ކޮންމެ ވިލާޔަތަކަށް ވެސް ޚިޔާރުކުރެވޭ މީހާގެ ކިބައިގައި ހުރި ޤުއްވަތު (ބާރު) ވަޒަން ކުރެވޭނީ އެ ވެރިކަމަކާ އެކަށީގެންވާ ގޮތަށެވެ. އެ ގޮތުން ހަނގުރާމައިގެ ލަޝްކަރުތަކުގެ ވެރިކަމުގައި ޤުއްވަތުގެ މާނައަކީ ފިނޑިކަމެއް ނެތި ޖެހިލުން ކުޑަވުމެވެ. އަދި ހަނގުރާމަތަކުގެ ތަޖުރިބާ އެ މީހެއްގެ ކިބައިގައި ހުރުމެވެ. އަދި ހަނގުރާމައިގެ އެކިއެކި އުކުޅުތައް އެ މީހަކު ރަނގަޅަށް ދަތުމެވެ. އެއީ މުޅި ހަނގުރާމަހެން ބިނާވަނީ ‘ސްޓްރެޓެޖީ’އާއި ތޫނުފިލިކަމުގެ މައްޗަށް ކަމުގައި ވާތީއެވެ. އަދި ހަމަ އެހެންމެ އެ މީހަކު ތަފާތު އެކިއެކި ޙަމަލާގެ ބާވަތް ބާވަތް ދަންނަ މިންވަރަކީވެސް އެ މީހެއްގެ ކިބައިގައި ހަނގުރާމައިގެ ވެރިކަމަށް ޤުއްވަތު ހުރިކަން ވަޒަން ކުރެވޭނޭ މިންގަޑެކެވެ. އެއީ މިސާލަކަށް: ދުނިދަނޑި އުކުމާއި ލޮންސިއާއި ކަނޑިން ހަމަލޭން އެނގުމާއި ސަވާރީއަށް އަރަން އެނގުމާއި ހަނގުރުމާގައި ކުރިއަށް ޖެހި ފަހަތަށް ޖެހޭނެ ގޮތް އެނގުން ފަދަ ކަންކަމެވެ. ފަހެ މާތް ﷲ އަންގަވާފައި ވެއެވެ.
﴿وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ﴾ [الأَنفَال 60]
މާނައީ: “އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲގެ ޢަދުއްވުންނާއި ތިޔަބައިމީހުންގެ ޢަދުއްވުން ބިރުގެންނެވުމަށްޓަކައެވެ.”
ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ:
«ارْمُوا وَارْكَبُوا، وَلأَنْ تَرْمُوا أَحَبُّ إليَّ مِنْ أَنْ تَرْكَبُوا»[1]
މާނައި: “ތިޔަބައިމީހުން ދުނި އުކަން ދަސްކުރާށެވެ! އަދި ތިޔަބައިމީހުން އަސް ދުއްވަން ދަސްކުރާށެވެ! އަދި ހަމަކަށަވަރުން އަސް ދުއްވުމަށް ވުރެ ދުނި އުކުން ތިމަންކަލޭގެފާނުގެ އަރިހުގައި ލޮބުވެތިކަން ބޮޑެވެ.”
«وَمَنْ عَلِمَ الرَّمْيَ ثُمَّ تَرَكَهُ فَلَيْسَ مِنَّا»[2]
މާނައީ: އަދި ދަންނާށެވެ! ދުނި އުކަން ދަސްކުރުމަށް ފަހު ދެން (އެ ކަމަށް ބޭނުން ނުވެ)، އެ ކަންތައް ދޫކޮށްލައިފި މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ!”
މި ޙަދީޘް ރިވާކުރެއްވީ މުސްލިމެވެ. އަދި އެހެން ރިވާޔަތެއްގައި މިފަދައިން އައިސްފައި ވެއެވެ.
«فَهِيَ نِعْمَةٌ جَحَدَهَا»[3]
މާނައީ: “އެއީ އޭނާ އެ ނިޢުމަތަކަށް ފުރަގަސް ދިން ނިޢުމަތެކެވެ.”
=ނުނިމޭ=
[1] އަބޫދާވޫދު (2513) ޟަޢީފު އަބީދާވޫދު (433).
[2] މުސްލިމު 169 – (1919).
[3] ޞަޙީޙުއްތަރުޣީބު (1294).