[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވީދެއްގެ ގޮތުގައި ކީރިތި ޤުރުއާނުގެ އާޔަތެއް ލިޔެފައި އެޅުމުގެ ޙުކުމަކީ ކޮބާ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ތަވީދަކީ ޖާހިލިއްޔަ ޒަމާނުއް ސުރެ މީސްތަކުން ބޭނުން ކުރަމުން އައި އެއްޗެކެވެ. އެއީ އޭގެ ސަބަބުން ބޮޑެތި މީހުންނާއި ކުޑަކުދިންނާއި ޖަނަވާރުފަދަ ތަކެތިވެސް އެސްފީނާއާއި ޖިންނި ޝައިޠާނުންނައި އެނޫންވެސް އެފަދަ ކަންކަމުން، ނުރައްކާތަކުން ރައްކާތެރިކޮށްދޭކަމަށް ޤަބޫލުކޮށްގެން އެބައިމީހުން ކުރަމުން އައި ކަމެކެވެ. އެފަދަ ތަވީދުތަކުގައި އެބައިމީހުން ލިޔެ އުޅުނީ ޝިރުކުގެ އެކިއެކި ޢިބާރާތްތަކެވެ.

އިސްލާމްދީން ފާޅުވެ، ފުރިހަމަވެގެން ދިޔަ އިރު އެފަދަ ޚުރާފީ ކަންތައްތައްވަނީ ނަހީކުރައްވާފައެވެ. އަދި އެއީ ޝިރުކުގެ ޢަމަލުތަކެއްކަމުގައި ނަބަވީ އިރުޝާދުތަކުން އެނގިގެން ދެއެވެ. [1]

ތަވީދު އެޅުމުގެ ޙުކުމް މިފަދައިން އޮތްއިރު ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލަކީ ހަށިރައްކަލަކަށް ކީރިތި ޤުރުއާނުގެ އާޔަތެއް ލިޔެފައި އެ އަޅައިގެން އުޅުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ: ސަލަފުންގެ ދުވަސްވަރުން ފެށިގެންވެސް މިކަމުގައި ކޮންމެވެސް ވަރެއްގެ ޚިލާފެއް އެބަ އޮތެވެ. އެގޮތުން ޢަބްދުﷲ ބުން ޢަމްރު رضي الله عنه ބުރަވެވަޑައިގަންނަވަނީ ކީރިތި ޤުރުއާނުގެ އާޔަތެއް ލިޔެ ތަވީދެއްގެ ގޮތުގައި އެޅުމަކީ ހުއްދަކަމެއްގެ ގޮތުގައެވެ. އެހެނަސް ޢަބްދުﷲ ބުން މަސްޢޫދާއި އިބްނު ޢައްބާސް އަދި ޢުޤްބާ رضي الله عنهم ބުރަވެވަޑައިގަންނަވަނީ އެކަން ހުއްދަ ނޫންކަމުގައެވެ.

މިކަމުގައި ވާރިދުވެފައިވާ ދަލީލުތަކަށް ބަލާލާއިރު ރާޖިޙު ބަސްފުޅަކީ އެއީ ހުއްދަނޫން ކަމެކެވެ. އޭގެ ސަބަބުތަކަކީ:

  1. ތަވީދު އެޅުން ނަހީކުރާ ޢާންމު ޙަދީޘްތަކުގެ ތެރޭގައި އެކަން ހިމެނިގެން ދެއެވެ. އެކަން ޚާއްޞަކުރާނެ އިތުރު ދަލީލެއް ނުވެއެވެ.
  2. އެފަދައިން ތަވީދެއް އަޅައިފިނަމަ ކީރިތި ޤުރުއާނަށް އިޙްތިރާމު ކުޑަކުރެވެއެވެ. އެއީ ޤަޟާ ޙާޖާ ކުރާ ތަންތަނަށް ނުވަތަ އެނޫންވެސް ހަޑި ތަންތަނަށް އެއާ އެކު ވަދެވިދާނެއެވެ.
  3. ޤުރުއާނުގެ އާޔަތްތައް ލިޔެގެން ހަދާފައިވާ ތަވީދުތައް އަޅާނަމަ، ޝިރުކުގެ ޢިބާރާތްތައް ލިޔެގެން ސިޙުރުވެރިންނާއި މުޝްރިކުން ހަދާ ތަވީދުތައް އެޅުމުގެ ދޮރު ހުޅުވިގެން ހިނގައިދާނެއެވެ. އެހެންކަމުން ޝިރުކުގެ ދޮރު ބަންދުކުރުމަށް މިގޮތް ރައްކާތެރިކަން ބޮޑެވެ.
  4. ނަބިއްޔާ صلى الله عليه وسلم ރުޤްޔާ ކުރައްވާ އުޅުއްވިއެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުން ހަދާފައިވާ ތަވީދުތައް އެޅުން ހުއްދަނަމަ އެކަލޭގެފާނު އެކަމަށް އަމުރުކުރެއްވީހެވެ. [2]

 

އެހެންކަމުން މިކަމުގައި ރައްކާތެރި ގޮތަކީ ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔެގެން ހަދާފައިވާ ތަވީދުތަކާއި އެ ނޫން ތަވީދުތައްވެސް ދޫކޮށްލައި ކީރިތި ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވާ ޛިކުރުތަކާއި ދުޢާތައް ކިޔައި، ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް މިފަދަ ހުރިހާ ކަމެއްގައިވެސް ޢަމަލުކުރުމެވެ.

 


 

[1] ބައްލަވާ: ކިތާބުއްތައުޙީދުގެ ދިވެހި ތަރުޖަމާ (ޞ: 45 – 48)

[2]  ބައްލަވާ: حاشية كتاب التوحيد لابن القاسم (ص: 85 – 86).