[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 7

ޚަލީފާކަމުގެ ބައިޢަތު ހިއްޕެވުން

 

އަބޫބަކުރުގެފާނަށް އެކަލޭގެފާނުގެ އަޖަލު ގާތްވެއްޖެކަމުގެ އިޙްސާސްކުރެއްވުމުން، ޚަލީފާކަމަށް އިސްކުރައްވާނެ ބޭކަލަކާމެދު ޞަޙާބީބޭކަލުންނާ މަޝްވަރާކުރެއްވިއެވެ. [1] އަދި އެކަލޭގެފާނަށް ފަހު ޚަލީފާކަމާ ހަވާލުވެވަޑައިގަންނަވާނެ ބޭކަލަކަށް ޢަހުދެއް ލިޔުއްވުމަށް ޢުޘްމާނުގެފާނަށް އަމުރުކުރެއްވިއެވެ. އަދި އެކަލޭގެފާނު އެ ޢައުދު ލިޔުއްވިއެވެ. އަދި އޭގައި ޢުމަރުގެފާނުގެ ނަންފުޅު ލިޔުއްވިއެވެ. ފަހެ، އަބޫބަކުރުގެފާނު އެ ލިޔުއްވުމުގައިވާ އެއްޗަކަށް އިޤުރާރުވެވަޑައިގެންނެވިއެވެ. [2]

އަބޫބަކުރުގެފާނު އަވަހާރަވީ ހިޖުރައިން 13 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުން 21 ރޭ ފާއިތުވީފަހުން އައި ހޯމަ ދުވަހުގައެވެ. އެކަލޭގެފާނުގެ ޖަނާޒާގެ ކަންކަން ނިމުމުން، ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވިއެވެ.

އަބޫބަކުރުގެފާނަކީ އިސްލާމްދީނަށް ޚިދުމަތްކުރެއްވުމުގައި އެކަލޭގެފާނުގެ މުޅި ޙަޔާތް ވޭތުކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވެ، ވޭން ބޮޑުވެގެން ދިޔަ އިރުވެސް، މުސްލިމުންގެ ކަންކަމާމެދު އިސްކަން ދެއްވިއެވެ. އެކަލޭގެފާނަށް ފަހު، މީސްތަކުންގެ މެދުގައި ޚިލާފުވެ ބައިބައިވުން އުފެދިދާނެކަމަކަށްޓަކައި ބިރުފުޅުގެންނެވުމުން، އެބައިމީހުންގެ ކަންކަމާމެދު ފިކުރުކުރައްވާ، އެބައިމީހުންގެ މައްޗަށް ރައްކާތެރިވާނެ ޞާލިޙު ބޭކަލަކު ހޯއްދެވިއެވެ. ދެން، ޞަޙާބީބޭކަލުންނަށްވެސް މިކަމުގެ މުހިންމުކަން ވިސްނިވަޑައިގެން، އަބޫބަކުރުގެފާނަށް ފަހު ޚަލީފާކަމަށް ވަޑައިގަންނަވާނޭ ބޭކަލަކާމެދު މަޝްވަރާކުރެއްވިއެވެ. އަބޫބަކުރުގެފާނުގެ ޚަލީފާކަން ގާތުން ދެކެވަޑައިގެންފައިވާ، ދަޢުލަތުގެ ކަންކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި އެކަމުގެ ވަށައިގެންވާ ނުރައްކާތައް ދެނެވަޑައިގަންނަވާ ބޭކަލަކާމެދު އެބޭކަލުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ފަހެ، މި މަސްއޫލިއްޔަތު އުފުއްލެވުމަށް އެންމެ މުނާސަބު ބޭކަލަކީ ޢުމަރު ބުން އަލްޚައްޠާބު رضي الله عنه އެވެ. އެއީ އަބޫބަކުރުގެފާނުގެ އަރިސްބޭކަލަކަށްވުމުގެ އިތުރުން އެކަލޭގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނުގެ އަރިހުގައި މުހިންމު ގިނަ ކަންކަން ނިންމެވުމުގައި ބައިވެރިވެވަޑައިގެންފައިވުމުންނެވެ.

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  انظر: ابن الجوزي، مناقب عمر، ص: 52، وابن سعد، الطبقات الكبرى، (3 / 199).

[2]  انظر: ابن أبي شيبة، المصنف، (6 / 361) بإسناد حسن.