[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (14)

3. ކުޑަކުދިން ކުރާ ސުވާލުތަކަށް ޖަވާބު ނުދީ ރެކިގަތުން: އަދި ޖަވާބު ދޭއިރުގައި ވެސް ރަނގަޅަށް ޖަވާބު ނުދީ ދޮގުހަދައިގެން ޖަވާބު ދިނުމެވެ. ބައެއް މައިންބަފައިން އެމީހުންގެ ދަރިން ކައިރީ ދޮގު ހަދައި، އެކުދިންގެ ޅަސިކުނޑި މަޖަލަކަށް ނަގައެވެ. މީގެ ސަބަބުން އެކުދިން މަޢުލޫމާތު ހޯދަން ފަށަނީ ރަޙުމަތްތެރިންގެ ކިބައިންނާއި، އިންޓަނެޓުންނެވެ. މީގެ ސަބަބުން އެކުދިންނަށް ގޯސް ޖަވާބުތައް ލިބި، އެ ޖަވާބުތަކާމެދު ރުހެއެވެ. އެކުދިންގެ ރަހުމަތްތެރިންނާއި ގާތްގުޅުން އުފެދި، އަދި އަލުން މައިންބަފައިންނާއި ސުވާލުކުރާކަށްވެސް ނޫޅޭނެއެވެ. އޭރުން ތިބާއަށް، އެކުދިން އުޅެނީ ކޮންކަމަކާކަމެއްވެސް ނޭނގޭނެއެވެ. އަދި އެކުދިންގެ ސިކުނޑިތަކަށް ވަންނަން ފަށާފައިވަނީ ކޮންކަހަލަ ކަންކަމެއްކަމާ، އަދި އެކަމުން އެކުދިންގެ އުޅުމަށް އަންނަ ބަދަލުވެސް ނޭނގޭނެއެވެ. އެހެންގޮތަކަށް ބުނާނަމަ، ތިބާވާނީ އެކުދިންގެ ދުނިޔެއިން ބާކީވެފައެވެ. އަދި އެކުދިން އިސްކަންދޭ ކަންކަމާއި އެކުދިންނަށް މުހިއްމު ކަންކަމަކީ ކޮބައިކަން ތިބާއަށް ނޭނގޭނެއެވެ. އަދި ތިބާއާ އެކުދިން ދުރުވެ، އަދި އެކުދިންގެ ކަންކަން ތިބާއަށް ސިއްރުކުރާނެއެވެ. އަދި ތިބާގެ ކިޔަމަންތެރިކަމުގެ ދަށުގައި އެކުދިން ނުތިބޭނެއެވެ.

އެހެންކަމުން، ކުދިން ކުރާ ސުވާލުތަކަށް ޖަވާބުދީ، އެކުދިން ޝައުޤުވެރިވާ ކަންކަމަށް ތިބާ އިސްކަންދިނުމަކީ އެކުދިންނާ ތިބާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށްދޭނެ ކަންކަމެވެ. އަދި މައިންނާއި ދަރިންނާ ދެމެދު އޮންނަ އިތުބާރާއި ލޯބި އިތުރުވެގެންދާނެއެވެ. އަދި އެކުދިންގެ ހިތުން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ދެކޮޅުވެރިވުމުގެ ޝުޢޫރު ފިލައިދާނެއެވެ. އަދި މައިންބަފައިންގެ ކިބައިން އަމާންކަން އެދޭ ޙާލު އެމީހުންނާއެކު ވުމަށް އެދޭނެއެވެ. ވީމާ، ދަރިން ކުރާ ސުވާލުތަކުގެ ޖަވާބު އެކުދިންގެ ޢުމުރާގުޅޭގޮތަށް ދިނުމަށް އަޅުގަނޑު ހުރިހާ މައިންނަށް ނަޞޭޙަތްތެރިވަމެވެ. ދަރިފުޅު ތިބާއާ އެ ސުވާލުކުރަނީ އޭނާގެ މަޢުޞޫމުކަމާއެކުގައެވެ. ތިބާ އެކަމާ ކަންބޮޑުވެ ލަދުގަންނަނީއެވެ. އެހެނަސް، ދަރިފުޅަށް ރަނގަޅަށް ހުރިހާ އިހުސާސްތަކެއް ނޭނގެއެވެ. އަދި ތިބާ ތިޔަ ބިރުގަނެ ފަސްޖެހެނީ ކޮންކަމަކާކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ވީމާ އެދަރިފުޅު ދެކޭ ގޮތުގައި ސުވާލުގެ ޖަވާބަކީ ކޮބައިތޯ އަހާލާށެވެ. އޭރުން އެދަރިފުޅަށް އެސުވާލުގެ ޖަވާބު އެނގެނީ ކިހާ މިންވަރަކަށްތޯ އެނގިގެންދާނެއެވެ. އަދި އެދަރިފުޅު ދޭ ޖަވާބުން، އެ ސުވާލަށް ދެވޭނެ މުނާސަބު ޖަވާބެއް ހޯދާށެވެ. އެ ދަރިފުޅުގެ އުމުރާއި، ވިސްނުމާ ގުޅޭގޮތަށެވެ. އަދި ޖަވާބުދޭއިރު ޢިލްމީ ޙަޤީޤަތްތަކަށް ބިނާކޮށް ޖަވާބު ދޭށެވެ. ވީހާވެސް ކުރުކޮށެވެ. އޭރުން އެ ދަރިފުޅުވެސް އެޖަވާބު ބަލައިގަންނާނެއެވެ.

4. މާ ހަރުކަށިކޮށް މުޢާމަލާތްކުރުމުގެ ސަބަބުން، ދަރިން، މައިންބަފައިން އެ ދޭ ނަޞޭހަތްތަކަށް ބޯލެނބުމާ ދުރަށް ދިއުން: މާބޮޑަށް ހަރުކަށިވުމަކީވެސް އޭގެ ސަބަބުން ދަރިން މައިންބަފައިންނަށް ނުކިޔަމަންތެރިވާން މެދުވެރިވާ ސަބަބެކެވެ. އަޅުގަނޑު މިތާނގައި މި މިސާލު ޖަހަނީ ނަމާދާބެހޭގޮތުންނެވެ. ބައެއްމީހުން ދެކޭ ގޮތުގައި ދަރިންނަށް ހަތް އަހަރު ފުރުމުން، ހުރިހާ ފަރުޟުނަމާދުތަކެއް އެއްފަހަރާ ކުރަން އެކުދިންނަށް މަޖުބޫރެވެ. އެގޮތުން ފަތިސްނަމާދުކުރުމަށް ފަތިހު ނަގައެވެ. އަދި ސުންނަތްތައް ކުރުމަށް ވެސް މަޖުބޫރުކުރުވައެވެ. އެހެނަސް، “ތިޔަބައިމީހުންގެ ދަރިންނަށް ހަތް އަހަރުވުމުން ނަމާދުކުރަން އަމުރުކުރާށެވެ. އަދި ދިހަ އަހަރުވުމުން (ނަމާދު ނުކޮށްފިނަމަ) އެކުދިންނަށް އަދަބުދީގެންވެސް ނަމާދުކުރުވާށެވެ!” މި ޙަދީޡުންވެސް އެނގިގެން ދާގޮތުގައި އެކުދިން ލައްވާ ނަމާދުކުރުވަންވީ ތިން އަހަރު ތެރޭގައި ކެތްތެރިކަމާއެކީ، މަރުހަލާތަކަކުންކަމެވެ.

ބައެއް މައިންބަފައިން އެމީހުންގެ ދަރިން ކައިރީ ނަމާދުކުރަން ބުނަނީ ވަރަށް ހަރުކަށިކަމާއެކީގައެވެ. މިއީ ކުޑަކުދިން ނަމާދުކުރުމާ ދުރުހެލިވުމަށް މެދުވެރިވާނެ ކަމެކެވެ. ހަތް އަހަރުގެ ކުއްޖަކު، އެކުއްޖާ އެންމެ ބަލާ ހިތްވާ ކާޓޫނު ބަލަން ހުއްޓާ، ނުވަތަ ފައިދާހުރި ގޭމެއް ކުޅުމުގެ ތެރެއަށް ގޮސް ގެއްލިފައި ހުއްޓާ އެކުއްޖާ ކައިރީ ވަގުތުން އެކަން ހުއްޓާލުމަށާއި، އަވަހަށް ނަމާދަށް ދިއުމަށް ބުނެފާނެއެވެ. މިއީ ކުޑަކުދިންނަށް އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންކަމުން، ނަމާދަށް ބަންގި ގޮވައިފިނަމަ، ނަމާދުކުރުމަށް ތައްޔާރުވުމަށް ބުނާށެވެ.

އަހަރެމެން ނަމާދުކުރަނީ ﷲގެ ރުއްސެވުން އެދޭ ޙާލު، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމަށްޓަކައެވެ. ކުޑަކުދިން ކައިރީ ނަމާދުން ލިބޭ އެހެނިހެން ފައިދާތަކުގެ ވާހަކަވެސް ބުނެދެވިދާނެއެވެ. މީގެ ތެރޭގައި ޑިޕްރެޝަން އިން ދުރުހެލިކޮށްދިނުމާއި، ހަށިގަނޑަށް ކަސްރަތު ލިބޭ ވާހަކަވެސް ބުނެވިދާނެއެވެ. އެހެނީ، ނަމާދުން ލިބޭ ފައިދާތަކުގެ ވާހަކަ ބުނެދެވުމުގެ ސަބަބުންވެސް ނަމާދަށް ފަރުވާތެރިވުމަށް އިތުރު ބާރެއް ލިބިގެން ދާނެއެވެ.

އިސްލާމްދީނުގައި ކުޑަކުއްޖާ ބާލިޣުވަންދެން އޭނާގެ ކިބައިން ގަލަންވަނީ އުފުއްލެވިގެންނެވެ. އެކުދިން ބާލިޣު ނުވަނީސް އެކުދިންނާ ﷲ ސުވާލު ނުކުރައްވަވާނެއެވެ. އެހެންކަމުން، އެކުދިން ލައްވައި އަޅުކަންތައްތައް ކުރުވުމުގައި އަވަސް އަރައި ނުގަންނާށެވެ. ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކަ އެކުދިންނަށް ކިޔައިދޭށެވެ. އަދި ﷲގެ މަތިވެރިވަންތަކަމުގެ ވާހަކަވެސް އެކުދިންނަށް ކިޔައިދޭށެވެ. އެކުދިންގެ ހިތްތަކުގައި ޚާލިޤުވަންތަ ﷲއަށް ލޯބި ޖައްސުވާށެވެ. އަދި އެކަލާނގެ ދެއްވަވާފައިވާ ނިޢުމަތްތައް އެކުދިންނަށް ބުނެދޭށެވެ. އަދި އެކުދިންނަށް ﷲގެ މަގަށް ޙިކުމަތްތެރިކަމާއެކު ގޮވާލާށެވެ. އަޅުކަންތައްތަކުގެ ހައިބަތު އެކުދިންގެ ހިތްތަކުގައި މަތިވެރިކުރުމަށް، އެކުދިންނާގުޅޭ އުސްލޫބެއް އިޚުތިޔާރުކުރުމަކީ މައިންބަފައިންގެ ވާޖިބެކެވެ. މި ވާޖިބު އަދާކުރުމުގައި ﷲ އަޅަމެންނަށް ތައުފީޤު ދެއްވާށިއެވެ. އަދި އެކަމަކަށް ނުކުޅެދުމުން އަޅަމެން ރައްކާތެރި ކުރައްވާށިއެވެ. އަދި އަޅަމެންގެ ދަރިން އަޅުކަންތަކާއި ދުރަށް ދިއުމުން ރައްކާތެރިކުރައްވާށިއެވެ.

****************************

__________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!