[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (27)

ތިންވަނަ ކަންތައް: ދީނާއި ދުނިޔަވީ ކަންކަމުގެ ޢިލްމު އުނގެނުން

މި މަރުހަލާގައި ހިމެނިގެންދާނީ ކުދިންނަށް، އަސާސީ ކަންކަން ދަސްކޮށްދިނުމާއި، އަދި ރިވެތި އަޚްލާޤީ ސިފަތައް ދަސްކޮށްދިނުމާއި، އަދި އިޖުތިމާޢީ ކަންކަމާ ގުޅުންހުރި ކަންކަމުގައި އެކުދިންނަށް އިރުޝާދު ދިނުމެވެ. މިފަދަ ކަންކަން ކުޑަކުދިން ދަސްކުރާނީ ނަމޫނާ ދައްކުވައިދީގެންނެވެ. މައިންބަފައިން ރޯދަ ހިފާނަމަ، ދަރިން ރޯދަހިފާނެއެވެ. އަދި ރޯދަ ހިފުމުން އެކުރެވޭ އިހުސާސަކީ ކޮބައިތޯ ސުވާލުކޮށްލެވިދާނެއެވެ. ބައްޕަ ޖަމާޢަތުގައި ނަމާދަށް ދާނަމަ، ދަރިފުޅުވެސް ބައްޕައާއެކު ދާ ހިތްވާނެއެވެ. އަދި އެދާ ދިއުމުން ހުކުރު ނަމާދު ކުރާ ގޮތާއި، އަދި ޖަމާޢަތުގެ ނަމާދުގައި ކަންކުރަންޖެހޭ ގޮތްތައް ދަސްވާނެއެވެ. އަންހެން ދަރިފުޅު އޭނާގެ މަންމަ ފަދައިން ބުރުގާ އަޅައި ނިވާވެވުމުން އުފާވާނެއެވެ. މިގޮތުގައި ކުދިން އެކުދިންގެ މައިންބަފައިންނާއި، އާއިލާ މީހުންނާއެކު ދިރިއުޅެ، އެކުދިންގެ ކިބައިން އެދެވިގެންވާ ކަންކަން ކުރުމުގައި އެންމެ ފުރިހަމައަށް ކަންކުރާތަން ފެނިގެންދާނެއެވެ.

ދަރިފުޅު ދުނިޔެއަށް އުފަންވެގެން އަންނަނީ އިޖުތިމާޢީ އަދަބުތަކަކީ ކޮބައިކަން ނޭނގޭ ޙާލުގައެވެ. އަދި ރިވެތި އަޚުލާޤީ ސިފަތަކަށް ބޭނުންޖެހިފައިވާ ޙާލުގައެވެ. އެހެންކަމުން، އެކުދިންނަށް އެކުދިންގެ އުޅުމުގެ ހުންނަ ކަންކަން ރަނގަޅު ކުރުވައި އިރުޝާދު ދޭން ޖެހެއެވެ. އަދި އިޖުތިމާޢީ އަދަބުތަކާއި، އަޚުލާޤީ ސިފަތައް ދަސްވަމުންދާނީ އެކަމަކާ ގުޅޭ މުނާސަބު ވަގުތުތަކުގައެވެ. އަދި އެކަންކަމަށް ހާނުވައި އާދަކުރުވުމަކީ ވަރަށް މުހިއްމު އަދި ޒަރޫރީ ކަމެކެވެ. މިކަންކަން، ކުދިންގެ ޅަފަތުގައި އުނގަންނައި ނުދެވިއްޖެނަމަ، ދުވަހަކުވެސް އެފަދަ ކަންކަން ދަހެއް ނުވާނެއެވެ. މިކަންކަން ދަސްކޮށް ދިނުމަށް ތިރީގައި މިބަޔާންކުރެވޭ ފަދަ ގޮތްތަށް ބޭނުންކުރެވިދާނެއެވެ:

އާއިލާގެ އެންމެން ކޮންމެ ދުވަހަކު ތިން އިރު ކެއުމަށް ސުފުރާ މައްޗަށް ޖަމާވާއިރު، ކެއުމުގެ އަދަބުތައް ދަސްކޮށް ދެވިދާނެއެވެ. މަންމަ ކާއިރުގައި ގަޔާ އެންމެ ކައިރި ފަރާތުން ކާތަން ފެންނަނަމަ، އެގޮތަށް ކާން ދަސްވާނެއެވެ. އަދި ކާގަޑީގައި އަނގަ ހުޅުވާނަމަ، އަނގަ ލައްޕައިގެން ކާން ބުނެދެވޭނެއެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް ދަރިފުޅަށް އަދަބުތައް ދަސްވެގެންދާނެއެވެ. ކުޑަދަރިފުޅު މަންމަގެ ކޮޓަރިއަށް ހުއްދަ ނުހޯދައި ވަދެފިނަމަ، ހުއްދަ ނުހޯދައި ނުވަނުމަށް އަންގާށެވެ. އާއިލާގެ މީހުންނަށް ޒިޔާރަތްކުރަން ދާއިރު، އެއް ފަހަރު ދޮރުގައި ޓަކި ޖެހުމަށް ދަސްކޮށްދޭށެވެ. އަދި ކުޑައިރުކޮޅަކަށް މަޑުކުރުމަށްފަހު ދެވަނަ ފަހަރަށް ޓަކި ޖެހުމަށް ބުނެދޭށެވެ. އަދި އެގޮތަށް ހުންނަ އިރު ދޮރުގެ އެއްފަރާތުގައި، ގޭގެ އެތެރެ ނުފެންނާނެހެން ހުރުމަށް ބުނެދޭށެވެ.

ކުދިން އެކުދިންގެ ރަޙުމަތްތެރިންނާއެކު ދާތަންތަނާއި، ކުރާ ކަންކަމުގެ ވާހަކަ އެހުމަކީ ވަރަށް މުހިއްމުކަމެކެވެ. އޭރުން މައިންބަފައިންގެ ޣައިރު ހާޒިރުގައި އެކުދިން ކަންތައް ކުރަނީ ކިހިނެއް ކަން އެނގި، ރަނގަޅުކުރަންޖެހޭ ކަންކަން ބުނެދެވޭނެއެވެ. މީހުންގެ ތަކެއްޗަށް އެކުދިން ގެއްލުން ދޭ ކަމުގައިވާނަމަ އެއީ ޙަރާމްކަމެއްކަމަށް ބުނެދޭށެވެ. މުންކަރާތަކަށް އަރައިގެންފިނަމަ، އެކަން ތަކުރާރު ނުކުރުމަށް އެކުދިންނަށް އަންގާށެވެ. މިގޮތަށް ދިރިއުޅުމުގެ އެކިއެކި ކަންކަން ކުރިމަތިވެ، އަދި މަންމަ އެކަންތައް ރަނގަޅަށް ބަލައި، ހެޔޮ މަގަށް މަގު ދައްކާނަމަ، އެކުދިންނަށް ބޭނުން ޖެހޭ ގިނަ ކަންކަން ކޮންމެ ދުވަހަކުވެސް ދާނީ ދަސްވަމުންނެވެ. އަދި ދިރިއުޅުމުގައި ތިމާ އެކަންކަމަށް ތަބާވާންޖެހޭ ޤަވާއިދުތައް ވާކަން އެނގިގެންދާނެއެވެ. އަދި އިސްލާމްދީނުގައި އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ހިމެނިފައިވާ ކަމާއި، އަދި ކީރިތި ނަބިއްޔާގެ ސުންނަތް ފުރިފައިވަނީ، އަހަރެމެންނަށް ދިރިއުޅުމުގެ ހުރިހާ ކަމަކަށް އިރުޝާދުތަކުންނާއި، މަގު ދެއްކުންތަކުންކަން ބުނެދޭށެވެ. އޭރުން އެހެނިހެން ގަވާއިދުތަކަކީ ކޮބައިތޯ ސުވާލުކޮށް، އަދި އެކުދިންނަށް ނޭނގި ހުރި ސުންނަތް ކަންކަމަކީ ކޮބައިތޯ ބަލައި އެނގެން ބޭނުންވާނެއެވެ. އަދި މަދަރުސާއާއި، ކުޅިވަރުގެ މައިދާންތަކުގައި ދިމާވާ ކަންކަމުގައި އެކުދިން ކަންކުރަންޖެހޭނީ ކިހިނެތްތޯ އަހައި އޮޅުން ފިލުވާނެއެވެ. އަދި އެކުދިންނާއި ކުރިމަތިވާ މައްސަލަތަކާއިމެދު އިސްލާމްދީނުގައި ވަނީ ކީކޭތޯ އަހާނެއެވެ. މިގޮތަށް، އެކުދިންނަށް ދީނުގެ ކަންކަން އުނގެނި، ދަސްވެ، އެކުދިންގެ ސުލޫކު ރަގަޅުވަންދެން، މިގޮތުގައި ކަންކަން ހިނގަމުންދާނެއެވެ. (ނުނިމޭ)

______________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!