4- މާއްދިއްޔަތަށް މާބޮޑު އަހައްމިއްޔަތުކަން ދިނުން
އަހަރެމެންގެ ދަރިންނަށް މާއްދީ ތަކެތި ނުލިބޭނަމަ އެކުދިންގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމަކަށް ނުވާ ހިސާބަށް މިއަދުގެ ޙާލަތު މިވަނީ ގޮސްފައެވެ. އަހަރެމެން މިވަނީ އަހަރެމެންގެ ދަރިންނާއި މާއްދީ ތަކެތި ގުޅުވާލާފައެވެ. އެކުދިންނަށް އަގުބޮޑު ރީތި ކާރެއް ނުލިބޭނަމަ، ނުވަތަ ޔޫރަޕުގެ ގައުމުތަކަށް ދަތުރު ނުދެވޭނަމަ، ނުވަތަ އަގުބޮޑު ރެސްޓޯރެންޓުތަކުން ނުކެވޭނަމަ، އަދި އަގުބޮޑު ހަދިޔާ ނުލިބޭނަމަ އެކުދިންގެ ހިތްތަކަށް އުފާވެރިކަމެއް ނުލިބެއެވެ.
އަޅާލުން މިއަދު ދެވެނީ މާއްދިއްޔަތަށެވެ. ފައިސާ އަގުބޮޑު އެއްޗެއްސަށާއި ކަންކަން ކުރުމަށް ހޭދަ ނުކުރާނަމަ، އަހަރެމެންނަށް އުފަލާއި ހަމަޖެހުން ޙާސިލު ނުވެއެވެ. އޯގާތެރިކަމުގެ އެއްވެސް އަގެއް ނެތެވެ. ލޯބީގެ އެއްވެސް އަގެއް ނެތެވެ. އާއިލާއިން ލިބޭ ހިތްހަމަޖެހުމުގެ އެއްވެސް އަގެއް ނެތެވެ. މިއަދު އަހަރެމެންނަށް ފެނިގެން ދަނީ ދަރިން އެކުދިންގެ މައިންބަފައިންނާ ދެކޮޅުވެރިވާ ތަނެވެ. އަދި ފައިސާ ދޭން ވައުދުވުމުން ނޫނީ މައިންބަފައިންގެ ބަސް ނާހާތަނެވެ. އެކުދިން ބުނާކަހަލައެވެ: “އަހަރެމެން މަންމަމެންގެ ބަސް އަހާނީ އަހަރެން ބުނާ އެއްޗެއް ދޭނަމައެވެ.” “އަހަރެން ބޭނުންވާ ވަރަށް ރުފިޔާ ދޭށެވެ. އޭރުން މަންމަމެންނަށް އިޙްތިރާމްކުރާނަމެވެ.”، “އަދިވެސް އިތުރަށް ފައިސާ ދޭށެވެ. އޭރުން މަންމަމެން ދެކެ ބޮޑަށް ލޯބިވާނަމެވެ.” އެހެނަސް އެކުދިން ބޭނުންވާ ކަންކަން ފުދުމުން، އެކުދިން ކުރި ވަޢުދު މަތިން އެކުދިން ހަނދާން ނެތެއެވެ.
އަހަރެމެން މައިންބަފައިން މިވަނީ މިފަދަ ފިކުރުތައް އެކުދިންގެ ކިބައިގައި ހަރުލައްވާފައެވެ.: އެފަދަ ފިކުރުތަކަކީ (އުފާވެރިކަން ލިބޭނީ ފައިސާއިންނެވެ. ފައިސާއާއި މުދަލަކީ އެންމެ ބާރުގަދަ އެއްޗެވެ.) މީގެ ސަބަބުން އެކުދިން ދެކޭ ގޮތުގައި ފައިސާއަކީ އެކުދިން އެއަށްޓަކައި މަސައްކަތްކުރާ ހަމައެކަނި އެއްޗެވެ. އެހެންކަމުން އެކުދިން އަހަރެމެންގެ ބާރުގެ ދަށުން ބޭރުވެގެން ދިއައީއެވެ.
