[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 12

ފުރަތަމަ ދުވަސްވީ މުސްލިމުންނަށް ވަރަށް އުނދަގޫ ދުވަހަކަށެވެ. އެއީ ފާރިސީންގެ ލަޝްކަރުގައިވި އެތްތަކުގެ ސަބަބުންނެވެ. އެތްތައް ފެނުމުން މުސްލިމުންގެ އަސްތައް ބިރުގަތެވެ. ފަހެ، އެތްތަކުގެ ބުރަކަށިތަކުގައިވި ފޮށިގަނޑުތަކުގެ ވާތައް ކެނޑުމަށް، ސަޢުދު ބުން އަބީ ވައްޤާޞް ބަޔަކާ ހަވާލުކުރިއެވެ. މިދުވަހު ފައިދާކުރީ އެމީހެއްގެ އަސް ސަލާމަތްކުރެވުނު މީހަކަށެވެ.

ދެވަނަ ދުވަހު ޝާމްކަރައިން ފޮނުވި އެހީއާއި މަދަދު، ހާޝިމް ބުން ޢުތުބާ ބުން އަބީ ވައްޤާޞްގެ ޤިޔާދަތުގެ ދަށުގައި މުސްލިމުންނާ ހަމައަށް ވާޞިލުވިއެވެ. އެ ލަޝްކަރުގެ ކުރީގައި ހުރީ އަލްޤަޢުޤާޢު ބުން ޢަމްރެވެ. އެބައިމީހުންނަށް އެތަނަށް ވާޞިލުވުމާއެކު، ދުޝްމަނުންނާ ކުރިމަތިލުމަށް އެކަލޭގެފާނު ގޮވާލެއްވިއެވެ. އަދި އެކަލޭގެފާނާ ކުރިމަތިލުމަށް ބަހްމަން ޖާޛަވައިހި ނުކުތެވެ. ޖިސްރުގައި އަބޫ ޢުބައިދު ޤަތުލުކޮށްލުމުގެ ބަދަލުހިއްޕަވާނެކަމަށް އަލްޤަޢުޤާޢު ގޮވާލެއްވިއެވެ. އަދި ބަހްމަނާ ކުރިމަތިލައްވާ އޭނާ ޤަތުލުކުރިއެވެ. އެތްތަކަށް ލިބުނު ގެއްލުންތައް އިޞްލާޙުކުރުމަށްޓަކައި މި ދުވަހު އެތްތައް ނުނެރެއެވެ. އެހެންކަމުން މި ދުވަސްވީ މުސްލިމުންނަށް ރަނގަޅު ދުވަހަކަށެވެ.

ތިންވަނަ ދުވަހު ފާރިސީން އެތްތައް ނެރުނެވެ. ނަމަވެސް މުސްލިމުންގެ އަސްތަކަށް ކުރިން ދުވަހު އެތްތައް ފެނިފައިވުމުގެ ސަބަބުން އެއެއްޗެހި އެތްތައްދެކެ ބިރެއް ނުގަތެވެ. އަދި މީގެ އިތުރުން، ސަޢުދު ބުން އަބީ ވައްޤާޞް ވަނީ އެތްތަކުގެ ހޮނޑުތައް ބުރިކޮށް، އޭގެ ލޮލަށް ލޮންސިން ހަމަލާ ދިނުމަށް ބަޔަކާ ހަވާލުކޮށްފައެވެ. މިކަމުގެ ސަބަބުން މުސްލިމުންގެ އަސްތައް އޭގެ ސަފުތަކުގައި ހަނގުރާމަކުރަމުން ދިޔައެވެ. މިގޮތުގައި މުސްލިމުން ކުރިއަރާ ގޮސް ނަޞްރުލިބުނެވެ. އަދި ހިލާލު ބުން ޢުލްފާގެ އަތުން ރުސްތުމް ޤަތުލުވިއެވެ.

އާލަސްކަންފުޅުގެ ސަބަބުން ސަޢުދު ބުން އަބީ ވައްޤާޞް ޢަމަލީ ގޮތުން މި ހަނގުރާމައިގައި ބައިވެރިވެވަޑައިނުގަންނަވައެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގެ ކައިރީގައި ހުރި ގަނޑުވަރެއްގެ ފުރާޅުމަތީ އެކަލޭގެފާނަށް ޚާއްޞަކޮށް ހަދާފައިވާ ތަނެއްގައި، މައިދާނުގައި ކަންތައް ވަމުންދާ ގޮތް ބައްލަވަން ހުންނެވިއެވެ. [1]

މި ހަނގުރާމައަށްޓަކައި ފާރިސީން ނުހަނު ބޮޑަށް ތައްޔާރުވެފައިވުމާއެކުވެސް، އެބައިމީހުންގެ މައްޗަށް މުސްލިމުންނަށް ލިބުނު ނަޞްރު ވެގެން ދިޔައީ ވަރަށް މުހިއްމު ނަޞްރަކަށެވެ. މަޢުނަވީ ގޮތުން ފާރިސީންނަށް ބޮޑެތި ގެއްލުންތަކެއްވިއެވެ. އަދި މުސްލިމުންގެ މައްޗަށް ކާމިޔާބު ހޯދުމަށް އެބައިމީހުން ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔައެވެ. މި ހަނގުރާމަ ވެގެން ދިޔައީ ފާރިސީންގެ ވެރިކަން ވެއްޓުމުގެ ފެށުންކަމުގައެވެ.

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  انظر: الطبري، تاريخ الأمم والملوك، (2 / 401 – 425). وابن كثير، البداية والنهاية، (7 / 44).