[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 11

ޤާދިސިއްޔާ ހަނގުރާމަ

 

މިހަނގުރާމަ ހިނގީ ހިޖުރައިން 15 ވަނަ އަހަރެވެ. [1] ބުވައިބުގައި ފާރިސީންނަށް ލިބުނު ނާކާމިޔާބީގެ ސަބަބުން މުސްލިމުންގެ ނުރައްކާތެރިކަމުގެ އިޙްސާސް އެބައިމީހުންނަށް ކުރެވެން ފެށިއެވެ. އެހެންކަމުން ފާރިސީންގެ ބޮޑުން ޔަޒްދަޖަރްދު ބުން ޝަހްރަޔާން ބުން ކިސްރާއާ ގުޅުނެވެ. އަދި ދެ ބައިމީހުން ގުޅިގެން މުސްލިމުންނާ ހަނގުރާމަކުރަން ރޭވިއެވެ. އަދި މުސްލިމުންނާ ދެކޮޅަށް ނުކުތުމަށް މީސްތަކުންނަށް ގޮވާލިއެވެ.

މުޘައްނާ އަވަހާރަވުމުގެ ކުރިން މިކަމުގެ ޚަބަރު ޢުމަރުގެފާނަށް ދެއްވިއެވެ. ފަހެ، އެކަލޭގެފާނު މުސްލިމުންގެ ލަޝްކަރަށް އެހީވުމަށް ތައްޔާރުވެވަޑައިގެންނެވިއެވެ. ޢުމަރުގެފާނު އެދިވަޑައިގެންނެވީ މުސްލިމުންގެ ލަޝްކަރަށް މަދަދުވެރިވުމަށް އެކަލޭގެފާނުވެސް ވަޑައިގެންނެވުމަށެވެ. ނަމަވެސް މަދީނާގައި މަޑުކުރެއްވުމަށް ޞަޙާބީން އެދިވަޑައިގަތުމުން އެކަލޭގެފާނު އެއްބަސްވެވަޑައިގެންނެވިއެވެ. އަދި ސަޢުދު ބުން އަބީ ވައްޤާޞްގެ ޤިޔާދަތުގެ ދަށުގައި ލަޝްކަރު ފޮނުއްވިއެވެ. ބުނެވޭ ގޮތުގައި ޢިރާޤަށް ދިޔަ މަގުމަތީގައި ލަޝްކަރާ ގުޅުނު މީހުންނާއެކު ގާތްގަޑަކަށް 20،000 މުޖާހިދުން އެލަޝްކަރުގައި ތިއްބެވެ. އަދި ޢިރާޤަށް ގޮސް މުޘައްނާގެ ލަޝްކަރާ އެއްކޮށްލުމުން 28،000 މުޖާހިދުންނާ ގާތްކުރެއެވެ.

ޢިރާޤަށް ވަޑައިގެން ދެ ލަޝްކަރު އެއްކޮށްލުމަށް ފަހު، ސަޢުދު ބުން އަބީ ވައްޤާޞް ލަޝްކަރައިގެން ވަޑައިގެންނެވީ “އަލްޤާދިސިއްޔާ” އޭ ކިޔުނު ތަނަށެވެ. -އެއީ “އަލްޙީރަތު” އޭ ކިޔުނު ސަރަހައްދުގެ ކައިރީގައި، ޞަޙްރާއެއްގައިވާ ރަށެކެވެ.- އަދި މިތަނުގައި ރުސްތުމްގެ ޤިޔާދަތުގެ ދަށުގައި އޮތް ފާރިސީންގެ ލަޝްކަރާ ބައްދަލުވިއެވެ. 120،000 ހަނގުރާމަވެރިންނާއި ތަމްރީނުކޮށްފައިވާ 30 އެތް އެ ލަޝްކަރުގައިވިއެވެ. ދެން އެއަށްފަހު، ދެ ލަޝްކަރުގެ ދެމެދުގައި ވާހަކަދެކެވުނެވެ. އެގޮތުން މުސްލިމުންގެ ތެރެއިން ފުރަތަމަ ފޮނުއްވީ އަލްމުޣީރާ ބުން ޝުޢުބާ އާއި އައްނުޢުމާން ބުން މުޤައްރިން رضي الله عنهما އެވެ. ނަމަވެސް މިވާހަކަތަކުން އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. ދެ ލަޝްކަރު ގާތްވުމުން ފާރިސީންގެ ޤާއިދަކަށް ހުރި ރުސްތުމްގެ ގާތަށް ރިބްޢިއްޔު ބުން ޢާމިރު ފޮނުއްވިއެވެ. އެއަށްފަހު، އަލްމުޣީރާ ބުން ޝުޢުބާ ފޮނުއްވިއެވެ. މިކަމުންވެސް ފައިދާއެއް ޙާޞިލު ނުވިއެވެ.

