މި ނަޒަރިއްޔާތުތަކުގެ ތެރެއިން އެންމެ މުހިންމު ނަޒަރިއްޔާތުތަކަކީ:
ފުރަތަމަ ނަޒަރިއްޔާތު: “ޑާރވިން”ގެ ނަޒަރިއްޔާތު (Darwin’s theory)
އެއީ އޭނާގެ ފޮތެއްކަމުގައިވާ “ދިރޭތަކެތީގެ އަޞްލު” (On the Origin of Species) ގައި ބަޔާންކޮށްފައިވާ ނަޒަރިއްޔާތެކެވެ. އެއީ އިލްޙާދުގެ އަހުލުވެރިން ޤަބޫލުކުރާ “އިވޮލިއުޝަން ތިޔަރީ” (Theory of Evolution) ގެ އެންމެ މުހިންމު ބިންގަލެވެ. ޑާރވިން އޭނާގެ މި މަދަރުސާ ބިނާކޮށްފައިވާ އަސާސަކީ ކޮންމެ ދިރޭ އެއްޗަކީ މުސްތަޤިއްލު ގޮތަކަށް އުފެދިފައިވާ އެއްޗެއް ނޫންކަމުގައެވެ. އެބައިމީހުން ދަޢުވާކުރާ ގޮތުގައި އެ ހުރިހާ އެއްޗެއް އުފެދިފައިވަނީ އެއް އަޞްލަކުންނެވެ. އެއީ “އެންމެ ސެލް” (Single Cell) އަކުންނެވެ. ދެން އެއަށްފަހުގައި އެއް މަރުޙަލާއިން އަނެއް މަރުޙަލާއަށް އެ Evolve ވެ، އިންސާނުންނާއި އެންމެހާ ކާއިނާތުތައް އުފެދުނީއެވެ. އެގޮތުން އޭނާ ޤަބޫލުކުރާ ގޮތުގައި “ޤުދުރަތުން” (Nature އިން) އިޚްތިޔާރުކުރަމުން ދިޔައީ އެންމެ ވަރުގަދަ ދިރުން ދެމިހުރުމަށެވެ. އެކަން ބަޔާންކޮށްފައިވަނީ (Survival of the fittest) ގެ ގޮތުގައެވެ. އަދި (Natural selection) ގެ ގޮތުގައެވެ.
ޑާރވިންގެ މަދަރުސާގެ ދަށުގައި ދުނިޔޭގެ އެންމެ ބޮޑެތި މުލްޙިދުންވަނީ ޖަމާވެފައެވެ. އެއީ އިންސާނާއަށް ޚާލިޤަކު ނުވާކަމަށް ދެކޭ މީހުންނެވެ. އަދި އިންސާނާ އުފެދިފައިވަނީ އެތައް މިލިޔަން އަހަރަކުން އެކި ބާވަތްތަކުގެ ތެރެއިން Evolve ވެގެންކަމުގައި އެބައިމީހުން ދެކެއެވެ.
