[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 9

ޖިސްރު ހަނގުރާމަ

 

އަބޫ ޢުބައިދު ޢިރާޤަށް ވަޑައިގެން އެކަލޭގެފާނުގެ ލަޝްކަރު މުޘައްނާގެ ލަޝްކަރާ އެއްކުރެއްވުމަށް ފަހު، ފުރަތަމަ ކުރިމަތި ލެއްވީ “އައްނަމާރިޤު”އޭ ކިޔުނު ސަރަހައްދުގައި ތިބި ހަނގުރާމަވެރިންނާއެވެ. އެބައިމީހުންގެ މައްޗަށް ނަޞްރު ހޯއްދެވުމަށް ފަހު، ދެން ވަޑައިގެންނެވީ “އަލްޙީރަތު” އަށެވެ. އެތަނުގައި ފާރިސީން ތިބީ ބޮޑު ލަޝްކަރަކާއެކު ހަނގުރާމައަށް ތައްޔާރުވެގެންނެވެ. އެބައިމީހުންގެ ވެރިއަކަށް ހުރީ ބަހްމަން ޖާޛަވައިހިއެވެ. އޭނާގެ ލަޝްކަރުގައި ބިޔަ އެތްތަކެއް ތައްޔާރުކޮށްފައި ވެއެވެ.

ދެ ލަޝްކަރު ބައްދަލުވީ ފުރާތު ކޯރުގެ އައްސޭރީގައެވެ. ދެބައިމީހުންގެ ދެމެދުގައި އޮތީ ކޯރެވެ. އެކޯރު ހުރަސްކޮށް ފާލަމެއް އަޅާފައި އޮތެވެ. އެބައިމީހުންގެ ގާތަށް ކޯރު ހުރަސްކޮށް އަންނާނީތޯ ނުވަތަ އެބައިމީހުން މުސްލިމުންގެ ގާތަށް އަންނާނީތޯ ޚިޔާރުކުރުމަށް ބަހްރާމް، އަބޫ ޢުބައިދަށް ހުށަހެޅިއެވެ. މުސްލިމުންގެ ތެރެއިން ބައެއްމީހުންގެ ދެކޮޅު ހެދުމާ އެކުވެސް އަބޫ ޢުބައިދު ޚިޔާރު ކުރެއްވީ ފާލަން ހުރަސްކޮށް އެބައިމީހުންގެ ގާތަށް މުސްލިމުން ދިއުމަށެވެ. އެބައިމީހުން ފާލަން ހުރަސްކޮށްފިނަމަ، އެބައިމީހުންގެ ފަހަތުގައި އޮންނާނީ ކޯރެވެ. އަދި ލަޝްކަރު ހަރަކާތްތެރިވުމަށް އޮތް މަގު ހަނިވާނެއެވެ.

ހަނގުރާމައިގެ ކުރީކޮޅުގައި މުސްލިމުން ކުރިހޯދިއެވެ. ނަމަވެސް ފާރިސީންގެ އެތްތައް ފެނުމުން މުސްލިމުންގެ އަސްތައް ބިރުން ކޮޅުކޮޅަށް ދުވަން ފެށިއެވެ. އަދި ފާރިސީން ކުރިއަރާ އަބޫ ޢުބައިދު ޝަހީދުކޮށްލިއެވެ. އަދި ފާލަން ހަލާކުވެ މުސްލިމުންގެ ލަޝްކަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. މުސްލިމުންގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ހާސް މީހުން މިހަނގުރާމައިގައި މަރުވިއެވެ. ދެން ފާލަން މަރާމާތު ކުރުމަށް ފަހު މުސްލިމުންގެ ލަޝްކަރުގައި ބާކީ ތިބި މީހުންނާއެކު މުޘައްނާ އެނބުރި ވަޑައިގެންނެވިއެވެ.

ޢުމަރުގެފާނަށް މި ޚަބަރު ލިބިވަޑައިގެންނެވުމުން ވިދާޅުވިއެވެ.

“އަބޫ ޢުބައިދަށް ﷲ ރަޙްމަތްލައްވާށިއެވެ! ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިނަމަ އެކަލޭގެފާނަށް މަދަދު ދެއްވެވީސްކަން ކަށަވަރެވެ.”

މިހަނގުރާމަ ހިނގީ ހިޖުރައިން 13 ވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. [1]

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  انظر: الطبري، تاريخ الأمم والملوك، (2 / 362 – 369).