އެހެންކަމުން ހަނގުރާމަ ފެށުމަށްޓަކައި ސަޢުދު ބުން އަބީ ވައްޤާޞް رضي الله عنه، ލަޝްކަރު ފަސް ބަޔަށް ބެއްސެވިއެވެ. ލަޝްކަރުގެ ކުރިއާއި، ކަނާއަތާއި، ވައަތާއި، މެދު އަދި ފަހަތެވެ. ދެން ތިން ދުވަސްވަންދެން ދެ ލަޝްކަރުގެ ދެމެދުގައި ހަނގުރާމަ ކުރެވުނެވެ. އެ ތިން ދުވަހަށް ދެވިފައިވާ ނަންތަކަކީ أرماث އާއި أغواث އަދި عماس އެވެ. އަދި ރޭތަކަކީ الهدأة އާއި السواد އެވެ. އަދި الهرير އެވެ. [2] އެއީ އެންމެ އުނދަގޫ ރެއެވެ.

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  ޤާދިސިއްޔާ ހަނގުރާމަ ހިނގި އަހަރާމެދު ޚިލާފުވެފައިވެއެވެ. މި ހަނގުރާމަ ހިނގީ ހިޖުރައިން 14 ވަނަ އަހަރު ނުވަތަ 15 ވަނަ އަހަރު ނުވަތަ 16 ވަނަ އަހަރު ކަމުގައިވެސް ބުނެވެއެވެ. ޑރ. އަކްރަމް ޟިޔާއު އަލްޢުމަރީ ރާޖިޙުކުރައްވާފައިވަނީ ހިޖުރައިން 15 ވަނަ އަހަރުކަމަށެވެ. انظر: أكرم العمري، عصر الخلافة الراشدة، ص: 331.

[2]  ޤާދިސިއްޔާ ހަނގުރާމައިގެ ދުވަސްތަކާއި ރޭތަކަށް އެ ނަންތައް ދެވިފައިވަނީ އެ ހަނގުރާމައާ ގުޅުން ހުރި ކަންކަމަށް ނިސްބަތްކޮށެވެ.

أرماث ގެ މާނައަކީ: އެއްޗެއް އަނެކައްޗާ ގުޅުމެވެ. انظر: لسان العرب، مادة رمث، 5 / 308. އެ ދުވަހަށް މި ނަން ދެވިފައިވަނީ އެއީ މުސްލިމުންނާއި ފާރިސީންގެ ލަޝްކަރު ބައްދަލުވި ދުވަހަށްވުމުންކަމުގައިވުން އެކަށީގެންވެއެވެ.

أغواث ނެގިފައިވަނީ الغوث އިންނެވެ. މާނައަކީ: މަދަދުވެރިވުން ނުވަތަ ނަޞްރުދިނުމެވެ. انظر: المصباح، ص: 173. މި ނަން ދެވިފައިވަނީ ޝާމްކަރައިން ފޮނުވި އެހީއާއި މަދަދު އެ ދުވަހު މުސްލިމުންނަށް ވާޞިލުވުމުންކަމުގައި އެކަށީގެންވެއެވެ.

عماس ގެ ނެގިފައިވަނީ العمس އިންނެވެ. މާނައަކީ: އަނދިރިކަން ގަދަވުމެވެ. انظر: لسان العرب، مادة عمس، 9 / 398. މި ނަން ދެވިފައިވަނީ އެ ދުވަހު ހިރަފުސް ބޯވުމުގެ ސަބަބުން އަނދިރިކަން ވެރިވެފައިވުމުން ކަމުގައި އެކަށީގެންވެއެވެ.

އަދި ރޭތަކުގެ ނަންތައްވެސްވަނީ އެފަދައިންނެވެ.

الهدأة އަކީ ހަރަކާތްތަކާ އަޑުތައް ކެނޑި ހިމޭންވެފައިވުމެވެ. انظر: لسان العرب، مادة هدأ، 15 / 45.  މި ނަން ދެވިފައިވަނީ އެ ރޭ ހަނގުރާމަ ނުހިނގާތީ ކަމަށްވުން އެކަށީގެންވެއެވެ.

السواد އަކީ ހުދުގެ އިދިކޮޅެވެ. އަދި އެ ފާޅުވެގެން އަންނަނީ އަނދިރިކަމާއެކުއެވެ. انظر: لسان العرب، مادة سود، 6 / 420.  މި ނަން ދެވިފައިވަނީ އެ ރޭ އަނދިކަން ގަދަވުމުން ކަމުގައި އެކަށީގެންވެއެވެ.

الهرير އަކީ ކުއްތާގެ އަޑެވެ. އެއީ ކުއްތާ ވައްވައްޖަހާއިރު ލައްވާ އަޑަށް ވުރެ މަޑު އަޑެކެވެ. انظر: المصباح المنير، ص: 244. މި ނަން ދެވިފައިވަނީ ރެއާ ހަމައަށް ހަނގުރާމަ ދިގުލައިގެން ގޮސް، ރޭގަނޑުގެ އަނދިރީގައި ހަނގުރާމަވެރިންގެ ކިބައިން މިފަދަ އަޑުތައް އިވުމުންނެވެ. انظر: عادل كمال، القادسية،  ص: 145 – 164.