[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 16

ފަލަސްޠީނުގެ އަހުލުވެރިން ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުން

 

ޤުދުސްއާއި ހުޅަނގު އައްސޭރި އަދި ޣައްޒާ ފިޔަވާ ފަލަސްޠީނުގެ އެހެން ރަށްތަކަށް ޔަހޫދީން ވެރިވެގަތެވެ. މި ތިން ތަނުން ފަލަސްޠީނުގެ އަހުލުވެރިން ބޭރުކޮށް އެރަށްތައް ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ނުގެންދެވި އޮތީ އެރަށްތައް ދޫކޮށް ދިއުމަށް ފަލަސްޠީނުގެ އަހުލުވެރިން ދެކޮޅުހެދުމުންނެވެ. މާޒީން އެބައިމީހުންނަށް ލިބުނު ޢިބުރަތަކީ އެބައިމީހުންގެ ވަޒަން ދޫކޮށް ނުކުމެއްޖެނަމަ ދެން އެތަނަށް އަލުން އެނބުރި ދިއުމަށް ޔަހޫދީން ފުރުޞަތު ނުދޭނެކަމެވެ. ޤުދުސްއާއި ހުޅަނގު އައްސޭރި އަދި ޣައްޒާގެ ތެރެއިން މަސްޖިދުލްއަޤްޞާއާއި ޤުދުސްގެ ބޮޑުބައި އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވާ ޔަހޫދީންގެ އަދަދުވެސް ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. އެއާއެކުގައި އެބައިމީހުންގެ ދަނޑުބިންތަކަށް ގެއްލުންދީ، އެބައިމީހުންގެ ގެތަކުގެ ވަށައިގެން ޗެކްޕޮއިންޓުތައް ހަދާ، އެބައިމީހުންގެ ކޮންމެ ފިޔަވަޅަކަށް ފާރަލަމުން ދިޔައެވެ.

ޔަހޫދީންގެ އަތްދަށުން ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާ ކޮންމެ ބަޔަކަށްވެސް އިޒްރޭލާއި އެބައިމީހުންނަށް ވާގިވެރިވާ ޤައުމުތަކުން ފިއްތުންތައް ކުރިމަތިކުރަމުން ދިޔައެވެ. އެހެންކަމުން އެފަދަ ބައެއް މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރި މީހުން އެބައިމީހުންގެ މަރުކަޒުތައް ޤާއިމުކުރީ އެހެން ޤައުމުތަކުގައެވެ. އެހެނަސް އެކަމުންވެސް އެބައިމީހުންނަށް އަމާންކަމެއް ނުލިބުނެވެ. 1985 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު، ތޫނިސްގައި ހުރި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުއައްސަސާ، ޕީއެލްއޯ (Palestine Liberation Organization) ގެ މައި މަރުކަޒަށް އެމެރިކާގެ އެހީއާއެކު އިޒްރޭލުގެ ދިފާޢީ ބާރުން ދިން ހަމަލާއަކީ އޭގެ އެއް މިސާލެވެ. މިއިން އެއްވެސް ކަމަކުން ފަލަސްޠީނުގެ އަހުލުވެރިންގެ ޢަޒުމަށް ބަދަލެއް ނާދެއެވެ. ކޮންމެ އަނިޔާވެރި ހަމަލާއަކަށް ފަހު، އަނެއްކާވެސް ފަލަސްޠީނުގެ އަހުލުވެރިން އެބައިމީހުންގެ ގެދޮރާއި ވަޒަނުގެ ދިފާޢުގައި ޔަހޫދީންނާ ދެކޮޅަށް ތެދުވެއެވެ.

