[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (10)

މިޖީލުގެ ކުދިންގެ ކިބައިގައި ބަދަލުވެފައިވަނީ ކޮން ކަމެއް؟

ކޮންމެ މުރައްބީއެއްގެ ކައިރީގައި، މިޖީލުގެ ކުދިން ފަސާދަވުމުގެ ސަބަބަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ، މިފަދައިން ޖަވާބު ދޭނެއެވެ. “އެގޮތަށް މި މެދުވެރިވީ ބަވަނަވުމުގެ (ގްލޯބަލައިޒޭޝަންގެ) ސަބަބުންނެވެ. އަދި މީޑިއާއާއި، ޗެނަލްތަކުން ދައްކާ ފަސާދައިގެ ކަންތައްތަކުގެ ސަބަބުންނެވެ. އަދި އިންޓަނެޓާއި، ޓެކްނޮލޮޖީގެ ސަބަބުންނެވެ. އަދި ގޯސް ރަހުމަތްތެރިންގެ ސަބަބުންނެވެ.” މިއީ އެމީހުންނަށް ބުއްދީގެ ގޮތުން ބަލާއިރު ޤަބޫލުކުރެވޭ ސަބަބުތަކެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމުގައި އިހުމާލުވާ މައިންބަފައިންނަށް ބުނެލަން ފަސޭހަވެސް ސަބަބުތަކެކެވެ.

އެހެނަސް، މިކަމާމެދު އަހަރެން ދެކެނީ ވަރަށް ތަފާތުކޮށެވެ. “މީޑިއާއާއި، ޗެނަލްތަކާއި، އިންޓަނެޓާއި، ރަހުމަތްތެރިންނަކީ ގެއިން ބޭރުން ދަރިންނަށް ކުރިމަތިވާ ކަންކަމެވެ. އެތަކެތީގެ ކިބައިން، އަހަރެމެންގެ ދަރިން ރައްކާތެރިކުރުމަށް އަހަރެމެން މަސައްކަތްކުރިނަމަ، އޭގެ ނުބައި އަސަރުތައް އެކުދިންނަށް ނުކުރީހެވެ.” އިތުރު ތަފްޞީލަކަށް ގޮސްލާނަމެވެ: މިސާލަކަށް؛ އަހަރެންގެ ދަރިފުޅަކީ އުފެދުމުގައިވެސް ލޯފަން ނުވަތަ ބީރު ކުއްޖެއްނަމަ، އޭނާގެ އެ ނުކުޅެދުންތެރިކަމަށް، މުއުޖިޒާތަކުން މެނުވީ ފަރުވާއެއް ނުލިބޭނެއެވެ. އެހެންނަމަވެސް، މިސާލަކަށް؛ އެދަރިފުޅަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި ކުއްޖެއްކަމުގައިވެފައި، ބަލި މީހަކު ކުއްލިއަކަށް އޭނާ ކައިރީ ހުރެ ކިނބިއްސެއް އަޅައިފިނަމަ، ވަގުތުން އެދަރިފުޅުގެ ގަޔަށް ބަލިއަރާނެ ހެއްޔެވެ؟ ނޫނެކެވެ. އެހެނަސް އެކަން ބިނާވެފައިވަނީ، އެ ދަރިފުޅުގެ ގަޔަށް ޖަރާސީމު އެތެރެވި މިންވަރެއްގެ މައްޗަށެވެ. އަދި އޭނާގެ ދިފާޢީ ނިޒާމުން އެއާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރި ނެތް މިންވަރަކަށެވެ.

މީޑިއާގެ ވަސީލަތްތަކާއި، އެކިއެކި ޗެނަލްތަކާއި، އިންޓަނެޓަކީ އޭގެ ޒާތުގައި ގެއްލުންދޭ އެއްޗިއްސެވެ. އެހެންނަމަވެސް، އަހަރެންގެ ނަޒަރުގައި، ދަރިންގެ ނުކިޔަމަންތެރިކަމުގެ ފަހަތުގައިވާ އެންމެ ފުރަތަމަ ސަބަބަކީ މިއީ އެއް ނޫނެވެ. އަދި މިޖީލުގެ ކުދިންނަށް މިހާ ބޮޑު ބަދަލެއް އަންނަން ޖެހުމުގެ އެންމެ ބޮޑު ސަބަބުކަމުގައި މިކަންކަން ދުވަހަކުވެސް ވެގެން ނުދާނެއެވެ. އެހެންކަމުގައިވާނަމަ، މިޖީލުގެ ކުދިންގެ ނުކިޔަމަންތެރިކަމުގެ ފަހަތުގައިވަނީ ކޮންކަމެއް ބާވައެވެ؟ އަދި މިކަމުގައި ޒިންމާވަނީ ކޮން ފަރާތެއްތޯއެވެ؟ މިޖީލުގެ ކުދިންނަށް މިހެން މިވީ ކިހިނެތް ވެގެންތޯއެވެ؟

