެ.
* ނަމާދުގެ ޖަމާޢަތުން ބައެއް ގެއްލުނު މައުމޫމަކުނަމަ، އެމީހަކަށް ހަނދާންނެތުނީ އިމާމާއާއެކު އަދާކުރި ބައިގައިކަމުގައިވާނަމަ، ނުވަތަ އިމާމާ ސަލާމްދިނުމަށްފަހު އަދާކުރި ބައިގައިކަމުގައިވާނަމަ، ފަހެ، އެމީހަކު ކުށުސަޖިދަޖަހަންޖެހޭނެއެވެ.
(25) ކުށުސަޖިދަޖަހަންޖެހޭ ވަގުތަކާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ. އެއީ؛ ސަލާމްދިނުމުގެ ކުރިންތޯ ނުވަތަ ސަލާމްދިނުމަށްފަހުގައިތޯއާމެދުގައެވެ.
މި މަސްއަލައިގެ ރާޖީޙުގޮތަކީ: ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖެހުމުގެ ދެ ޙާލަތެއްވެއެވެ. އެއީ؛ ނަމާދުންކަމެއް އުނިވެއްޖެނަމަ، ނުވަތަ ދެގޮތުންކުރެ ގޮތަކަށް ބުރަނުވެވޭ ޝައްކުގެ ޙާލަތުގައެވެ.
އަދި ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުމުގެ ދެ ޙާލަތެއްވެއެވެ. އެއީ؛ ނަމާދަށް ކަމެއް އިތުރުވެއްޖެނަމަ، ނުވަތަ ދެގޮތުންކުރެ ގޮތަކަށް ބުރަވެވޭ ޝައްކުގެ ޙާލަތުގައެވެ.
(26) ކުށުސަޖިދައިގެ ވަގުތާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވަނީ އެ ސަޖިދަޖެހުން އެންމެ މޮޅުއިތުރު ވަގުތަކާމެދުގައެވެ. މި ދެ ވަގުތުންކުރެ ކޮންމެ ވަގުތަކުވެސް ކުށުސަޖިދަޖެހިދާނެކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާކަމަށް އައިސްފައިވެއެވެ. ފަހެ، ނަމާދަށް ކަމެއް އިތުރުވެގެން، ނުވަތަ ކަމެއް އުނިވެގެން، ނުވަތަ ޝައްކުވެގެން، ސަލާމްދިނުމުގެ ކުރިން ނުވަތަ ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހިނަމަވެސް؛ ކުށުސަޖިދަ ޤަބޫލުކުރެވި، އެމީހާގެ ނަމާދު ޞައްޙަވެގެންވެއެވެ. މިކަމުގައި ޢަމަލުކުރާނެގޮތް ވަނީ ތަނަވަސްވެގެންނެވެ. މިއީ އައްޝައިޚް އިބްނު ބާޒު ރަޙިމަހުﷲ އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ.([1])
އަދި ބުނެވިފައިވެއެވެ. ޢިލްމުވެރިންގެ މެދުގައި ޢިޚްތިލާފު އައިސްފައިވަނީ ކުށުސަޖިދަޖެހުން ވާޖިބުވާ ވަގުތަކާމެދުގައެވެ. ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖެހުމަށްއައިސްފައިވާ ޙާލަތްތަކުގައި ކުށުސަޖިދަޖެހުން ވާޖިބުވާނީ ސަލާމްދިނުމުގެ ކުރިންނެވެ. އަދި ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުމަށް އައިސްފައިވާ ޙާލަތްތަކުގައި، ސަލާމްދިނުމަށްފަހުގައި މެނުވީ ކުށުސަޖިދަޖަހައިގެން ނުވާނެއެވެ. މިއީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އިޚްތިޔާރުކުރައްވާފައިވާގޮތެވެ. އަދި އިބްނު ޢުޘައިމީން ރަޙިމަހުﷲ ރާޖިޙުކުރައްވާފައިވާ ގޮތެވެ.([2])
އެންމެ އައުލާވެގެންވާ، އަދި އެންމެ ރައްކާތެރި ގޮތަކީ: ސަލާމްދިނުމުގެ ކުރިންނާއި ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުމަށް ސުންނަތުގައި ވާރިދުވެގެންވާ ގޮތަށް ތަބާވުމެވެ.
(27) ނަމާދުކުރާމީހަކަށް ދެ ކަމެއް ހަނދާންނެތިއްޖެނަމަ، އެއިގެ ތެރެއިން އެއް ކަމަކީ ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖަހަންޖެހޭ ކަމަކަށްވެފައި، އަނެއްކަމަކީ ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހަންޖެހޭ ކަމަކަށްވެއްޖެނަމަ (މިސާލަކަށް؛ ފުރަތަމަ އައްތަޙިއްޔާތު ކިޔަން ހަނދާންނެތުމާއި، އިތުރު އިށީނުމެއް އިށީންދެވިއްޖެނަމަ)، ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖެހުން އިސްކުރާނީއެވެ. ފަހެ، މިފަދަ މީހަކު ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖަހާނީއެވެ.
(28) އެއް ނަމާދެއްގައި ކުށްތައް ތަކުރާރުވެއްޖެމީހާގެ މައްޗަށް ވަނީ (ކުށުސަޖިދައިގެ ގޮތުގައި) ހަމައެކަނި ދެ ސަޖިދަޖެހުމެވެ. ނަމާދުގައި ކުށްކުރެވޭވަރަކަށް ކުށުސަޖިދަ އިތުރުކުރާކަށް ނުޖެހޭނެއެވެ. އެއީ އިތުރަށް ކަމެއް ކުރެވުނަސް، ނުވަތަ ކަމެއް އުނިކުރެވުނަސް، ނުވަތަ ޝައްކުވިޔަސް މެއެވެ.
(29) ސަލާމްދިނުމުގެ ކުރިން ޖަހަންޖެހިފައިވާ ކުށުސަޖިދައެއް ގަސްތުގައި ދޫކޮށްލައިފިނަމަ، (ސަލާމްދިނުމުގެ ކުރިންވެސް އަދި ސަލާމްދިނުމަށްފަހުގައިވެސް ކުށުސަޖިދަ ނުޖަހައިފިކަމުގައިވާނަމަ) މިފަދަ މީހެއްގެ ނަމާދު ބާޠިލުވާނެއެވެ. އެހެނީ، އެމީހާ އެވަނީ ނަމާދުގެ ވާޖިބެއް ގަސްތުގައި ދޫކޮށްލާފައެވެ.
ސަލާމްދިނުމުގެ ފަހުން ޖަހަންޖެހިފައިވާ ކުށުސަޖިދައެއް ގަސްތުގައި ދޫކޮށްލައިފިނަމަ، ނަމާދު ބާޠިލެއްނުވާނެއެވެ. އެހެންނަމަވެސް، (ކުށުސަޖިދައަކީ ވާޖިބަކަށްވާތީ) ކުށުސަޖިދަ ދޫކޮލުމުގެ ސަބަބުން ފާފަވެރިވާނެއެވެ. އެހެނީ، (ސަލާމްދިނުމަށްފަހު ޖެހުމަށް އައިސްފައިވާ ކުށުސަޖިދައިގެ ޙާލަތްތަކަކީ ނަމާދުންކަމެއް އުނިނުވެ، އިތުރަށް ކަމެއް ކުރެވުމުގެ ސަބަބުން ޖަހަންޖެހޭ ކުށުސަޖިދައަކަށްވުމުން) އެ ކުށުސަޖިދައަކީ އަޅުކަމުގެ ބޭރުކަމެއް ކުރެވުމުން އެކަން ފޫބައްދައިދޭ ސަޖިދައެކެވެ. އެ ކުށުސަޖިދަ ދޫކޮށްލުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ.
މިއީ ނަމާދުގެ ތެރޭގައި ހިމެނޭ ކަމެއް އިތުރުވެ، ނުވަތަ އުނިވެއްޖެ ޙާލަތްތަކުގައެވެ.
(30) ހަނދާންނެތިގެން ކުށުސަޖިދަ ނުޖެހިއްޖެނަމަ:
ނަމާދުކޮށް ނިމުނުތާ މާގިނައިރުތަކެއްނުވަނީސް ހަނދާންވެއްޖެނަމަ؛ ކުށުސަޖިދަޖަހާނީއެވެ. އެ ކުށުސަޖިދަޖަހަންޖެހެނީ ސަލާމްދިނުމުގެ ކުރިންކަމުގައިވިޔަސް، ނުވަތަ ސަލާމްދިނުމުގެ ފަހުންކަމުގައިވިޔަސް މެއެވެ. މި ޙާލަތުގައި ވާޖިބުވެގެންވަނީ ކުށުސަޖިދަޖެހުމެވެ. އެއީ؛ އެ ސަޖިދަޖެހުމަށް ޝަރުޢުވެގެންވާ ވަގުތުކަމުގައި ނުވިނަމަވެސް މެއެވެ.
ކުށުސަޖިދަ ނުޖަހާކަން ހަނދާންވީ ގިނައިރުތަކެއްފަހުންކަމުގައިވާނަމަ، މިފަދަ މީހެއްގެ ކިބައިން އެކަން ކެނޑޭނެއެވެ. (އެބަހީ؛ ކުށުސަޖިދަޖަހާކަށް ނުޖެހޭނެއެވެ.) އަދި ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އިޚްތިޔާރުކުރައްވާފައިވަނީ؛ ކިތަންމެ ގިނައިރެއް ފާއިތުވިނަމަވެސް ކުށުސަޖިދަޖަހަންޖެހޭނެކަމަށެވެ.([3])
(31) ކުށުސަޖިދަޖަހަންޖެހޭފަދަ ސަބަބެއް މެދުވެރިވެއްޖެނަމަ، ފަރުޟުނަމާދުތަކެކޭ އެއްފަދައިން ސުންނަތްނަމާދުތަކުގައިވެސް ކުށުސަޖިދަޖެހުން ޝަރުޢުވެގެންވެއެވެ. މިއީ ޢާއްމުކޮށް އިހާއި ފަހުގެ އެންމެހާ ޢިލްމުވެރިންގެ ބަސްފުޅެވެ. އިބްނު ސީރީން ރަޙިމަހުﷲ ފިޔަވައި މިކަމާމެދުގައި ޚިލާފުވެފައެއްނުވެއެވެ.
(32) ޖަނާޒާ ނަމާދުގައި ކުށުސަޖިދަޖެހުން ޝަރުޢުވެގެންނުވެއެވެ. އަދި ތިލާވަތުގެ ސަޖިދައާއި ކުށުސަޖިދާގައި (ކުރެވޭ ކުށްތަކަށް) ކުށުސަޖިދަޖެހުން ޝަރުޢުވެގެންނުވެއެވެ.
ފަހެ، ކުށުސަޖިދާގައި ޛިކުރުކުރުމަށް ހަނދާންނެތުންފަދަ ކުށުސަޖިދާގައި ކަމެއް ހަނދާންނެތިއްޖެމީހެއްނަމަ، އެމީހާގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. (އެބަހީ؛ އިތުރަށް އަލުން ކުށުސަޖިދަޖެހުންފަދަ ކަމެއް ނެތެވެ.)
(33) ކުށުސަޖިދަކުރަންޖެހޭ ގޮތަކީ ނަމާދުގައި ސަޖިދަކުރާ ގޮތަށެވެ. އެ ދެ ސަޖިދައަށް ތަކްބީރުކިޔަން ޖެހޭނެއެވެ. އަދި ސަޖިދަޖަހަންޖެހޭނީ ހަތް ގުނަނުގެ([4]) މައްޗަށެވެ. އަދި އެ ދެ ސަޖިދާގައި ކިޔާނީ ނަމާދުގެ ސަޖިދާގައި ކިޔާ ޛިކުރު “سُبْحَانَ رَبِّيَ الأَعْلَى” އާއި ދުޢާއެވެ. އަދި އެ ދެ ސަޖިދަ ދެމެދުގައި އިފްތިރާޝަށް([5]) އިންނާނީއެވެ. އަދި ނަމާދުގެ ދެ ސަޖިދަ ދެމެދުގައި އިންނައިރު ކިޔާ ދުޢާ “رَبِّ اغْفِرْ لِي” (ނުވަތަ މިނޫންވެސް ދެސަޖިދަދެމެދުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރެއް) ކިޔާނީއެވެ.
(34) ކުށުސަޖިދާގައި ކިޔުމަށް ވަކިޚާއްޞަ ޛިކުރެއް ވާރިދުވެފައެއް ނުވެއެވެ. ކުށުސަޖިދާގައި އޮންނައިރު ކިޔުން މޮޅުއިތުރުކަމަށް ބައެއް ޢިލްމުވެރިން ގެންނަވާފައިވާ “سُبْحَانَ مَنْ لَا يَنَامُ وَلَا يَسْهُو” މި ޛިކުރަކީ އަލްޙާފިޡު އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވާ ފަދައިން އެއްވެސް އަޞްލެއްނެތް ޛިކުރެކެވެ.([6])
(35) ޢާއްމުކޮށް ހުރިހާ ޢިލްމުވެރިންގެ އަރިހުގައި ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖަހައިފިކަމުގައިވާނަމަ ކުށުސަޖިދައިގެފަހުން އަލުން އައްތަޙިއްޔާތަށް އިންނާކަށް ނުޖެހޭނެއެވެ.
އަދި ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާކަމުގައިވާނަމަ، ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ކުށުސަޖިދައަށްފަހުގައި އައްތަޙިއްޔާތަށް އިންނަންޖެހޭނެއެވެ.
މި މަސްއަލާގައި ރާޖިޙުގޮތަކީ: ސަލާމްދިނުމުގެ ފަހުން ކުށުސަޖިދަޖަހާމީހާވެސް އައްތަޙިއްޔާތަށް އިންނާކަށް ނުޖެހޭނެއެވެ. މިގޮތަށް އައްތަޙިއްޔާތަށް އިންނަންޖެހޭކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން ޞައްޙަކޮށް އައިސްފައެއް ނުވެއެވެ. މިއީ ޝާފިޢީ މަޛްހަބުގައިވާ ގޮތެވެ. އަދި ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އާއި (ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ) ލަޖްނަތުއްދާއިމާއިން އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ.([7])
ﷲ ތަޢާލާއަށް އަޅަމެން އެދި ދަންނަވަނީ؛ އެކަލާނގެ ލޯބިވެވޮޑިގެންވާ އަދި އެކަލާނގެ ރުއްސަވާވޮޑިގެންވާ ކަންކަމަށް އަޅަމެންނަށް ތައުފީޤު ދެއްވުމެވެ! އަދި އެކަލާނގެއަށް ޛިކުރުކުރުމުގައްޔާއި، ޝުކުރުކުރުމުގައްޔާއި، އެކަލާނގެއަށް ހެޔޮގޮތުގައި އަޅުކަންކުރުމުގައި އަޅަމެންނަށް އެކަލާނގެ ވާގިވެރިވެވޮޑިގަތުމެވެ! آمين!
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ.
_______________________________
([1]) ينظر: التمهيد لابن عبد البرّ (5/33)، وشرح النووي على مسلم (5/56)، وفتح الباري (3/94)، وفتاوى ابن باز (11/267).
([2]) ينظر: مجموع الفتاوى (23/36)، والشرح الممتع (3/395).
([3]) ينظر: مجموع الفتاوى (23/43-44).
([4]) އެ ހަތް ގުނަނަކީ: ނިތްކުރިއާއި ނޭފަތް، ދެ އަތްތިލަ، ދެ ކަކޫ، ދެ ފައިގެ އިނގިލިތަކެވެ. (މުތަރުޖިމް)
([5]) އިފްތިރާޝަށް އިނުމަކީ ދެސަޖިދަ ދެމެދު އިންނަގޮތަށް، ވާތުފައިމަތީގައި އިށީނދެ، ކަނާތުފައިގެ އިނގިލީގެ ކޮޅުތައް ބިމުގައި ޖައްސައިގެން އިންނަ އިނުމެވެ. (މުތަރުޖިމް)
([6]) ينظر: التلخيص الحبير لابن حَجَر (2/12).
([7]) ينظر: مجموع الفتاوى (23/50)، وفتاوى اللجنة الدائمة (7/148).