[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 16

ފާރިސްކަރައިގައި މުސްލިމުންގެ ލަޝްކަރު އެކުލަވާލުން

 

ނަހާވަންދުގެ ހަނގުރާމައިގައި ފާރިސީންގެ ލަޝްކަރު ބައިބައިވުމުން، މުސްލިމުންގެ ސަފުތައް ތަރުތީބުކޮށް ފާރިސްކަރައިގައި ލަޝްކަރު އެކުލަވާލުމުގެ ޚިޔާލު އަލްއަޙްނަފް ބުން ޤައިސް، ޢުމަރުގެފާނަށް ހުށަހެޅުއްވިއެވެ. އަދި ހިޖުރައިން 22 ވަނަ އަހަރު ޢުމަރުގެފާނު މި މަސައްކަތް ފެއްޓެވިއެވެ. އެއީ މުސްލިމުން އެ ބިމުގައި ޤަރާރުވެ ތިބެ، ފަތަޙަކޮށްފައިވާ ރަށްތައް ބެލެހެއްޓުމަށްޓަކައެވެ. އެގޮތުން އެކަލޭގެފާނު ފާރިސްކަރައިގައި 7 ލަޝްކަރު އެކުލަވާލެއްވިއެވެ. އެއީ:

  1. ޚުރާސާނުގައި [1] އަލްއަޙްނަފް ބުން ޤައިސްގެ ޤިޔާދަތުގެ ދަށުގައި އެކުލަވާލެއްވި ލަޝްކަރު.
  2. ސިޖިސްތާނުގައި [2] ޢާޞިމް ބުން ޢުމަރުގެ ޤިޔާދަތުގެ ދަށުގައި އެކުލަވާލެއްވި ލަޝްކަރު.
  3. މަކްރާނުގައި [3] އަލްޙަކަމް ބުން ޢަމްރު އައްތަޣުލިބީގެ ޤިޔާދަތުގެ ދަށުގައި އެކުލަވާލެއްވި ލަޝްކަރު.
  4. ކަމަރާނުގައި [4] ސުހައިލު ބުން ޢަދިއްޔުގެ ޤިޔާދަތުގެ ދަށުގައި އެކުލަވާލެއްވި ލަޝްކަރު.
  5. އިޞްޠަޚްރުގައި [5] ޢުޘްމާން ބުން އަބުލްޢާޞް އައްޘަޤަފީގެ ޤިޔާދަތުގެ ދަށުގައި އެކުލަވާލެއްވި ލަޝްކަރު.
  6. ދަރާބްޖިރްދުގައި [6] ސާރިޔާ ބުން ޒުނައިމުގެ ޤިޔާދަތުގެ ދަށުގައި އެކުލަވާލެއްވި ލަޝްކަރު.
  7. އަރްދަޝީރާއި ސާބޫރުގައި [7] މުޖާޝިޢު ބުން މަސްޢޫދުގެ ޤިޔާދަތުގެ ދަށުގައި އެކުލަވާލެއްވި ލަޝްކަރު.

 

ހިޖުރައިން 22 ވަނަ އަހަރު މި ޤާއިދުން އެބޭކަލުންގެ ލަޝްކަރުތަކާއެކު އެ ރަށްތަކަށް ވަޑައިގެން އެ ރަށްތައް ފަތަޙަކުރައްވާ އެތަންތަނުގައި އިސްލާމްދީން ފަތުރައްވާ ޘާބިތުކުރެއްވިއެވެ. އޭގެ ސަބަބުން ފާރިސްކަރައިގައި މުސްލިމުންނަށް ލިބެމުން ދިޔަ ގެއްލުންތައް މަދުވިއެވެ.

އެތައް ޤުރުބާނީތަކަކަށް ފަހު، ފާރިސީންގެ ބިމުގައި މުސްލިމުން ހޯދީ ބޮޑެތި ކާމިޔަބީތަކެވެ. ފާރިސީންގެ ބިމަކީ ފަރުބަދަތައް ގިނަ ތަނަކަށްވުމުން، މި ފަތަޙަކުރެއްވުންތައް ވީ މުސްލިމުންނަށް ވަރަށް އުނދަގޫ ހަނގުރާމަތަކަކަށެވެ. ފާރިސްކަރަ ފަތަޙަކުރެއްވުމަށް ފަހު، މުސްލިމުންގެ ލަޝްކަރުގެ މަރުކަޒަކަށް ހެއްދެވީ ބަޞްރާއާއި ކޫފާއެވެ.  އަދި އޭގެ އިތުރަށް، އެ ބިންތަކަކީ މަޖޫސީންގެ މަރުކަޒަކަށްވުމުން، އިސްލާމްދީނުގެ މައްޗަށް މަޖޫސީން ޙަސަދަވެރިވުމުގެ ސަބަބުން ފަހެ، އެކި ފަހަރުގެ މަތިން މުސްލިމު ފަތަޙަވެރިންގެ މައްޗަށް އެތަނުގެ އަހުލުވެރިން ދެކޮޅުވެރިކުރުވާ އުޅުނެވެ.

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  މިއީ މިހާރު އީރާނުގެ އިރުއުތުރުގައި އޮންނަ ރަށެކެވެ. އަދި އެ ރަށުގެ އެއްބައިވަނީ އަފްޣާނިސްތާނުގެ ހުޅަނގު އުތުރުގައެވެ. انظر: هاري و. هازارد وأخرين، أطلس تاريخ الإسلامي، ص: 11.

[2]  މިއީ މިހާރު އަފްޣާނިސްތާނާއި ޕާކިސްތާން އަދި އީރާނު ގުޅޭ ބޯޑަރުގައިވާ ރަށެކެވެ. انظر: هاري و. هازارد وأخرين، أطلس تاريخ الإسلامي، ص: 11.

[3]  މިއީ މިހާރު އީރާނާއި ޕާކިސްތާނު ގުޅޭ ބޯޑަރުގައިވާ ރަށެކެވެ. انظر: هاري و. هازارد وأخرين، أطلس تاريخ الإسلامي، ص: 11.

[4]  މިއީ މިހާރު އީރާނުގެ ދެކުނުން މެދުތެރޭގައިވާ ރަށެކެވެ. انظر: هاري و. هازارد وأخرين، أطلس تاريخ الإسلامي، ص: 11.

[5]  މިއީ މިހާރު އީރާނުގެ އިރުމަތީގައިވާ ޝީރާޒުގެ ކައިރީގައިވާ ރަށެކެވެ. انظر: هاري و. هازارد وأخرين، أطلس تاريخ الإسلامي، ص: 11.

[6]  މިއީ މިހާރު އީރާނުގެ އިރުމަތީގައިވާ ޝީރާޒުގެ ދެކުނުގައިވާ ރަށެކެވެ. انظر: هاري و. هازارد وأخرين، أطلس تاريخ الإسلامي، ص: 11.

[7]  މިއީ މިހާރު އީރާނުގެ އިރުމަތީގައިވާ ދެ ރަށެވެ. انظر: هاري و. هازارد وأخرين، أطلس تاريخ الإسلامي، ص: 11.