[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 13

މަދާއިން [1] ފަތަޙަކުރެއްވުން

 

މަދާއިން ފަތަޙަކުރެއްވީ ހިޖުރައިން 16 ވަނަ އަހަރުގައެވެ. މި ރަށަކީ ފާރިސީންގެ ވެރި ރަށެވެ. މިރަށް އޮންނަނީ ދިލްޖާ  ކޯރުގެ (Tigris river) އިރުމަތި ފަރާތުގައެވެ.

ޤާދިސިއްޔަ ހަނގުރާމައަށް ފަހު، ދެ މަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވަންދެން ސަޢުދު ބުން އަބީ ވައްޤާޞް، ޚަލީފާގެ އަމުރުފުޅެއްގެ އިންތިޒާރުގައި ހުންނެވިއެވެ. މަދާއިން ފަތަޙަކުރެއްވުމަށް ޢުމަރުގެފާނު އިޛުނަ ދެއްވުމުން އެކަލޭގެފާނު މަދާއިނަށް ވަޑައިގެންނެވި މަގު މަތީގައި ބާބިލު ހިމާޔަތްކުރަން ތިބި ފާރިސީން ޤަތުލުކުރެއްވިއެވެ.

އެކަލޭގެފާނު މަދާއިނަށް ވަދެވަޑައިގެންނެވީ އެ ރަށުގެ ހުޅަނގު ފަރާތުންނެވެ. އެ ރަށަށް ވަދެވަޑައިގެންނެވިއިރު އެއްވެސް ކުރިމަތިލުމެއް ނުހިނގައެވެ. އޭރު އެރަށް ޙިމާޔަތްކުރާނެ ބަޔަކު ބައިތިއްބާފައި، ޔަޒްދަޖަރްދު އެ ރަށުން ނުކުމެއްޖެއެވެ. ޔަޒްދަޖަރްދު ދިޔައީ ޙުލްވާނަށެވެ. އެއަށް ފަހު، ދިލްޖާ ކޯރު މުސްލިމުންގެ ބާރުގެ ދަށަށް ގެނައެވެ. ފާރިސީންނަށް މުސްލިމުންނެއް ނުހުއްޓުވުނެވެ. އެންމެ ފަހުން އެރަށުގައި ތިބި ފާރިސީން ޖިޒްޔަދިނުމަށް އެއްބަސްވިއެވެ. ދެން މުސްލިމުން “ބައިތުލް އަބްޔަޟް” އަށް ވަނެވެ. އެއީ މުސްލިމުން އެތަނެއް ފަތަޙަކުރާނެ ކަމުގައި ރަސޫލު ﷲ صلى الله عليه وسلم ވަޢުދުވެވަޑައިގެންފައިވާ ތަނެކެވެ. [2]

ދެން އެއަށްފަހު، ހާޝިމް ބުން ޢުތުބާ ބުން އަބީ ވައްޤާޞާއި އަލްޤަޢުޤާޢު ބުން ޢަމްރާއެކު ސަޢުދުގެފާނު ޖަލޫލާއަށް ވަޑައިގެންނެވިއެވެ. އެއަށްފަހު، ޙުލްވާނަށް ވަޑައިގެންނެވިއެވެ. އަދި އެ ދެ ތަން ފަތަޙަކުރެއްވިއެވެ. އެއީ ހިޖުރައިން 16 ވަނަ އަހަރެވެ. [3]

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  މަދާއިނަކީ ޢިރާޤުގެ ދިލްޖާ ކޯރުގެ ކައިރީގައިވާ ރަށެކެވެ. އެ ރަށުގެ ދެކުނުން އެންމެ ކައިރީގައިވަނީ ބަޣުދާދެވެ. [انظر: د. حسين مؤنس، أطلس تاريخ الإسلام، ص: 113.]

[2]  رواه مسلم برقم: 10 – (1822).

[3]  انظر: الطبري، تاريخ الأمم والملوك، (2 / 460 – 464).