މި ނަޒަރިއްޔާތަށް މުލްޙިދުން ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އެއީ އެބައިމީހުން ދެކޭ ގޮތުގައި މިއީ ޚާލިޤެއްގެ ވާހަކަ ބަޔާންނުކޮށް، ކައުނާއި ޙަޔާތް ތަފުސީރުކުރެވިދާނެ ހަމައެކަނި ނަޒަރިއްޔާތެވެ. އެހެނަސް ޙަޤީޤަތަށް ބަލާއިރު އެއީ ބަލިކަށި، ހަރުދަނާކަމެއް ނުވާ ނަޒަރިއްޔާތެކެވެ. އެހެންކަމުން މިޒަމާނުގައި މި ނަޒަރިއްޔާ މިދަނީ ޢިލްމީ ސާޙާގައި ވަރަށް ބޮޑަށް ފަނޑުވަމުންނެވެ. މި ނަޒަރިއްޔާތުގެ ބާޠިލުކަން ބަޔާންކޮށްދެއްވާ އެކި ބާޙިޘުންނާއި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ އެންމެ މުހިންމު ނުކުތާތަކަކީ:
ފުރަތަމައީ: މިއީ ޝާމިލު ނަޒަރިއްޔާއެއް ނޫނެވެ. މީގައި ކައުނުގައިވާ ހުރިހާ ދިރުމެއް ޝަރަޙަކޮށްދީފައި ނުވެއެވެ. މިސާލަކަށް އެކި ބާވަތްތަކުގެ ސޫފިތައް އުފެދުނު ގޮތް މީގައި ތަފްސީރުކޮށްދީފައި ނުވެއެވެ. ދިރުން ހުރި ތަކެއްޗަށް ބަލާއިރު ސޫފިތަކަކީ އޭގެ ގާތްގަނޑަކަށް 80 % އެވެ. އެގޮތުން އެކި ބާވަތުގެ ސޫފިތައްވެސް އެއީ Evolve ވެފައިވާ ތަކެތި ހެއްޔެވެ؟ ނުވަތަ އިވޮލިއުޝަންގެ ޤާނޫނު އޭގެ މައްޗަށް ނުހިނގާ ތަކެތި ހެއްޔެވެ؟
އެގޮތުން ދޫނިތަކާ ގުޅުން ހުރި ބައެއްކަންކަންވެސް އޭގައި ތަފްސީރުކޮށްފައި ނުވެއެވެ. އުދުހޭ ޙައިވާނުތައް އެވަނީ Evolve ވެފައި ހެއްޔެވެ؟ އަދި އެގޮތަށް Evolve ވުމުގެ ކުރިން އޭގެ އަޞްލަކީ ކޮބާ ހެއްޔެވެ؟
އަދި އެނޫނަސް ވަރަށް ގިނަ ދިރޭ ތަކެތިވަނީ ތަފްސީރުނުކޮށް އިހުމާލުކޮށްލާފައެވެ. ފަހެ ގާތްގަނޑަކަށް 90 % ވަރުގެ ދިރޭތަކެތި އުފެދުނު ގޮތް ތަފްސީރު ނުކޮށްދޭ ނަޒަރިއްޔާތެއްގެ ބުރަދަނަކީ ކޮބާ ހެއްޔެވެ؟!
ދެވަނައީ: މި ނަޒަރިއްޔާތުގެ ބޮޑުންނާއި ވާގިވެރިންވަނީ ދިރުން ނެތް އެއްޗަކުން ދިރި ހުރި އެއްޗަކަށް ދިރުން އައިގޮތް ޝަރަޙަކޮށްދިނުމަށް ނުކުޅެދިފައެވެ. ފަހެ ދިރުމެއް ނުވާ “އެންމެ ސެލް” (Single Cell) އެއް ކުއްލިއަކަށް އިޙްސާސްހުރި، ބުއްދިހުރި އެއްޗަކަށް ބަދަލުވި ގޮތާ ބެހޭގޮތުން އެބައިމީހުންނާ ސުވާކޮށްފިނަމަ، ޖަވާބުގައި މުލްޙިދުން ބުނާނެއެވެ. މި ބަދަލު އައި ކުއްލިއަކަށެވެ. coincidence އަކުންނެވެ.
އެއްވެސް ޝައްކެތް ނެތް ގޮތުގައި coincidence އަކީ ޢިލްމީ ޖަވާބެއް ނޫނެވެ. އެއާ ޚިލާފަށް އެއީ ޢިލްމާ ދެކޮޅު ޖަވާބެކެވެ. – އެކަން ވަރަށް އަވަހަށް ބަޔާންކޮށްދޭނަމެވެ. إن شاء الله –
ތިންވަނައީ: މި ނަޒަރިއްޔާއާ މެދު ވިސްނާލުމުން އެނގިގެން ދަނީ މި ނަޒަރިއްޔާ ބިނާކޮށްފައިވަނީ ދިރޭތަކެތި، އެކަތި އަނެކައްޗާ ވައްތަރުވުމުގެ މައްޗަށެވެ. މިއަށް ބިނާކޮށް ޑާރވިން ނިންމާފައިވަނީ އިންސާނާގެ އަޞްލަކީ މަކުނުކަމުގައެވެ.