މިޖީލުގެ ކުދިންނަށް މިއައި ބަދަލުތަކުގެ ފަހަތުގައިވަނީ، އަދި އެކުދިންގެ ނުކިޔަމަންތެރިކަމުގެ ފަހަތުގައިވަނީ އެކުދިންގެ މައިންބަފައިންނެވެ! އަހަރެމެންގެ އާދަތަކާއި، ތަރުބިއްޔަތާމެދު ދެކޭ ގޮތް ބަދަލުވީއެވެ. އަދި އަހަރެމެންގެ ކުޑަކުދިންނާމެދު އަހަރެމެން މުޢާމަލާތްކުރާ ގޮތް ބަދަލުވީއެވެ. އެކުދިންނަށް އެއްވެސް އަދަބެއް ދަސްކޮށްނުދީ، އެކުދިންގެ ގޮތުގައި އުޅެން އަހަރެމެން ދޫކޮށްލީއެވެ. އަދި އެކުދިން ތަރުބިއްޔަތުކުރުމުގައި އަހަރެމެން އިހުމާލުވީއެވެ. އެހެންވެ، އެކުދިންގެ އުޅުން ބަދަލުވެ، އަހަރެމެންގެ މައްޗަށް ގަދަވެގަތީއެވެ.

ކޮންމެ މަންމައަކުވެސް އަމިއްލަ ނަފްސަށް ތެދުވެރިވެ ހުރެ، މިސުވާލުތަކަށް ޖަވާބު ދީބަލާށެވެ: އަހަރެންގެ ދަރިންގެ ޝަޚުޞިއްޔަތު އަހަންނަށް ރަގަޅަށް އެނގޭތަ؟ އެކުދިންގެ ކިބައިގައި ހުރި އުނި ސިފަތަކާއި، އެކުދިންގެ ކިބައިގައި ހުރި ހުނަރުތަކަކީ ކޮބައިކަން އަހަރެންނަށް އެނގޭތަ؟ އެކުދިންގެ ގޯސް ސިފަތައް އިޞްލާހުކޮށް، އެކުދިންގެ އުޅުމާއި ސުލޫކުގައި، ރަނގަޅު ކަންކަން ހަރުލައްވަން މަސައްކަތްކުރަންތަ؟ އަހަރެން އެކުދިންނަށް ނަމޫނާ ދައްކަންތަ؟ ﷲއަށް ތަޤުވާވެރިވުމުގެ މައްޗަށާއި، ރިވެތި އަޚުލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރަންތަ؟ އަހަރެން އެކުދިންނަށް މަގުދައްކައިދެންތަ؟ އަހަރެންނާ ދުރުގައި އެކުދިން ތިބޭ އިރު، އެކުދިން ކުރާ ކަންކަން އަހަރެންނަށް އެނގޭތަ؟ އެކުދިންގެ ރަޙުމަތްތެރިންގެ ވިސްނުމާއި، ފިކުރާ އަދި އެކުދިންގެ ދީންވެރިކަން ހުރި ނެތްވަރު އަހަރެންނަށް އެނގޭތަ؟ ކަމެއް ދިމާވެގެން، ނުވަތަ އެކުދިން އަހަރެންނަށް ބޭނުން ޖެހޭއިރު، އަހަރެންގެ ފިކުރާއި، އަދި އަހަރެންގެ ވަޤުތު އެކުދިންނަށްޓަކައި ހުސްކޮށްދެންތަ؟

މައިންބަފައިން، އަދިވެސް މީޑިއާ، އަދި ޗެނަލްތަކަށާއި، އިންޓަނެޓަކީ ދަރިން ގޯސްވުމުގެ ސަބަބުކަމުގައި ދަޢުވާކުރާނަމަ، އަހަރެން ސުވާލުކޮށްލަން ބޭނުމެވެ: މިކަންކަމާއި ކުރިމަތިލުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރިންތަ؟ މިއިންކުރާ ނުބައި އަސަރުތަކުން ދަރިން ސަލާމަތްކުރުމަށްޓަކައި އެއްވެސް ކަމެއް ކުރިންތަ؟ އެކަންކަމުން އެކުދިން ރައްކާތެރިކުރުމަށްޓަކައި، އެއާ ދެކޮޅަށް އެކުދިން މަސައްކަތްކުރާނެ ފަދަ “ބޭހެއް” އެކުދިންނަށް ދިނިންތަ؟

