الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މުޤައްދިމާ
ޝަޢުބާން މަހަކީ ގިނައިން ރޯދަހިފުމަށް ބާރުއަޅުއްވާފައިވާ މައްސަރެކެވެ. އެކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الْأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ» [رواه النسائي (2357) وحسنه الألباني في تمام المنة (ص: 412)]
މާނައީ: “ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުވާ އެ މަހަކީ މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެކެވެ. އެމަހަކީ ޢާލަމްތަކުގެ ރައްބުގެ ޙަޟްރަތަށް ޢަމަލުތައް އުފުއްލެވޭ މަހެވެ. ފަހެ، ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.”
އަދި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ.
«كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ: لاَ يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لاَ يَصُومُ، فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ» [رواه البخاري (1969)]
މާނައީ: “އެކަލޭގެފާނު އެއްގޮތަކަށްވެސް ރޯދަ ނުވީއްލަވާނެއޭ ތިމަންމެން ބުނަންދެން ރަސޫލުﷲ صلى الله عليه وسلم ރޯދަ ހިއްޕަވައެވެ. އަދި އެކަލޭގެފާނު އެއްގޮތަކަށްވެސް ރޯދަ ނުހިއްޕަވާނެއޭ ބުނަންދެން އެކަލޭގެފާނު ރޯދަ ނުހިއްޕަވައެވެ. ފަހެ، ރަމަޟާން މަސް ފިޔަވާ އެހެން މަހެއް އެއްކޮށް، ރަސޫލުﷲ صلى الله عليه وسلم ރޯދަ ހިއްޕެވި ތަނެއް، ތިމަންކަމަނާ ނުދެކެމެވެ. އަދި ޝަޢުބާން މަހުގައި ރޯދަ ހިއްޕަވާހާ ގިނައިން އެހެން މަހެއްގައި ރޯދަ ހިއްޕަވަނިކޮށްވެސް ތިމަންކަމަނާ ނުދެކެމެވެ.”
މި ޙަދީޘްތަކުގެ އިތުރަށް، ޝަޢުބާންމަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައިވާ ޙަދީޘެއްވެސް ވާރިދުވެފައި ވެއެވެ. މި ލިޔުމުގައި ބަލާލާނީ ޢިލްމުވެރިން މި ޙަދީޘްތައް ޖަމާކުރައްވާފައިވާ ގޮތަށާ އަދި މާނަކުރައްވާފައިވާ ގޮތަށެވެ.
ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައިވާ ޙަދީޘާއި އެ ޙަދީޘް ރިވާވެގެން އައިސްފައިވާ ފޮތްތައް
«إِذَا انْتَصَفَ شَعْبَانُ، فَلَا تَصُومُوا» [رواه أبو داود في سننه (2337) والترمذي في جامعه (738) والنسائي في الكبرى (2923) وابن ماجه في سننه (1651) وعبد الرزاق في مصنفه (7325) وابن أبي شيبة في مصنفه (9026) وأحمد في مسنده (9707) والدارمي في مسنده (1781 – 1782) والطحاوي في شرح معاني الآثار (3319) وابن حبان في صحيحه (3589) (3591) والطبراني في الأوسط (1936) (6863) والدارقطني في سننه (2312) وابن عدي في الضعفاء الكبير (1388) والبيهقي في سننه الكبير (7961 – 7962)]
މާނައީ: “ޝައުބާންމަސް ދެބައިވުމުން ފަހެ ތިޔަބައިމީހުން ރޯދަ ނުހިފާށެވެ.”
ޙަދީޘްގެ ލަފްޡުގައި ހުރި ބައެއް ތަފާތުތައް
އެކި ޢިބާރާތްތަކުން އެ ޙަދީޘް އެކި ބޭކަލުންވަނީ ރިވާކުރައްވާފައެވެ. އެ ރިވާޔަތްތަކުގައި ކުދި ތަފާތުތަކެއް ހުއްޓަސް އެ ރިވާޔަތްތަކުން ދަލާލަތުކުރަނީ މައިގަނޑު އެއް މާނައަކަށެވެ. އިސްވެ އެ ދިޔައީ އަބޫ ދާވޫދުގެ ލަފްޡެވެ. އޭގެ އިތުރުން:
– ތިރްމިޛީ ރިވާކުރެއްވި ލަފްޡުގައިވަނީ:
«إِذَا بَقِيَ نِصْفٌ مِنْ شَعْبَانَ فَلَا تَصُومُوا»
މާނައީ: “ޝަޢުބާން މަހުގެ ދެބައިކޮށްފަ އެއްބައި ނިމުމުން، ފަހެ ރޯދަ ނުހިފާށެވެ.”
– ނަސާއީ ރިވާކުރެއްވި ލަފްޡުގައިވަނީ:
«إِذَا انْتَصَفَ شَعْبَانُ فَكُفُّوا عَنِ الصَّوْمِ»
މާނައީ: “ޝަޢުބާންމަސް ދެބައިވުމުން ރޯދަ ހިފުން ހުއްޓާލާށެވެ.”
– އިބްނު މާޖާ ރިވާކުރެއްވި ލަފްޡުގައިވަނީ:
«إِذَا كَانَ النِّصْفُ مِنْ شَعْبَانَ فَلَا صَوْمَ حَتَّى يَجِيءَ رَمَضَانُ»
މާނައީ: “ޝައުބާންމަސް ދެބައިވުމުން ރަމަޟާންމަސް އަންނަންދެން ރޯދަ ހިފުމެއް ނުވެއެވެ.”
ދެން ރިވާކުރެއްވި އެހެން ބޭކަލުންގެ ރިވާޔަތްތަކުގައިވެސް މިފަދަ ކުދިކުދި ތަފާތުތަކެއް އެބަ ހުއްޓެވެ. ޙަދީޘަކީ ބައެއް ޝަރުޠުތަކާ އެކުގައި މާނައިން ރިވާކުރުން ހުއްދަ އެއްޗެއްކަމުގައިވާތީ، ޙަދީޘެއްގައި އެފަދަ ތަފާތުތަކެއް ހުރުމަކީ މައްސަލައެއް ނޫނެވެ.
ޙަދީޘްގެ ޞައްޙަކަން
އެ ޙަދީޘަކީ އިތުބާރު ހިފޭ ޖަމާޢަތެއްގެ ޢިލްމުވެރިން ޞައްޙަކުރައްވާފައިވާ ޙަދީޘެކެވެ. އެއީ އެ ޙަދީޘްގެ ރާވީންނަކީ އިތުބާރު ހިފޭ ރާވީންކަމުގައިވާތީއެވެ.
އަދި ބައެއް ޢިލްމުވެރިންވަނީ އެއީ ޞައްޙަ ނޫން ޙަދީޘެއްކަމުގައި ކަނޑައަޅުއްވާފައެވެ. އެ ޙަދީޘް ޞައްޙަ ނޫންކަމަށް ދެކިލައްވާ ޢިލްމުވެރިން އެ ޙަދީޘާ ގުޅޭ ގޮތުން މައިގަނޑު ތިން ކަމެއް ފާހަގަކުރައްވައެވެ.
ފުރަތަމައީ: العلاء ފިޔަވާ އެހެން ބޭކަލެއް މި ޙަދީޘް ރިވާކުރައްވާފައި ނުވެއެވެ.
ދެވަނައީ: މި ޙަދީޘް މިއަށް ވުރެ ޞައްޙަ ޙަދީޘްތަކާ ތަޢާރުޟުވެއެވެ. އެއީ އިސްވެ ބަޔާންވެގެން ދިޔަ ޙަދީޘްތަކުގެ ތެރެއިން ޝަޢުބާން މަހުގެ ބޮޑުބައި އެކަލޭގެފާނު ރޯދަ ހިއްޕަވާކަމަށް ވާރިދުވެފައިވާ ޙަދީޘެވެ. ދެވަނަ ޙަދީޘަކީ އަންނަނިވި ޙަދީޘެވެ.
«لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ، إِلَّا أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ، فَلْيَصُمْ ذَلِكَ اليَوْمَ» [رواه البخاري (1914)]
މާނައީ: “ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރިން ތިޔަބައިމީހުން ކުރެ މީހަކު ރޯދަ ނުހިފާ ހުށިކަމެވެ. އާދަވެގެން ރޯދަ ހިފަމުން އައި މީހަކު ފިޔަވައެވެ. ފަހެ އެފަދަ މީހަކު އެ ދުވަހުގައިވެސް ހިފާށެވެ.”
އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި މި ޙަދީޘްގައި މިވަނީ ރަމަޟާންމަސް ފެށުމުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރިންވެސް ރޯދަ ހިފުން ހުއްދަ ދެއްވާފައެވެ. އެހެންކަމުން ޝަޢުބާން މަސް ދެބައިވުމުން ރޯދަ ހިފުން ނަހީކުރައްވާ ޙަދީޘް މި ޙަދީޘާ ތަޢާރުޟުވާކަމަށް އެބޭކަލުން ދެކެވަޑައިގަންނަވައެވެ.
ތިންވަނައީ: މިއީ މަންސޫޚުވެފައިވާ ޙަދީޘެކެވެ. އަދި މި ޙަދީޘަށް ޢަމަލުކުރުން ދޫކޮށްލުމަށް އިޖުމާޢުވެފައި ވެއެވެ. [1]
މި ތިން ނުކުތާއަށް އެ ޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިން ދެއްވާ ޖަވާބުތައް މި ލިޔުމުގައި ގެނެސްދޭނަމެވެ. إن شاء الله.
ފަހެ އެ ޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިން މި ޙަދީޘްތަކުގައި ތަޢާރުޟެއްވާކަމުގައި ދެކެވަޑައިނުގަންނަވައެވެ. އަދި މި ހުރިހާ އިޢުތިރާޟަކަށްވެސް އެބޭކަލުން ޖަބާވުދެއްވާފައި ވެއެވެ.
* ޙަދީޘް ޞައްޙަކުރެއްވި ޢިލްމުވެރިން:
– އެ ޙަދީޘް ރިވާކުރެއްވުމަށް ފަހު ތިރްމިޛީ رحمه الله (އަވަހާރަވީ ހިޖުރައިން 279 ގައި) ވިދާޅުވިއެވެ.
“އަބޫ ހުރައިރާގެ އަރިހުން ރިވާވެފައިވާ މި ޙަދީޘަކީ حسن صحيح ޙަދީޘެކެވެ.” [2]
– އަބޫ ޖަޢުފަރު އައްޠަޙާވީ رحمه الله (އަވަހާރަވީ ހިޖުރައިން 354 ގައި) ވަނީ މިއީ ޞައްޙަ ޙަދީޘެއްކަމަށް ވިދާޅުވެފައެވެ. [3]
– އިބްނު ޙިއްބާނު رحمه الله (އަވަހާރަވީ ހިޖުރައިން 354 ގައި) ވަނީ އެކަލޭގެފާނުގެ ޞަޙީޙުގައި މި ޙަދީޘް ގެންނަވާފައެވެ. އަދި ވިދާޅުވެފައި ވެއެވެ.
“މި ޛިކުރުކުރާ ޙަދީޘަކީ (އެބަހީ: ޝަޢުބާންމަސް ދެބައިވުމުން ރޯދަ ހިފުން ނަހީކުރައްވާފައިވާ ޙަދީޘަކީ) އިސްވެ ދިޔަ (އެބަހީ: ޝައްކުގެ ދުވަހު ރޯދަހިފުން ނަހީކުރައްވާފައިވާ ޙަދީޘްތަކާ) ތަޢާރުޟުވާކަމަށް ޢިލްމުގައި ފުންނާބު އުސް ނޫން ބައެއް މީހުންނަށް ހީވެފައިވާ ޙަދީޘެކެވެ.” [4]
އަދިވެސް ވިދާޅުވިއެވެ.
“ޝަޢުބާންމަހުގެ ދެބައިން ފަހުބައިގައި ރޯދަހިފުން ނަހީކުރެއްވުނު ސަބަބު ޛިކުރުކުރުން” [5] މިއެވެ.
– އެ ޙަދީޘް ގެންނެވުމަށް ފަހު އިބްނު ޙަޒްމު رحمه الله (އަވަހާރަވީ ހިޖުރައިން 456 ގައި) ވިދާޅުވިއެވެ.
“މިފަދައިން سفيان ވަނީ العلاء ގެ އަރިހުން ރިވާކުރައްވާފައެވެ. العلاء އަކީ އިތުބާރު ހިފޭ ރާވީއެކެވެ. އެކަލޭގެފާނުގެ އަރިހުން: شعبة އާއި سفيان الثوري އާއި مالك އާއި سفيان بن عيينة އާއި مسعر بن كدام އަދި أبو العميس ވަނީ ރިވާކުރައްވާއެވެ. މި ހުރިހާ ބޭކަލުންވެސް އެކަލޭގެފާނުގެ ޙަދީޘަކީ ޙުއްޖަތެއްކަމުގައި ދެކެވަޑައިގަންނަވައެވެ. އަދި (يحيى) ابن معين އެކަލޭގެފާނާ ބެހޭގޮތުން އެއްޗެއް ވިދާޅުވުމަކީ އެކަލޭގެފާނަށް ގެއްލުމެއް ކުރާނޭކަމެއް ނޫނެވެ.” [6]
– އެ ޙަދީޘް ގެންނެވުމަށް ފަހު އިބްނު ޢަބްދުލްބައްރު رحمه الله (އަވަހާރަވީ ހިޖުރައިން 463 ގައި) ވިދާޅުވިއެވެ.
“އެއީ ޞައްޙަ ޙަދީޘެކެވެ.” [7]
– އިބްނުލް ޤައްޔިމު رحمه الله (އަވަހާރަވީ ހިޖުރައިން 751 ގައި) ވިދާޅުވިއެވެ.
“ހަމަކަށަވަރުން މި ޙަދީޘަކީ އިމާމު މުސްލިމުގެ ޝަރުޠުން ޞައްޙަ ޙަދީޘެކެވެ. މި ޙަދީޘަށް އުނިކަން ލިބޭކަމެއް ނުވެއެވެ. (އެބަހީ: ހަމަކަށަވަރުން العلاء އެކަނި މި ޙަދީޘްރިވާކުރެއްވުމަކީ މި ޙަދީޘަށް ލިބޭ އުނިކަމެއް ނޫނެވެ.) އެހެނީ އެކަލޭގެފާނަކީ އިތުބާރުހިފޭ ރާވީއެކެވެ. އެކަލޭގެފާނުގެ އަރިހުން އެތައް ޙަދީޘެއް އިމާމު މުސްލިމުވަނީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައެވެ. އެއީ އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން، އަބޫ ހުރައިރާ رضي الله عنه އަށް ނިސްބަތްކުރައްވާފައިވާ ޙަދީޘްތަކެވެ. އެކަލޭގެފާނު އެކަނި އެ ސުންނަތް ރިވާކުރެއްވުމަކީ ޘިޤާ ރާވީއެއް (އެބަހީ: އިތުބާރުހިފޭ ރާވީއެއް) އެކަހެރިކޮށް ރިވާކުރައްވާ ރިވާކުރުމެކެވެ. ޞައްޙަ ޙަދީޘް ފޮތްތަކުގައި އެކަމުގެ ގިނަ މިސާލުތަކެއް ވެއެވެ. (އެބަހީ: ބައެއް ސުންނަތްތަކަކީ އިތުބާރު ހިފޭ އެންމެ ރާވީއެއްގެ ކިބައިން ރިވާވެފައިވާ ރިވާޔަތްތަކެވެ. އެއާއެކުވެސް އުންމަތްވަނީ އެ ބަލައިގަނެ އެއަށް ޢަމަލުކުރައްވާފައެވެ.)” [8]
އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.
“ޝަޢުބާނު މަހުގައި ރޯދަ ހިފުމަށް ބާރުއަޅާ ޙަދީޘްތަކާ، އެ ޙަދީޘް ތަޢާރުޟުވާކަމަށް ބުނާ ބުނުމާމެދެ ދަންނައެވެ. ފަހެ އެކަމުގައި ތަޢާރުޟެއް ނުވެއެވެ. އެހެނީ އެ ޙަދީޘްތަކުން ދަލީލުކުރަނީ އެމަހުގެ ކުރީ ކޮޅާ އެކުގައި ފަހުކޮޅުގައިވެސް ރޯދަ ހިފުމަށެވެ. އަދި އާދަވެގެން ކުރިންވެސް ރޯދަ ހިފަމުން އައި މީހަކު އެމަހުގެ ފަހުކޮޅުގައިވެސް ރޯދަ ހިފުމަށެވެ. އަދި ގެ ޙަދީޘްގައިވަނީ ހަމައެކަނި ޝަޢުބާން މަހުގެ ފަހުބައިގައި ރޯދަ ހިފުން މަނާކުރައްވާފައެވެ. އެއީ އާދަކޮށް (ދެ ދުވަހުން އެއްދުވަހު ނުވަތަ ހޯމަ ބުރާސްފަތީގައި) އެފަދައިން ރޯދަ ނުހިފާ މީހުންނާއި ޝަޢުބާން މަހުގެ ކުރީ ކޮޅުގައި (އެބަހީ: ފުރަތަމަ ފަނަރައިގައި) ރޯދަ ނުހިފާ މީހުންނެވެ.” [9]
– އެ ޙަދީޘާ ބެހޭގޮތުން އައްޒުރްޤާނީ رحمه الله (އަވަހާރަވީ ހިޖުރައިން 1122 ގައި) ވިދާޅުވިއެވެ.
“މިއީ މަރްފޫޢު (އެބަހީ: ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްކުރެވޭ) ޞައްޙަ ޙަދީޘެކެވެ.” [10]
– އެ ޙަދީޘާ ބެހޭގޮތުން އައްޝައިޚު އިބްނު ބާޒު رحمه الله (އަވަހާރަވީ ހިޖުރައިން 1420 ގައި) ވިދާޅުވިއެވެ.
“އެއީ އަލްއަޚް އައްޢައްލާމާ އައްޝައިޚު ނާޞީރުއްދީން އަލްއަލްބާނީ ވިދާޅުވެފައިވާ ފަދައިން، ހަމަ ޞައްޙަ ޙަދީޘެކެވެ. އެ ޙަދީޘުގެ މުރާދަކީ ޝަޢުބާންމަސް ދެބައިވުމުން ރޯދަ ހިފުން ނަހީވުމެވެ.” [11]
– އެ ޙަދީޘާ ބެހޭގޮތުން އައްޝައިޚު ނާޞިރުއްދީން އަލްއަލްބާނީ رحمه الله (އަވަހާރަވީ ހިޖުރައިން 1420 ގައި) ވިދާޅުވިއެވެ.
“އިމާމު މުސްލިމުގެ ޝަރުޠުން މި ޙަދީޘް ޞައްޙައެވެ. އަދި ތިރްމިޛީއާއި އިބްނު ޙިއްބާނުވަނީ މި ޙަދީޘް ޞައްޙަކުރައްވާފައެވެ. އަދި އިބްނު ޙަޒްމުވަނީ މި ޙަދީޘަކީ ޙުއްޖަތެއްކަމުގައި ބައްލަވާފައެވެ. އަދި އިބްނުލް ޤައްޔިމުވަނީ މި ޙަދީޘަށް ބާރުލިބޭ ކަމުގައި ވިދާޅުވެފައެވެ.” [12]
އަދިވެސް ވިދާޅުވިއެވެ.
“މި ޙަދީޘްގައި ހުރި މައްސަލަކަމަށް ފާހަގަކުރައްވާފައިވާ ކަންކަމަކީ ޙަޤީޤަތުގައި މި ޙަދީޘަށް ހުރި އުނިކަމެއް ނޫނެވެ.” [13]
އެ ޙަދީޘް ޞައްޙަ ނޫންކަމަށް އިމާމު އަޙްމަދު رحمه الله ވިދާޅުވި އިރުގައި ޢަބްދުރަޙްމާނު ބުން މަހްދީ رحمه الله ގެ ބަސްފުޅު ގެންނަވާފައިވާތީ އެކަމާ ބެހޭގޮތުން ވިދާޅުވިއެވެ.
“ޢަބްދުއްރަޙްމާނު ބުން މަހްދީ މި ޙަދީޘް ކިޔައި ނުދެއްވިއްޔާ، ސުފްޔާނުއް ޘައުރީވަނީ މި ޙަދީޘް ކިޔައިދެއްވާފައެވެ. (އެބަހީ: އެއީ މި ޙަދީޘްގެ ޞައްޙަކަމަށް އިތުރަށް ބާރުލިބޭކަމެކެވެ.)” [14]
* ޙަދީޘް ޞައްޙަކަމަށް ދެކެވަޑައިނުގަންނަވާ ޢިލްމުވެރިން:
– އިމާމު އަޙްމަދު رحمه الله (އަވަހާރަވީ ހިޖުރައިން 241 ގައި) ވިދާޅުވިއެވެ.
“މި ޙަދީޘަކީ މިއީ ރަނގަޅަށް ރައްކާތެރިކުރެވިފައިވާ ޙަދީޘެއް ނޫނެވެ. (ޢަބްދުއްރަޙްމާނު) އިބްނު މަހްދީގެ ގާތުގައި މި ޙަދީޘާމެދު ސުވާލުދެންނެވުމުން އެކަލޭގެފާނު މި ޙަދީޘް ޞައްޙަ ނުކުރެއްވިއެވެ. އަދި ތިމަންނައަށް މި ޙަދީޘް ކިޔައިވެސް ނުދެއްވިއެވެ. އަދި މި ޙަދީޘް ކިޔައިދެއްވުމުން އެއްކިބާވެވަޑައިގެންނެވިއެވެ.” [15]
އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.
“މި (ޙަދީޘްގައިވާ) އަލްޢަލާއަކީ އިތުބާރު ހިފޭ ރާވީއެކެވެ. އެކަލޭގެފާނު ރިވާކުރެއްވި ޙަދީޘްތަކުގެ ތެރެއިން މި ޙަދީޘަށް ފިޔަވާ އިންކާރުކުރެވިފައި ނުވެއެވެ.” [16]
– އިބްނު ރަޖަބު رحمه الله (އަވަހާރަވީ ހިޖުރައިން 795 ގައި) ވިދާޅުވިއެވެ.
“ފަހެ މި ޙަދީޘްގެ ޞައްޙަކަމަށް ބަލާއިރުގައި އެއް ބޭކަލަކަށް ވުރެ ގިނަ ބޭކަލުން މި ޙަދީޘް ޞައްޙަކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި: ތިރްމިޛީއާއި އިބްނު ޙިއްބާނާއި އަލްޙާކިމާއި އައްޠަޙާވިއްޔު އަދި އިބްނު ޢަބްދުލް ބައްރު ހިމެނިވަޑައިގަންނަވައެވެ. އަދި މި ބޭކަލުންނަށް ވުރެ ފުންނާބު އުސް އަދި ޢިލްމީ ގޮތުން މޮޅު ބޭކަލުން މި ޙަދީޘް (ޞައްޙަ ނޫން) ކަމަށް ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެބޭކަލުން ވިދާޅުވެފައިވަނީ އެއީ މުންކަރު ޙަދީޘެއްކަމަށެވެ. އެބޭކަލުންގެ ތެރޭގައި: ޢަބްދުއްރަޙްމާނު ބުން މަހްދީއާއި އިމާމު އަޙްމަދާއި އަބޫ ޒުރްޢާ އައްރާޒީއާ އަދި އަލްއަޘްރަމު ހިމެނިވަޑައިގަންނަވައެވެ. އަދި އިމާމު އަޙްމަދު رحمه الله ވިދާޅުވިއެވެ.
“އަލްޢަލާ ރިވާކުރެއްވި ޙަދީޘްތަކުގެ ތެރެއިން، މި ޙަދީޘަށް ވުރެ ބޮޑަށް އެކަލޭގެފާނުގެ މައްޗަށް އިންކާރުކުރެވިފައިވާ ޙަދީޘެއް ނުވެއެވެ.”
މި ޙަދީޘް ރައްދުކުރެވެނީ އަންނަނިވި (ޞައްޙަ ޙަދީޘާ ޚިލާފުވާތީ) އެ ސަބަބާ ހުރެއެވެ.
«لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ» [رواه البخاري (1914)]
މާނައީ: “ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރިން ތިޔަބައިމީހުން ކުރެ މީހަކު ރޯދަ ނުހިފާ ހުށިކަމެވެ.”
ފަހެ ހަމަކަށަވަރުން މި ޙަދީޘްގެ މަފްހޫމަކީ ދެ ދުވަހަށް ވުރެ ގިނަ ދުވަސް އަދި ބާކީ އޮތްނަމަ ރޯދަ ހިފުން ހުއްދަކަމެވެ.