މިހާ ހިސާބުން މިބަޔާންކޮށްލަނީ މިފަދަ ހިސާބަކަށް ކަންތައް ދިއުމަށް މެދުވެރިވި ފިކުރުތަކާއި މައިންބަފައިންނަށް ހެދުނު ގޯސްތަކެވެ:
ބައްޕައިންގެ ވަޒީފާއަކީ އާމްދަނީ ހޯދުމެވެ. އަދި ދަރިންގެ ވަޒީފާއަކީ އެފައިސާ ހޭދަކުރުމެވެ! އަހަރެމެންގެ ދަރިންނަށް ދޭ އެއްވެސް ނަޞޭހަތެއް ޤަބޫލެއް ނުކުރެއެވެ. ފައިސާ ހޯދާ ބައްޕަގެ އަމިއްލަ ނަފްސުގައި އެއްވެސް އަގެއް ނެތެވެ. އަގު ހުރީ ހަމައެކަނި އެހޯދާ ފައިސާގައެވެ. އެހެންކަމަށް1. ވާނަމަ އެކުދިންގެ ޙަޔާތުގައި އަހަރެމެންގެ ދައުރަކީ ކޮބައި ހެއްޔެވެ؟ އެކުދިންނަށް ދޭންޖެހޭ ހަމައެކަނި ޚިދުމަތަކީ ފައިސާ ޖަމާކުރުން ހެއްޔެވެ؟ ދަރިންވަނީ އެކުދިންގެ ބައްޕައިންގެ ދައުރަކީ ރުފިޔާ ހޯދުންކަން ދަސްކޮށްފައެވެ. އެހެނަސް އެއާ އެކީ އެކުދިންގެ ވާޖިބަކީ މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ހެޔޮކޮށް ހިތުންކަން ދަސް ނުކުރެއެވެ. މިއީ މައިންބަފައިން އެތައް ބުރައެއް އުފުލާ، ރޭގަނޑުގެ ނިދި ޤުރުބާންކޮށް، އެކުދިންނަށް ތަރުބިއްޔަތުދީ، އުނގަންނައިދީ، އަދި އަމިއްލަ ނަފްސަށްވުރެ އެކުދިންނަށް އިސްކަންދީ ހެދުމުން އޭގެ ބަދަލުގައި ލިބޭނެ އެންމެ ނުބައި ޖަޒާއެވެ. އެކުދިން މައިންބަފައިންގެ ކިބައިން ބޭނުން ކަމެއް ފުދި، އެކުދިން ބޭނުންވާ ވަރަށް ފައިސާ ލިބުމުން ދެން މައިންބަފައިންގެ އެދުންތަކަށް ނޫނެކޭ ބުނެ، ނުކިޔަމަންތެރިވާންފަށައެވެ.
ބައްޕަ އާމްދަނީ ހޯދަންކުރާ ބުރަ މަސައްކަތާއި، ބައްޕަ އުފުލާ ބުރަ އެދަރިންނަށް އިހުސާސްވާން ނުޖެހޭ ހެއްޔެވެ؟ ބައްޕަ ހަފްތާއެއްގެ ތެރޭގައި ހޯދާ ފައިސާ، ބޭކާރު ކަންކަމުގައި ހޭދަކޮށް ހުސްކޮށްލަން އެކުދިން ނަގަނީ ކުޑަ ހިނދުކޮޅެކެވެ. އަދި އެކުދިން ބައްޕައިންނަށް ޝުކުރުވެރިއެއް ނުވެއެވެ. އަދި އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަން ނުކުރެއެވެ. އެކުދިންގެ ވިސްނުން ހުންނަ ގޮތުގައި އެކުދިންގެ މައްޗަށް ހޭދަކުރުމަކީ ބައްޕަގެ ވާޖިބެކެވެ. އަދި އެދަރިންނަށް ލިބެން ޖެހޭ ޙައްޤެކެވެ. ދަރިންނަށް ބައްޕައިންގެ އަގު ވަޒަންކުރެވޭނަމަ، މުދަލާއި ފައިސާގެ މައްޗަށް ބައްޕަ އިސްކޮށް، އެބައްޕައިންނަށް ނުކިޔަމަންތެރިއެއް ނުވާނެއެވެ.
