[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 15

ނަހާވަންދު [1]

 

އީރާނުގައި ބާކީ ތިބި ފާރިސީންނާ ދެކޮޅަށް ނުކުތުމުގެ ބަދަލުގައި، ޢުމަރު رضي الله عنه އަށް ފެނިވަޑައިގެންނެވީ ފާރިސީންގެ ބިމުގައި އިތުރަށް ހަނގުރާމަ ނުކުރުމަށެވެ. މިކަމުގެ ސަބަބުން މުސްލިމުންނާ ދެކޮޅަށް ނުކުތުމަށް އަލުން ލަޝްކަރު ތައްޔާރުކޮށް ޞަފުތައް ތަރުތީބުކުރުމަށް ފާރިސީންގެ ރަސްގެފާނު ޔަޒްދަޖަރްދާއި އެބައިމީހުންގެ ޤާއިދުންގެ ތެރެއިން ހުރްމުޒާންފަދަ މީހުންނަށް ފުރުޞަތު ލިބުނެވެ. އެގޮތުން ދެ ތަނެއްގައި ފާރިސީން މުސްލިމުންނާ ދެކޮޅަށް ޖަމާވަމުން ދިޔައެވެ.

އެއް ތަނަކީ ނަހާވަންދެވެ. އެތަނުގައި ވެރިއަކަށް ހުރީ ޔަޒްދަޖަރްދެވެ. އަނެއް ތަނަކީ އަލްއަހްވާޒެވެ. އެތަނުގެ ވެރިޔަކަށް ހުރީ ހުރްމުޒާނެވެ. ޢިރާޤުގައި ފާރިސީންނާއި މުސްލިމުންގެ ކުރިމަތިލުން ފެށުނީ މި ދެ ތަނުންނެވެ.

ހުރްމުޒާނާމެދު ދަންނައެވެ. މުސްލިމުން އެތައް ތަނަކުން އޭނާއާއި އޭނާއަށް ތަބާވީ މީހުންނާ ކުރިމަތިލާ ފަހާލިއެވެ. އެގޮތުން މުސްލިމުން ފުރަތަމަ ފަތަޙަކުރީ އަހްވާޒެވެ. ދެން ރާމަހުރްމުޒެވެ. ދެން އެންމެ ފަހުން ތުސްތަރުން ހުރްމުޒާނު އަސީރުކުރިއެވެ. އަދި ޢުމަރުގެފާނުގެ އަރިހަށް، މަދީނާއަށް ފޮނުވާލެވުނެވެ.

ޔަޒްދަޖަރްދާމެދު ދަންނައެވެ. އޭނާ ދިޔައީ މުސްލިމުންނާ ދެކޮޅަށް ނެރުމަށްޓަކައި ނަހާވަންދުގައި ލަޝްކަރު ތައްޔާރުކުރަމުންނެވެ. އެގޮތުން ގައިގަނޑަކަށް 150000 ހަނގުރާމަވެރިން ފައިރުޒާނުގެ ޤިޔާދަތުގެ ދަށުގައި ޖަމާކުރިއެވެ.

ފަހެ، ޢުމަރު رضي الله عنه އަށް މިކަމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން، މުސްލިމުންގެ ލަޝްކަރު ޖަމާކުރައްވާ އެ ލަޝްކަރުގެ ޤިޔާދަތުގައި އެކަލޭގެފާނު ވަޑައިގެންނެވުމަށް ނިންމެވިއެވެ. ނަމަވެސް ޞަޙާބީން އެކަލޭގެފާނަށް ނަސޭހަތްތެރިވީ އެކަލޭގެފާނު މަދީނާގައި މަޑުކުރެއްވުމަށެވެ. އެބޭކަލުންގެ ނަސޭހަތް ޤަބޫލުކުރައްވާ އެކަލޭގެފާނު މަދީނާގައި މަޑުކުރެއްވިއެވެ. އަދި ލަޝްކަރުގެ ވެރިއަކަށް އައްނުޢުމާން ބުން މުޤައްރިން އަލްމުޒަނީ އަދި އެކަލޭގެފާނަށް ފަހު ޙުޛައިފާ ބުން އަލްޔަމާން ހަމަޖެއްސެވިއެވެ. ބުނެވޭ ގޮތުގައި މުސްލިމުންގެ މި ލަޝްކަރުގެ ޢަދަދަކީ 30000 މުޖާހިދުންނެވެ.