މިކަމާ ގުޅޭގޮތުން މުލްޙިދު ޅެންވެރިއެއްކަމުގައިވާ ޒަހާވީ ކިޔާފައިވާ ޅެން ބައިތެއް ޛިކުރުކޮށްލާނަމެވެ. އޭނާ ފަޚުރުވެރިކަމާއެކު ބުނެފައިވަނީ އޭނާ އައިސްފައިވަނީ ހަލާކުވެގެން ގޮސްފައިވާ މަކުނުގެ ނަސްލުންކަމުގައެވެ. އެ ޅެން ބައިތުގައިވަނީ:
ما نحن إلا أقردٌ *** من نسل قردٍ هالكِ
فخرٌ لنا ارتقاؤنا *** في سُلّم المدارك!
މާނައީ: އަހަރުމެންނީ މަކުނުތަކެއްކަމުގައި މެނުވީ ނުވަމުއެވެ.
އައިސްފައިވަނީ ހަލާކުވެގޮސްފައިވާ މަކުނުގެ ނަސްލަކުންނެވެ.
ދެނެގަތުމުގެ ހަރުފަތްތަކުގައި އަހަރުމެން ކުރިއަރައިގެން ގޮސްފައިވާކަމީ، އަހުރުމެންނަށް ހުރި ފަޚުރެކެވެ.
ދަންނަވަމެވެ. މި ނަޒަރިއްޔާތުގައި ދަޢުވާކުރާ ގޮތުގައި ބައެއް ބަލިތަކުގައި އިންސާނުންނާއި ޙައިވާނުން އެއްގޮތްވުމަކީ އެދެ ފަރާތް ވައްތަރުވާކަމަށް ދަލާލަތުކުރާކަމެކެވެ. މި ނަޒަރިއްޔާތުގެ އަހުލުވެރިންނާ މިކަމުގައި ކުރަންޖެހޭ ސުވާލަކީ: އެހެންކަމުގައިވާ ނަމަ މީދަލަކުން އިންސާނާ Evolve ވެގެން ނައީ ކީއްވެ ހެއްޔެވެ؟ އެހެނީ މިސާލަކަށް ކެންސަރުފަދަ ވަރަށް ގިނަ ބަލިތަކުގައި މި ދެ މަޚްލޫޤު އެއްގޮތެވެ؟!
މިކަމަށް މިބައިމީހުންނަށް އެކަށީގެންވާ ޖަވާބެއް ނުވެއެވެ.
މި ނަޒަރިއްޔާތުގެ ޚުރާފާތްތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ: ބޭނުން ނުކުރާ ގުނަވަންތައް ފޮރުވި ނުވަތަ ގެއްލިގެންދާކަމެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް އެގޮތުގައި ވާރުތަކުރާކަމުގައެވެ. އަދި ބޭނުންކުރާ ގުނަވަންތައް އިތުރަށް ވަރުގަދަވެ ބަދަލުވަމުންދާ ކަމުގައެވެ. އެހެންކަމުން އެބައިމީހުން ދަޢުވާކުރާ ގޮތުގައި ޒަރާފާގެ ކަރު ދިގުވީ ގަސްތަކުގައިވާ ތަކެތި ކެއުމަށް އޭގެ ކަރުދަމަން ޖެހޭތީކަމުގައެވެ. ދެން އެއަށްފަހުގައި މަޑުމަޑުން Evolve ވަމުން ގޮސް އޭގެ ކަރު ދިގުވީ ކަމުގައެވެ.
އެބައިމީހުންނާ މިކަމުގައި ކުރިމަތިކުރެވޭ ސުވާލަކީ: ބަކަރީގެ ކަރު ދިގު ނުވީ ކީއްވެ ހެއްޔެވެ؟ އެއީވެސް ގަހުން ފަތްކާން ބޭނުން ޖެހިފައިވާ ޖަނަވާރެކެވެ. އެތައް ހާސް އަހަރަކުން ފެށިގެން އެވެސް ކަރުދަމައިގެން ކައި އުޅެއެވެ؟!
މިއަށްވެސް މިބައިމީހުންގެ އަތުގައި އެކަށީގެންވާ ޖަވާބެއް ނުވެއެވެ.
ހަމަ އެފަދައިން ޑާރވިން ބަޔާންކޮށްފައިވާ ގޮތުގައި އަހަރުމެންގެ ކުރީގައި އުޅުނު މީހުންގެ އިސްތަށިތައް ވަރަށް ބޮލެވެ. އަދި އެ Evolve ވެ، ފުރިހަމަ އިންސާނަކަށްވުމުގެ ތެރޭގައި ވަރަށް ގިނަ އިސްތަށިތައްވަނީ ފައިބާފައެވެ. އެއީ އެ ބޭނުން ނުކުރާތީއާއި އެއަށް ޙާޖަތެއް ނެތުމުންނެވެ.
އެހެނަސް ފިރިހެނުންގެ ކިބައިގައި އިސްތަށި ފަޅާހެން އަންހެނުންގެ އިސްތަށި ނުފަޅާ ސަބަބު ބަޔާންކުރަމުން އޭނާވަނީ ވަރަށް ޢަޖައިބުކުރުވަނިވި ޖަވާބެއް ދީފައެވެ. އޭނާ ސިފަކޮށްފައިވަނީ އަންހެނާގެ ރީތިކަމާއި ޖާޛިބީ އަޘަރު ހުރުމަށް އެއީ ޟަރޫރީކަމެއްގެ ގޮތުގައެވެ؟!
ޙަކީމުވަންތަ ޚާލިޤެއްވާކަމަށް އެބައިމީހުން ޤަބޫލުކުރާނަމަ، މި ޖަވާބަކީ ފުދޭވަރެއްގެ ޖަވާބެއްކަމުގައި ބެލުނީހެވެ. އެހެނަސް މުލްޙިދުން މިކަމަށް އިޤުރާރެއް ނުވެއެވެ!
ހަމަ އެފަދައިން އިންސާނާގެ ބޮލުގައި އިސްތަށި ހުރެފައި އެހެން ތަންތަނުން އިސްތަށި ފައިބާފައިވާކަމަށް ދަޢުވާކޮށް، އެކަން ތަފްސީރުކުރަން ޑާރވިން މަސައްކަތްކޮށްފައި ވެއެވެ. އޭނާ ބުނާ ގޮތުގައި ބޮލަކީ ވަރަށް ގިނައިން ތަންތަނުގައި ޖެހޭ ގުނަވަނެކެވެ. އެހެންކަމުން އެތަނުގައި އިސްތަށި ހުރުން ލާޒިމުވިއެވެ!
މިއީ ޢަޖައިބުކަމެކެވެ. އެހެންކަމުގައިވާނަމަ ނިތްކުރިއާއި ނޭފަތަށްވީ ކިހިނެތް ހެއްޔެވެ؟ އެއީވެސް ވަރަށް ގިނައިން ތަންތަނުގައި ޖެހޭ ގުނަވަންތަކެވެ؟!
ދެން ފަހެ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ހުންނަ އިސްތަށިތައް ހުރުމުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ އެވެސް ހުރީ މި ސަބަބަށްޓަކާ ހެއްޔެވެ؟!
ޚުލާޞާ ގޮތެއްގައި ދަންނަވާލަން އޮތީ މިއީ ބަލިކަށިވަމުންދާ، ރޫޅެމުންދާ ފިކުރެކެވެ.
= ނުނިމޭ =
އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް