(29) ހެނދުނާއި ހަވީރަށް ޚާއްޞަކުރުމެއްނެތި، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ކިޔެވިދާނެ ޛިކުރުތަކުގެ ތެރޭގައި އަންނަނިވި ޛިކުރުތައް ހިމެނެއެވެ.
- ((سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ)) 3 ފަހަރު ކިޔުން.
((سُبْحَانَ اللَّهِ وَبِحَمْدِهِ رِضَا نَفْسِهِ)) 3 ފަހަރު ކިޔުން.
((سُبْحَانَ اللَّهِ وَبِحَمْدِهِ زِنَةَ عَرْشِهِ)) 3 ފަހަރު ކިޔުން.
((سُبْحَانَ اللَّهِ وَبِحَمْدِهِ مِدَادَ كَلِمَاتِهِ)) 3 ފަހަރު ކިޔުން.([1])
((سُبْحَانَ اللَّهِ وَبِحَمْدِهِ)): ކޮންމެ އުނި ސިފައަކުންނާއި ޢައިބަކުން މި އަޅާ ﷲ ހުސްޠާހިރު ކުރަމެވެ. އަދި އެންމެހާ ފުރިހަމަ ސިފަތަކެއް އެކަލާނގެއަށް ސާބިތުކުރަމެވެ. ފަހެ، މި ޛިކުރުގައި މިވަނީ ތަސްބީޙައާއި ޙަމްދުކުރުން ޖަމާކުރެވިފައެވެ. އެބަހީ؛ ﷲ ތަޢާލާއަށް ޙަމްދުކުރާޙާލު މި އަޅާ އެކަލާނގެއަށް ތަސްބީޙަކިޔަމެވެ. ނުވަތަ؛ މި އަޅާ ﷲ ތަޢާލާއަށް ތަސްބީޙަކިޔައި، އެކަލާނގެއަށް ޙަމްދުކުރުމެވެ.
((سُبْحَانَ اللَّهِ وَبِحَمْدِهِ رِضَا نَفْسِهِ)): ހުސްޠާހިރުވަންތަ ކަލާނގެ ރުއްސަވާވޮޑިގެންވާ މިންވަރަކަށް މި އަޅާ އެކަލާނގެއަށް ތަސްބީޙަކިޔައި، ޙަމްދުކުރަމެވެ. މިއީ މަތިވެރިކަމާއި، ޞިފަކުރުމުގައި ނިހާޔަތެއްނެތް މިންވަރެކެވެ. ނުވަތަ ﷲ ތަޢާލާގެ ރުއްސަވާވޮޑިގަތުން ލިބޭނެ މިންވަރަކަށް މިއަޅާ ތަސްބީޙަކިޔައި، ޙަމްދުކުރަމެވެ.
((سُبْحَانَ اللَّهِ وَبِحَمْدِهِ زِنَةَ عَرْشِهِ)): މަތިވެރިވެގެންވާ ޢަރުޝީގެ ވަޒަނުގެ މިންވަރަށް މި އަޅާ އެކަލާނގެއަށް ތަސްބީޙަކިޔައި، ޙަމްދުކުރަމެވެ. މަޚްލޫޤުތަކުންގެ ތެރެއިން އެންމެ ބޮޑު، އަދި އެންމެ ވަޒަނުގެގޮތުން އެންމެ ބޮޑު މަޚްލޫޤަކީ ޢަރުޝިއެވެ.
((سُبْحَانَ اللَّهِ وَبِحَمْدِهِ مِدَادَ كَلِمَاتِهِ)): އެކަލާނގެ ކަލިމަފުޅުތަކުގެ ދެލީގެ މިންވަރަށް (އެބަހީ؛ އެ ކަލިމަފުޅުތަކުގެ ޢަދަދުގެ މިންވަރަށް) މި އަޅާ އެކަލާނގެއަށް ތަސްބީޙަކިޔައި، ޙަމްދުކުރަމެވެ. އެބަހީ؛ ޢަދަދު ނުކުރެވޭ މިންވަރަށެވެ. ފަހެ، ﷲގެ ކަލިމަފުޅުތަކަކީ ނިމުމެއްނުވާ ކަލިމަފުޅުތަކެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿قُل لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا﴾ (الكهف: 109) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލިމަފުޅުތަކަށް ދަވާދެއްކަމުގައި ކަނޑުވީނަމަ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލިމަފުޅުތައް (ލިޔެ) ހުސްވުމުގެކުރިން ކަނޑު ހުސްވެއްޖައީހެވެ. ތިމަންރަސްކަލާނގެ އެފަދަ އެހެންކަނޑެއް އިތުރަށް ގެނެސްދެއްވިނަމަވެހެވެ.”
މި ޛިކުރު ބަޔާންވެގެންވާ ޙަދީޘުން ޙާޞިލުވާ ނަތީޖާއަކީ: ﷲގެ ތަސްބީޙައާއި ޙަމްދަކީ ވަކި ޢަދަދެއް އަދި ވަކި މިންވަރެއް ކަނޑައެޅިގެންވާ ކަމެއް ނޫނެވެ. ފަހެ، ވަޒަންކުރެވޭނެ އެންމެ ބޮޑަކަށް، އަދި ޢަދަދުކުރެވޭނެ އެންމެ މައްޗަކަށް، އަދި ލޮބުވެތި ބަހެއް ފޯރަފާނެ އެންމެ މަތީ ދަރަޖައަކުން މި އަޅާ އެކަލާނގެއަށް ތަސްބީޙަކިޔައި، ޙަމްދުކުރަމެވެ.
- ((لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)) 100 ފަހަރު ކިޔުން. އަދި ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރޭގައި 1 ފަހަރު، ނުވަތަ 10 ފަހަރު ކިޔުމަށް އައިސްފައިވެއެވެ.
- ((سُبْحَانَ اللَّهِ وَبِحَمْدِهِ)) 100 ފަހަރު ކިޔުން. އަދި ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރޭގައި މި ޛިކުރު 100 ފަހަރު ކިޔުމަށް އައިސްފައިވެއެވެ.
- ((أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ)) ނުވަތަ ((أَسْتَغْفِرُ اللَّهَ)) 100 ފަހަރު ކިޔުން.
(30) ބަޔާންވެ އެ ދިޔައީ ދުވަހެއްގައި ޢާއްމުކޮށް ކިޔުމަށް އައިސްފައިވާ ޛިކުރުތަކާއި، 100 ފަހަރު ކިޔުމަށް ޚާއްޞަވެފައިވާ ޛިކުރުތަކެވެ. މި ޛިކުރުތައް އެއް އިށީނުމުން ހުރިހާ ޛިކުރުތައް ކިޔާ ނިންމާލިނަމަވެސް، އަދި އެކިފަހަރު މަތިން ކިޔައިފިކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ. އަދި ދުވާލުގެ ކުރީކޮޅުގައި އެއްބައި، އަދި ފަހުކޮޅުގައި އަނެއްބައި ކިޔައިފިނަމަވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް، އެންމެ މޮޅުއިތުރު ގޮތަކީ؛ މި ޛިކުރުތައް ވިއްދައިގެން އެއްކޮށް ކިޔާ ނިންމާލުމެވެ. އެއީ؛ އެ ޛިކުރުތަކުގެ ޘަވާބުތައް އަވަހަށް ހޯދައިގަތުމުގެ ގޮތުންނާއި، ހަނދާންނެތުމާއި، ޢަދަދުތައް އޮޅުންފަދަކަމަކުން ސަލާމަތްވުމަށްޓަކައެވެ. އަދި ދުވާލުގެ އެންމެހާ ވަގުތެއްގައި ރައްކާތެރިކަން ލިބުމުގެ ގޮތުންނެވެ.([2])
(31) އިރުއޮއްސުމަށްފަހު ރޭގަނޑުގައި ކިޔުމަށް އައިސްފައިވާ ޛިކުރުތަކުގެ ތެރޭގައި: ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތްކަމުގައިވާ ﴿آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ …﴾ މި އާޔަތާއި ޖެހިގެން އިން އާޔަތް ކިޔުން އައިސްފައިވެއެވެ. (ރޭގަނޑުގައި މި ދެ އާޔަތް ކިޔުމަށް އައިސްފައިވާއިރު) އިރުއޮއްސުމުގެ ކުރިން މި ދެ އާޔަތް ކިޔުމެއް ނުވެއެވެ.
ޙަދީޘްގައި އައިސްފައިވެއެވެ. ((الْآيَتَانِ مِنْ آخِرِ سُورَةِ الْبَقَرَةِ، مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ))([3]) މާނައީ: “ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތަކީ؛ އެ ދެ އާޔަތް ރޭގަނޑެއްގައި ކިޔަވައިފިމީހަކަށް ފުދިގެންވާ ދެ އާޔަތެކެވެ.” އެބަހީ؛ ގެއްލުންދެނިވި އެންމެހާ އެއްޗަކުން ރައްކާތެރިކޮށްދިނުމަށްވާ ރައްކަލެއްކަމުގައި ފުދިގެންވާ ދެ އާޔަތެވެ. އަދި ރޭއަޅުކަމުގެ (ޘަވާބާއި ދަރުމަ ހޯދުމަށް) ފުދިގެންވާ ދެ އާޔަތްކަމުގައިވެސް ބުނެވިފައިވެއެވެ. އަދި ޝައިޠާނާގެ ކިބައިން ރައްކަލެއްކަމުގައި ފުދިގެންވާ ދެ އާޔަތްކަމުގައިވެސް ބުނެވިފައިވެއެވެ.
ﷲ ތަޢާލާއަށް އަޅަމެން އެދި ދަންނަވަނީ؛ އަޅަމެއްގެ ދީނުގައި އަޅަމެން ފިޤްހުވެރިކޮށް ދެއްވުމަށެވެ! އަދި އަޅަމެން އުގެނޭ އެއްޗަކުން އަޅަމެންނަށް މަންފާކޮށް ދެއްވުމަށެވެ! އަދި އަޅަމެންނަށް ޢިލްމާއި ހިދާޔަތު އިތުރުކޮށް ދެއްވުމަށެވެ! އަދި އެކަލާނގެއަށް ޛިކުރުކުރުމުގައްޔާއި، ޝުކުރުކުރުމުގައްޔާއި، އެކަލާނގެއަށް ހެޔޮގޮތުގައި އަޅުކަންކުރުމުގައި އަޅަމެންނަށް އެކަލާނގެ ވާގިވެރިވެވޮޑިގަތުމަށެވެ! آمين!
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ.
____________________________
([1]) މި ޛިކުރު ((سُبْحَانَ اللَّهِ وَبِحَمْدِهِ: عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ)) މި ޢިބާރާތުން 3 ފަހަރު ކިޔުމަށްވެސް އައިސްފައިވެއެވެ. އެންމެ ޞައްޙަކަން ބޮޑު ރިވާޔަތުގައި ވަނީ ކުރިން ބަޔާންކުރެވުނުގޮތެވެ. (މުތަރުޖިމް)
([2]) ينظر: شرح النووي على صحيح مسلم (17/17)، وعمدة القاري للعيني (6/131).