ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
މި ކަންކަން ބަޔާންކޮށްދެއްވައިފައިވަނީ މާތް ﷲ އިންސާނުންނާއި ދެއްވާފައިވާ ގިނަގުނަ ނިޢުމަތް ހަނދާންކޮށްދިނުމުގެ ތެރެއިން ﷲ ގެ އުލޫހިއްޔަތާއި ރުބޫބިއްޔަތު ބަޔާންކޮށްދިނުން.
ސޫރަތުގެ މުހިއްމު ނުކުތާތައް
– އެކަލާނގެ ދުނިޔެއާއި އާޚިރަތުގައި ޚަލްޤުތަކުންނަށް ދެއްވާ ގިނަގުނަ ނިޢުމަތްތައް ހަނދާންކޮށްދެއްވާފައިވެއެވެ. އެންމެ ބޮޑު ނިޢުމަތަކީ ހެޔޮ ނުބައި ވަކިކޮށްދެނިވި ވަޙީއެވެ. މި ނިޢުމަތްތަކުގެ މުޤާބިލުގައި އަޅުތަކުން ޝުކުރުވެރިވާންޖެހެއެވެ.
– މިފަދަ ބައެއް ނިޢުމަތްތަކުގެ ތަފްޞީލު މި ސޫރަތުގެ ބައެއް އާޔަތްތަކުގައި އައިސްފައިވެއެވެ. މި ނިޢުމަތްތަކާމެދު ވިސްނާލުމުން ޚަލްޤުތަކުންނާމެދު ﷲ ތަޢާލާގެ އޯގާވަންތަކަން އެނގިގެންދެއެވެ. (4ވަނަ އާޔަތުން 16 ވަނަ އާޔަތަށް އަދި 65 ވަނަ އާޔަތުން 72 ވަނަ އާޔަތަށް އަދި 78 ވަނަ އާޔަތުން 81 ވަނަ އާޔަތަށް)
– އާޚިރަތްދުވަހަށް އީމާންނުވާ މީހުން އީމާން ނުވާ ސަބަބު ބަޔާންކުރައްވާފައިވެއެވެ. އެއީ އެބައިމީހުން ބޮޑާވުމުގެ ސަބަބުންނާއި އެބައިމީހުންގެ ހިތްތައް އީމާންވުމަށް އިންކާރުކުރުމުންނެވެ. (22 ވަނަ އާޔަތް)
– އަންނަނިވި ކަންކަމާ ގުޅޭ ޝަރުޢީ ޙުކުމްތައް ބަޔަންކުރައްވާފައިވެއެވެ. ހިޖުރަކުރުން، ޖިހާދުކުރުން، ޢަދުލު އިންސާފު ޤާއިމުކުރުން، އިޙްސާންތެރިވުން، ފާޙިޝްކަންތައްތަކާއި މުންކަރާތްތައް ނަހީވެގެންވުން އަދި ޢަހުދާއި ޚިލާފުވުން.
– އެކި މީހުން ނިޢުމަތްތަކަށް ކުފުރުވަނީ އެކި ވަރަށް ކަން ބަޔާންވެފައިވެއެވެ.
– ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ލާމަސީލު މިސާލެއްގެ ވާހަކަ އައިސްފައިވެއެވެ. އެއީ އިބްރާހީމް عليه السلام ގެ ވާހަކައެވެ.
މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް
– އިބްރާހީމް عليه السلام ނިޢުމަތްތަކަށް ޝުކުރުވެރިވުމުން އެކަމުގެ ހެޔޮ ޖަޒާއެއްގެ ގޮތުން ސީދާވެގެންވާ މަގަށް އެކަލޭގެފާނަށް މަގު ދެއްކެވިއެވެ.
شَاكِرًا لِّأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ (121)
“އެކަލާނގެ ދެއްވި نعمة ތަކަށް، شكر ކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ.”
އިބްރާހީމް عليه السلام ޝުކުރުވެރިވެލެއްވީ އަލުކަންކުރެއްވުމުގައި ﷲ އެއްކައުވަންތަ ކުރައްވައިގެންނެވެ. އެކަމުގެ ޖަޒާއެއްގެ ގޮތުން އެކަލޭގެފާނު ޚިޔާރުކުރެއްވާ ހިދާޔަތް ދެއްވިއެވެ.
– ޢަދުލުވެރިކަމަށް އަމުރުކުރެއްވުމަށްފަހު ދެން ﷲ ތަޢާލާ އަމުރުކުރައްވާފައިވަނީ އިޙްސާންތެރިކަމަށެވެ. މިފަދައިން ޤުރުއާނުގައި ވަރަށް ގިނައިން ތަކުރާރު ކުރައްވާފައިވެއެވެ.
إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ ﴿٩٠﴾
“ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.”
– ދުނިޔޭގައި އެކި މީހުންނަށް ރިޒްޤުދެއްވަނީ އެކި ގޮތަށެވެ. އަދި ރިޒްޤު ތަނަވަސްވެފައިވާ އަޅުތަކުން އެކަލާނގެއަށް ޝުކުރުވެރުވުމަށް އަމުރުކުރައްވާ، އެނޫން އަޅުތަކުން ކެތްތެރިވުމަށް އަމުރުކުރައްވާފައިވެއެވެ. އަދި އިރާދަކުރައްވާ އަޅަކަށް އެކަލާނގެ ފަޟްލުވަންތަކަން އިތުރުކުރައްވަވައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ހިދާޔަތަށް ތަބަޢަވީ ތަޤްވާވެރިންނަށް ހިތަށްވެސް ނުގެނެވޭފަދަ މަތިވެރި ނިޢުމަތްތައް ސުވަރުގޭގައި ލިބޭނެއެވެ. އަދި ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް މިދުނިޔޭގައި ލިބޭނެއެވެ.
مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٧﴾
“مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.”
– ޙަފްޞާ ބިންތު ސީރީން رحمها الله ގެ ދަރިކަލެއް ނިޔާވިއެވެ. އެ ދަރިކަލުންނަކީ އެކަމަނާއަށް ވަރަށް ކިޔަމަންތެރި، ބަސް އަހާ ދަރިކަލެއްކަމުން، ދަރިކަލުން ނިޔާވުމުން އެކަމަނާއަށް ފުން ހިތާމައެއް ލިބިވަޑައިގަތެވެ. ދަރިކަލުން ނިޔާވި ދުވަހާއި ވިދިގެން އައިރޭ ގައި ދަމުނަމާދު ކުރައްވަމުން އެކަމަނާ ކިޔަވާ ވިދާޅުވީ سورة النحل އެވެ. މި ސޫރަތް ކިޔަވަމުން އަންނަނިވި އާޔަތާއި ހަމައަށް ވަޑައިގެންނެވުނެވެ.
مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ اللَّـهِ بَاقٍ ۗ وَلَنَجْزِيَنَّ الَّذِينَ صَبَرُوا أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٦﴾
ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި اللَّه ގެ حضرة ގައިވާ އެއްޗެއް ދެމިހުންނާނެތެވެ. އަދި ހަމަކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން عمل ކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.
އެހިނދު އެކަމަނާގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ. ހިތާމައާއި މޮޅިވެރިކަމުގެ ކަޅު ވިލާތައް އެކަމަނާގެ ބޯމަތިން ކެހިގެން ދިޔައެވެ. (މަޞްދަރު: البر و الصلة لابن الجوزي)
– ﷲ ތަޢާލާ ޚަލްޤުކުރެއްވި ގިނަގުނަގުނަވެގެންވާ ފަރުވާތަކުގެ ތެރެއިން މާމުޔަކީ ދެވަނައެއް ނުވާފަދަ ފުރިހަމަ ފަރުވާއެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ ﴿٦٨﴾ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾
“ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް އިލްޙާމް ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި މީހުންހަދައިދޭ ބިނާތަކުގައި ހަތާހަދައި އުޅޭށެވެ. [68] ދެން ތިޔަކުޅަނދުރު ހުރިހާ މޭވާތަކުން ކައިއުޅޭށެވެ. ފަހެ، ތިޔަކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވައިފައިވާ މަގުތަކުން ހިނގާށެވެ. އެތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި މީސްތަކުންނަށް ބަލިފަސޭހަވުންވެއެވެ. ހަމަކަށަވަރުން ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. [69]”
އެންމެ ޢާއްމުކޮށް މާމުއި ހަތާ ހަދާއުޅެނީ ފަރުބަދަތަކުގައެވެ. ދެން ގަސްގަހާގެހީގައެވެ. ދެން މީހުން ހަދައިދޭ ބިނާތަކުގައެވެ. މި ސޫރަތުގެ 69 ވަނަ އާޔަތުގައި އައިސްފައިވަނީވެސް މިތަރުތީބެވެ.
“ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި މީހުންހަދައިދޭ ބިނާތަކުގައި ހަތާހަދައި އުޅޭށެވެ.”
މި ތިން ވެށި ނޫން ވެއްޓެއްގައި ކުޅަނދުރު ހަތާހަދާ ނޫޅެއެވެ. އެސޮރުމެން ﷲ އަށް ކިޔަމަންވާވަރުބޮޑުކަމާއެވެ! (ابن القيم/التفسير القيم)
– وَإِن تَعُدُّوا نِعْمَةَ اللَّـهِ لَا تُحْصُوهَا ۗ إِنَّ اللَّـهَ لَغَفُورٌ رَّحِيمٌ ﴿١٨﴾
ތިޔަބައިމީހުން اللَّه ގެ نعمة ހިމަނައި، عدد ކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمة އެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.
މި އާޔަތުގައި މި ވަނީ ﷲ ތަޢާލާ އަޅުތަކުންނާއި މުޢާމަލާތު ކުރައްވާގޮތެވެ.
– وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ ﴿٣٤﴾
އަދި އެކަލާނގެ حضرة އަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. اللَّه ގެ نعمة ތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ نعمة ތައް عدد އެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، شكر ކުރުން ނެތްމީހެކެވެ.
މި އާޔަތުގައި މި ވަނީ އަޅުތަކުން ﷲ ތަޢާލާއާމެދު މުޢާމަލާތުކުރާގޮތެވެ.
މި ދެ މުޢާމަލާތުގެ ފަރަޤުގެ ބޮޑުކަން ދެކެބަލާށެވެ. އަޅަމެންނަކީ މާތްﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވާ ބަޔަކުކަމުގައި ލައްވާށި!
އާމީން.
__________________________
މަޞްދަރު: أول مرة أتدبر القرآن