ދަރިން މުދަލާއި ފައިސާއަށް މާމަތީ ދަރަޖައެއް ދިނުމުން އެކުދިންގެ ކިބައިން ރިވެތި ރޫޙު ގެއްލިގެންދެއެވެ. އޯގާތެރިކަން ގެއްލިދެއެވެ. އަދި ހެޔޮކޮށް ހިތުމާއި، ރަޙުމްކުރުމާއި މިފަދަ ރިވެތި ސިފަތައް ނެތިގެން ދެއެވެ. އަދި އޭނާގެ ހަމައެކަނި އިސްކަންދޭ ކަމަކީ މުދާ އެއްކުރުން ކަމުގައި ވެދެއެވެ. ފައިސާވެރި މީހުންނަށް އިޙުތިރާމްކޮށް، ފައިސާ ނެތް ފަޤީރު މީހުންނާއި ދުރަށް ދެއެވެ. އަދި މައިންބަފައިންގެ އަތުގައި މުދަލާއި ފައިސާ މަދުނަމަ، އެމީހުންގެ ބަސް އެހުމުން ދުރުވެގަނެއެވެ!
އަހަރެމެންވަނީ އަހަރެމެންގެ ދަރިންނަށް އެކިއެކި ރިވެތި އާދަތައް ދަސްކޮށް ދިނުމުގައި އިހުމާލުވެފައެވެ. އަދި އެންމެން ދަންނަ މަފްހޫމުތައް އަހަރެމެން އަމިއްލައަށް ބަދަލުކޮށް، އެއަށްފަހު އަހަރެމެންގެ ކިޔަމަންތެރިކަމުގެ ދަށުން މިޖީލު ބީވެގެން ދިއުމުން އެކަމާ ހައިރާންވަނީއެވެ.
މީހުންގެ ބޭރުފުށުން ފެންނަ ސިފައަށް އިސްކަންދީ، މުއްސަނދިންނަށް އިޙުތިރާމްކޮށް، ފަޤީރުން ދަށްކޮށްލުމުގެ ސަބަބުން މިޖީލު މިވަނީ ފަސާދަވެފައެވެ. ބައެއް ދަރިން އެކުދިންގެ އަމިއްލަ ނަފްސުގެ އަގު ވަޒަންކުރަނީ އެކުދިންގެ އަތުގައިވާ ބްރޭންޑެޑް ގަޑިންނާއި، އަތުގައި އޮތް ފޯނުގެ2. އާކަމުންނާއި، އަދި އެކުދިން ދިރިއުޅޭ ތަނެއްގެ ހުރި ފެންވަރުންނެވެ. މަންމައިން އެކުދިންނަށް މިގޮތަށް ވިސްނުމަށް ބާރުއަޅައި، އެމީހުންގެ ދަރިން އެދަރިންނަށްވުރެ ފެންވަރު މަތީ މީހުންނަށް ނަމޫނާއެއް ގޮތަށް ބެލުމަށް ހިތްވަރުދެއެވެ. އަދި ދުނިޔެދެކެ ލޯބިވެ، ދުނިޔޭގެ ފަނާވެދަނިވި ތަކެއްޗަށާއި، ޒީނަތްތެރިކަމަށް އެކުދިންގެ ހިތް ލަންބުވައި، ދުނިޔަވީ ގޮތުން ހުރިހާ ތަކެތި ފުރިހަމަ ކުރުމަށް އެކުދިންނަށް ބާރުއަޅައެވެ. އަހަރެން ތިޔަ މައިންބަފައިންނާއި ސުވާލެއް ކޮށްލާނަމެވެ: އަހަރެންގެ ފިރިހެން ދަރިފުޅު އަގުބޮޑު ގަޑިއެއް އަތުކުރީގައި އެޅުމުންނާއި، އަންހެން ދަރިފުޅު އަގުބޮޑު ޕާހެއް ހިފައިގެން ހުރުމުން އެދެކުދިންގެ އަގު މަތިވެގެންދޭ ހެއްޔެވެ؟ ޙަޤީޤަތުގައި އޭގެ ސަބަބުން ގަޑި އުފެއްދި މީހާގެ އަގު އުފުލި، އަދި ޕާސް ޑިޒައިންކުރި މީހުން މަޝްހޫރުވެ މިލިޔަނަރުންނަށްވެގެން ދަނީއެވެ. އަހަރެންގެ އަންހެން ދަރިފުޅު އަތުން ފައިސާ ބޭކާރުވެގެން ދިއައީއެވެ. އަދި އޭނާއަށް އިންސާނަކަށްވީތީ އޮންނަ އަގުވެސް ދަށްވީއެވެ. އެއީ އޭނާ މަސައްކަތްކުރީ އޭނާ ލައިގެން ހުރި އެއްޗެހިންނާއި، އޭނާގެ އަތުގައި ހުރި އެއްޗެހިން، މީހުންގެ ކުރިމަތީގައި އޭނާގެ އަގު އުފުލިގެންދާށެވެ. އަހަރެންނަށް އަހަރެންގެ ދަރިފުޅު ގެއްލިގެން ދިއައީއެވެ. އެއީ އޭނާ މިސާލަކަށް އަދި ނަމޫނާއަކަށް ނެގީ އެފަދަ މުއްސަނދި މީހުން ކަމުގައިވީތީއެވެ.