 

* ފުރަތަމަ އިންތިފާޟާ

 

1987 ވަނަ އަހަރު ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕު ކައިރީގައި އިޒްރޭލު ސިފައިންގެ ޓްރަކަކާއި ފަލަސްޠީނުގެ މަސައްކަތު މީހުން ދަތުރުކުރި އުޅަނދެއް ޖެހި ފަލަސްޠީނުގެ މަސައްކަތު މީހުންގެ ތެރެއިން ބަޔަކު މަރުވިއެވެ. މި ޙާދިޘާ ވެގެންދިޔައީ ފަލަސްޠީނުގެ އަހުލުވެރިން އިޒްރޭލުގެ ސިފައިންނާ ދެކޮޅަށް ތެދުވަން ހިތްވަރު ލިބުނު ކަމަކަށެވެ. އޮއްގަލާއި، ބިއްލޫރި ފުޅިއާއި މަދަނީ ބަސްނޭހުމަކީ އެބައިމީހުންގެ ހަތިޔާރަށް ހަދާ، އެއްވެސް އާރެއް ބާރެއް ނެތް، އަމިއްލަ ގެދޮރުން ނެރެލާފައި ތިބި “ރެފިއުޖީންތަކެއް” ދުނިޔޭގެ އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ހުރި ލަޝްކަރަކާ ދެކޮޅަށް ނުކުތެވެ. މިކަންވެގެން ދިޔައީ ޔަހޫދީންގެ އިތުރުން މުޅި ދުނިޔެއަށްވެސް ސިހުން ގެނުވި ކަމަކަށެވެ. މި ޙަރަކާތް މަޝްހޫރުވެގެން ދިޔައީ “ފުރަތަމަ އިންތިފާޟާ” (First Intifada / First Palestinian Intifada / Stone Intifada) ގެ ނަމުންނެވެ. މި ޙަރަކާތް އެތައް އަހަރަކަށް ދެމިގެން ދިޔައެވެ.

1974 ވަނަ އަހަރު ބޭއްވި ޢަރަބި ލީގުގެ ބައްދަލުވުމުގައި ފަލަސްޠީނުގެ އިދާރީ ކަންކަން ހަވާލުކޮށްފައި އޮތީ منظمة التحرير الفلسطينية (Palestine Liberation Organization / PLO) އާއެވެ. އަދި އޭރު ހުޅަނގު އައްސޭރި އޮތީ އުރުދުންގެ ބާރުގެ ދަށުގައެވެ. ނަމަވެސް އެބައިމީހުން ބޭނުންވީ ހުޅަނގު އައްސޭރިވެސް އުރުދުންގެ ކިބައިން މިނިވަންކޮށް، ފަލަސްޠީނުގެ އަމިއްލަ ދައުލަތެއް ޤާއިމުކުރާށެވެ. މިކަން ވެގެންދިޔައީ ހުޅަނގު އައްސޭރިއާއި އުރުދުންގެ ގުޅުން ގޯސްވިކަމަކަށެވެ. އެކަތިގަނޑަކަށް ވާންޖެހޭ މުސްލިމު އުންމަތުގެ ދެބައިމީހުންގެ ޙިޔާލު ތަފާތުވުން ވެގެންދިޔައީ ނިކަމެތިކަމުގައި ތިބި ފަލަސްޠީނުގެ އަހުލުވެރިންނަށް ލިބުނު އިތުރު ނިކަމެތިކަމަކަށެވެ.

 

* ފަލަސްޠީނުގެ ދައުލަތުގެ މިނިވަންކަން އިޢުލާންކުރުން

 

އުރުދުންއާއި ޕީއެލްއޯއާ ދެމެދު އުފެދުނު ނުތަނަވަސްކަމާ އެކުވެސް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އެބައިމީހުން ކުރަމުންދިޔަ މަސައްކަތަށް ބަދަލެއް ނާދެއެވެ. އެގޮތުން 15 ނޮވެމްބަރު 1988 ގައި منظمة التحرير الفلسطينية (Palestine Liberation Organization / PLO) އިން ފަލަސްޠީނުގެ ދައުލަތުގެ ( The State of Palestine) މިނިވަންކަން އިޢުލާންކުރިއެވެ. އަދި ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައިވެސް އިޢުލާންކުރިއެވެ. [1] ހަމަ އެ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު، ފަލަސްޠީނުގެ ދައުލަތާ ހަވާލުވެހުރި އިސްފަރާތުގެ ހައިސިއްޔަތުން ޕީއެލްއޯގެ ރައީސް، ޔާސިރު ޢަރަފާތު އދގެ ޢާންމު މަޖުލީހުގައި ތަޤުރީރުކުރެއްވިއެވެ. މި ތަޤުރީރުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުވެއްޖެކަމާއި އެ ދައުލަތުގެ ވެރިރަށަކީ ޤުދުސްކަން ހާމަކުރެއްވިއެވެ. އޭގެ އިތުރުން، ޔަހޫދީ ދައުލަތަށް ގޮވާލީ 1967 ގެ ހަނގުރާމައިގައި އިޒްރޭލުން ފޭރިގަތް ބިންތަކުން ފޭބުމަށާއި އދގެ ޙާޟިރުގައި ދެބައިމީހުން އެއްމޭޒުދޮށަށް އައިސް ފަލަސްޠީނާއި އިޒްރޭލުގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށެވެ. [2]

ޕީއެލްއޯއިން ބަލައިގަތީ 1947 ގައި އދ އިން ފަލަސްޠީނުގެ ބިން ބައިކޮށް ޢަރަބީންނަށް ދީފައި އޮތް ބައި އެއީ ފަލަސްޠީނުގެ ދައުލަތުގެ ގޮތުގައެވެ. ނަމަވެސް އޭރުވެސް ޤުދުސް އޮތީ އިޒްރޭލުގެ ބާރުގެ ދަށުގައެވެ. އަދި އެބައިމީހުންވެސް ދައުވާކުރަމުން ދިޔައީ އެއީ އެބައިމީހުންގެ ވެރިރަށް ކަމުގައެވެ. ޕީއެލްއޯ އިން ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ނަމަވެސް އެބައިމީހުން ވެރިކަން ކުރަމުންދިޔައީ ޤައުމުން ބޭރުގައި ތިބެގެންނެވެ. އަދި 1989 ވަނަ އަހަރު ޕީއެލްއޯ އިން ފަލަސްޠީނުގެ ރައީސްކަމަށް ޔާސިރު ޢަރަފާތު ޢައްޔަނުކުރިއެވެ.

 

 

މި ހުރިހާ ކަމަކާއެކުވެސް އިޒްރޭލުން ތިބީ އެބައިމީހުންގެ ގޮތުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހިއެވެ. އެބައިމީހުން ފޭރިގަތް ބިމުން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހެއެވެ. އަދި ސޯވިއެޓް ޔޫނިއަން (Soviet Union) އިން ފަލަސްޠީނަށް ހިޖުރަކުރި ޔަހޫދީންގެ ޢަދަދުވެސް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން 1989 – 1992 އާ ދެމެދު 400،000 ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރިއެވެ. އެއާއެކު، ފަލަސްޠީނަށް ހިޖުރަކުރި ޔަހޫދީންގެ ޖުމްލަ ޢަދަދު 5 މިލިޔަން 172 ހާހަށް އެރިއެވެ.

 

މިއީ حاضر العلم الإسلامي وقضاياه المعاصرة ގައި د. جميل عبد الله محمد المصري، 1980 ގެ އަހަރުތައް ނިމުމާ ހަމައަށް އައިއިރު ފަލަސްޠީނުގެ ޙާލަތު ބަދަލުވަމުން އައިގޮތާ ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުމުގެ ޚުލާޞާއެވެ. މިކަންކަމުން އެނގި ހާމަވެގެން ދިޔައީ ދުނިޔޭގެ ހަމަޖެހުމާއި އަމަންއަމާންކަން ޤާއިމުކުރުމުގެ ނަމުގައި އުފެއްދި ޖަމިއްޔާ، އދ ވެސް ވެގެން ދިޔައީ ޔަހޫދީ ދައުލަތް ޙިމާޔަތްކޮށް ފަލަޞްޠީނުގެ ރައްޔިތުންނަށް ދަތިކުރަން ބޭނުންކުރާ ތަނެއްގެ ގޮތުގައެވެ.

