[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – ނަވާރަވަނަ މަޖުލީސް

މައްކާ ފަތަޙަކުރެއްވުން

ޙަމްދުހުރީ ﷲ އަށެވެ. އެއިލާހީ އެންމެހާ ތަކެއްޗެއް ޚަލްޤުކުރައްވާ އެތަކެތި މިންވަރުކުރެއްވި އިލާހެވެ. އަދި އެއިލާހު ހުރިހާ މަޚުލޫޤެއްގެ ރިޒްޤާ އަދި އެ ރިޒްޤުގެ މަޞްދަރު ދެނެވޮޑިގެންެވެއެވެ. އަދި އެއިލާހު އިރާދަކުރައްވާ އަދި އެއިލާހު ލިޔުއްވި އެންމެހާކަމެއް ލައުޙުލް މަޙްފޫޡުގައި ހިމަނުއްވަވާފައިވެއެވެ. އެއިލާހުު އިސްކުރައްވާފައިވާ ކަމެއް ފަސްކުރާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު ފަސްކުރައްވާފައިވާކަމެއް އިސްކުރާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު ނިކަމެތި ކުރައްވައިފި މީހަކަށް ނަޞްރުވެރިވާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު ނަޞްރުދެއްވައިފި މީހަކު ނިކަމެތިކޮށްލާނެ ފަރާތެއް ނުވެއެވެ. ވެރިކަމާއި ދިރިދެމިވޮޑިގެންވުމާއި ޢިއްޒަތްވަންތަކަމާއި ކިބްރިޔާވަންތަކަމުގައި އެއިލާހު އެއްކައުވަންތައެވެ. އަދި އެއިންކަމެއްގައި އެއިލާހާ ދެކޮޅުވެގަނެއްޖެ މީހަކު ނިކަމެތިކުރައްވާ ހުއްޓެވެ. އެއިލާހީ އެއްކައުވަންތަ އިލާހެވެ. އަދި އެއިލާހީ އަޅުތަކުންގެ ފަރާތުން އެއްވެސް ކަމަކަށް ބޭނުންވެވޮޑިގެން ނުވާ އަދި އަޅުތަކުން އެއިލާހަށް ބޭނުންޖެހިގެންވާ ރައްބެވެ. ފަހެ އެއިލާހު ނެތުމުގެ ތެރެއިން ޚަލްޤުކުރައްވާފައިވާ ޚަލްޤުކުރެއްވުމަކު، އެއިލާހާ އެއްވެސް އެއްޗެއް ބައިވެރިވެގެން ނުވެއެވެ. އެއިލާހީ އެއިލާހުގެ ޚަލްޤުތަކުގެ ކަންކަމުގައި ޤާއިމުވެވޮޑިގެނވާ، ބައްލަވާވޮޑިގެންވާ، ދިރިދެމިވޮޑިގެންވާ އިލާހެވެ. އަދި އެއިލާހީ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ފަހެ އަޅާ ފޮރުވާ އަދި ސިއްރުކުރާކަމެއް އެއިލާހަށް ވަންހަނާވެގެން ނުވެއެވެ. އެއިލާހުގެ ފަޟްލަވަންތަވެރިކަމާއި، ދެއްވާފައިވާ ލުއިފަސޭހަތަކަށް މިއަޅާ އެއިލާހަށް ޙަމްދު ކުރަމެވެ.

އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. ފަހެ އެއިލާހު ފާފަވެރިންގެ ތައުބާ ޤަބޫލުކުރައްވާ، އެމީހަކަށް ޢަފޫކުރައްވާ އަދި އެމީހެއްގެ ފާފަ ފުއްސަވައިދެއްވައެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި އެއިލާހުގެ ރަސޫލާކަމަށް މިއަޅާ ހެކިވަމެވެ. އެކަލޭގެފާނަކީ ހިދާޔަތުގެ މަގު ސާފުކޮށް ބަޔާންކޮށްދެއްވައި އެމަގު އަލިކޮށްދެއްވި ފަރާތެވެ. އަދި އެމަގުން ޝިރުކުގެ އަނދިރިކަމާއި ޝިރުކާއި ގުޅުންހުރި އެންމެހައި ކަމެއް ނެތިކޮށްލެވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުގެ މައްޗަށް މައްކާ ފަތަޙަކުރެއްވުނެވެ. ފަހެ ގެފުޅުން ބުދުތައް ނައްތާލައި އެގެފުޅު ޠާހިރު ކުރެއްވިއެވެ. ﷲތަޢާލާ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި މާތް ޞަޙާބީންނާއި ތާބިޢިންނާއި އެބޭކަލުންނަށް އިޙްސާންތެރި ގޮތުގައި ތަބަޢަ ވީހާ ބަޔަކަށް ހަނދު ހިނގަހިނގާހުރި ހިނދަކު (އެބަހީ ޤިޔާމަތާއި ހަމައަށް) ޞަލަވާތް ލައްވާށިއެވެ. އަދި ގިނަގުނަވެގެންވާ ސަލާމުން ސަލާމް ލައްވާށިއެވެ.

އަޚުންނޭވެ! ބަރަކާތްތެރި މިމަހުގައި އެ ހަނގުރާމައެއްގައި އިސްލާމްދީނަށް ނަޞްރު ލިބި، އެދީން މަތިވެރިވެގެން ދިޔަ ބަދުރު ހަނގުރާމަ ހިނގައިދިޔަ ފަދައިން، ހިޖުރައިން އަށްވަނަ އަހަރުގައި، އަމާންކަން ލިބެގެންވާ ރަށް، މައްކާ ފަތަޙަ ކުރެއްވުމުގެ ހަނގުރާމަވެސް ކުރެވިގެން ދިޔައެވެ. ފަހެ މި މަތިވެރިވެގެންވާ ފަތަޙާގައި ނުބައިވެގެންވާ ޝިރުކުން އެރަށް ސަލާމަތް ކޮށްދެއްވިއެވެ. އެހާ ހިސާބުން ޝިރުކު ނެތިގޮސް ތައުޙީދު ޤާއިމުވެ، އަދި ކުފުރު ނެތިގޮސް އިމާންކަން ޤާއިމުވެ އަދި ބޮޑާވެރިކަން ނެތިގޮސް އިސްލާމްކަން ޤާއިމުވެ، މައްކާ އިސްލާމީ ބިމަކަށް ބަދަލުވެގެން ދިޔައެވެ. އަދި އެރަށުގައި އެއްކައުވަންތަ ޤައްހާރުވަންތަ އިލާހަށް އަޅުކަންކުރުން ފާޅުގައި ކުރެވިގެން ދިޔައެވެ. އަދި އެރަށުން ޝިރުކުގެ ވަޘަނުތައް (އަޅުކަންކުރަން ބޭނުންކުރާ ބުދުތަކާއި އެހެންހެން ތަކެތި) ފުނޑުފުނޑު ކޮށްލެވުނެވެ. ފަހެ އެ ދުވަހުގެ ފަހުގައި އެކަން އަނބުރާ އިޢާދަކުރާނެ މީހަކު ނުވެއެވެ.

 

މި މަތިވެރިވެގެންވާ ފަތަޙާގެ ސަބަބަކީ: ހިޖުރައިން ހަވަނަ އަހަރުގައި ޙުދައިބިއްޔާގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ޤުރައިޝުންނާ ދެމެދު ޞުލްޙަ ހެދިގެންދިޔަ ހިނދު، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަހުދުގެ ތެރެއަށް ވަންނަށް ބޭނުން ޤަބީލާއެއް އެކަލޭގެފާނުގެ އަހުދުގެ ތެރެއަށް ވަނެވެ. އަދި ޤުރައިޝުންގެ އަހުދުގެ ތެރެއަށް ވަންނަށް ބޭނުން ޤަބީލާއެއް އެމީހުންގެ އަހުދުގެ ތެރެއަށް ވަނެވެ. ފަހެ ޚުޒާޢާ ވަންހައިގެ މީހުން ވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަހުދުގެ ތެރެއަށެވެ. އަދި ބަނޫ ބަކްރު ވަންހައިގެ މީހުން ވަނީ ޤުރައިޝުންގެ އަހުދުގެ ތެރެއަށެވެ.

މި ދެ ޤަބީލާގެ މެދުގައި ޖާހިލިއްޔަ ޒަމާނުގެ ލޭގެ މައްސަލައެއް ވެއެވެ. އެގޮތުން ބަނޫ ބަކްރުގެ މީހުން މި ޞުލްޙައިގެ މަތީގައި ތިބެފައި، މިބައިމީހުން ޚުޒާޢާ ވަންހައިގެ މީހުންނަށް ހަމަލާދީފިއެވެ. އެއީ ޚުޒާޢާ ވަންހައިގެ މީހުން އެމީހުންނަށް އަމާންކަން ދީފައި ވަނިކޮށެވެ. ޤުރައިޝުން އެބައިމީހުންނާ އެއްބައިވެގެން ތިބި ބަނޫ ބަކްރުގެ ޤަބީލާއަށް، މީހުންނާއި ހަތިޔާރު ފޯރުކޮށްދީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އެއްބައިވެގެން ތިބި ޚުޒާޢާ ވަންހައާއި ދެކޮޅަށް ސިއްރުން އެހީތެރިވެއްޖެއެވެ.

ދެން ފަހެ ޚުޒާޢާ ވަންހައިގެ ބަޔަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ބަނޫ ބަކްރުގެ މީހުން ކަންތައް ކުރި ގޮތާއި ޤުރައިޝުން އެމީހުންނަށް އެހީތެރިވިކަމުގެ ޚަބަރު ދީފިއެވެ.

އަދި ޤުރައިޝުން ދަންނައެވެ. ފަހެ އެބައިމީހުންގެ އަތުން ބީވެގެންދިޔަ ފަދައެވެ! އަދި އެބައިމީހުންގެ މި ޢަމަލުގެ ސަބަބުން އެބައިމީހުން މި ޢަހުދާ ޚިލާފުވެއްޖެކަމަށް އެބައިމީހުން ދެކުނެވެ. ދެން ފަހެ ޢަގުދު ވަރުގަދަކޮށް މުއްދަތު އިތުރުކުރުމަށް، އެބައިމީހުންގެ ޒަޢީމު އަބޫ ސުފްޔާން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ފޮނުވިއެވެ. ދެން އަބޫ ސުފްޔާން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އެ ވާހަކަދެއްކުމުން އެކަލޭގެފާނު އަބޫ ސުފްޔާންއަށް އެއްވެސް ޖަވާބެއް ނުދެއްވައެވެ. ދެން އެއަށް ފަހުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޝަފާޢަތްފެރިވުމަށްޓަކައި، އަބޫ ބަކުރާއި ޢުމަރުގެ އަރިހުގައި ވާހަކަދެއްކިއެވެ. އެވަރުންވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. ދެން އެއަށްފަހުގައި ޢަލީ ބުން އަބީ ޠާލިބާ ވާހަކަދެއްކިއެވެ. އެވަރުންވެސް އެކަމެއް ކާމިޔާބެއް ނުވެއެވެ. ދެން އެއަށްފަހުގައި ބުނެފިއެވެ. “އޭ އަބުލްޙަސަނެވެ! މިކަމުގައި ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކިހިނެތް ހެއްޔެވެ؟” ވިދާޅުވިއެވެ. “ތިބާގެ ކިބައިން ކަމެއް ފުއްދާދޭނެ ކަމެއް ތިމަންކަލޭގެފާނަކަށް ނުފެނެއެވެ. އެހެން ނަމަވެސް ތިޔައީ ބަނޫ ކިނާނާގެ ވެރިޔާއެވެ. މީސްތަކުންނަށް ހިމާޔަތްދިނުމުގައި ތިބާ ނުކުންނާށެވެ!” ބުނެފިއެވެ. “އެކަމުން އަހަރެންނަށް އެއްވެސްކަމެއް ފުއްދައިދޭނެކަމަށް ކަލޭގެފާނަށް ހީފުޅުވޭ ހެއްޔެވެ؟” ވިދާޅުވިއެވެ. “ﷲގަންދީ ބުނަމެވެ! ނޫނެކެވެ! އެހެންނަމަވެސް ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މިނޫން ގޮތެއް ތިބާއަކަށް ނެތެވެ.”

ދެން ފަހެ އަބޫ ސުފްޔާން އެފަދައިން ކަންތައް ކުރިއެވެ. ދެން އެއަށްފަހު މައްކާއަށް އެނބުރި ރުޖޫޢަވެއްޖެއެވެ. ދެން ޤުރައިޝުން އަބޫ ސުފްޔާންގެ ކައިރީގައި ބުނެފިއެވެ. “ކަލޭގެ ފަހަތުގައިވަނީ ކޮންކޮންކަމެއް ހެއްޔެވެ؟” ބުނެފިއެވެ. “މުޙައްމަދުގެ އަރިހަށް އަހަރެން ގޮސް ވާހަކަ ދެއްކީމެވެ. ﷲ ގަންދީ ބުނަމެވެ. އޭނާ އަހަރެންނަކަށް ޖަވާބެއް ނުދެއެވެ. ދެން އަހަރެން އިބްނު އަބީ ޤުޙާފާއާއި އިބްނުލްޚައްޠާބްގެ އަރިހަށް ދިޔައީމެވެ. ދެން ފަހެ އެކަމުގައި އަހަރެންނަކަށް މޮޅެއް ނުފެނުނެވެ. ދެން އަހަރެން ޢަލީގެ އަރިހަށް ދިޔައީމެވެ. ދެން ޢަލީގެފާނު އަހަރެން ކަންތައް ކުރާނެ ގޮތަކާމެދު އިޝާރާތެއް ދިއްވިއެވެ. އެއީ އަހަރެން މީސްތަކުންނަށް ހިމާޔަތް ދިނުމެވެ. އެބައިމީހުން ބުނެފިއެވެ. އެކަމުގެ ހުއްދަ މުޙައްމަދު ދިން ހެއްޔެވެ؟ ބުނެފިއެވެ. ނޫނެކެވެ. އެބައިމީހުން ބުނެފިއެވެ. ކަލެއަށް ހަލާކު ހުއްޓެވެ! އޭނާ (އެބަހީ: ޢަލީގެފާނު) ކަލެއާ ޖެއްސުންކުރަނީއެވެ. [1]

 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަންނައެވެ. ފަހެ އެކަލޭގެފާނު އެކަލޭގެފާނުގެ އަޞްޙާބުންނަށް ހަނގުރާމައަށް ތައްޔާރުވުމަށް އަމުރުކުރެއްވިއެވެ. އަދި އެބައިމީހުންނަށް އެކަލޭގެފާނު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތުގެ ޚަބަރު ދެއްވައި އެކަލޭގެފާނުގެ ވަށައިގެންވާ ޤަބީލާތަކަށް ހަނގުރާމައަށް ތައްޔާރުވުމަށް އަމުރު ކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ.

((اللَّهُمَّ خُذِ الأخبارِ والْعُيونَ عَنْ قريشٍ حتى نَبْغَتَها في بلادِها)) [2]

މާނައީ: “އޭ ﷲ! ޚަބަރުދޭ މީހުންނާއި ޖާސޫސުން ޤުރައިޝުންގެ ކިބައިން ދުރުކުރައްވާނދޭވެ! އެއީ އެބައިމީހުންގެ ބިމުގައި އެބިމީހުންނަށް ކުއްލި ހަމަލާއެއް ދިނުމަށްޓަކައެވެ.”

ދެން އެއަށް ފަހުގައި މަދީނާއިން ގާތްގަނޑަކަށް ދިހަހާސް ހަނގުރާމަވެރިން ނުކުތެވެ. އަދި މަދީނާއަށް ޢަބްދުﷲ ބްނު އުއްމު މަކްތޫމް ވެރިކުރެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. ދެން ފަހެ ދަތުރުކޮށްފައި ދިޔަ މަގުން، ޖުޙްފާއިން އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަލްޢައްބާސް، އެކަލޭގެފާނުގެ އަހުލުންނާއެކު މުސްލިމުންގެ ގޮތުގައި ހިޖުރައަށް ނުކުމެފައިވަނިކޮށް ބައްދަލުވިއެވެ. އަދި އަލްއަބްވާ އޭ ކިޔުނު ތަނުގައި އެކަލޭގެފާނުގެ ބޮޑުބޭބޭގެ ދަރި އަބޫ ސުފްޔާން ބުން ޙާރިޘް ބްނު ޢަބްދުލް މުއްޠަލިބާއި އެކަލޭގެފާނުގެ ބޮޑުދައިތަގެ ދަރި ޢަބްދުﷲ ބްނު އަބީ އުމައްޔާއާ ބައްދަލުވިއެވެ. ފަހެ އެ ދެބޭކަލުންވީ އެކަލޭގެފާނާ އެންމެ ޢަދާވާތްތެރިވި މީހުންގެ ތެރެއިންނެވެ. ދެން ފަހެ އެދެބޭކަލުންވެސް އިސްލާމްވިއެވެ. އަދި އެދެބޭކަލުންގެ އިސްލާމްކަން އެކަލޭގެފާނު ޤަބޫލުކުރެެއްވިއެވެ. އަދި އަބޫ ސުފްޔާނާމެދު ޙަދީޘްކުރެއްވިއެވެ. “ޙަމްޒާގެފާނުގެ ޚަލްފެއްގެ ގޮތުގައި އެކަލޭގެފާނު ވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.” [3] (އެބަހީ: ޙަމްޒާގެފާނުފަދަ ބޭފުޅެއްގެ ގޮތުގައި ވާނޭކަމަށް އުންމީދު ކުރައްވަމެވެ.)

 

ދެން ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމަ – މައްކާގެ ކައިރީގައިވާ – އައްޡަހްރާން އޭ ކިޔާތަނުން ހުރަސްކުރިހުނދު, ލަޝްކަރަށް އަލިފާން ރޯކުރުމަށް އަމުރުކުރެއްވިއެވެ. ދެން ފަހެ އެބޭކަލުން ދިހަހާސް އަލިފާނގަޑު ރޯކުރިއެވެ. އަދި ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲ އަންހު ފާރަވެރިއެއްގެ ގޮތުގައި ލެއްވެވިއެވެ. އަދި މީހަކު ހޯދައި ޤުރައިޝުންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ދެކޮޅަށް ހަނގުރާމައަށް ނުކުތުމަށް އެންގުމަަށްޓަކައި ދިޔުމަށް ޢައްބާސްގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަޣްލަށް ސަވާރުވިއެވެ. ދެން ފަހެ އެބައިމީހުން އަމާންކަމަށް އެދުނެވެ. އަމާންވެގެންވާ ރަށް، މައްކާގައި ހަނގުރާމައެއް ނުހިނގައެވެ.

ދެން ފަހެ ޢައްބާސްގެފާނު ވަޑައިގެންނެވި ހިނދު، އަބޫ ސުފްޔާން ބުން ޙަރްބު ބުދައިލު ބުން ވަރަޤާއަށް ބުނާއަޑު އިވުނެވެ. “މިކަހަލަ އަލިފާންގަނޑުތަކެއް ދުވަހަކުވެސް އަހަރެން ނުދެކެމެވެ!” ބުދައިލު ބުނެފިއެވެ. “މިއީ ޚުޒާޢާ ވަންހައިގެ ކަމެކެވެ.” އަބޫ ސުފްޔާން ބުނެފިއެވެ. “ޚުޒާޢާ ވަންހައިގެ މީހުން އެއަށްވުރެ މަދުވެފައި ނިކަމެތިވާނެއެވެ.” ދެން ފަހެ ޢައްބާސްގެފާނަށް އަބޫ ސުފްޔާނުގެ އަޑުކަން އެނގުމުން އަބޫ ސުފްޔާންއަށް ގޮވައިފިއެވެ. ޖަވާބުގައި ބުނެފިއެވެ. “އޭ އަބުލްފަޟްލެވެ! ކަލެއަށް ކިހިނެއްވީ ހެއްޔެވެ؟” ޢައްބާސްގެފާނު ވިދާޅުވިއެވެ. “އެއީ މީސްތަކުންނާ އެކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެެ.” އަބޫ ސުފްޔާން ބުނެފިއެވެ. “މިކަމުގެ ހީލަތަކީ ކޮބާ ހެއްޔެވެ؟” ޢައްބާސްގެފާނު ވިދާޅުވިއެވެ. “ސަވާރުވާށެވެ. އަހަރެންނާއެކު ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ދިޔުމަށްޓަކައި ސަވާރުވާށެވެ. ދެން އަހަރެން ކަލެއަށް އަމާންކަންދިނުމަށްޓަކައި އެކަލޭގެފާނުގެ އަރިހުގައި އެދޭނަމެވެ.”

ދެން އެކަލޭގެފާނު އަބޫ ސުފްޔާނާއެކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. ފަހެ ޙަދީޘް ކުރެއްވިއެވެ. “އޭ އަބޫ ސުފްޔާންއެވެ. ކަލެއަށް ހަލާކު ހުއްޓެވެ. ﷲމެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަން މިހާރު ކަލެއަށް އެނގިއްޖެ ހެއްޔެވެ؟” ބުނެފިއެވެ. “އަހަރެންގެ ބައްޕައާއި މަންމަ ފިދާކޮށް ބުނަމެވެ. ކަލޭގެފާނުގެ ޙިލްމުވެރިކަމާއި ކަލޭގެފާނުގެ މާތްކަމާއި އަދި ކަލޭގެފާނު ގުޅުންތައް ގުޅުވާކަމާއެވެ! ﷲއާއި އެކު އެހެން އިލާހެއްވާނަމަ އަހަރެންނަށް މިއަދު ފައިދާއެއް ކޮށްދިނީހެވެ.” ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނީ ﷲގެ  ރަސޫލާކަން މިހާރު ކަލެއަށް އެނގިއްޖެ ހެއްޔެވެ؟” ދެން ފަހެ އަބޫ ސުފްޔާނު ލެނގިލައި ހަމަޖެހެލިއެވެ. ދެން ޢައްބާސްގެފާނު އޭނާއަށް ވިދާޅުވިއެވެ. “ކަލެއަށް ހަލާކު ހުއްޓެވެ. އިސްލާމުވާށެެވެ!” ދެން ފަހެ އެކަލޭގެފާނު އިސްލާމްވިއެވެ. އަދި ޙައްޤުވެގެންވާ ޝަހާދަތުން ހެކިވެއްޖެއެވެ. [4]

 

ދެން އެއަށް ފަހުގައި ވާދީ މަޟީޤުގައި ފަރުބަދަކައިރީގައި ލަޝްކަރު ބޮޑަށް ފެންނާނެހެން އަބޫ ސުފުޔާނު ބަހަައްޓަން ޢައްބާސްގެފާނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވިއެވެ. ދެން ފަހެ ޤަބީލާތައް އެބައިމީހުންގެ ދިދަތަކާއެކު އަބޫ ސުފްޔާނު ކައިރިންލާފައި ދިޔައެވެ. ކޮންމެ ޤަބީލާއެއްވެސް ހުރަސްކުރުމުން އެއީ ކޮންބައެއްޔޭ ޢައްބާސްގެފާނުގެ އަރިހުގައި ސުވާލުނުކުރާ އެއްވެސް ޤަބީލާއެއް ހުރަސްކޮށްފައި ނުދެއެވެ. ދެން އެކަލޭގެފާނު އެ ޤަބީލާއެއްގެ ޚަބަރު ދެއްވުމުން ބުނެއެވެ. “އަހަރެންނާ އެމީހުންނާ ދެމެދުގައި އެއްވެސް ކަމެެއް ނުވެއެވެ.” ދެން އެއަށްފަހުގައި ކުރިން ނުފެންނަވަރުގެ ބޮޑު ލަޝްކަރެއް ފެނުނެވެ.  ބުނެފިއެވެ. މިއީ ކޮން ކޮންބައެއް ޔެއްޔެވެ؟ ޢައްބާސްގެފާނު ވިދާޅުވިއެވެ. “އެއީ އަންޞާރުންނެވެ! އެބޭކަލުންގެ ތެރޭގައި ސަޢުދު ބްނު ޢުބާދާ ވެއެވެެ. ދިދަ ވަނީ އެކަލޭގެފާނުގެ އަތުގައެވެ.” ދެން ސަޢުދު، އަބޫ ސުފްޔާންއާއި ހަމައަށް ފޯރިހިނދު ސަޢުދު ވިދާޅުވިއެވެ. “އަބޫ ސުފްޔާނެވެ! މިއަދަކީ މަލްޙަމާގެ ދުވަހެކެވެ. (އެބަހީ: ބޮޑު ހަނގުރާމައެއްގެ ދުވަހެކެވެ.) އަދި މިއަދު ކަޢުބާގެ ކައިރީ ހަނގުރާމަ ކުރެވޭނެއެވެ.”

ދެން އެއަށްފަހުގައި ލަޝްކަރުގެ އެހެންބައެއް ވަޑައިގަތެވެ. ލަޝްކަރުގެ މިބައި އެހެން ބައިތަކަށްވުރެ ކުޑައެވެ. އެލަޝްކަރުގެ ތެރޭގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބުން ތިއްބެވެ. ދިދަވަނީ ޒުބައިރު ބުނުލް ޢައްވާމްގެ އަތުގައެވެ. ދެން ފަހެ ނަބއްިޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަބޫ ސުފްޔާނުގެ އަރިހުން ހުރަސްކުރެއްވި ހިނދު އަބޫ ސުފްޔާނު ސަޢުދުގެ ވާހަކައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޚަބަރު ދެއްވިއެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((كَذَبَ سَعْدٌ، وَلَكِنْ هَذَا يَوْمٌ يُعَظِّمُ اللهُ فِيهِ الْكَعْبَةَ، وَيَوْمٌ تُكْسَى فِيهِ الْكَعْبَةُ)) [5]

 މާނައީ: “ސަޢުދު ދޮގު ހަދައިފިއެވެ. އެހެންނަމަވެސް މިއަދަކީ ﷲ ތަޢާލާ ކަޢުބާ މަތިވެރިކުރައްވާނެ ދުވަހެވެ. އަދި މިއަދަކީ ކަޢުބާގެ އުރަކޮޅުލެއްވޭނެ ދުވަހެވެ.”

 

ދެން އެއަށްފަހުގައި ސަޢުދުގެ އަތުން ދިދަ އަތުލައި އެކަލޭގެފާނުގެ ދަރިކަލުން ޤައިސްއާއި ހަވާލުކުރެއްވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވިއެވެ. އެ ދިދަ އެކަލޭގެފާނުގެ ދަރިފުޅަށް ލިބުމުން އެދިދަ އެއްކޮށް އެކަލޭގެފާނު އަތުން ބީވެގެން ދިޔަކަމުގައި އެކަލޭގެފާނު ދެކި ނުލައްވައެވެ.

ދެން އެއަަށްފަހުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރިޔަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ދިދަ އަލްޙުޖޫނުގައި ޖެހުމަށް އަމުރުކުރެއްވިއެވެ. ދެން އެއަށްފަހު ފަތަޚަ ލިބެގެންވާ ޙާލު އަދި ބާރާއި ނަޞްރު ލިބެގެންވާ ޙާލު ﷲއަށްޓަކައި ތަވާޟުޢުވެރިވެ، އެކަލޭގެފާނުގެ ބޯފުޅު ތިރިކުރައްވަމުން ގޮސް އެކަލޭގެފާނުގެ ނިއްކުރިފުޅު ސަވާރީގެ ގޮނޑިއާ ކައިރިވަންދެން ތިރިކުރެއްވިއެވެ. އަދި އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވަމުން ގެންދެވިއެވެ.

﴿إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا﴾ [سورة ‎الفتح: ١‏]

މާނައީ: ” ފާޅުވެ ބަޔާންވެގެންވާ ފަތަޙައަކުން، ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ.” މިފަދައިން ތަކުރާރުކޮށް ކިޔަވަމުން މައްކާއަށް ވަދެވަޑައިގަތެވެ.

އަދި ލަޝްކަރުގެ އެއްބައި ޚަލިދު ބްނު ވަލީދުއާއެކު މައްކާގެ އެއްފަޅިއަށް ފޮނުވާލެއްވިއެވެ. އަދި ލަޝްކަރުގެ އަނެއްބައި އައްޒުބައިރު ބްނު ޢައްވާމްއާއި އެކު މައްކާގެ އަނެއްވަޅިއަށް ފޮނުވާލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ.

((مَنْ دَخَلَ المسجد فهو آمِنٌ، ومَنْ دخلَ دارَ أبي سفيانَ فهو آمِنٌ، ومن دخلَ بيْتَه وأغْلَقَ بابَه فهو آمِنٌ)) [6]

މާނައީ: “މިސްކިތަށް (އެބަހީ: މަސްޖިދުލް ޙަރާމަށް) ވަދެއްޖެ މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. އަދި އަބޫ ސުފްޔާނުގެ ގެއަށް ވަދެއްޖެ މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ. އަދި އެމީހެއްގެ ގެއަށް ވަދެ ގޭގެ ދޮރި ތަޅުލައިފި މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ.” 

 

ދެން އެއަށްފަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަސްޖިދުލްޙަރާމްއަށް ވަދެވެވަޑައިގަންނަވަންދެން ކުރިއަށް ވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު މިސްކިތަށް ވަދެވަޑައިގަނެ އެކަލޭގެފާނުގެ ސަވާރީގައި އިންނަވައިގެން ޠަވާފު ކުރެއްްވިއެވެ. އޭރު ގެފުޅު ވަށައިގެން ތިންސަތޭކަ ފަސްދޮޅަސް ބުދު ބެހެއްޓިފައިވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައިވާ ދުނިއަކުން އެ ބުދުތައް ތަޅައި ސުންނާފަތިކުރަމުން ކިޔަވާ ވިދާޅުވަމުން ދިޔައެވެ.

﴿جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا﴾ [سورة ‎الإسراء: ٨١]‏  

މާނައީ: “ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލުގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.”

﴿جَاءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ﴾ ‎[سورة سبإ: ٤٩]

މާނައީ: “ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލެއް އަލުން ނުއުފެދޭނެއެވެ. އަދި އިޢާދައެއްވެސް ނުމެކުރެވޭނެމެއެވެ.”

ބުދުތައް ބިންމައްޗަށް ވެއްޓެމުން ދިޔައެވެ.

ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެފުޅުގެ އެތެރެއަށް ވަދެވަޑައިގަތެވެ. އޭރު ގެފުޅުގެ އެތެރޭގައި ޞޫރަތަކެއް ކުރަހާފައި ހުއްޓެވެ. ދެންފަހެ އެ ޞޫތަރައް ފުހެލުމަށް އަމުރުކުރެއްވުމުން ޞޫރަތައް ފުހެލެވުނެވެ. ދެން އެއަށްފަހުގައި ގެފުޅުގެ ތެރޭގައި އެކަލޭގެފާނު ނަމާދު ކުރެއްވިއެވެ. އެކަލޭގެފާނު ނަމާދުން އަވަދިވުމުން، ގެފުޅުގެ ވަށައިގެން ހިންގެވިއެވެ. އަދި ތަކުބީރު ކިޔަމުން ﷲ އެއްކައުވަންތަކުރަމުން ގެންދެވިއެވެ.

 

ދެން އެއަށްފަހު އެކަލޭގެފާނު ކަޢުބާގެ ދޮރު ކައިރީގައި މަޑުކުރެއްވިއެވެ. އޭރު ޤުރައިޝުން އެކަލޭގެފާނުގެ ތިރީގައި އެމީހުންނާމެދު އެކަލޭގެފާނު ކުރައްވާނެ ކަމަކާމެދު އިންތިޒާރުކޮށްގެން ތިއްބެވެ. ދެންފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެފުޅުގެ ދޮރުގެ ދެކަނީގައި ހިއްޕަވައިގެން ހުރެ ޙަދީޘް ކުރެއްވިއެވެ.

((لا إِله إِلاَّ الله وحدَّه لا شريكَ له، لَهُ الْمُلْكُ وله الحمدُ وهو على كَلِّ شَيْءٍ قديرٌ، صَدَقَ وَعْدَه ونَصرَ عَبْدَه وهَزمَ الأحزابَ وحْدَه، يا مَعْشَر قُريش إنَّ الله قد أذهَبَ عَنكم نَخَوَةَ الجاهِليَّةِ وتَعَظُّمَها بالآباءِ، الناسُ مِنْ آدمَ وآدمُ من تُرابٍ. ﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ﴾ [سورة ‎الحجرات: ١٣] يا مَعْشرَ قريشٍ، ما تَظُنُّونَ أني فاعِلٌ بكُمْ؟ قالوا: خيراً أخٌ كرِيمٌ، وابنُ أخٍ كريم، قال: فإنِّي أقُول لكم كما قال يوسفُ لإخوَتِه ﴿ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ يَغْفِرُ اللَّهُ لَكُمْ وَهُوَ أَرْحَمُ الرَّاحِمِينَ﴾ ‎[سورة يوسف: ٩٢‏]  أذْهَبُوا فَأنْتم الطُّلَقَاء))[7]

މާނައީ: “ﷲ މެނުވީ އަޅުކަން ޙައްޤުވާ އެއްވެސް އިލާހަކު ނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި ޙަމްދުވަނީ އެއިލާހަށެވެ. އަދި އެއިލާހީ ހުރިހާކަމަކަށްމެ ކުޅަދުންވަންތަވެ ވޮޑިގެންވާ އިލާހެވެ. އެއިލާހުގެ ވަޢުދުފުޅު ތެދުކުރައްވައިފިއެވެ. އަދި އެއިލާހުގެ އަޅާއަށް ނަޞްރުދެއްވައިފިއެވެ. އަދި އެއިލާހު އެކަނި ޖަމާޢަތްތައް ބަލިކުރައްވައިފިއެވެ. އޭ ޤުރައިޝުންނޭވެ! ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންގެ ކިބައިން، ކިބުރުވެރިކަމާއި ތިޔަބައިމީހުންގެ ކާބަފައިން މަތިވެރިކުރުން ގެންގޮސްފިއެވެ. މީސްތަކުން އައިސްފައިވަނީ އާދަމުގެ ފުށުންނެވެ. އާދަމުގެފާނު އައިސްފައިވަނީ މަށިންނެވެ.

﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ﴾ [سورة ‎الحجرات: ١٣]

މާނައީ: “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންއިލާހު ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟުރަތުގައި ތިޔަބައިމީހުން ކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުން ކުރެ އެންމެ ތަޤުވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.”

އޭ ޤުރައިޝުންނޭވެ! ތިޔަބައިމީހުންނަށް ހީވަނީ ތިމަންކަލޭގެފާނު ތިބައިމީހުންނާމެދު ކަންތައްކުރައްވާނީ ކޮންގޮތަކަށް ހެއްޔެވެ؟” އެބައިމީހުން ބުނެފިއެވެ. “ހެޔޮކޮށެވެ! ކަލޭގެފާނީ ހެޔޮވެގެންވާ އަޚެކެވެ. އަދި ހެޔޮވެގެންވާ އަޚެއްގެ ދަރިކަލެކެވެ.” ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ވިދާޅުވާނީ ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނާމެދު ވިދާޅުވި ފަދައިންނެވެ.

﴿ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ يَغْفِرُ اللَّهُ لَكُمْ وَهُوَ أَرْحَمُ الرَّاحِمِينَ﴾ ‎[سورة يوسف: ٩٢‏] 

މާނައީ: “މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަފުއްސަވާށިއެވެ! އަދި އެއިލާހީ، ރަޙްމަތްލައްވާ އެންމެ ރަޙްމަތްވަންތަ އިލާހެވެ.”

ފަހެ ތިޔަބައިމީހުން ދާށެވެ. ތިޔަބައިމީހުންނީ މިނިވަނުންނެވެ.”

ފަތަޙައިގެ ދެވަނައަށްވީ ދުވަހުގައި މީސްތަކުންނާއިގެން ޚުޠުބާ ދެއްވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތެދުވެވަޑައިގެން ﷲއަށް ޙަމްދުކޮށް އެއިލާހަށް ޘަނާ ކިޔުމަށްފަހު ޙަދީޘްކުރެއްވިއެވެ.

((إن الله حرم مكة ولم يحرمْها الناس فلا يحلٌ لأمرئ يؤمنُ بالله واليوم الآخر أن يسفكَ بها دماً ولا يعضدَ بها شجرةً، فإن أحد ترخص بقتال رسول الله صلى الله عليه وسلّم فقولوا: إن الله أذنَ لرسولِه ولم يأذنْ لكم وإنما أذنَ لي فيها ساعةً من نهارٍ، وقد عادت حرمتُها اليوم كحرمتِها بالأمس، فَلْيُبَلِّغ الشاهدُ الغائب)) [8]

މާނައީ:”ހަމަކަށަވަރުން ﷲ ތަޢާލާ މައްކާ ޙުރުމަތްތެރި ކުރެއްވިއެވެ. އަދި މައްކާ ޙުރުމަތްތެރި ކުރީ މީސްތަކުންނެއް ނޫނެވެ. ﷲ އާއި ޢާޚިރަތް ދުވަހަށް އީމާންވެގެންވާ މީހަކަށް އެބިމުގައި ލޭ އޮހޮރެވުމެއް އަދި އެބިމުން ގަހެއް ކެނޑުން ހުއްދަވެގެން ނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބިމިގައި ހަނގުރާމަކުރެއްވީތީވެ އެބިމުގައި ހަނގުރާމަ ހުއްދަކުރާނަމަ އެމީހަކަށް ތިޔަބައިމީހުން ބުނާށެވެ: ‘ހަމަކަށަވަރުން ﷲތަޢާލާ އެކަމުގެ އިޛުނަދެއްވީ އެއިލާހުގެ ރަސޫލާއަށެވެ. އަދި ތިޔަބައިމީހުންނަށް އިޛުނަ ނުދެއްވައެވެ.’ ފަހެ ހަމަކަށަވަރުން ތިމންކަލޭގެފާނަށް އިޛުނަދެވިގެންވަނީ ދުވާލުގެ ވަގުތުކޮޅަކަށެވެ. އަދި އެބިން އިއްޔެ ޙުރުމަތްތެރި ވެފައިވީ ފަދައިން އެބިމުގެ ޙުރުމަތްތެރިކަން މިއަދު އެނބުރި އިޢާދަވެއްޖެއެވެ. ފަހެ ޙާޟިރުވެ ހުރި މީހަކު ޙާޟިރު ނުވެވުނު މީހުންނަށް ފޯރުކޮށްދޭށެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެބިމުގައި ހަނގުރާމަކުރުން ހުއްދަވެގެން ދިޔަ ވަގުތަކީ އެއީ، މައްކާ ފަތަޙަވީ ދުވަހުގެ އިރުއެރީއްސުރެ އެދުވަހުގެ ޢަޞްރު ނަމާދާއި ހަމައަށެވެ.

ދެން އެއަށްފަހުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާގައި ނަވާރަދުވަހު މަޑުކުރެއްވިއެވެ. އެ ދުވަސްތަކުގައި ނަމާދު ޤަޞްރުކުރެއްވިއެވެ. އަދި ރަމަޟާންމަހުގެ ބާކީ ދުވަސްތަކުގައި ރޯދައެއް ނުހިއްޕަވައެވެ. އެހެނީ އެކަލޭގެފާނު ދަތުރުފުޅު ނިންމާލެއްވުމަށް ނިޔަތް ނުގަންނަވައެވެ. އެފަދައިން އެކަލޭގެފާނު ޤާއިމުވެވަޑައިގެން ހުންނެވީ ތައުޙީދު ވަރުގަދަކޮށް އަދި އިސްލާމްކަން ވަރުގަދަކޮށް އަދި އީމާންކަން ޘާބިތުކޮށް އަދި މީސްތަކުން ބައިއަތުހިފުމަށްޓަކައެވެ. އައްޞަޙީޙުގައި މުޖާޝިޢުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “މައްކާ ފަތަޙަވުމަށްފަހުގައި ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ އަޚާއާއެކު، ހިޖުރަކުރާނެކަމުގެ މައްޗަށް ބައިއަތު ހިފުމަށްޓަކައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައީމެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

((ذهبَ أهلُ الهجرةِ بما فيها ولكنْ أبايعَه على الإِسلامِ والإِيمانِ والجهادِ))

މާނައީ: “ހިޖުރައިގެ އަހުލުވެރިން އެކަމުގެ ކަންތަކާގެން ހިނގައްޖެއެވެ. (އެބަހީ މައްކާއިން މަދީނާއަށް ހިޖުރަކުރުން މާޒީވެ ހިނގައްޖެއެވެ.) އެހެނެއްކަމަކު އިސްލާމްކަމާއި އީމާންކަމާއި ޖިހާދަށް ތިމަންކަލޭގެފާނު ބައިޢަތު ހިފައިފީމެވެ.”[9]

 

މިބަޔާންވެގެންވީ ފަތަޙައާއެކު ﷲގެ ނަޞްރު ފުރިހަމަވެގެން ދިޔައެވެ. އަދި މީސްތަކުން ފައުޖު ފައުޖަށް ﷲގެ ދީނަށް ވަންނަމުން ދިޔައެވެ. އަދި މައްކާ އިސްލާމީ ރަށަކަށް ވެގެން ދިޔައެވެ. އަދި އެ ބިމުގައި ﷲގެ އެއްކައުވަންތަކަން އިޢުލާނުކުރެވުނެވެ. އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ތެދުކުރުންވެސް މެއެވެ. އަދި އެ ރަށުގައި އެއިލާހުގެ ފޮތަށް ޙުކުމްކުރުން ފެށިގެން ދިޔައެވެ. އަދި އެރަށުގައިވީ ދައުލަތް މުސްލިމުންނަށްވާ ދައުލަތެއްގެ ގޮތުގައި ވެގެން ދިޔައެވެ. ޝިރުކާއި އޭގެ އަނދިރިކަން ފަނޑުކޮށްލިއެވެ. އެންމެ ބޮޑީﷲއެވެ. ޙަމްދުހުރީ ﷲއަށެވެ. އަދި މިއީ ޤިޔާމަތާ ހަމައަށްވާ ﷲގެ އަޅުތަކުންނަށްވާ އެއިލާހުގެ ފަޟުލަވަންތަވެރިކަމެވެ.

 

اللَّهُمَّ ارزُقْنا شُكْرَ هذه النعمةِ العظيمةِ، وحقِّق النِّصر للأمَّةِ الإِسلاميةِ كلَّ وقتٍ في كلِّ مكانٍ، واغفِرْ لنا ولوالِدِينا ولجميع المسلمين برحمتِك يا أرحَمَ الراحمينَ وصلى الله وسلَّم على نبيِّنا محمدٍ وعلى آلِهِ وصحبِه أجمعين.

________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

[1]  السيرة النبوية لابن هشام (51-52/5)

[2] السيرة النبوية لابن هشام (52/5)

[3] زاد تامعاد (401/3)

[4] أخرجه البيهقي في دلائل النبوة (33-32/5)

[5] أخرجه البخاري في “صحيحه” (4 / 53) برقم: (2976) ( كتاب الجهاد والسير ، باب ما قيل في لواء النبي صلى الله عليه وسلم ) ، (5 / 146)

[6] أخرجه البخاري في “صحيحه” (3 / 34) برقم: (1944) ( كتاب الصوم ، باب إذا صام أياما من رمضان ثم سافر )

[7] زاد المعاد (407-408/3) فتح الباري (48/8)

[8] أحمد في “مسنده” (7 / 3565) برقم: (16635) ( أول مسند المدنيين رضي الله عنهم أجمعين ، حديث أبي شريح الخزاعي رضي الله عنه )

[9] أخرجه البخاري في “صحيحه” (4 / 50) برقم: (2962) ( كتاب الجهاد والسير ، باب البيعة في الحرب أن لا يفروا )