މުއްސަނދިންނާއި އެއް ފެންވަރެއްގައި ފައިހަމަ ނުކުރެވުމުގެ ސަބަބުން ދަރިންގެ ނަފްސުތަކުގައި އެކުދިންނަކީ އުނިބައެއް ކަމުގެ އިހުސާސް އުފެދިގެންދެއެވެ. މީގެ ސަބަބުން އެކުދިންނަކީ މުއްސަނދިންކަން ދެއްކުމަށް މަސައްކަތްކުރެއެވެ! މައިންބަފައިންނަށް އެމީހުންގެ ދަރިންގެ އެންމެހައި މާއްދީ ބޭނުންތައް ފުއްދައި ނުދެވުމުގެ ސަބަބުން މިދެޖީލުގެ ދެމެދުގައި ވަރަށްބޮޑު ފާރެއް އުފެދިގެންދެއެވެ. އަދި ދަރިންގެ ކުރިމަތީގައި މައިންބަފައިންގެ އަގު ކުޑަވެ، މައިންބަފައިންގެ ކިޔަމަންތެރިކަމުގެ ދަށުން ދަރިން ބީވެގެންދެއެވެ.
މީހުން ބުނެ އުޅޭ ބަހެއް އޮވެއެވެ. އަތުގައި ފައިސާ ފޮއްޗެއް އޮވެއްޖެނަމަ ތިބާގެ އަގަކީ އެފައިސާ ފޮއްޗެވެ. އެހެންކަމުން އަބަދު މި އިބާރާތް އަޑުއިވޭ ދަރިއެއްގެ ކަންތައް ހުންނާނެ ގޮތާއިމެދު ފިކުރު ހިންގާލާށެވެ. “ފައިސާއިން ހުރިހާ އެއްޗެއް ގަނެވޭނެއެވެ.” މިފަދަ ކުއްޖެއްގެ ފިކުރު ހުންނާނެ ގޮތް ނިކަން ތަސައްވަރުކޮށްލާށެވެ. އޭނާގެ ކިބައިގައި އެންމެހައި ރިވެތި އަދަބުތައް ނުހުންނާނެއެވެ. މިފަދަ ކުއްޖަކު ފައިސާ ހޯދުމަށްޓަކައި ކޮންމެ ފަދަ މަގެއް އިޚުތިޔާރުކުރަންވެސް ޖެހިލުމެއް ނުވާނެއެވެ.
އެހެންކަމުން މިފަދަ އަސަރުތަކުން ދަރިން ދުރުހެލިކުރާށެވެ. އަދި އެގޮތަށް ކަންކުރުމަށްޓަކައި، ދަރިންގެ މަދަރުސާއާއި ރަޙުމަތްތެރިން ބަދަލުކުރަން ޖެހުނަސް އެކަންކުރާށެވެ. އެނޫންނަމަ، އެކުދިންގެ މާއްދީ ބޭނުންތަކުގެ ސަބަބުން އެކުދިން ގެއްލި ހިނގައިދާނެއެވެ. (ނުނިމޭ)
________________________________