ދެވަނަ ޙާލަތް: އުނގެނިގެން އަދި ތަމުރީނުކޮށްގެން މެނުވީ ޙާސިލު ނުކުރެވޭނޭ، މީހުން އުފައްދައިފައިވާ ރާގުތަކާއި މިއުޒިކީ ރިދަމުތަކެވެ. މިއީ ވަކި ގޮތަކަށް އަޑު ހިފަހައްޓައިގެން އަދި ވަކި މިންވަރަކަށް އަޑު ގެންގުޅެގެން މެނުވީ ޙާޞިލު ނުކުރެވޭނޭ ރާގުތަކެކެވެ. އެހެންކަމުން މި ހަމަތަކަށް ޤުރްއާން ކިޔެވުން ހުއްދަ ނުވާނެއެވެ. އެހެނީ ޤުރްއާން ކިޔެވުމުގައި ހިފަހައްޓަން ޖެހޭނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ޒަމާނުންސުރެ ނަޤުލުވެފައިވާ ތަޖުވީދުގެ ހަމަތަކެވެ. މި ހަމަތަކާ މިއުޒިކީ ޤަވާޢިދުތައް ދިމާ ނުވާނެއެވެ. މިއުޒިކީ ހަމަތަކާއި ރާގުތައް ގެނެސްގަނެވޭނީ ތަޖުވީދުގެ ބައެއް ދޫކޮށްލައިގެންނެވެ. ތަޖުވީދުގެ ހަމަތައް ދޫކޮށްލުން ޤުރްއާން ކިޔަވާ މީހާއަށް މަނާވެގެންވެއެވެ.
މިކަމާ ގުޅޭ ގޮތުން އިމާމު އިބްނުލްޤައްޔިމު رحمه الله ވިދާޅުވެފައި ވެއެވެ.
“ސަލަފުވެރި ބޭބޭކަލުންގެ ގޮތް ދަންނަ ކޮންމެ މީހަކަށްމެ އެނގޭނޭ ފަދައިން، ތިމާގެ ނަފުސަށް ބުރަތަކެއް ޖައްސައިގެން މިއުޒިކީ ރާގުރާގަށް ޤުރްއާން ކިޔާވާ މީހުންގެ ކިބައިން އެ ބޭބޭކަލުންވަނީ ބަރީއަ ވެގެންނެވެ. އެ ރާގުރާގަކީ ވަކި ވަޒަންތަކަކަށް ވަކި ގޮތަކަށް އަޑު ނެރެގެން މެނުވީ އަދާ ނުކުރެވޭނޭ ރާގުތަކަކާއި ހަމަތަކެކެވެ. ސަލަފުންގެ ބޭބޭކަލުންނަކީ މިފަދައިން ޤުރްއާން ކިޔެވުމާއި މިފަދައިން ޤުރްއާން ކިޔެވުން ހުއްދަ ކުރެއްވުމަށް ވުރެ ބޮޑަށް ﷲއަށް ތަޤުވާވެރި ބޭބޭކަލުންނެވެ. ކަނޑައެޅިގެން އެނގޭކަމަކީ އެ ބޭބޭކަލުން ޤުރްއާން ކިޔަވާވިދާޅުވާކަމުގައިވީ ޠަބީޢީ ރިވެތި ސާދާ ރާގަށްކަމެވެ. އަދި އެ ބޭބޭކަލުން ޤުރްއާން ކިޔެވުމުގައި އަޑުފުޅުތައް ރިވެތި ކުރައްވައި، ބައެއް ފަހަރު މަޑުމައިތިރިކަމާއެކު ހިތާމަވެރި ރާގުގައި އަދި އަނެއް ބައި ފަހަރު އުފާވެރި ރާގުގައި އަދި އަނެއް ބައި ފަހަރު ޝައުޤުވެރި ރާގުރާގުގައި ޤުރްއާން ކިޔަވާ ވިދާޅުވެއެވެ. މިއީ އިންސާނީ ފިޠުރަތުގައި ލެއްވިފައިވާ ކަމެކެވެ. އަދި މި ސަބަބަށްޓަކައި މި ކަންތައް ޝާރިޢު (ޝަރީޢަތް ލެއްވި ފަރާތް) މަނާ ކުރައްވައިފައި ނުވެއެވެ. ހަމަ އެހެންމެ އެ ފަދައިން ކަންތައް ކުރުމަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އިރުޝާދު ދެއްވައި ގޮވައިލެއްވިއެވެ. އަދި އެ ފަދައިން ކިޔަވާ މީހާގެ ކިޔެވުމުގެ އަޑު، ﷲ ތަޢާލާ އައްސަވާ ވޮޑިގެންވާކަންވެސް އެންގެވިއެވެ. އިތުރު އެކަލޭގެފާނުން ޙަދީޘްކުރައްވައިފައި ވެއެވެ.
((ليسَ مِنّا مَن لَمْ يَتَغَنَّ بالقُرْآنِ)) [رواه أبو داود في سننه (1469) وصححه الألباني في صحيح أبي داود (1321)]
މާނައީ: “ޤުރްއާނު ކިޔެވުމުގައި އަޑު ރިވެތިކޮށް (އެ މީހެއްގެ އަޑު އުފުލައި، ޚުޝޫޢަތްތެރި ކުރުވާނޭހެން ރާގުލައި) ނުހަދާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.”
މިޙަދީޘުން ދެ މާނަ ނެގެއެވެ.
ފުރަތަމައީ: މިއީ އަހަރެމެން އެންމެންވެސް ކުރާ ކަމެއް ބަޔާންކޮށްދިނުމެވެ.
ދެވަނައީ: އެފަދައިން ޢަމަލު ނުކުރާ މީހުން ނަބިއްޔާ صلى الله عليه وسلم ދެއްކެވި މަގުން އެއްކިބާވެއްޖެ ކަމެވެ.”
(ޒާދުލްމަޢާދި ފީ ހަދްޔި ޚައިރިލްޢިބާދް (1 / 493))
އަދި އިބްނު ކަޘީރު رحمه الله ވިދާޅުވެފައި ވެއެވެ.
“ޝަރުޢު އެދޭ ގޮތަކީ ޤުރްއާން ތަދައްބުރުކުރުމަށާއި ޤުރްއާން ފަހުމުވުމަށް އަދި ޤުރްއާން ކިޔެވުމުގައި ޚުޝޫޢަތްތެރިކަން ގެނުވުމަށްޓަކައި، ޤުރްއާން ކިޔެވުމުގައި އެ ކިޔަވާމީހާގެ އަޑު ރިވެތި ކުރުމެވެ. އެކިއެކި މިއުޒިކީ ރާގުރާގާއި މިއުޒިކީ ޤަވާޢިދުތަކުގެ މައްޗަށް ހަދައިފައި ހުންނަ ހަމަތަކަށް ޤުރްއާން ކިޔެވުމުން، ޤުރްއާން ރައްކާތެރިކޮށް، ޤުރްއާނަށް މާތްކޮށް ހިތަން ޖެހޭނެއެވެ. އަދި ޤުރްއާން ކިޔެވުމުގައި މި މަގުން ޤުރްއާން ކިޔެވުމަކީ ބޮޑުވެގެންވާ ކަމެކެވެ. މިކަމުން ރައްކާތެރިވާން ޖެހޭނެއެވެ.”
(ފަޟާއިލުލް ޤުރްއާން ޞ: 114).