[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 22

ދެވަނައީ: ޢުމަރުގެފާނުގެ ޚިލާފަތުގައި ކުރެވުނު އިޞްލާޙީ، ނިޡާމީ މަސައްކަތްތައް

 

ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ގެ ޚިލާފަތުގެ ދުވަސްވަރު ފާހަގަކޮށްލެވެނީ އިސްލާމީ ދައުލަތުގައި ގިނަގުނަ އިޞްލާޙީ، ނިޡާމީ މަސައްކަތްތަކެއް ކުރެވުނު ދުވަސްވަރެއްގެ ގޮތުގައެވެ. އެއީ ﷲ ތަޢާލާގެ ވާގިފުޅަށްފަހު، އެކަލޭގެފާނުގެ ވިސްނުންފުޅު ތޫނުކަމާއި ޚިލާފަތުގެ މުއްދަތު ދިގުވުމުގެ ނަތީޖާއެވެ. އަދި އިސްލާމީ ދައުލަތް ފުޅާވެގެން ދިއުމުގެ ސަބަބުން ދައުލަތް ހިންގުމަށްޓަކައި އިދާރީގޮތުން އެފަދަ އިޞްލާޙީ މަސައްކަތްތައްކަކަށް ވަނީ ބޭނުން ޖެހިފައެވެ.

 

އެގޮތުން ފާހަގަކޮށްލެވޭ ބައެއް ނިޡާމްތަކަކީ:

  1. ރަށްތަކުގެ ވެރިކަމުގެ ނިޡާމް:

ޢުމަރުގެފާނު، އިދާރީގޮތުން ދަޢުލަތް ބައިބަޔަށް ބެއްސެވިއެވެ. އަދި ކޮންމެ ރަށަކަށް ވެރިއަކާއި ޤާޟީއަކާއި ދަޢުލަތުގެ މުދާ ބަލަހައްޓާނެ ފަރާތެއް އައްޔަނުކުރެއްވިއެވެ. އަދި އެއިން ކޮންމެ މަޤާމަކަށް ޚާއްޞަ މަސްއޫލިއްޔަތުތަކެއް ކަނޑައެޅުއްވިއެވެ. އަދި އެއިން ކޮންމެ ފަރާތަކުން ސީދާ ޚަލީފާއަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ނިޡާމް އެކުލަވާލެއްވިއެވެ. އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ރަށްތައް ފަތަޙަކުރެއްވުމަށް ފަހު، އެ ރަށެއްގެ ކަންކަން ނިންމަވަމުން ގެންދެވީ ފަތަޙަކުރައްވަން ފޮނުއްވި ލަޝްކަރުތަކުގެ ޤާޢިދުންނެވެ. [1]

 

  1. ދީވާނުތަކުގެ ނިޡާމް:

އިސްލާމީ ދައުލަތުގައި މިކަން އެންމެ ފުރަތަމަ ފެއްޓެވީ ޢުމަރުގެފާނެވެ. ހިޖުރީ ގޮތުން 20 ވަނަ އަހަރު ލަޝްކަރުގެ ދީވާނެއް އުފެއްދެވިއެވެ. އަދި ދަޢުލަތަށް ލިބޭ ތަކެތީގެ ދީވާނެއް ހެއްދެވިއެވެ. އެއީ ބައިތުލްމާލަށް ރައްދުކުރެވޭ ތަކެއްޗާއި ކޮންމެ މުސްލިމަކަށް ދޭންޖެހޭ ތަކެތި ދެނެގަތުމަށްޓަކައެވެ. [2]

 

  1. މުސްލިމުންގެ ބައިތުލްމާލް:

ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އަދި އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ދައުލަތުގެ މުދާ ބަލަހައްޓާ ބައިތުލްމާލެއް ނުހުރެއެވެ. އޭގެ ބަދަލުގައި ދައުލަތަށް ލިބޭ މުދަލެއް އެވަގުތު މުސްލިމުންގެ މަޞްލަޙަތު އޮތް ކަމެއްގައި ބޭނުންކުރައްވަނީއެވެ.

އިސްލާމީ ދައުލަތް ފުޅާވެ، ދައުލަތަށް ލިބޭ މުދާ އިތުރުވާން ފެށުމުން، ޢުމަރުގެފާނު ބައިތުލްމާލް ހެއްދެވިއެވެ. އެއީ ދައުލަތަށް ލިބޭ ތަކެއްޗާއި ދައުލަތުން ކުރާ ޚަރަދު ބެލެހެއްޓެވުމަށްޓަކައެވެ. އަދި ބައިތުލްމާލުގެ އަމީނަކަށް ޢަބްދުﷲ ބުން އަލްއަރްޤަމް ޢައްޔަނުކުރެއްވިއެވެ. އަދި ވެރިކަން ކުރާ ކޮންމެ ރަށެއްގައި ބައިތުލްމާލުގެ އަމީނަކު ހަމަޖެއްސެވިއެވެ. އެއީ އެތަނެއްގެ ވެރިޔަކަށް ހުންނަވާ ބޭފުޅަކާއި އެތަނުގެ ޤާޟީގެ އިޚްތިޞާޞުން ބޭރުން، މުސްތަޤިއްލު މަޤާމެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.

ބައިތުލްމާލަށް ލިބޭ މުހިންމު ތަކެއްޗަކީ: ޒަކާތާއި، ޚަރާޖާއި، ޖިޒްޔައާއި، ޣަނީމާގެ ފަސްބައިކުޅަ އެއްބަޔާއި، ފައިއާއި، ހިބައާއި، ވާރުތަވެރިއަކު ނެތް މީހުންގެ ވާރުތަ މުދަލެވެ.

ފަހެ ޒަކާތާމެދު ދަންނައެވެ. ޒަކާތް ބައްސަވަނީ ޒަކާތުގެ ބެހެނިވެރިންގެ ގޮތުގައި ނައްޞުގައި ބަޔާންވެފައިވާ ފަރާތްތަކަށެވެ. އެހެން ގޮތްގޮތުން ލިބޭ މުދާ ހޭދަކުރައްވަނީ މުސްލިމުންގެ ޢާންމު މަޞްލަޙަތުހުރި ކަންކަމުގައެވެ. އަދި ޣަނީމާ މުދަލުން ޙައްޤުވާ މިންވަރު އޭގެ އަހުލުވެރިންނަށް ވަގުތުން ބައްސަވައެވެ.

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  انظر: د. يوسف العش، الدولة الأموية (ص: 17).

[2]  انظر: الطبري، تاريخ الأمم والملوك (2 / 452).