[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 18

ބައިތުލް މަޤްދިސް ފަތަޙަކުރެއްވުން

 

ހިޖުރައިން 13 ވަނަ އަހަރު، ޝާމްކަރައިގެ ރަށްތައް ފަތަޙަކުރަމުން ދިޔަ ދުވަސްވަރު ޢަމްރު ބުން އަލްޢާޞް رضي الله عنه ވަޑައިގެންނެވީ އަޖްނާދައިންގައި އަރްޠަބޫނާއި އޭނާގެ ލަޝްކަރު ޙިޞާރުކުރުމަށްޓަކައި ފަލަސްޠީނާ ދިމާއަށެވެ. މުސްލިމުންގެ ލަޝްކަރަށް ފިލުމަށްޓަކައި އަރްޠަބޫން ވަނީ ބައިތުލް މަޤްދިސްގެ ކިއްލާތަކަށެވެ. ދެން ފަހެ، މުސްލިމުންގެ ލަޝްކަރު މިސްރާބުޖެހީ ކަނޑުގެ އައްސޭރިފަށުގައިވާ ރަށްތައް ފަތަޙަކުރުމަށެވެ. އެގޮތުން ރަފަޙާއި ޣައްޒާއާއި ނާބުލްސާއި ޔާފާ އަދި މިނޫންވެސް ރަށްތައް ފަތަޙަކުރިއެވެ. ބައެއް ރަށްތައް ފަތަޙަކުރީ ބާރުގެ ބޭނުންކޮށްގެނެވެ. އަދި އަނެއްބައި ރަށްތައް ފަތަޙަކުރީ ޞުލްޙަވެރިކަމާއެކުގައެވެ.

ދެން އެއަށް ފަހު، ޢަމްރު ބުން އަލްޢާޞް رضي الله عنه މިސްރާބުޖެއްސެވީ ބައިތުލް މަޤްދިސަށެވެ. އަދި ދިގު މުއްދަތަކަށް ބައިތުލް މަޤްދިސް ޙިޞާރުކުރެއްވިއެވެ. އޭގެ ސަބަބުން އެބައިމީހުންނަށް ލިބެމުން ދިޔަ އެހީތައް ހުއްޓުނެވެ. އަދި އެރަށުގެ އަހުލުވެރިން ބޭނުންވީ ޞުލްޙަވެރިކަމުގެ އެއްބަސްވުމެއް ހެދުމަށެވެ. ނަމަވެސް އެބައިމީހުންގެ ޝަރުޠަކަށްވީ ޢުމަރުގެފާނާއެކު އެއްބަސްވުން ހެދުމަށެވެ. ދެން ފަހެ، ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ޖާބިޔާއަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި ހުންނަވާ ޤުދުސްގެ ޞުލްޙައިގެ އެއްބަސްވުން ލިޔުއްވިއެވެ. އަދި އެކަލޭގެފާނު އެތަނުގެ ތަޅުދަނޑިތަކާ ހަވާލުވެވަޑައިގެންނެވިއެވެ.

އަރްޠަބޫނާމެދު ދަންނައެވެ. އޭނާއާއި ޤުދުސްގައި ތިބި އޭނާގެ ހަނގުރާމަވެރިން ނާކާމިޔާބުވުމުން ދެން ދިޔައީ މިޞްރަށެވެ.

މިހާ ހިސާބުން ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ ޚިލާފަތުގައި ޝާމްކަރަ ފަތަޙަކުރުން ނިންމާލިއެވެ.

ބައިތުލް މަޤްދިސްގެ ތަޅުގަނޑިތަކާ ހަވާލުވެވަޑައިގެންނެވުމަށް ޢުމަރުގެފާނު އެތަނަށް ވަޑައިގެންނެވީ ހިޖުރައިން 15 ވަނަ އަހަރެވެ. މިއީ އެކަލޭގެފާނު ޝާމުކަރައަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ހިޖުރައިން 18 ވަނަ އަހަރު އެކަލޭގެފާނު އަލުން ޝާމުކަރައަށް ވަޑައިގެންނެވުމަށް ޤަޞްދުކުރެއްވިއެވެ. ނަމަވެސް ޠާޢޫންގެ ސަބަބުން އެކަލޭގެފާނަށް އެތަނަށް ވަޑައިނުގެންނެވުނެވެ. މި ޠާޢޫން ޢަމްވާސްގައި އަބޫ ޢުބައިދާގެފާނާއި މުޢާޛުގެފާނާއި ޝުރަޙްބީލް ބުން ޙަސަނާއާއި ޔަޒީދު ބުން އަބީ ސުފްޔާނާ އަދި އެނޫން އެހެން ޞަޙާބީން – رضي الله عنه – އަވަހާރަވިއެވެ. ޠާޢޫންގެ ވަބާ ނިމުމުން ހަމަ އެ އަހަރު ޢުމަރުގެފާނު އަލުން ޝާމުކަރައަށް ވަޑައިގެންނެވިއެވެ. އަދި ވާރުތަމުދާތައް ބައްސަވާ މީސްތަކުންގެ ޙާލަތު ބެއްލެވިއެވެ.

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް