ތަރުބިއްޔަތު:
އެކަލޭގެފާނު ތަރުބިއްޔަތުވެ ބޮޑުވީ علمގެ ތެރޭގައެވެ. އެގޮތުން އެރަށުގައި އުޅުއްވި ޤާރީވެރިންނާއި حديث ޢިލްމުވެރިންގެ އަރިހުން علم ޙާޞިލުކުރެއްވިއެވެ. އެއަށްފަހު ހަތް ޤިރާއަތަށް ކިޔަވަން ދަސްކޮށް، އެކަލޭގެފާނުގެ އުސްތާޛު أَبُو عَبْدِ اللهِ بنِ أَبِي العَاصِ النَّفْرِيّ އަށާއި އެހެން قُرَّاء އިންގެ އަރިހުން ކިޔަވައި ވިދާޅުވިއެވެ.[1]
އެކަލޭގެފާނުގެ علمގެ ތަނަވަސްކަން ސިފަކުރައްވަމުން القِفْطِيُّ رحمه الله ވިދާޅުވެފައިވެއެވެ: “قرآن ކިޔެވުމާއި قراءاتގެ علمއަށް ޅަފަތުގައި ފަންނުވެރިވެގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނަށް އަރިހަށް (قرآن އުނގެނުމަށް) އާދެއެވެ. އަދި އެކަލޭފެފާނުގެ އަރިހުން އެބައިމީހުން علم އުނގެނެމުން ދިޔައިރު އެކަލޭގެފާނަކީ ދެވަންފުރާގެ ބޭފުޅެކެވެ.”[2]
އެކަލޭގެފާނު ވެގެންދިޔައީ شَاطِبَة ގައި ތިއްބެވި އެންމެ ހަގު ޢިލްމުވެރިންގެ ތެރެއިން ބޭފުޅަކަށެވެ. އެގޮތުން شَاطِبَة ގައި ތިއްބެވި ޢިލްމުވެރިންގެ އަރިހުން علم ޙާޞިލުކުރެއްވުމަށް ފަހު، އިތުރަށް އުނގެނިވަޑައިގެންނެވުމަށް ދަތުރުކުރެއްވީ، އެކަލޭގެފާނުގެ ރަށާއި ކައިރިގައިވާ ވެލެންސިއާއަށެވެ. އެތަނުގައި أَبُو الحَسَنِ بِن هُذَيْل الأَنْدَلُسِيّ البَلَنْسِيّ އަރިހުގައި އެކި ޤިރާއަތްތަކަށް ކިޔުއްވާ، التَيْسِيْرُ[3] އެކަލޭގެފާނު حفظކުރެއްވިއެވެ. އަދި أَبُو الحَسَنِ بِن هُذَيْل ގެ އަރިހުން حديث علم ދަސްކުރެއްވިއެވެ. އަދި أَبُو عَبْدُ الله مُحَمَّدُ بِن حميد البَلَنْسِيّ އަރިހުން سِيْبَوَيْهِގެ ފޮތް الكِتَاب އާއި، مُبرِّدُގެ ފޮތް الكَامِل އާއި، اِبْن قُتَيْبَةގެ ފޮތް أَدَبُ الكَاتِبގެ އިތުރުންވެސް އެތައް ފޮތެއް އުނގެނިވަޑައިގެންނެވިއެވެ. އަދި أَبُو الحَسَن عَلِيّ بِن عَبْد الله بِن خَلَف بِن نِعْمَة البَلَنْسِيّގެ އަރިހުން المَهْدَوِيُّގެ ފޮތް الهِدَايَةُ އުނގެނިވަޑައިގެންނެވިކަމަށްވެސް ވާރިދުވެގެންވެއެވެ.
އަދި އެކަލޭގެފާނު أَبُو عَبْدُالله مُحَمَّد بِن يُوْسُف بِن سُعَادَة الإِشْبِيْلِيّ އަރިހުންނާއި، أَبُو عَبْدُالله مُحَمَّد بِن عَاشِر بِن مُحَمَّد بِن عَاشِر އަރިހުންނާއި، أَبُو مُحَمَّد عَبْد الله بِن جَعْفَر المُرْسِيُّ އަރިހުންނާއި، أَبُو العَبَّاس بِن طرازميل އަރިހުންނާއި، أَبُو الحُسَيْن عَلِيْم بِن هَانِي العُمَرِيّ އަރިހުންނާއި، أَبُو عَبْدُ الله مُحَمَّد بِن عَبْد الرَحِيْم الخَزْرَجِيّ އަރިހުންނާއި، أَبُو القَاسِم بِن حُبَيْش އަރިހުން قرآن އަޑުއެއްސަވައި އުނގެނިވަޑައިގެންނެވިއެވެ.[4]
އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ދުވަސްވަރުގައިވެސް އުންމަތައް ނަޞޭޙަތްތެރިވެ ވައުޡު ވިދާޅުވާން އުޅުއްވިއެވެ. އަދި އެކަލޭގެފާނަކީ خطيبއެއް ވެސްމެއެވެ. އެގޮތުން އިސްލާމީ އުންމަތައް ގިނަގުނަ ދަރުސްތަކެއްވަނީ ދެއްވާފައެވެ. އެއަށްފަހު ދުވަސްކޮޅަކަށް خطبةދިނުން ހުއްޓައިލާގެން ހުންނެވިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން خطبة ދެއްވުމަށް އެކަލޭގެފާނުގެ އަރިހުން އެދިލެއްވުމުންވެސް އެކަމުން އެކަހެރިވެ ހުންނެވި ސަބަބަކީ شَاطِبَةއިން ހިޖުރަކުރުންކަމާ އަދި ޙައްޖަށް ދިޔުމަށް ނިޔަތްގަނެފައިވާތީކަމަށް ވިދާޅުވިއެވެ.[5]
އެކަލޭގެފާނުގެ قصيدة، حِرْزُ الأَمَانِي وَوَجْهُ التَّهَانِي ލިޔުއްވަން ފެއްޓެވީ އެކަލޭގެފާނުގެ ރަށުގަ شَاطِبَة ގައެވެ. އެގޮތުން قصيدة ފަށްޓަވައިގެން (جعلت أبا جاد) [6] އާ ހަމައަށް ލިޔުއްވިއެވެ. އެއަށްފަހު ޙައްޖަށް ވަޑައިގެންނެވި މަގުމަތިން އިސްކަންދަރިއްޔާގެ أَبُو طَاهِر أَحْمَد بِنْ مُحِمَّد بِنْ سَلِفة الأَصْبَهَانِي السِّكفيّގެ އަރިހުންނާއި އެތާގެ އެހެނިހެން ޢިލްމުވެރިންގެ އަރިހުން (ކީރިތި ޤުރުއާން އުނގެނިވަޑައިގެންނެވިއެވެ. އެއަށްފަހު هجري ސަނަތުން 572 ވަނަ އަހަރު مصرއަށް ވަޑައިގެންނެވިއެވެ.
القِفْطِيُّ رحمه الله ވިދާޅުވެފައިވެއެވެ. “އެކަލޭގެފާނު مصرގައި ވަޒަންވެރިވެވަޑައިގެންނެވުމުން جَامِع عَمْرُو بِن العَاصގައި ޤިރާއަތްތައް އުނގަންނައިދިނުމާއި ޢިލްމީ ފައިދާ ފޯރުކޮށްދިނުމަށް ހުންނެވިއެވެ.”[7] ބުނެވޭ ގޮތުގައި އެތަނުގައި 8 އަހަރު ވަންދެން އުނގަންނަވައިދެންވަން އުޅުއްވުމަށް ފަހު، هجري ސަނަތުން 580 ގައި مصرގެ القاضي الفاضل އެކަލޭގެފާނުގެ މުހިންމުކަން އެނގިވަޑައިގެން، އެކަލޭގެފާނަށް މާތްކޮށް ހިތްތަވާ، قاهرةގެ ތެރޭގައި ބިނާކޮށްފައިވާ القاضي الفاضلގެ މަދަރުސާ الفَاضِلِيَّةُގައި ބަހައްޓަވައި، އެ މަދަރުސާގެ شيخއަކަށް أَبُو القَاسِم ހެއްދެވިއެވެ. الشَّاطِبِيّ މިކަމަށް އެއްބަސްވެވަަޑައިގެންނެވީ، އެކަމަށް ބޭނުންވެވަޑައިގެންފައި ހުންނެވި މިންވަރުންނެވެ. [8] މި މަދަރުސާއަކީ القاضي الفاضلގެ ގެއާއި އިންވެގެންވާ ބިމުގައި هجري ސަނަތުން 580 ގައި ބިނާކުރި މަދަރުސާއެކެވެ. މި ބިމަކީ شافعيނާއި مالكيއިންގެ ފަޤީރުންނަށް وَقُف ކުރައްވާފައިވާ ތަނެކެއެވެ. މިތަނުގައި ކުލާސް ރޫމެއް ހެދުމަށް ފަހު، އެކި قراءاتތަކަށް އުނގަންނައި ދިނުމަށްޓަކައި إِمَامُ الشَّاطِبِيّ އިސްކުރެއްވިއެވެ. މި މަދަރުސާގައި إِمَامُ الشَّاطِبِيّ އަށް ފަހު، އެކަލޭފާނުގެ ދެ ދަރިވަނުންކަމުގައިވާ أَبُو عَبْد الله القُرْطُبِيّ[9] އާއި أَبُو عَمْرُو بِن الحَاجِب އުގަންނަވައިދެއްވަން އުޅުންވިއެވެ.[10]
މިމަދަރުސާގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނު حِرْزُ الأَمَانِي وَوَجْهُ التَّهَانِي މި قصيدة ލިޔެނިންމިއެވެ.[11] މި قصيدة ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި”الشَّاطِبِيَّةُ“ ގެ ނަމުން މަޝްހޫރު ފޮތެއްގެ ގޮތުގައި ފެތުރިފައެވެ.[12] މިކަން ވެގެންދިޔައީ އެކަލޭގެފާނުގެ ޤަދަރާއި ޝަރަފު މަތިވެރިވެ، މީސްތަކުންގެ ތެރޭގައި މަޤުބޫލުކަން އިތުރުވެ، مصرގައި އެފަދަ ދެވަނައެއް ނެތް قاري ވެރިއަކަށްވެގެންނެވެ. އެހެންކަމުން ދުނިޔޭގެ ކަންކޮޅުތަކުން، އެކަލޭގެފާނުގެ އަރިހަށް قراءتތަށް އުނގެނެން މީހުން އަންނަން ފެއްޓިއެވެ. އޭގެ ތެރޭގައި أَبُو الحَسَن اِبْن خَيْرة އާއި، اِبْنُ الحَدَّاد التُوْنِسِيّ އާއި، أَبُو بَكْرُ اللخميّ ފާހަނގަކޮށްލެވެއެވެ. މިއާއެކު الفاضلية މަދަރުސާގައި قراءات ގެ އިތުރުން عرب ބަހާއި عرب ބަހުގެ قواعد ތައްވެސް އުނގަންނައިދޭން ފެއްޓެވިއެވެ.[13] އަދި هجري ސަނަތުން 583 ގައި صَلاَحُ الدِّين الأَيُّوْبِي بَيْتُ المَقْدِس فَتَحَ ކުރެއްވުމުން، هجري ސަނަތުން 587 ގެ رمضان މަހު القُدُسއަށް ޒިޔާރަތްކުރައްވައި، އެތަނުގައި ރޯދަ ހިތްޕަވައި اِعْتِكَافގައި ހުންނެވިއެވެ.[14] القُدُسއިން އެނބުރި ވަޑައިގެންނެވުމަށް ފަހު الفاضلية މަދަރުސާގައި علوم القرآن އާއި، فقه އަދި حديث ވެސް އުންގަންނަވައިދެއްވަން ފެއްޓެވިއެވެ. މިކަމުގެ ސަބަބުން ޒަމާނުއްސުރެން مصرގެ ރައްޔިތުން حِفْظކުރަމުންއައި العُنْوَانގެ[15] ބަދަލުގައި الشَّاطِبِيَّةُ حِفْظކޮށް އޭގައިވާ ގޮތަށް قرآن ކިޔެވުމުގެ حكمތައް ބެހެއްޓެވިއެވެ. މިގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި الشَّاطِبِيَّةُއަކީ މިފަންނުގެ އެންމެ ރަނގަޅު ފޮތްކަމުގައި ބަލައިގަނެ، މިފޮތް އުނގެނި، ހިތުދަސްކޮށް، شَرَحَ ކުރެވެން ފެށުނެވެ.
[1] نفح الطيب من غصن الأندلس الرطيب ، للمقري التلمساني (2/23).
[2] تاريخ الإسلام وَوَفيات المشاهير وَالأعلام، للذَهَبي (ص 384).
[3] التيسير في القراءات السبع للداني.
[4] مختصر الفتح المواهبي في مناقب الإمام الشاطبي، للقسطلاني (ص 33-37).
[5] سير أعلام النبلاء، للذَهَبي (21/262).
[6] قصيدة ގެ 45 ބައިތާ ހަމައަށް.
[7] إنباه الرواة على أنباه النحاة للقفطي (4/160).
[8] سير أعلام النبلاء، للذَهَبي (21/264).
[9] مختصر الفتح المواهبي في مناقب الإمام الشاطبي، للقسطلاني (ص 39-40).
[10] غاية النهاية في طبقات القرآء، لابن الجزري (1/509).
[11] غاية النهاية في طبقات القرآء، لابن الجزري (2/22).
[12] تاريخ الإسلام وَوَفيات المشاهير وَالأعلام، للذَهَبي (12/913).
[13] إنباه الرواة على أنباه النحاة للقفطي (4/160).
[14] مختصر الفتح المواهبي في مناقب الإمام الشاطبي، للقسطلاني (ص 7).
[15] العنوان في القراءات السبع لأبو طاهر إسماعيل بن خلف بن سعيد المقرئ الأنصاري السرقسطي، މިފޮތަކީ الشاطبيَّة ލިޔުމުގެ ކުރިން قراءاتގެ ފަންނުގައި مصرގެ ރައްޔިތުން حفظ ކުރަމުން އައި ފޮތެވެ. الشاطبيَّة މަޝްހޫރުވުމަށް ފަހު މިފޮތްވަނީ އެބައިމީހުން ދޫކޮށްލާފައެވެ.