އަދި އަލްއަޘްރަމު رحمه الله ވިދާޅުވިއެވެ.
“ހުރިހާ ޙަދީޘެއްވެސް މި ޙަދީޘާ ޚިލާފުވެއެވެ.”
އެކަލޭގެފާނު “ހުރިހާ ޙަދީޘެއްވެސް ޚިލާފުވެ” އޭ ވިދާޅުވާ ބަސްފުޅުން އެ އިޝާރާތްކުރައްވަނީ، ނަބިއްޔާ صلى الله عليه وسلم މުޅި ޝަޢުބާންމަސް (ނުވަތަ ޝަޢުބާންމަހުގެ ބޮޑު ބައި) ރޯދަ ހިއްޕަވާކަމަށް ހުރި ޙަދީޘްތަކާއި ރަމަޟާން މަސް ފެށެންދެން ރޯދަ ހިއްޕަވާކަމަށް ހުރި ޙަދީޘްތަކާ އަދި ރަމަޟާންމަސް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް ރޯދަ ހިފުން ނަހީކުރައްވާފައިވާ ޙަދީޘްތަކަށެވެ. އެހެންކަމުން އެ ޙަދީޘް ވެގެންދާނީ ޝާޛު (ބީރައްޓެހި، އެކަހެރި) ޞައްޙަ ޙަދީޘްތަކާ ޚިލާފު ޙަދީޘަކަށެވެ.” [17]
– އިބްނު ޙަޖަރު رحمه الله (އަވަހާރަވީ ހިޖުރައިން 852 ގައި) ވިދާޅުވިއެވެ.
“ޖުމްހޫރު ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ޝަޢުބާން މަސް ދެބައިވުމުން ސުންނަތް ރޯދަތައް ހިފޭނެއެވެ. އަދި އެކަމުގައި ވާރިދުވެފައިވާ ޙަދީޘަކީ އެއީ ޟަޢީފު (ބަލިކަށި) ޙަދީޘެއްކަމުގައި އެބޭކަލުންވަނީ ވިދާޅުވެފައެވެ.” [18]
* ޙަދީޘްގެ ޞައްޙަކަމާމެދު ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ތަޙްޤީޤަކީ:
މިކަމުގައި ވާރިދުވެފައިވާ ޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިންނާ އަދި އެއީ ބަލިކަށި ޙަދީޘެއްކަމަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ބަސްފުޅުތައް ދިރާސާކުރުމުން އެނގިގެންދަނީ، އިސްވެ ބަޔާންވެ ދިޔަ ފަދައިން މި ޙަދީޘް ޞައްޙަ ނޫންކަމަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިން އެފަދައިން ދެކެވަޑައިގަންނަވަނީ މައިގަނޑު ތިން ސަބަބަކާ ހުރެއެވެ. ފަހެ މި ތިން ސަބަބަށް ހުރި ޖަވާބުތަކަކީ:
ފުރަތަމައީ: العلاء ފިޔަވާ އެހެން ބޭކަލެއް މި ޙަދީޘް ރިވާކުރައްވާފައި ނުވެއެވެ.
ޖަވާބު: ޘިޤާ (އިތުބާރު ހިފޭ) ރާވީއެއް އެކަހެރިކޮށް ޙަދީޘެއް ރިވާކުރުމަކީ އެ ޙަދީޘް ބަލިކަށިވާ ސަބަބެއް ނޫނެވެ. އެހެނަސް މިފަދަ މައްސަލަތަކުގައި ޢިލްމުވެރިން އިންކާރުކުރައްވާފައި ވަނީ ޙަދީޘެއް ރިވާކުރެއްވުމުގައި އެ ޙަދީޘްގައި ނުވާ ތަންކޮޅެއް އެ ޙަދީޘް ރިވާކުރެއްވި އިތުބާރު ހިފޭ ރާވީންނަށް ވުރެ ޙިފްޒާއި ޟަބްތުގައި (ކުށަކާ ނުލާ ރިވާކުރުމުގައި) ބަލިކަށި ބޭކަލުންނަށް އެބޭކަލުންގެ ރިވާޔަތުގައި ނުވާ ވާހަކައެއް ގެނައުމެވެ. މި ޙަދީޘްގައި އެފަދަކަމެއް ހިނގާފައި ނުވެއެވެ. [19]
ދެވަނައީ: މި ޙަދީޘް މިއަށް ވުރެ ޞައްޙަ ޙަދީޘްތަކާ ތަޢާރުޟުވެއެވެ.
ޖަވާބު:
- މި ޙަދީޘްގެ މާނަ މިއަށް ވުރެ ޞައްޙަ ޙަދީޘްތަކާ ތަޢާރުޟުވާކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވިޔަސް، އެކަމަށް އަނެއްބައި ޢިލްމުވެރިން އެއްބަސްވެވަޑައި ނުގަންނަވައެވެ.
މި ޙަދީޘް އިމާމު އަޙްމަދު رحمه الله ޟަޢީފުކުރައްވާ ސަބަބު އެކަލޭގެފާނުގެ އަރިހުގައި އައްސަވާފައި، އެ ވާހަކަ އަބޫ ދާވޫދު رحمه الله (އަވަހާރަވީ ހިޖުރައިން 275 ގައި) އެކަލޭގެފާނުގެ ސުނަނުގައި ގެންނަވާފައި، ދެން ވިދާޅުވިއެވެ.
“މިއީ އެ ޙަދީޘާ ޚިލާފަށް އޮތް ޙަދީޘެއްކަމަށް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ.” [20]
- މިފަދަ މައްސަލަތަކުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ އުޞޫލަކީ ޙަދީޘްތައް ޖަމާކޮށް ކޮންމެ ޙަދީޘަކަށްވެސް ވަކި މާނައެއްގައި ޢަމަލުކުރެވޭނަމަ ބައެއް ޙަދީޘްތައް ދޫކޮށްލުމަށް ވުރެ ހުރިހާ ޙަދީޘަކަށް ޢަމަލުކުރުން މާ އައުލާވެގެންވާ ކަމެވެ. [21] މި މައްސަލައިގައި ބައެއް ޢިލްމުވެރިންވަނީ މި ޙަދީޘް އެފަދައިން ޖަމްޢުކުރެވިދާނެކަމަށް ވިދާޅުވެފައެވެ. މި ޙަދީޘް ބަލިކަށި ޙަދީޘެއްކަމަށް ބަލާފައި ދޫކޮށްލުމަށް ވުރެ، އެގޮތް މާ އައުލާކަން ބޮޑެވެ. މިކަމާ ބެހޭގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް ގެނެސްދޭނަމެވެ. إن شاء الله.
– ތިރްމިޛީ رحمه الله (އަވަހާރަވީ ހިޖުރައިން 279 ގައި) ވިދާޅުވިއެވެ.
“ބައެއް ޢިލްމުވެރިންގެ އަރިހުގައި މި ޙަދީޘްގެ މާނައަކީ: ޝަޢުބާނު މަހުގެ ކުރީކޮޅުގައި ރޯދަ ނުހިފާ ހުރި މީހަކު ޝަޢުބާން މަސް ނިމެން ކައިރިވުމުން ރަމަޟާން މަހުގެ މާތްކަމަށްޓަކައި (ނުވަތަ ރަމަޟާން މަހަށް އިސްތިޤްބާލުކުރުމަށްޓަކައި) ޝަޢުބާން މަހުގައި ރޯދަހިފަން ފެށުމެވެ. މިފަދަ ބަސްފުޅެއް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރައްވާފައިވެއެވެ. އެ ޙަދީޘްގައި ވަނީ: “ތިޔަބައިމީހުން ރަމަޟާން މަހަށް އިސްތިޤްބާލުކުރުމަށް ރޯދަ ނުހިފާށެވެ. އެއީ ތިޔަބައިމީހުން ކުރެ މީހަކު އާދަކޮށް ހިފަމުން ދިޔަ ރޯދައަކާ ދިމާވުމުން މެނުވީއެވެ. (އެބަހީ: އެ ޙާލަތުގައި އެއީ ހުއްދަކަމެކެވެ.)” މި ޙަދީޘުން ދަލީލުކުރަނީ އެ މަހުގައި ރޯދަހިފުން މަކްރޫހަވެގެންވަނީ ރަމަޟާންމަހަށްޓަކައި ރޯދަހިފުންކަމެވެ.” [22]
– އިބްނު ޚުޒައިމާ رحمه الله (އަވަހާރަވީ ހިޖުރައިން 311 ގައި) ވިދާޅުވިއެވެ.
“މީހަކު އޭގެ ކުރިން އާދަކޮށް ހިފަމުން ދިޔަ ރޯދައަކާ ދިމާވި ނަމަ އެ ޙާލަތުގައި ޝަޢުބާން މަސް ދެބައިވުމުންވެސް ރޯދަ ހިފަންވީއެވެ. (އެބަހީ: އެއީ މައްސަލައެއް ނޫނެވެ.) ޝަޢުބާން މަސް ދެބައިވުމުން ޖުމްލަ ގޮތެއްގައި ހުރިހާ ރޯދައެއް ހިފުން ނަހީކުރެއްވުނީއެއް ނޫނެވެ.” [23]
– އިބްނު ޙިއްބާނު رحمه الله (އަވަހާރަވީ ހިޖުރައިން 354 ގައި) ވިދާޅުވިއެވެ.
“ޝަޢުބާންމަސް ދެބައިވުމުން ރޯދަހިފުން ނަހީކުރެއްވުނު ސަބަބު” ދެން އެއަށް ފަހުގައި އެކަލޭގެފާނު އަންނަނިވި ޙާދިޘާ ގެންނެވިއެވެ. އޭގައިވަނީ ސިމާކު ބުން ޙަރުބު، ޝައްކުގެ ދުވަހުގައި (އެބަހީ: ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހުގައި) ޢިކްރިމާ رضي الله عنه ގެ އަރިހަށް ވެދެވަޑައިގެންނެވިއިރު އެކަލޭގެފާނު އިންނެވީ ފަރިއްކުޅުވާށެވެ. ދެން ވިދާޅުވިއެވެ. ޝަޢުބާންމަސް ދެބައިވުމުން ރޯދަހިފުން ނަހީކުރެއްވުނު ސަބަބު އިބްނު ޢައްބާސް رضي الله عنهما ތިމަންކަލޭގެފާނަށް ކިޔައިދެއްވިއެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެކަލޭގެފާނު ރިވާކުރައްވާފައިވަނީ: “ރަމަޟާންމަހަށް އިސްތިޤްބާލުކުރުމުގެ ގޮތުން (އެބަހީ: ރައްކާތެރިވުމުގެ ގޮތުން) ތިޔަބައިމީހުން (އޭގެ ކުރީ ދުވަސްތަކުގައި) ރޯދަ ނުހިފާށެވެ.” [24]
– ނަވަވީ رحمه الله (އަވަހާރަވީ ހިޖުރައިން 676 ގައި) ވިދާޅުވިއެވެ.
” ‘ޝަޢުބާންމަސް ދެބައިވުމުން ރަމަޟާންމަހުގެ ކުރިން ރޯދަހިފުން ނަހީކުރެއްވުން’ އެއީ އެމަހުގެ (އެބަހީ: ޝަޢުބާންމަހުގެ) ކުރީކޮޅުގައި ރޯދަހިފި މީހަކު ފިޔަވައެވެ. ނުވަތަ އާދަކޮށް ހޯމަ ބުރާސްފަތީގައި ރޯދަ ހިފަމުން ދިޔަ މީހެއްގެ އާދައާ ދިމާވި މީހަކު ފިޔަވައެވެ.” [25]
އަދި ނަވަވީ رحمه الله ވިދާޅުވެފައިވަނީ ޤަޟާ ރޯދަތައް ފުރިހަމަވެފައި ނުވާ މީހަކަށް، ރަމަޟާންމަހުގެ ކުރިން އެމީހަކަށް ދެން އިތުރު ފުރުޞަތެއް ނުލިބޭނެތީ، އެދުވަސްވަރުގައި އެމީހަކަށް ޤަޟާ ރޯދަތައްވެސް ހިފިދާނެކަމަށެވެ. [26]
– އަދި ބައެއް ޢިލްމުވެރިން މި ޙަދީޘް ޖަމާކުރައްވާފައިވަނީ ޝަޢުބާން މަހު ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައިވަނީ ރަމަޟާންމަހު ރޯދަ ހިފަންވާއިރަށް އެމީހަކު މާ ބޮޑަށް ވަރުބަލި ވެދާނެތީއެވެ. އަދި ރަމަޟާންމަހުގެ ދެ ދުވަސް ކުރިން ރޯދަހިފުން ނަހީކުރައްވާފައިވަނީ ރަމަޟާންމަހަށް ރައްކާތެރިވުމުގެ ގޮތުން މީސްތަކުން ރަމަޟާންމަސް ފެށުމުގެ ކުރިން ރޯދަހިފަން ފަށާފާނެތީއެވެ. މި ޖަމްޢުކުރެއްވުމަކީ ރަނގަޅު ޖަމްޢުކުރެއްވުމެއް ކަމުގައި އިބްނު ޙަޖަރު رحمه الله ވިދާޅުވެފައި ވެއެވެ. [27]
މިކަމާ ގުޅޭ ގޮތުން މީހަކު ސުވާލުކޮށްފާނެއެވެ. ޝަޢުބާން މަހުގެ ބޮޑުބައި ރޯދަ ހިފުން ސުންނަތްވެފައި ޝަޢުބާން މަހުގެ ފަހު ބައިގައި އެކަނި ރޯދަ ހިފުން އެހެންވިއްޔާ ނަހީކުރެއްވުނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ޝަޢުބާން މަހުގެ ބޮޑުބައި ރޯދަހިފާ މީހާ ޝަޢުބާން މަހުގެ އެއްބައިގައި ރޯދަ ހިފާ މީހާއަށް ވުރެ ވަރުބަލިވާނެއެވެ.
އޭގެ ޖަވާބުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ: އެމަހުގެ ބޮޑު ބައިގައި ރޯދަ ހިފާ މީހާ ހުންނާނީ ރޯދަ ހިފަން ހޭނިފައެވެ. އާދަކޮށް ރޯދަ ހިފާ މީހުންނަށްވެސް އެކަމުގެ ހުއްދަދެއްވުނީ އެހެންވެގެންނެވެ. އެހެނަސް ރަމަޟާންމަސް ކައިރިކޮށްފައި ސުންނަތް ރޯދަތައް ޝަޢުބާންމަހުގެ ފަހުކޮޅުގައި ހިފަންފަށައިފިނަމަ އެމީހަކު ރަމަޟާން މަސް އަންނައިރު ފޯރިދިޔުމުގެ ފުރުޞަތު ބޮޑެވެ. އެއީ އެކަމަށް ހޭނިފައިވާ މީހަކަށް ނުވާތީއެވެ. [28]
ތިންވަނައީ: މިއީ މަންސޫޚުވެފައިވާ ޙަދީޘެކެވެ. އަދި މި ޙަދީޘަށް ޢަމަލުކުރުން ދޫކޮށްލުމަށް އިޖުމާޢުވެފައި ވެއެވެ.
ޖަވާބު: މި ޙަދީޘް މަންސޫޚުކަމަށް ވިދާޅުވާ ޢިލްމުވެރިން އެފަދައިން އެ ވިދާޅުވަނީ މި ޙަދީޘް އިސްވެ ބަޔާންވެ ދިޔަ ޙަދީޘްތަކާއި ތަޢާރުޟުވާކަމަށް އެބޭކަލުން ދެކެވަޑައިގަންނަވާތީއެވެ. ޙަޤީޤަތުގައި ޞައްޙަ ޝަރުޢީ ދަލީލުތަކުގެ މެދުގައި ތަޢާރުޟެއް ނުވެއެވެ. އެހެނަސް ބައެއް ފަހަރު، ބައެއް ޢިލްމުވެރިންނަށް އެ ޙަދީޘްތައް ޖަމާކުރައްވަން ދަތިވުމަކީ އެކަށީގެންވާކަމެކެވެ. އަނެއްބައި ޢިލްމުވެރިން އެބޭކަލުންނާ ޚިލާފަށް އެ ޙަދީޘްތައް ޖަމާކުރައްވަފާނެއެވެ. ޢިލްމުވެރިން މިފަދަ މައްސަލަތަކުގައި ޢަމަލުކުރައްވަމުންދާ ތަރުތީބަކީ:
1- ދެ ޙަދީޘް ޖަމާކުރެވޭނަމަ ނުވަތަ ކޮންމެ ޙަދީޘެއް ވަކި މާނައެއްގައި ބޭނުން ކުރުމުން ދެ ޙަދީޘްގެ ދެމެދުގައި ތަޢާރުޟެއް ނުވާނަމަ ކޮންމެ ޙަދީޘަކުން އަނެއް ޙަދީޘާ ތަޢާރުޟު ނުވާ މާނައެއް ނެގުމެވެ.
2- ދެ ޙަދީޘް ޖަމާކުރެވެން ނެތްނަމަ އަދި އެ ދެ ޙަދީޘްގެ ތާރީޚު އެނގެން އޮތްނަމަ ފަހު ޙަދީޘުން ކުރީ ޙަދީޘް މަންސޫޚުވިކަމަށް ބެލުމެވެ.
3- ދެ ޙަދީޘް ޖަމާކުރެވެން ނެތްނަމަ އަދި އެ ދެ ޙަދީޘުގެ ތާރީޚު އެނގެން ނެތްނަމަ އެތަނުން އެއް ޙަދީޘު ރާޖިޙުކޮށް (އެތަނުން ބުރަދަން ހުރި ޙަދީޘް ކަނޑައަޅާ) އަނެއް ޙަދީޘަށް ޢަމަލުކުރުން ދޫކޮށްލުމެވެ. [29]
އަޅުގަނޑުމެން ދިރާސާކުރަމުން މިދާ ޙާލަތުގައި ދެ ޙަދީޘް ޖަމާކޮށް، ކޮންމެ ޙަދީޘަކަށް ވަކި ޙާލަތެއްގައި ޢަމަލުކުރެވެން އޮތުމުން، މިއީ މަންސޫޚުވެފައިވާ ޙަދީޘެއްކަމުގައި ބުނެވެން ނެތެވެ. އަދި މި މައްސަލައިގައި އެއް ޙަދީޘް މަންސޫޚުވެފައިވާ ކަމަށާއި ޢިލްމުވެރިންގެ އިޖުމާޢު އޮތްކަމަށް ބައެއް ބޭކަލުން ވިދާޅުވާ ވާހަކައަށް އިބްނު ޙަޒްމު رحمه الله ވަނީ އިންކާރުކުރައްވާފައެވެ. މި މައްސަލާގައި ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިންނާއި ޙަންބަލީ މަޛްހަބުގެ ފަހުގެ ޢިލްމުވެރިން ޚިލާފުވެވަޑައިގެން، ޝަޢުބާންމަސް ދެބައިވުމުން ބައެއް ޙާލަތްތަކުގައި މެނުވީ ރޯދަހިފުން ނަހީކުރައްވާފައިވާކަމަށް އެބޭކަލުންވަނީ ވިދާޅުވެފައެވެ. މި މައްސަލައިގައި އިޖުމާޢެއް ޘާބިތުވެފައި ނުވެއެވެ. [30]
ޚުލާޞާ
– ޝަޢުބާންމަހުގައި ގިނައިން ސުންނަތް ރޯދަ ހިފުމަކީ އެދެވިގެންވާކަމެކެވެ.
– ޝަޢުބާން މަސް ދެބައިވުމުން، އެ މަހުގެ ކުރީކޮޅުގައި ސުންނަތް ރޯދަ ހިފަން ނުފަށާ މީހަކަށް ދެން އެންމެ ރަނގަޅު ގޮތަކީ ރަމަޟާންމަހުގެ ރޯދަތައް ހިފުމެވެ.
– ޝަޢުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައިވާ ޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ. އެހެނަސް އެ ނަހީއިން އިސްތިޘްނާކުރެވޭ ޙާލަތްތަކެއް ވެއެވެ.
ފުރަތަމަ ޙާލަތް: އާދަކޮށް ރޯދަހިފަމުންދާ މީހާ
މިޘާލަކަށް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އާދަކޮށް ރޯދަހިފާމީހަކަށް ޝަޢުބާން މަހުގެ ދެބައިން ފަހުބައިގަވެސް ރޯދަހިފިދާނެއެވެ. އެއީ ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިޘްނާ ކުރައްވާފައިވާތީއެވެ.
ދެވަނަ ޙާލަތް: ޝައުބާން މަސް ދެބައިވުމުގެ ކުރިން ރޯދަ ހިފަން ފެށި މީހާ
އެފަދަ މީހަކަށްވެސް ޝައުބާންމަހުގެ ފަހުބައިގައި ރޯދަ ހިފުން ހުއްދަވެގެންވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޝައުބާންމަހުގެ ގިނަ ދުވަސްތަކުގައި ރޯދައަށް ހުންނަވާކަން ޞައްޙަ ޙަދީޘްތަކުން ޘާބިތުވެއެވެ.
ތިންވަނަ ޙާލަތް: ރަމަޟާންމަހުގެ ޤަޟާ ރޯދަތައް ހިފާ މީހާ
ޝައުބާން މަސް ދެބައިވުމުންވެސް ޤަޟާ ރޯދަތައް ހިފޭނެއެވެ. އެހެނީ އެމީހަކު ރަމަޟާން މަސް ފެށުމުގެ ކުރިން އެރޯދަތައް ހިފަން ޖެހޭ އިރު ދެން އިތުރު ފުރުޞަތެއް އޭނާއަށް ނުލިބޭނެތީއެވެ.
– ޝަޢުބާންމަސް ދެބައިވުމުން ސުންނަތް ރޯދަތައް ހިފުން ނަހީކުރެއްވުނު ސަބަބަކީ ރަމަޟާންމަހު ރޯދަ ހިފަންވާއިރަށް އެމީހަކު މާ ބޮޑަށް ވަރުބަލި ވެދާނެތީއެވެ. އަދި ރަމަޟާންމަހުގެ ދެ ދުވަސް ކުރިން ރޯދަހިފުން ނަހީކުރައްވާފައިވަނީ ރަމަޟާންމަހަށް ރައްކާތެރިވުމުގެ ގޮތުން މީސްތަކުން ރަމަޟާންމަސް ފެށުމުގެ ކުރިން ރޯދަހިފަން ފަށާފާނެތީއެވެ.
– ޝައުބާންމަސް ދެބައިވުމަށް ފަހުގައި އެމަހުގެ ކުރީ ކޮޅުގައި ސުންނަތް ރޯދަ ހިފަން ނުފަށާ މީހަކު، އެމަސް ދެބައިވުމަށް ފަހު ސުންނަތް ރޯދަ ދެން ނުހިފާނީއެވެ.
[1] ބައްލަވާ: لطائف المعارف لابن رجب (ص: 135 – 136) وتهذيب السنن لابن القيم (ص: 1041).
[2] جامع الترمذي (738).
[3] شرح معاني الآثار (2 / 83).
[4] صحيح ابن حبان (8 / 355).
[5] صحيح ابن حبان (8 / 356).
[6] المحلى لابن حزم (4 / 448).
[7] الاستذكار لابن عبد البر (3 / 371).
[8] تهذيب السنن لابن القيم (ص: 1042).
[9] تهذيب السنن لابن القيم (ص: 1043).
[10] شرح الزرقاني على الموطأ (2 / 226).
[11] مجموع فتاوى لابن باز (15 / 385).
[12] صحيح أبي داود (2025).
[13] صحيح أبي داود (2025).
[14] صحيح أبي داود (2025).
[15] نصب الراية للزيلعي (2 / 441).
[16] نصب الراية للزيلعي (2 / 441).
[17] لطائف المعارف لابن رجب (ص: 135 – 136).
[18] فتح الباري لابن حجر (4 / 129).
[19] تهذيب السنن لابن القيم (ص: 1042 – 1043).
[20] سنن أبي داود (2337).
[21] بيان المختصر لأبي الثناء الأصبهاني (2 / 390).
[22] سنن الترمذي (738).
[23] صحيح ابن خزيمة (3 / 282).
[24] ބައްލަވާ: صحيح ابن حبان (3590).
[25] رياض الصالحين (ص: 354).
[26] المجموع للنووي (6 / 400).
[27] ބައްލަވާ: فتح الباري لابن حجر (4 / 129).
[28] ބައްލަވާ: مرقاة المفاتيح للملا (4 / 1376).
[29] ބައްލަވާ: الأصول من علم الأصول للعثيمين (ص: 75 – 81).
[30] ބައްލަވާ: لطائف المعارف لابن رجب (ص: 136) والموسوعة الفقهية الكويتية (24 / 292).