[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޔަރަތު ފިލާވަޅު 4

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުޅެބޮޑުފުޅުވެވަޑައިގަތުމާއި އެކަލޭގެފާނުގެ ޒުވާންކަމުގެ ފެށުން:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުޅެބޮޑުފުޅުވެވަޑައިގެންނެވީ މައްކާގައި ޔަތީމު ޙާލުކޮޅުގައެވެ. އެކަލޭގެފާނު އެންމެ ތުއްޕުޅުއިރުއްސުރެ ހުންނެވީ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެ ބެއްލެވުމުގެ ދަށުގައެވެ. ޢަބްދުލްމުއްޠަލިބު އަވަހާރަވުމުން ހުންނެވީ އެކަލޭގެފާނުފެ ބައްޕަފަރާތު ބޮޑުބޭބޭފުޅު އަބޫޠާލިބުގެ ބެލުމުގެ ދަށުގައެވެ. ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން ކޮށްއުޅުނު ހުރިހާ ނުބައިކަމަކުން ﷲ ތަޢާލާ އެކަލޭގެފާނު ރައްކާތެރިކުރެއްވިއެވެ. އަދި ހުރިހާ އުނި ސިފަތަކަކުން އެކަލޭގެފާނު ސަލާމަތްކުރައްވައި ހުރިހާ ރީތި ސިފަތަކެއް ޖިސްމާނީގޮތުންވެސް އަދި އަޚްލާޤީ ގޮތުންވެސް އެކަލޭގެފާނަށް ދެއްވިއެވެ. އެހެންކަމުން އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި އެކަލޭގެފާނު މައްޝޫރުވެވަޑައިގެންފައިވަނީ އަމީންގެ ލަޤަބުންނެވެ. މާނައީ އަމާނާތްތެރިޔާއެވެ. އެބައިމީހުން އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ބަސްފުޅުގެ ތެދުކަމާއި ސާފުތާހިރުކަމާއި މެދު ހެކިވެއެވެ.

ބުޞްރާއަށް ކުރެއްވި ދަތުރުފުޅު:

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އުމުރުފުޅުން 12 އަހަރުފުޅުގައި އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެ އަރިހުގައި ޝާމްކަރައަށް ދިޔުމަށްޓަކައި ދަތުރުކުރެއްވިއެވެ. މި ޤާފިލާގެ އަހުލުވެރިން ބުޞްރާ ކިޔާ ރަށަކާއި ހަމަޔަށް އާދެވުނު ހިނދު އެތަނުގައި ހުރި ބަޙީރާ ނަމަކަށްކިޔާ ނަޞާރާދީނުގެ ރާހިބަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ފެނުނެވެ. ދެން އޭނާ އައިސް އެކަލޭގެފާނުގެ އަތްޕުޅުގައި ހިފާ މިއީ ޢާލަމްތަކުގެ ސައްޔިދޭ ބުންޏެވެ. އަދި ﷲތަޢާލާ އެކަލޭގެފާނު ފޮނުއްވެވީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައިވެސް އޭނާ ބުންޏެވެ. އަދި އެކަލޭގެފާނުގެ ހަށިކޮޅުގައި ވާ ނަބީކަން ޚަތިމްކުރެއްވުމުގެ ޢަލާމަތުން ތިމަންނަޔައް މިއީ ކޮންބޭކަލެއްކަން ރަނގަޅަށްއެނގޭކަމުގައިވެސް އޭނާބުންޏެވެ. އަދި ޤުރައިޝުންގެ ޤާފިލާގެ މީހުންނަށް ޖާފަތެއް ތައްޔާރުކޮށް ކާން ދަޢުވަތުދިނެވެ. އެމީހުން އެ ދަޢުވަތަށް ޙާޟިރުވިއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބެހެއްޓީ އެމީހުންގެ ޖަމަލުތައްބެލެހެއްޓުމަށެވެ. ދެން އެކަލޭގެފާނުވެސް ގޮވައިގެން އައުމަށް އެމީހުންނަށް އޭނާ އެންގިއެވެ. އަދި އެކަލޭގެފާނު ގޮވައިގެން ރޯމަށް ނުދިޔުމަށް އޭނާ ނަސޭޙަތްދިނެވެ. ރޯމަނުންނަށް އެކަލޭގެފާނަކީ ކޮންބޭކަލެއްކަން އެނގިއްޖެނަމަ އެކަލޭގެފާނު ޤަތުލުކޮށްފާނެކަމަށްވެސް އޭނާ އަބޫޠާލިބުގެ ގާތުގައި ބުންޏެވެ. އަދި ޝާމްކަރައިގައި ތިބި ޔަހޫދީންގެ ފަރާތުން އެކަލޭގެފާނަށް ކުރިމަތިވެދާނެ ބިރަކަށްޓަކައި އެކަލޭގެފާނު މައްކާއަށް ފޮނުވާލުމަށް އަބޫޠާލިބު ގާތު ބުންޏެވެ. އަދި އަބޫޠާލިބު އެކަލޭގެފާނު މައްކާއަށް ފޮނުވާލިއެވެ.

އެކަލޭގެފާނަށްހުރި ﷲ ތަޢާލާގެ ރައްކާތެރިކަމާއި ބެލެހެއްޓުންތެރިކަން:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުޅެބޮޑުފުޅުވެވަޑައިގެންނެވީ މީސްތަކުންގެ ތެރޭގައިވާ އެންމެ މާތް ހުރިހާ ސިފައެއް އެބޭކަލެއްގެ ކިބައިގާ ހުންނެވި ބޭކަލެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނަކީ ހެޔޮކަންތައްތަކުގައި ފިކުރުކުރެއްވުމުގައި އަރާހުންނެވި ބޭކަލެކެވެ. އަބަދުވެސް ކަންކަމާއިމެދު ވަރަސް ސީދާގޮތެއްގައި ބައްލަވާ ބޭކަލެކެވެ. އަދި ތޫނުފިލިކަމާއި ދުރުވިސްނިވަޑައިގަތުމުގެ ސަބަބުން އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ލަނޑުދަނޑިތައް ވަރަށްފަސޭހަކަމާއިއެކީ ކާމިޔާބުކުރައްވާ ބޭކަލެއްކަމުގައެވެ. އެކަލޭގެފާނަކީ ގިނަވަގުތު ހަނުހުންނަވައި ފުންކޮށް ކަންކަމާއިމެދު ފިކުރުކުރައްވާ ބޭކަލެކެވެ. އަދި މީސްތަކުންގެ ދިރިއުޅުމުގެ ޙާލަތު އެކަލޭގެފާނު ވަރަށްރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އެހެންކަމުން މުޖުތަމަޢުގައި އޮތް ޚުރާފާތްތަކާއި ނުބައިކަންތަކުން އެކަލޭގެފާނު ދުރުހެލިވެވަޑައިގެންނެވިއެވެ. އަދި އެއަށްފަހު މީސަތްކުންގެ ޙާލަތު ރަނގަޅަށް ދެނެވަޑައިގަންނަވާ ޙާލު މީސްތަކުންނާއި އެކީ ރީތިގޮތުގައި އެބައިމީހުންނާއި މުޢާމަލާއްކުރައްވައި އެބައިމީހުންނާއި އެކީ ދިރިއުޅުއްވިއެވެ. އަދި އެބައިމީހުން އެކަލޭގެފާނާއި ގާތްކޮށް އުޅުނެވެ. އަދި ނުބައި ވަރަށްގިނަ ކަންތަކުން އެކަލޭގެފާނު ދުރުވެވަޑައިގަތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދުވަހަކުވެސް ރާފޮދު ނުހިއްޕަވައެވެ. އަދި ބުދުތަކަށް ކަތިލެވޭ ތަކެތިން ފަރީނުކުޅުއްވައެވެ. އަދި ބުދުތަކުގެ ޢީދު ތަކަށާއި އިޙްތިފާލުތަކަށް އެކަލޭގެފާނު ވަޑައިނުގަންނަވައެވެ. އަދި އެކަލޭގެފާނު ވެވަޑައިގެންނެވީ އެކަލޭގެފާނުގެ ޒުވާންދުވަސްވަރުގެ އެންމެ ކުރީކޮޅުއްސުރެވެސް މިފަދަ ބާތިލްގޮތުގައި އަޅުކަންކުރެވޭ ތަކެއްޗަށް ނަފްރަތުކުރައްވާ ބޭކަލެއްކަމުގައެވެ. އަދި އެކަލޭގެފާނު އެންމެ ބޮޑަށް ކޯފާއިސްކުރައްވާ ކަމެއްކަމުގައި ބުދުތައްކަމުގައިވާ ލާތަ އާއި ޢުއްޒާ ގަންދީ މީސްތަކުން ހުވާކުރުން ހިމެނެއެވެ.

އެކަލޭގެފާނުގެ ޢައުރަފުޅު ދުވަހަކުވެސް ފާޅުނުކުރައްވައެވެ:

އިމާމް ބުޚާރީ ޖާބިރް ބުން ޢަބްދުﷲ ރަޟިޔަﷲޢަންހުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. ކަޢުބާ ބިނާކުރެވުނު އިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ޢައްބާސް ރަޟިޔަﷲޢަންހު ހިލަތަކެއް އުފުއްލެވިއެވެ. ދެން ޢައްބާސް ރަޟިޔަﷲޢަންހު ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމްއަށް ވިދާޅުވިއެވެ. ކޭގެފާނުގެ މުންޑުފުޅު ކަންދުރާފުޅު މަތީގައި އަޅުއްވާށެވެ. އޭރުން ހިލަތަކުން ރައްކާތެރިވާނެއެވެ. ދެން (އެކަލޭގެފާނު އެގޮތަށް ކަންތައްކުރެވި ވަގުތު) އެކަލޭގެފާނު ބިންމައްޗަށް ވެއްޓިވަޑައިގެންފިއެވެ. އަދި އުޑާއި ދިމާލަށް ބެއްލެވިއެވެ. ދެން ތެދުވެވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. ‘ތިމަންގެ މުންޑެވެ! ތިމަންގެ މުންޑެވެ!’. އަދި އެކަލޭގެފާނުގެ މުންޑުފުޅު ބާރުކުރެއްވިއެވެ. އަދި އެހެން ރިވާޔަތެއްގައި ވާގޮތުން އޭގެފަހުން ދުވަހަކުވެސް އެކަލޭގެފާނުގެ ޢައުރަފުޅު ފާޅުވެ ފެނިފައެއްނުވެއެވެ.

މިފިލާވަޅުގެ ސުވާލުތައް:

1-     ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބުޞްރާއަށް ވަޑައިގެންނެވީ ކޮން އުމުރުފުޅެއްގައި؟

2-      ރަސޫލﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބުޞްރާއަށް ވަޑައިގެންނެވީ ކޮންބޭކަލަކާއި އެކީ؟

3-      ބުޞްރާއިން ޤުރައިޝުންގެ ޤާފިލާއަށް ޖާފަތެއް ދިނީ ކާކު؟

4-      ނާޞާރާއިންގެ ރާހިބުންނަށް އެކަލޭގެފާނު ދުނިޔެވަޑައިގަތުމުގެ ކުރިން އެކަލޭގެފާނާއި ބެހޭ ޚަބަރު އެނގިފައިވޭތަ؟

5-      އެކަލޭގެފާނާއި ބައްދަލުވި ނާޞާރާއިންގެ ރާހިބެއްގެ ނަން ލިޔޭ!

މފިލާވަޅުގެ  އެހެން ބައިތައް ބެއްލެވުމަށް