ގިނަ މީހުން ދެކޭ ގޮތުގައި، މީޑިއާގެ ވަސީލަތްތަކާއި، ޗެނަލްތަކާއި، އިންޓަނެޓަކީ ކޮންމެހެން ހުންނަންޖެހޭ ނުބައި އެއްޗެކެވެ. އަދި އެއިން ލިބޭ ގެއްލުންތައް ޢާއްމުވެފައިވާއިރުވެސް ގިނަ މީހުންވަނީ އެމީހުންގެ ދަރިން، މިފަދަ ތަކެތީގެ ބެލުމުގެ ދަށަށް ދޫކޮށްފައެވެ. އަދި އެއިން ކުރާ އަސަރުތަކުގެ ކުރިމަތީގައި އަމާންދީފައެވެ. އަދި އެމީހުންގެ ދިރިއުޅުން ކުރިއަށް ގެންދަނީ ކުރިން ބުނެވުނު މި ބަހުގެ މައްޗަށް ބުރަވެތިބެއެވެ: “މިޖީލަކީ ތަފާތު އަދި ޚާއްސަ ޖީލެކެވެ. މި ޖީލުގެ ކުދިން ކިޔަމަންތެރި ކުރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މި ކުދިންވަނީ މައިންބަފައިންގެ ބާރުގެ ދަށުން އެއްކޮށް ދޫވެގެން ގޮސްފައެވެ!”

މިޖީލަށް މިހާ ބޮޑު ސަބަބެއް އައީ ގޭގެ ތެރެއިންނެވެ. އަހަރެމެންގެ –މައިންނާއި ބަފައިންގެ- ވިސްނުންތައް ބަދަލުވެ، އަހަރެމެން އަދާކުރަންޖެހޭ ވާޖިބުތަކަށް އިހުމާލުވެ، ނުބައިކަން ފަތުރައި، އެކަންކަން އަހަރެމެންގެ ދަރިންނާއި ހަމައަށް ވާސިލުކޮށްދިނީއެވެ.

     މިޖީލުގެ ދަރިންނަށް އައި ބަދަލުގެ ފަހަތުގައި ދެކަމެއްވެއެވެ:

     އެންމެ ފުރަތަމަކަމަކީ: މައިންބަފައިންގެ “އޯގާތެރިވުމުގައި” ހައްދެއް ނެތުން

މައިންބަފައިން އެމީހުންގެ ދަރިންނަށް ލޯބިދެނީ ހައްދެއް ނެތް މިންވަރަށެވެ. މީގެ ސަބަބުން އެކުދިންގެ ހެދިބޮޑުވެ، ތަސައްރަފު ފުދޭ މިންވަރު ދަށްވެ، އެކުދިން މައިންބަފައިންނަށް ބަރޯސާވާލެއް ބޮޑެވެ. އެހެންކަމުން، މައިންބަފައިން ދަރިން ބަލަހައްޓަންޖެހޭ މުއްދަތު އިތުރުވެ، އެމީހުންގެ މަސްއޫލިއްޔަތުތައް ބޮޑުވެފައި ބުރަވެފައިވެއެވެ. މަންމައިންނަށް އެމީހުންނަކީ ބަސްވިކޭ، ބަހުގައި ހިފަހައްޓާ ބަޔަކަށް ވާންޖެހޭކަން ވިސްނައިދޭނީ ކިހިނެތް ހެއްޔެވެ؟!

ކިތައް މައިން (އަދި ބައެއް ބައްޕައިންވެސް)، މާބޮޑަށް ދަރިންގެ ކުދިކުދި ކަންކަމުން ފެށިގެން ބަލަހައްޓައި، އަދި އަޅާލުން ދޭންވާ ވަރަށްވުރެ ބޮޑަށް ދިނުމުގެ ސަބަބުން، އެމީހުންގެ ދަރިންގެ އުޅުންވަނީ ގޯސްވެފައެވެ. އެ މަންމައަކީ އޭނާގެ ދަރިފުޅު ދެކެ ޙަޤީޤީ ލޯބިވާ މައެއްނަމަ، އެދަރިފުޅުގެ އަތުގައި ހިފައިގެން ހިނގާނީ ﷲއާއި އެކަލާނގެ ރަސޫލާ ލޯބިވެވޮޑިގަންނަވާ ގޮތުގެ މަތިން އެކުއްޖާގެ ދީންވެރިކަމާއި، ޚުލުޤު ބެހެއްޓުމަށްޓަކައެވެ. އަދި އެދަރިފުޅަށް އެހީވާނީ، އެމަންމައަށް ކަމޭ ހިތައި، އިޙުތިރާމްކޮށް، އެމަންމައަށް ކިޔަމަންތެރި ދަރިއަކަށްވުމަށެވެ. އެހެނީ، މިކަންކަމަކީ އެދަރިފުޅުގެ ދެދުނިޔެއަށްޓަކައި އެންމެ ރަނގަޅު ގޮތްކަމަށްވާތީއެވެ.

________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!