ޢަދުއްވުންގެ ކަންކަމުގެ ޚަބަރު ހޯދުމަށް ދިއުމަށް ޢަމްރު ބުން މަޢުދީކަރިބު އައްޒުބައިދީއަށް ނުޢުމާން رضي الله عنه އެންގެވިއެވެ. ދެން އެއަށްފަހު، ޠުލައިޙާ ބުން ޚުވައިލިދު އަލްއަސަދީ ވެސް ފޮނުއްވިއެވެ. ނަހާވަންދުގެ ޚަބަރުތަކާއި އެތަން ހިމާޔަތްކުރުމަށް ކޮށްފައިހުރި ކަންކަމުގެ ޚަބަރުތައް ލިބިވަޑައިގެންނެވުމުން، ހަނގުރާމައިގެ އަސްކަރީ ކަންކަން ރާއްވަވަން ފެއްޓެވިއެވެ. އެގޮތުން އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ އެބައިމީހުން ރައްކާތެރިކަން ހޯދައިގެން ތިބި ކިއްލާތަކުން އެބައިމީހުން ނެރުމަށެވެ. އަދި އެއަށް ފަހު ހަމަލާ ދިނުމަށެވެ. ލަޝްކަރުގެ ކުރީގައި ތިބި މުޖާހިދުންގެ ޤާއިދަކަށް އަލްޤަޢުޤާޢު ބުން ޢަމްރު ހަމަޖެއްސެވިއެވެ. ދެން ހަނގުރާމަ ފެށުމަށް ނުޢުމާނުގެފާނު އިޝާރާތްކުރެއްވިއެވެ. ދެ ލަޝްކަރުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ދެވުނެވެ. މި ހަމަލާތަކުގައި ނުޢުމާން رضي الله عنه ޝަހީދުވިއެވެ. ދެން ޙުޛައިފާ ބުން އަލްޔަމާން ލަޝްކަރުގެ ޤިޔާދަތާ ހަވާލުވެވަޑައިގެންނެވިއެވެ. އަދި ނުޢުމާނުގެފާނު ޝަހީދުވި ޚަބަރު، ހަނގުރާމަ ނިމެންދެން ސިއްރުކުރެއްވިއެވެ. މި ހަނގުރާމަ ނިމުނީ މުސްލިމުންނަށް ނަޞްރު ލިބިގެންނެވެ.

ހަނގުރާމަ ނިމުމުން ޔަޒްދަޖަރްދު ފިލިއެވެ. އަދި ފަހުން، ޢުޘްމާން رضي الله عنه ގެ ޚިލާފަތުގައި އޭނާއަށް ތަބާވި ބައެއްގެ އަތުން މަރްވުގައި އޭނާ ޤަތުލުވިއެވެ.

މި ހަނގުރާމައަށް ފަހު، ފާރިސީން ބައިބައިވިއެވެ. އަދި އޭގެ ފަހުން އެބައިމީހުންގެ ހަނގުރާމަވެރިން އެއްކޮށް، ބޮޑު ލަޝްކަރެއް ޖަމާނުކުރެވެއެވެ. އެހެންކަމުން މި ހަނގުރާމައަށް “فتح الفتوح” ގެ ނަމުން ނަންދެވިފައިވެއެވެ. މި ހަނގުރާމަ ހިނގީ ހިޖުރައިން 21 ވަނަ އަހަރެވެ. [2]

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  ނަހާވަންދަކީ އީރާނުގެ އަޞްފަހާނުގެ އިރު އުތުރުގައިވާ ރަށެކެވެ. انظر: د. حسين مؤنس، أطلس تاريخ الإسلام، ص: 13.

[2]  انظر: الطبري، تاريخ الأمم والملوك (2 / 518 – 530).