[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 24 (ފަހު ބައި)

ޢުމަރުގެފާނު ޝަހީދުވި ޙާދިޘާ

 

ޢުމަރުގެފާނުގެ ފަރާތްޕުޅުން ކޫފާގެ ވެރިއަކަށް ހުންނެވި އަލްމުޣީރާ ބުން ޝުޢުބާގެ އަބޫ ލުއުލުއާ އަލްމަޖޫސީ ކިޔާ އަޅަކު މަދީނާއަށް ފޮނުވުމުގެ ހުއްދައަށް އެދި ޢުމަރުގެފާނަށް ސީޓީފުޅެއް ފޮނުއްވިއެވެ. އެއީ މީސްތަކުންނަށް ފައިދާކުރާނޭ މަސައްކަތްތަކެއް ކަމުގައިވާ ވަޑާންކުރުމާއި، ކަނބުރުވެރިކަން ރަނގަޅަށް ދަންނަ އަޅުކުއްޖެއްކަމުގައި ސިޓީފުޅުގައި މުޣީރާ ލިޔުއްވިއެވެ. އަދި ޢުމަރުގެފާނު މުޣީރާއަށް ހުއްދަ ދެއްވިއެވެ. އަލްމުޣީރާ އޭނާގެ އަތުން ކޮންމެ މަހަކު ސަތޭކަ ދިރުހަމު ނަންގަވައެވެ.

އެއްދުވަހަކު މަދީނާގެ މަގެއްގެ މަތިން އަބޫ ލުއުލުއާއާ ޢުމަރުގެފާނާ ބައްދަލުވިއެވެ. އަދި އޭނާ ޙަރާޖުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ބޮޑުވެގެން ޢުމަރުގެފާނުގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ. އޭނާގެ މަސައްކަތާ އަޅާ ބަލާއިރު ޙަރާޖުގެ ގޮތުގައި ދައްކަންޖެހޭވަރު ބޮޑު ނޫންކަމުގައި ޢުމަރުގެފާނު ވިދާޅުވިއެވެ. ދެން މިކަމާ ރުޅިއައިސްގެން އޭނާ އެނބުރި ދިޔައެވެ.

ދެން އެހެން ފަހަރެއްގައި ޢުމަރުގެފާނާ އޭނާއާ ބައްދަލުވިއެވެ. އަދި ގޮދަން މުގުރާ އެއްޗެއް ހަދަން އެކަލޭގެފާނު ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. މީސްތަކުން އޭގެ ވާހަކަ ދައްކާވަރުގެ ގޮދަން މުގުރާ އެއްޗެއް ހަދައިދޭނެކަމުގައި އަބޫ ލުއުލުއާ ހިތްހަމަނުޖެހި ހުރެ ޢުމަރުގެފާނަށް ދެންނެވިއެވެ.

އޭގެ ދުވަސްތަކެއް ފަހުން އަބޫލުއުލުއާ ހަންޖަރެއް ހެދިއެވެ. އެއީ ދެ މިޔަލީ ހަންޖަރެކެވެ. އަދި މީސްތަކުންނާއިގެން ފަތިސް ނަމާދުކުރައްވަން ޢުމަރުގެފާނު ނުކުމެވަޑައިގަންނަވާ ވަގުތަށް އެކަލޭގެފާނަށް ފާރަލުމަށް މަސްޖިދުއް ނަބަވީގެ ކަނެއްގައި އޭނާ ފިލާ ހުއްޓެވެ. ޢުމަރުގެފާނު ވަޑައިގެން ނަމާދު ފައްޓަވަން ތަކްބީރު ވިދާޅުވުމުން އޭނާ ގޮސް އެކަލޭގެފާނުގެ ހަށިކޮޅަށް އެތައް ފަހަރަކު ހަމަލާ ދިނެވެ. އެކަލޭގެފާނުގެ ބަނޑާ ދިމާލުންވެސް ހަމަލާ އަރާފައިވެއެވެ. ދެން އަބޫ ލުއުލުއާ ސަފުތަކުގެ ތެރެއަށް ވަދެ ދެ ފަރާތަށް ހަންޖަރު ހޫރަމުން ދިޔައެވެ. އޭނާގެ ބޯ މައްޗަށް ބޭކަލަކު ފޮތިގަނޑެއް އެއްލަންދެން އެގޮތުގައި ހަންޖަރު ހޫރަމުން ދިޔައެވެ. ދެން އޭނާއަށް މީސްތަކުންގެ ކިބައިން ސަލާމަތް ނުވެވޭނެކަން އެނގުމުން އަމިއްލަ ކަރަށް ހަންޖަރު ހަރާ މަރުވިއެވެ. އޭނާގެ މި ހަމަލާތަކުގައި 13 ބޭކަލަކު ޒަޚަމުވިއެވެ. އަދި އޭގެ ތެރެއިން 7 ބޭކަލަކު އަވަހާރަވިއެވެ.

ޢުމަރުގެފާނާ މެދު ދަންނައެވެ. އެކަލޭގެފާނު ޒަޚަމުވުމުން ޢަބްދުއްރަޙްމާން ބުން ޢައުފު رضي الله عنه ކުރިއަށް ވަޑައިގެން މީސްތަކުންނާއިގެން ލުއިގޮތަކަށް ނަމާދުކުރެއްވިއެވެ. އަދި އަވަހަށް ޢުމަރުގެފާނު ގެކޮޅަށް ގެންދެވިއެވެ. އޭރުވެސް އެކަލޭގެފާނުގެ ހަށިކޮޅުން ލޭތައް ފައިބަމުން ދެއެވެ. ދެން އެކަލޭގެފަނަށް ހަމަލާ ދިނީ ކާކުތޯ ބެއްލެވުމަށް އިބްނު ޢައްބާސް رضي الله عنهما ފޮނުއްވިއެވެ. އަބޫ ލުއުލުއާގެ ޚަބަރު ދެއްވުމުން ޢުމަރުގެފާނު ވިދާޅުވިއެވެ. “އިސްލާމަކުކަމަށް ދަޢުވާކުރާ މީހެއްގެ އަތް މަތީ ތިމަންކަލޭގެފާނު މަރު ނުހިއްޕެވިކަމަށްޓަކައި ﷲ އަށް ޙަމްދުކުރަމެވެ.” ދެން އެކަލޭގެފާނަށް އެބޭކަލުން ނަބީޛު[1] ބޯން ދެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ބަނޑުގައި އެ ހަރުލާ ގޮތެއް ނުވިއެވެ. ފަހެ، އެ ފައިބައިގެން ދިޔައެވެ. ދެން އެކަލޭގެފާނުގެ ދަރަނި އަދާކުރެއްވުމަށް ދަރިކަލުން ޢަބްދުﷲ رضي الله عنهما އަށް އެންގެވިއެވެ. އެއަށްފަހު، އެކަލޭގެފާނުގެ ދެ ޞާޙިބުންގެ (އެބަހީ: ނަބިއްޔާ صلى الله عليه وسلم އާއި އަބޫބަކުރުގެފާނުގެ) އަރިހުގައި ފަސްދާނުލުމުގެ ހުއްދައަށް އެދިވަޑައިގެން ޢާއިޝާ رضي الله عنها ގެ އަރިހަށް ފޮނުއްވިއެވެ. އެކަމަނާ އެކަމަށް ހުއްދަ ދެއްވިއެވެ. [2] އަދި ޚަލީފާކަމަށް އިސްކުރައްވާނެ ބޭފުޅަކާމެދު ގޮތެއް ނިންމެވުމަށް އަހުލުއް ޝޫރާއަށް ވަޞިއްޔަތްކުރެއްވިއެވެ.

ޢުމަރުގެފާނު އަވަހާރަވީ ޛުލްޙިއްޖާ މަސް ނިމެން 4 ރެއަށް ވެފައި ވަނިކޮށެވެ. އެއީ ހިޖުރައިން 23 ވަނަ އަހަރެވެ. އެކަލޭގެފާނުގެ ޚިލާފަތުގެ މުއްދަތަކީ 10 އަހަރާއި 9 މަހެވެ. [3] އެކަލޭގެފާނު ޝަހީދުވިއިރު ޢުމުރުފުޅަކީ 63 އަހަރެވެ. رضي الله عنه وأرضاه. [4]

 

=ނިމުނީ=

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1] ނަބީޛަކީ: ފެން އެއްޗަކަށް ކަދުރު ނުވަތަ އެފަދަ އެހެން މޭވާއެއް އަޅާފައި ބެހެއްޓުމަށް ފަހު ހަދާ ބުއިމެކެވެ. އެ މާގިނަ ދުވަހު އެގޮތަށް ބަހައްޓައިފިނަމަ ރަލަށް ބަދަލުވާނެއެވެ. އެޙާލަތުގައި އެބުއިން ހުއްދައެއް ނުވާނެއެވެ. (ބައްލަވާ: معالم السنن للخطابي (4 / 268))

[2]  انظر: ابن حجر، فتح الباري، (7 / 76 – 82).

[3]  انظر: ابن سعد، الطبقات الكبرى، (3 / 563).

[4]  انظر: أبو نعيم، معرفة الصحابة، (1 / 591).