އެ ޖަމިއްޔާއިން ނަންނަމުގައި ޤަރާރުތައް ފާސްކޮށް، އަމުރުތައް ނެރެމުން ދިޔަޔަސް އެއިންކަމެއް ޔަހޫދީންނަށް ފެންނަކަމަކަށްވެސް ނުވެއެވެ. އަދި އެބައިމީހުންނަށް ވާގިވެރިވަމުން ދިޔަ ބާރުގަދަ ޤައުމުތަކުންވެސް ފަލަސްޠީނުގެ އަހުލުވެރިންގެ ޙައްޤުގައި، އދގެ އެއްވެސް އަމުރެއް ތަންފީޒުކުރުމަށް މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. އެ ޤައުމުތަކުން ކުރި ހަމައެކަނި ކަމަކީ “ޔަހޫދީންގެ އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރަމުން ދިޔަ މަސައްކަތްތަކަށް” އެހީވުމެވެ. އެބައިމީހުންގެ ކުރިމަތީގައި އަނިޔާ ލިބެމުން ދިޔަ ބަޔަކަށްވީ ޔަހޫދީންނެވެ. އަމިއްލަ ފަސްގަނޑުގެ ދިފާޢުކުރުމަށް މަސައްކަތްކުރަމުން ދިޔަ ފަލަސްޠީނުގެ އަހުލުވެރިންވީ އަނިޔާވެރި “ޓެރަރިސްޓުން”ނަށެވެ. 1947 ގައި އދއިން ކުރެހި ޗާޓު ޕީއެލްއޯއިން ބަލައިގަނެ، އެ އިންތަކުގެ އިތުރަށް އިޒްރޭލުން ފޭރިގަނެފައިވާ ބިންތަކުން ފޭބުމަށް އެދުމުން އެކަމަށްވެސް އިޖާބައެއް ނުދިނެވެ. އަދި އިޒްރޭލުން އެކަން ނުކުރުމުން އެބައިމީހުންނާ ދެކޮޅަށް އދއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އަދި ދުނިޔޭގެ ބޮޑު ބާރުކަމަށް ދަޢުވާކުރާ އެމެރިކާއިން ހުއްޓުމެއް ނެތި ފައިސާއާއި ހަތިޔާރުން އިޒްރޭލަށް ވަމުން ދިޔަ އެހީތައް ހުއްޓުވޭނެ ގޮތެއްވެސް އޮތްކަމަކަށް ނުވިއެވެ. ފަލަސްޠީނުގެ ދައުލަތެއް އިޢުލާނުކޮށް ރައީސަކު އައްޔަނުކުރިޔަސް، އެ ރައީސްވެސް ހުންނަން މަޖުބޫރުވީ ޤައުމުން ބޭރުގައެވެ. މިއީ ދެ ފުށް ދެގޮތްވުމުގެ އިންތިހާއެވެ.

 

ކުރިއަށް ހުރި ބައިތަކުގައި ދެން ގެނެސްދޭނީ 1990 އިން ފެށިގެން މިއަދާ ހަމައަށް ފަލަސްޠީނުގެ ޤަޟިއްޔާގައި ކަން ހިނގައި ދިޔަ ގޮތެވެ. إن شاء الله.

 

=ނުނިމޭ=

 

_______________

 

މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري

 

[1] ބައްލަވާ: Palestinian National Council Declaration of Independence (14 November 1988).

[2] ބައްލަވާ: 1988 ވަނަ އަހަރު އދގެ ޢާންމު މަޖުލީހުގައި ޔާސިރު ޢަރަފާތު ދެއްވި ތަޤުރީރު

 

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް