[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 9

ފަސްވަނަ މަރުޙަލާ: ފަލަސްޠީނުގައި ޞުހްޔޫނީން ދައުލަތެއް ޤާއިމުކުރުމުގެ މަސައްކަތްކުރުން (1939 – 1948)

 

1939 ވަނަ އަހަރު އިނގިރޭސީން އެކުލާވި “ވައިޓް ޕޭޕަރ”އަށް ޞުހްޔޫނީން ދެކޮޅުހެދިއެވެ. ފަލަސްޠީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތެއް ޤާއިމުކުރުމަށް ޞުހްޔޫނީން ކުރަމުން އައި އުންމީދަށް ދިރުމެއް ގެނެސްދިން ބަޔަކީ އިނގިރޭސީންނެވެ. އެބައިމީހުން ވަނީ ޞުހްޔޫނީންނަށް ފަލަސްޠީނުގެ ބިމުގައި ހައްދެއް ނެތް މިނިވަންކަން ދީފައެވެ. އަދި ޖަރުމަނުވިލާތުގައި ހިޓުލަރާއި އިޓަލީގެ ފޭސިސްޓުން (Italian Fascists) ޔަހޫދީންނާ ދެކޮޅުވެރިވެ، އަނިޔާވެރިވުމުން ފަލަސްޠީނަށް ހިޖުރަކުރުމުގެ މަގުފަހިކޮށްދިނުމަށް އެބައިމީހުން ގޮވާލުމުން އެކަންވެސް ފަހިކޮށްދިނެވެ. އެއާ ޚިލާފަށް ފަލަސްޠީނުގެ އަޞްލު އަހުލުވެރިންކަމުގައިވި ޢަރަބީންގެ މިނިވަންކަން ދިޔައީ ދުވަހެއް ދުވަހަކަށް ހަނިވަމުންނެވެ. “ވައިޓް ޕޭޕަރ”އިން ފަލަސްޠީނުގެ އަހުލުވެރިންނަށް ގެއްލުނު މިނިވަންކަމާއި އިސްތިޤުލާލު އަނބުރާ ލިބޭކަށް ނެތެވެ. އެހެނަސް ޞުހްޔޫނީންނަށް އޮތީ ހަމައެކަނި ހިޖުރަކުރާ ޔަހޫދީންގެ ޢަދަދު ވަކި ހައްދެއްގައި ހިފެހެއްޓުމާއި ސަރުކާރުގައި ފަލަސްޠީނުގެ އަހުލުވެރިން ބައިވެރިކުރުމެވެ. ނަމަވެސް ޞުހްޔޫނީންނަށް ފެނުނީ “ވައިޓް ޕޭޕަރ”އަކީ އެބައިމީހުންގެ ދައުލަތް ޤާއިމުކުރުމަށް އެޅި ހުރަހެއްގެ ގޮތުގައެވެ. އެހިސާބުން ދެން ފެނިގެން ދިޔައީ ޞުހްޔޫނީންގެ ޙަޤީޤީ ޞޫރައެވެ. “ކާންދިން އަތުގައި ދަތް އެޅީއެވެ.” އިނގިރޭސީންވެގެން ދިޔައީ އެބައިމީހުންގެ އެންމެ ބޮޑު ދުޝްމަނަށެވެ.

 

ޞުހްޔޫނީންގެ އިރުހާބީ (ޓެރަރިސްޓު) ޙަރަކާތްތައް

ޞުހްޔޫނީންގެ ދެކޮޅުވެރިކަން ފާޅުކުރީ އަނިޔާވެރިކަމާއި ޓެރަރިޒަމުގެ ޢަމަލުތަކުންނެވެ. އެބައިމީހުން ހިންގަމުން ދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން އުފެދިގެން އައީ ޔަހޫދީ ޓެރަރިސްޓު “ގޭންގު”ތަކެކެވެ. އެގޮތުން Haganah ދެބައިވެގެން އުފެނުނީ Irgun އެވެ. އަދި ފަހުން އެބައިމީހުންވެސް ދެބައިވެ، ދެން އުފެދުނީ Lehi އެވެ. މި ތިން ޖަމާޢަތް އެކުގައި އަދި ވަކިވަކިން ވެސް އެތައް އިރުހާބީ، ޓެރަރިސްޓު ޙަރަކާތްތަކެއް ހިންގިއެވެ. އެބައިމީހުންގެ އެންމެ އިސް ކަމަކަށް އޮތީ އިނގިރޭސީންގެ ތަންތަނާއި މުދަލަށް ގެއްލުންދިނުމާއި އިނގިރޭސީންގެ ފަރާތުން ފަލަސްޠީނުގައި ތިބި އިސްމީހުން ޤަތުލުކުރުމެވެ. އެގޮތުން އެ ދުވަސްވަރު އިނގިރޭސިވިލާތުން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުރި މޮއެން (Lord Moyne) މިޞްރުގެ ޤާހިރާގައި ހުއްޓާ، ޞުހްޔޫނީ ގޭންގުތަކުން އޭނާއަށް ހަމަލާދީ ޤަތުލުކޮށްލިއެވެ. އަދި މީގެ އިތުރުންވެސް އިނގިރޭސި އަސްކަރިއްޔާގެ އިސް އޮފިސަރުންނާއި ސިފައިންވެސް ޤަތުލުކުރިއެވެ.

މިހުރިހާ ކަމަކާއެކުގައިވެސް އިނގިރޭސީން ޞުހްޔޫނީންނާމެދު ޢަމަލުކުރީ “ތިމާގެ ދަރި ތިމާއަށް ދޮންފުތުވާ” ބީދައިންނެވެ. ފަލަސްޠީނުގެ އަހުލުވެރިން އިނގިރޭސީންނާ ދެކޮޅަށް ނުކުތުމުން ހަތިޔާރާއި ބާރުގެ ބޭނުންކޮށްގެން އަނިޔާވެރިކަމާއެކު ހުއްޓުވިހެން، ޞުހްޔޫނީންނަށް އަނިޔާވެރިކަން ދައްކައިގެން ހުއްޓުވާކަށް ނޫޅުނެވެ.

ޞުހްޔޫނީން ބޭނުންވާ ކަންކަން ޙާޞިލުކުރުމަށްޓަކައި ކޮންމެފަދަ ކަމެއް ކުރާކަށްވެސް އެބައިމީހުން ޖެހިލުމެއް ނުވިއެވެ. އެއީ އިނގިރޭސީންނާއި އެހެން އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށްކަމުގައިވިޔަސް ނުވަތަ ޖަރުމަނުވިލާތާއި އިޓަލީއިން ހިޖުރަކުރާ ޔަހޫދީންނާ ދެކޮޅަށް ކަމުގައިވިޔަސް މެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ޞުހްޔޫނީންގެ ހަގަނާ (Haganah) އިން 1940 ވަނަ އަހަރު ޕެޓްރިއާ (Patria) ކިޔާ ބޯޓު ފައްތާލުމެވެ.

“ވައިޓް ޕޭޕަރ” ތަންފީޒުކުރުމުގެ ގޮތުން އިނގިރޭސީން ނިންމީ، ޤަވާއިދާ ޚިލާފަށް ފަލަސްޠީނަށް އެތެރެވި ގިނަ ޢަދަދެއްގެ ޔަހޫދީ ރެފިއުޖީން މޮރިޝަސް (Mauritius) އަށް ގެންދިއުމަށެވެ. އެގޮތުން އެބައިމީހުން އެރުވީ ޙައިފާ (Haifa) ގެ ބަނދަރުގައި އޮތް ޕެޓްރިއާ ކިޔާ ބޯޓަށެވެ. ހަގަނާއިން އެ ބޯޓުގައި ގޮވާއެއްޗެއް ހަރުކުރިއެވެ. އެބައިމީހުންގެ މައިގަނޑު ބޭނުމަކީ ޔަހޫދީން މޮރިޝަސްއަށް ގެންދިއުން ހުއްޓުވުމެވެ. 1940 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވީ ދުވަހުގެ ހެނދުނު ބޯޓު ފުރަން ތައްޔާރުވެފައިވަނިކޮށް ބާރުގަދަ އަޑަކާއެކު ބޯޓުގައި ގޮވުމެއް ގޮވިއެވެ. އަދި 15 ވަރަކަށް މިނެޓު ތެރޭގައި ބޯޓު އަޑިޔަށް ދިޔައެވެ. ބަނދަރުމަތީ ތިބި އިނގިރޭސީންނާއި ޢަރަބީން އަދި ޔަހޫދީންގެ މަސައްކަތުން އެއްބަޔަކު ސަލާމަތްކުރިއެވެ. މި ޙާދިޘާގައި 250 އަށްވުރެ ގިނަ މީހުން މަރުވިއެވެ. މިކަމުގައި ދިގު ތަޙުޤީޤުތަކެއް ކުރެވުނެވެ. އެންމެ ފަހުން ކަމުގެ ޙަޤީޤަތް ހާމަވީ ބޯޓުގައި ބޮން ހަރުކުރި މުންޔާ މާޑޯ (Munya Mardor) ކިޔާ މީހާ، 1957 ގައި އަމިއްލައަށް އެކަމަށް އިޢުތިރާފުވެ ފޮތެއް ލިޔުމުންނެވެ. [1]

 

މީގެ އިތުރުން 1946 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު “އިރުގުން” އިން ޤުދުސްގައި ހުރި King David Hotel ގައި ބޮމެއް ހަރުކޮށް، ހޮޓާ ގޮއްވާލިއެވެ. އެ ޢިމާރާތަކީ އިނގިރޭސީންގެ ކޮމާންޑް ސެންޓަރެވެ. އެ ހަމަލާގައި 91 މީހުން މަރުވިއެވެ. އޭގެ ތެރޭގައި 41 ޢަރަބީންނާއި، 28 އިނގިރޭސީން އަދި 17 ޔަހޫދީން ހިމެނެއެވެ. [2]

 

ޞުހްޔޫނީން ދަޢުވާކުރާ “އެބައިމީހުންނަށް ވަޢުދުކުރައްވާފައިވާ ބިމަށް” އެނބުރި ދިއުމަށް ހުރަސް އަޅާ ކޮންމެ ބަޔަކީ އެބައިމީހުންގެ ދުޝްމަނުންނެވެ. އެކަމުގައި އެހެން މީހުންގެ ރައުޔަކަށް ބެލުމެއް ނެތެވެ. އެހެންކަމުން އެބައިމީހުން އަސްކަރީގޮތުން ވަރުގަދަވުމުގެ ގޮތުން ތަމްރީނުތައް އިތުރުކުރިއެވެ.

ޞުހްޔޫނީންގެ އަސްކަރީ ޖަމިއްޔާ “ހަގަނާ” (Haganah) އުފެއްދުމަށްޓަކައި، އިނގިރޭސީންވަނީ އޭރުގެ އެންމެ ފަހުގެ ހަތިޔާރާއި ޓޭންކާ އަދި އެނޫންވެސް ހަނގުރާމައިގައި ބޭނުންކުރާ ތަކެތި ޞުހްޔޫނީންނަށް ފޯރުކޮށްދީފައެވެ. އަދި އެބައިމީހުންވަނީ މި ހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ އިތުރުން، ހަނގުރާމައިގެ އިތުރު ތަމްރީނުތައްވެސް ހަދާފައެވެ. ދެން ޞުހްޔޫނީންގެ އަސްކަރީ ޙަރަކާތްތައް ފުޅާވެ، ސިއްރު އިރުހާބީ ޖަމާޢަތްތައް އުފެދުނެވެ. “ލެހި” (Lehi) އަދި “އިރުގުން” (Irgun) އަކީ އެގޮތުގެ މަތިން އުފެދުނު ދެ ޖަމާޢަތެވެ. އަދި ޔޫރަޕުގައި Betar Movement ގެ ނަމުގައި ޔަހޫދީ ޒުވާނުންގެ ޙަރަކާތެއްވެސް އޮތެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޞުހްޔޫނީންގެ މަޤްޞަދު ޙާޞިލުކުރުމަށް އެހީވެދޭނެފަދަ ޔަހޫދީންގެ ޒުވާން ޖީލެއް ތަރުބިއްޔަތުކުރުމެވެ. އަދި ނީލަކޯރާއި ފުރާތުކޯރާ ދެމެދުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމެވެ. “އިރުގުން” ޖަމާޢަތުގެ ރައީސް މެނަޚެމް ބެގިން (Menachem Begin) އަކީ Betar Movement އިން ތަރުބިއްޔަތުވެގެން ނުކުތް މީހެކެވެ. ދެން 1948 ގައި “ހަގަނާ” އާއި “އިރުގުން” އަދި “ލެހި” ގުޅިގެން އިޒްރޭލުގެ ދިފާޢީ ބާރު (Israel Defense Forces) އުފެއްދިއެވެ.

ފަލަސްޠީނާމެދު ދަންނައެވެ. އެދުވަސްވަރު ފަލަސްޠީނުގައި ހަތިޔާރުއެޅި އެއްވެސް އަސްކަރީ ޖަމާޢަތެއް ނެތެވެ. އަދި މުސްލިމުންގެ ހަތިޔާރުއެޅި ޖަމާޢަތެއްވެސް ނެތެވެ.

 

Anti-Semitism

ޞުހްޔޫނީންގެ އަނެއް ޕްރޮޕެގެންޑާއަކީ Anti-Semitism އެވެ.

Anti-Semitism އަކީ: ޔަހޫދީންނާ ދެކޮޅުވެރިވުމެވެ. ނުވަތަ އެބައިމީހުންނަށް އަނިޔާވެރިވުމެވެ. ނުވަތަ އެބައިމީހުންނަށް ނަފްރަތުކުރުމެވެ. މިކަން އެންމެ ފާޅުކަން ބޮޑުކޮށް ފެންނަން އޮތީ 19 ވަނަ ގަރުނުގެ ފަހުކޮޅާއި 20 ވަނަ ގަރުނުގެ ކުރީކޮޅު ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި ޕޮލެންޑާއި ރޫސީވިލާތްފަދަ ޤައުމުތަކުގައެވެ. އެދުވަސްވަރު ޔަހޫދީންނަށް ކުރިމަތިވަމުން ދިޔަ އަނިޔާތަކުން ފިލުމަށް ވަރަށް ގިނަ ޔަހޫދީން އިނގިރޭސިވިލާތާއި އެމެރިކާއަށް ހިޖުރަކުރިއެވެ. ދެން ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު ޖަރުމަނުވިލާތުގައި މިކަން ވަރަށް ބޮޑުވިއެވެ. އެބައިމީހުންނަށް ހަނގުރާމައިގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީއަކީ ޔަހޫދީންގެ ސަބަބުން ކުރިމަތިވި ކަމެއްކަމުގައި އެބައިމީހުން ދެކުނެވެ. އަދި އެކަމުގެ ހައްލަކީ އެންމެހާ ޔަހޫދީން ނެތިކޮށްލުންކަމުގައި ދެކި، ހިޓްލަރުގެ ވެރިކަމުގައި ޖަރުމަނުވިލާތުގައި ގިނަ ޢަދަދެއްގެ ޔަހޫދީން ޤަތުލުކުރިއެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ސޯވިއެޓް ޔޫނިއަންއާއި އިރުމަތީ ޔޫރަޕުގައިވެސް މިކަން އޮތެވެ. ދެން އޭގެ ފަހުން ހުޅަނގު ޔޫރަޕުގައި، ޚާއްޞަކޮށް ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުގައި 1990 ގެ އަހަރުތަކާ ހަމައަށްވެސް މިކަން އޮތެވެ. [3]

އިސްލާމީ މުޖުތަމަޢުގައި ޔަހޫދީންނާމެދު ޢަމަލުކުރެވުނު ގޮތާމެދު ދަންނައެވެ. ނަބިއްޔާ  صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވިއިރު މަދީނާގައި ތިބި ކާފިރުން ތިބީ 3 ގޮތަކަށެވެ. އެއީ:

  1. އެކަލޭގެފާނާއެކު ޞުލްޙަވެ، އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަނުކުރުމަށާއި އެކަލޭގެފާނާ ދެކޮޅުވެރިނުވުމަށާއި އެކަލޭގެފާނާ ދެކޮޅަށް އެކަލޭގެފާނުގެ ޢަދުއްވުންނަށް އެހީތެރިނުވުމަށް ވަޢުދުވި މީހުން. މިބައިމީހުން ކާފިރުކަންކަތީ ތިބިކަމުގައި ވިޔަސް ޢަހުދަށް ވަފާތެރިވާހާ ހިނދަކު، އެބައިމީހުންގެ ލެޔާއި މުދަލަށް އަމާންކަން ލިބިގެންވެއެވެ.
  2. އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަކޮށް، އެކަލޭގެފާނަށް ޢަދާވާތްތެރިވި މީހުން.
  3. އެކަލޭގެފާނާ ޞުލްޙަ ނުވެ ދޫކޮށްލި މީހުން.

މަދީނާގައި ތިބި ޔަހޫދީން އެކަލޭގެފާނާއެކު ޞުލްޙަވިއެވެ. އަދި އެބައިމީހުން ވަޢުދުވީ ކަންތަކުގެ މަތީ ދެމިތިބިހާ ހިނދަކު އަމާންކަން ލިބިގެންވާ ބައެއްގެ ގޮތުގައި ޔަހޫދީންގެ 3 ޤަބީލާ މަދީނާގައި ދިރިއުޅުނެވެ. އެއީ: ބަނޫ ޤައިނުޤާޢު، ބަނުއްނަޟީރު އަދި ބަނޫ ޤޫރައިޡާއެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ޢަހުދާ ޚިލާފުވީ ބަނޫ ޤައިނުޤާޢު ޤަބީލާއެވެ. ބަދުރު ހަނގުރާމައަށް ފަހު، އެބައިމީހުން އެކަލޭގެފާނާ ދެކޮޅުވެރިވެ، ޙަސަދަވެރިކަން ފާޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނު، އެބައިމީހުން މަދީނާއިން ބޭރުކޮށްލެއްވިއެވެ.

ދެން ޢަހުދާ ޚިލާފުވީ ބަނުއްނަޟީރު ޤަބީލާއެވެ. އެބައިމީހުން ނަބިއްޔާ  صلى الله عليه وسلم އަވަހާރަކޮށްލުމަށް ރޭވިއެވެ.  އަދި މުސްލިމުންނާ ދެކޮޅަށް ހަނގުރާމައަށް އައުމަށް ޤުރައިޝުންނަށް ގޮވާލިއެވެ. ދެން އެކަލޭގެފާނު އެބައިމީހުންވެސް މަދިނާއިން ބޭރުކޮށްލެއްވިއެވެ. އެބައިމީހުންގެ ވާހަކަ ﷲ ތަޢާލާވަނީ ޙަޝްރު ސޫރަތުގައި ބަޔާންކުރައްވާފައެވެ.

ބަނޫ ޤުރައިޡާއާމެދު ދަންނައެވެ. ޚަންދަޤު ހަނގުރާމައިގައި އެބައިމީހުންގެ ޢަހުދު އުވާލާ، މުސްލިމުންނާ ދެކޮޅަށް މުޝްރިކުންނާ އެއްބައިވިއެވެ. ދެން އެބައިމީހުންގެ ބޮޑެތި ފިރިހެނުން ޤަތުލުކުރަން ނަބިއްޔާ صلى الله عليه وسلم އަމުރުކުރެއްވިއެވެ. [4]

ތާރީޚުން ފެންނަން އޮތީ، ޔަހޫދީން އެބައިމީހުންގެ ޢަހުދުގެ މަތީ ދެމި ތިބޭހާ ހިނދަކު އެބައިމީހުންނަކީ މުސްލިމުންގެ މުޖުތަމަޢުގައި އަމާންކަން ލިބިގެންވާ ބައެއްކަމުގައި ވިޔަސް، ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައިވެސް އެބައިމީހުންނަކީ ކެހިވެރި، މަކަރުވެރި ބައެއް ކަމެވެ. ނަބިއްޔާ صلى الله عليه وسلم އަށް ފަހުގައިވެސް އިސްލާމީ އުންމަތުގައި މިކަން އޮތީ މިހެންނެވެ. ހުޅަނގުގެ ޤައުމުތަކުގައި ޔަހޫދީންނަށް އަމާންކަން ނުލިބުނެއްކަމަކު، އިސްލާމީ ވެރިކަމުގައި އެބައިމީހުންގެ ރައްކާތެރިކަމުގެ ދަށުގައި ތިބޭ ޛިންމީންގެ ގޮތުގައި، އެ މުޖުތަމަޢުގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތާހާހިނދަކު ޔަހޫދީންވެސް ތިބީ އެހެން ކާފިރުންނެކޭ އެއްފަދައިން އަމާންކަން ލިބިގެންނެވެ. ނަމަވެސް ޔަހޫދީންނަކީ ޚިޔާނާތްތެރި، ފަސާދަކުރުން ބޮޑު ބައެކެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا﴾‏ [سورة المائدة ٨٢]

މާނައީ: “މީސްތަކުން ކުރެ، އީމާންވި މީހުންނަށް ޢަދާވާތްތެރިކަން އެންމެ ބޮޑު ބަޔަކީ ޔަހޫދީންނާއި ޝިރުކުކުރި މީހުންކަމުގައި ހަމަކަށަވަރުން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.”

ފަލަސްޠީނުގެ ޤަޟިއްޔާ އެކަނިވެސް މިކަމުގެ ހެއްކަކަށް ފުދެއެވެ.

 

ފަލަސްޠީނުގެ ބިމުގައި ޞުހްޔޫނީން ހިންގަމުން ދިޔަ ޖަރީމާތަކުގެ ނިވާފަތްގަނޑަކަށް ހެދީ Anti-Semitism އެވެ.

ޚުލާޞާކޮށް ބުނާނަމަ އެބައިމީހުން ބުނަމުން ދިޔައީ: އެބައިމީހުންގެ އަނިޔާވެރި ކަންކަމާ ދެކޮޅަށް ބަސްބުނާ ކޮންމެ މީހަކީ Anti-Semitic މީހެކެވެ. ޔަހޫދީންނަކީ އަނިޔާ ލިބިފައިވާ ނިކަމެތި ބައެކެވެ. އެންމެންވެސް އެބައިމީހުންނަށް ހަމްދަރުދީވާން ޖެހޭނެއެވެ. އެބައިމީހުން ކުރާ ކޮންމެ ކަމަކީ އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރާ ކަންކަމެވެ. އެބައިމީހުން އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވެއެވެ. އެބައިމީހުން ކުރާ ހަމައެކަނި ކަމަކީ އަމިއްލަ ނަފްސު ދިފާޢުކުރުމެވެ.

މިއީ މިއަދާ ހަމައަށްވެސް އެބައިމީހުން ކުރިއަށް ގެންދާ ޕްރޮޕެގެންޑާއެކެވެ.

 

ޞުހްޔޫނީން އެމެރިކާގެ މަދަދު ހޯދުން

އެ ދުވަސްވަރަކީ އިސްތިޢުމާރީ ބާރެއްގެ ގޮތުގައި އެމެރިކާ، ދުނިޔެއަށް ފާޅުވެގެން ދިޔަ ދުވަސްވަރެވެ. އެހެންކަމުން އިނގިރޭސީންނާ ދެކޮޅުވެރިވުމަށް ފަހު، ދެން ޞުހްޔޫނީން މަސައްކަތްކުރީ އެމެރިކާގެ މަދަދު ހޯދުމަށެވެ. އެއީ ކުރިން އިނގިރޭސިވިލާތާއެކު މަސައްކަތްކުރި ފަދައިންނެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި އިޓަލީއިން އިސްލާމީ ޤައުމުތައް އިސްތިޢުމާރީ ބާރުގެ ދަށަށް ގެންދިޔަ ފަދައިން އެމެރިކާއިންވެސް އެކަން ކުރަން ބޭނުންވިއެވެ. ޞުހްޔޫނީންނަށް އެމެރިކާގެ ވިސްނުން އެނގުމުގުން، އެބައިމީހުން އެކަން ބަލައިގަތީ އެބައިމީހުންގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައެވެ.

1942 ވަނަ އަހަރު ނިއުޔޯކްގެ ބިލްޓްމޯރ ހޮޓަލުގައި ޞުހްޔޫނީންގެ ބައްދަލުވުމެއް (Biltmore Conference) ބޭއްވިއެވެ. އެ ބައްދަލުވުމުގައި ފާސްކުރީ ބާޒިލްގައި ބޭއްވި ބައްދަލުވުންތަކުގައިވެސް ފާސްކުރިފަދަ ޤަރާރުތަކެކެވެ. މި ބައްދަލުވުމުގައި ފާސްކުރި ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:

  1. އަލަށް އުފެދުނު ޑިމޮކްރެޓިކް ދުނިޔޭގެ ބައެއްގެ ގޮތުގައި، ފަލަސްޠީނުގައި ޔަހޫދީ ދައުލަތް ވީހާވެސް އަވަހަކަށް ޤާއިމުކުރުމަކީ ޟަރޫރީކަމެއްކަން.
  2. White Paper of 1939 އަށް އެކީއެކަށް އިންކާރުކޮށް، އެކަން ތަންފީޒުކުރުން ހުއްޓާލުމަށް އިނގިރޭސީންނަށް ގޮވާލުން.
  3. Jewish Agency ގެ ބެލުމުގެ ދަށުން އަލުން ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރަން ފެށުމާއި ފަލަސްޠީނުގައި “settlements” ހެދުން.
  4. ޔަހޫދީންނަކީ ޖައްބާރު ވެރިންގެ އަނިޔާވެރިކަން ތަހައްމަލުކުރި ބަޔަކަށްވުމާއެކު، ޚާލިޞް ޔަހޫދީންގެ ލަޝްކަރެއް ހެދުން.

 

ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި އެކަކު އަދި ޔަހޫދީ ދައުލަތުގެ ފުރަތަމަ ބޮޑުވަޒީރު ބެން ގޫރިއޯން (David Ben-Gurion) ބުންޏެވެ.

“ޞުހްޔޫނީންވަނީ ފަލަސްޠީނަކީ ޔަހޫދީ ދައުލަތެއްކަމުގައި އިޢުލާންކުރުމަށް އެންމެ ފަހުގެ ޕްލޭން ނިންމާފައެވެ. އެއިން އެއްވެސް ބައެއް ޔަހޫދީން ދޫކޮށް ނުލާނެއެވެ. އެއީ ފަރުބަދަތަކުގެ އެންމެ މަތިކަމުގައިވިޔަސް އަދި ކަނޑުތަކުގެ އެންމެ އަޑިކަމުގައިވިޔަސް މެއެވެ.”

 

ޞުހްޔޫނީންވަނީ އެބައިމީހުން ބޭނުންވާ ކަންތައް ޙާޞިލުކުރުމަށްޓަކައި އެމެރިކާގައި ތިބި ޔަހޫދީންވެސް އެއްގަލަކަށް އަރުވާފައެވެ. އަދި އެމެރިކާގައި އެބައިމީހުން ބޭނުންކަމެއް ކުރުމުގެ ފުރުޞަތު އޮތީ ހުޅުވާލާފައެވެ. އެއީ އެމެރިކާއިން ބޭނުންވާ ސިޔާސަތުތަކެއް ޙާޞިލުކުރުމުގައި ޞުހްޔޫނީންގެ އެހީ ބޭނުންވާތީއެވެ.

އެއަށް ފަހުގައި، ޔަހޫދީން ހިޖުރަކުރުމާ ބެހޭ ސިޔާސަތެއް ޞުހްޔޫނީން އެކުލަވާލިއެވެ. އޭގައި ހިޖުރަކުރާ ޒުވާނުންނަށް އަސްކަރިއްޔާއަށް ވަނުމަށް ހިތްވަރުދިނުން ހިމެނެއެވެ. އަދި ޙާލުގައި ޖެހިފައިތިބި ޔަހޫދީ ކުޑަކުދިން ހިޖުރަކުރުމަށް ހިތްވަރުދިނުންވެސް ހިމެނެއެވެ. އެއީ އެބައިމީހުން ބޭނުންވާ ގޮތަށް އެ ކުދިން ތަރުބިއްޔަތުކޮށް އަސްކަރީ ތަމްރީނުދީ، ޞުހްޔޫނީންގެ ދައުލަތް ދިފާޢުކުރާނޭ ބައެއްކަމުގައި ހެދުމަށެވެ.

ރޫސްވެލްޓް (Franklin Delano Roosevelt) ގެ ވެރިކަމުގައި އެމެރިކާއިން މަސައްކަތްކުރީ ޢަރަބިންގެ ވެރިން މެދުވެރިކޮށް ޔަހޫދީ ދައުލަތް ޤާއިމުކުރާށެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމުން ޖަރުމަނުވިލާތާއި ޔޫރަޕުގެ ކަންކަން ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތް އަދި ސޯވިއެޓް ޔޫނިއަންއިން ބޭއްވި ޔަލްޓާ ކޮންފަރެންސް (Yalta Conference) ނިންމާލާފައި އެނބުރި އެމެރިކާއަށް ދިޔަ މަގުމަތީ ރޫސްވެލްޓް ދަތުރުކުރަމުން ދިޔަ އެމެރިކާގެ މަނަވަރު ސުވޭޒް ކެނަލްގައި މަޑުކުރިއެވެ. އަދި 1945 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، އެ މަނަވަރުގައި ރޫސްވެލްޓް ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުލްޢަޒީޒް އާލު ސުޢޫދާއި ބައްދަލުކުރިއެވެ. އަނިޔާވެރިކަމާއެކު ޔޫރަޕުން ނެރެލެވިފައިވާ ޔަހޫދީން ރެފިއުޖީންނަށް ދާއިމީ ޙައްލެއް ހޯދައިދޭން ޖެހޭކަން މި ބައްދަލުވުމުގައި ރޫސްވެލްޓް ފާހަގަކުރިއެވެ. މީގެ ޖަވާބުގައި ރަސްގެފާނު ވިދާޅުވީ ޔަހޫދީ ރެފިއުޖީންނަށް ދޭންވީ އެބައިމީހުން އެބިމަކުން ބޭރުކޮށްލި ޖަރުމަނުވިލާތުގެ ބިންކަމެވެ. އަދި ޔަހޫދީން އެބައިމީހުންގެ ބިމަށް ހިޖުރަކުރުމުގެ ބަދަލުގައި ޢަރަބިން އިޚްތިޔާރުކުރާނީ އެބައިމީހުންގެ ފުރާނައިން ޤުރުބާންވުންކަމުގައިވެސް ވިދާޅުވިއެވެ.

ހަމަ އެދުވަސްވަރު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް (Winston Churchill) ވެސް ރަސްގެފާނު ޢަބްދުއްޢަޒީޒް އާލު ސުޢޫދާ ބައްދަލުކުރިއެވެ. އެ ބައްދަލުވުން އޮތީ މިޞްރުގައެވެ. ޗާޗިލް އެދުނީ، ޞުހްޔޫނީން ފަލަސްޠީނުގައި ކުރަމުންދާ ކަންކަމަށް ރަސްގެފާނުގެ ނުފޫޒު ބޭނުންކޮށްގެން ޢަރަބިން ރުއްސައިދިނުމަށެވެ. ނަމަވެސް ރަސްގެފާނު އެކަމާ ދެކޮޅު ހެއްދެވިއެވެ. އަދި ރަސްގެފާނު އެދިވަޑައިގެންނެވީ ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރުން ހުއްޓުވުމަށެވެ. އަދި ރަސްގެފާނު ތަމްސީލުކުރައްވަނީ އިސްލާމީ އުންމަތްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހިޖާޒުކަރައަށް ފަހުގައި، އިސްލާމީ އުންމަތުގައި އެންމެ މުޤައްދަސް ބިން، ޞުހްޔޫނީ ޔަހޫދީންގެ ވެރިކަމެއް ޤާއިމުކުރަން ދޫކޮށް ނުލެވޭނެކަމުގައި ވިދާޅުވިއެވެ.

1945 ވަނަ އަހަރު، ރޫސްވެލްޓަށް ފަހު، ދެން އެމެރިކާގެ ރައީސްކަމާ ހަވާލުވީ ޓްރޫމަން (Harry S. Truman) އެވެ. ޓްރޫމަން ވެރިކަމާ ހަވާލުވުމަށް ފަހު އަވަސްވެގަތީ ޞުހްޔޫނީންގެ ލަނޑުދަނޑި ޙާޞިލުކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށް އިނގިރޭސީންނަށް މަޖުބޫރުކުރުވުމަށެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ ޔަހޫދީން ފަލަސްޠީނުގެ ބިމަށް ޖަމާކޮށް، އެ ބިމުގައި ވީހާވެސް އަވަހަކަށް ޔަހޫދީ ދައުލަތް އިޢުލާންކުރުމަށް އިނގިރޭސީންނަށް ބާރުއެޅިއެވެ. އެގޮތުން 1946 ވަނަ އަހަރު، އެމެރިކާއިން ކުރި މަސައްކަތުން 100،000 ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރަން، އިނގިރޭސިވިލާތުން ހުއްދަ ދިނެވެ.

 

ފަލަސްޠީނުގެ ބިން ބައިކުރުން

1946 ވަނަ އަހަރު، ފަލަސްޠީނުގެ ޤަޟިއްޔާއާމެދު މަޝްވަރާކުރުމަށް ޢަރަބިން އިސްނަގައިގެން ސީރިއާގައި ބައްދަލުވުމެއް (Bloudan Conference of 1946) ބޭއްވިއެވެ. އަދި ހަމަ އެ އަހަރު އިނގިރޭސީން އިސްނަގައިގެން ޢަރަބީންނާއި ޔަހޫދީން ޞުލްޙަކުރުވަން ލަންޑަނުގައި ބައްދަލުވުންތަކެއް (London Conference of 1946–1947) ބޭއްވިއެވެ. ނަމަވެސް ޢަރަބީން ނިންމީ ޔަހޫދީންނާ އެއް މޭޒެއްގެ ދޮށުގައި ބައްދަލު ނުކުރާށެވެ. ނުވަތަ ފަލަސްޠީނުގެ ޤަޟިއްޔާގައި މަޝްވަރާކުރުމުގައި އެމެރިކާ ބައިވެރި ނުކުރުމަށެވެ. ނުވަތަ ފަލަސްޠީނުގެ ބިން ބައިކުރުން ހިމެނޭ އެއްވެސް މަޝްރޫޢެއް ޤަބޫލު ނުކުރުމަށެވެ.

ޢަރަބީންގެ ޝަރުޠުތަކާއެކުގައިވެސް އިނގިރޭސީން ހުށަހެޅީ ފަލަސްޠީނުގެ ބިން އިދާރީ 4 ބަޔަށް ބެހުމަށް އެކުލަވާލާފައިވާ މޮރިސަން ޕްލޭން (Morrison–Grady Plan / Morrison Plan) އެވެ. އެ 4 ބަޔަކީ:

  1. ޔަހޫދީންގެ ބައި: މި ބައިގައި ހިމެނެނީ އެ ދުވަސްވަރު އެންމެ ގިނައިން ޔަހޫދީން ތިބި ބިންތަކެވެ.
  2. ޤުދުސް: މި ބައިގައި ހިމެނެނީ ޤުދުސް އާއި ބައިތުއްލަޙަމް އަދި އެ ތަނުގެ ވަށައިގެންވާ އަވަށްތަކެވެ.
  3. އައްނަޤަބު ސަހަރާ (Negev)
  4. ޢަރަބިންގެ ބައި

އަދި އެ ޕްލޭންގައި ވަނީ ކޮންމެ ބައެއްގައި “ލޯކަލް ކައުންސިލް”އެއް އޮވެފައި، އެބަޔަކު ބޭނުން ޤަވާޢިދުތަކެއް ހެދޭ ގޮތަށެވެ. އަދި އެ ޕްލޭންއަށް ޢަމަލުކުރަން ފެށުމާއެކު 100،000 ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރުންވެސް އޭގައި ވެއެވެ. އަދި އެއަށްފަހުގައިވެސް ހިޖުރަކުރުމުގެ ދޮރު، ދާއިމީ ގޮތެއްގައި ހުޅުވާލެވިފައިވެއެވެ.

 

ޢަރަބީންވެސް އަދި ޔަހޫދީންވެސް މި ޕްލޭނާ ދެކޮޅުހެދިއެވެ. ދެން އިނގިރޭސީން ނިންމި މި މައްސަލަ އެކުވެރި ދައުލަތްތައް (United Nations / UN) އަށް ހުށަހަޅާށެވެ. އދ (UN) އިން މިކަން ދިރާސާކުރުމަށް ފަހުގައި، ނިންމީ ފަލަސްޠީނުގެ ބިން ބައިކުރާށެވެ. އދގެ ނިންމުމުގެ ޚުލާޞާއަކީ:

  1. ޢަރަބި ދައުލަތް: މިބައިގައި ހިމެނެނީ ހުޅަނގު ޖަލީލު (Western Galilee) އާއި ނާބުލުސް (Nablus) ގެ ފަރުބަދަމަތީ ސަރަހައްދާއި ދެކުނު ފަރާތުގެ އައްސޭރިން، އިސްދޫދު (Ashdod) އިން ފެށިގެން މިޞްރުގެ ބޯޑަރާ ހަމައަށެވެ.
  2. ޔަހޫދީ ދައުލަތް: މިބައިގައި ހިމެނެނީ އިރުމަތީ ޖަލީލު (Eastern Galilee) އާއި މަރަޖު އިބްނު ޢާމިރު (Jezreel Valley / Valley of Megiddo) އަދި ބިއުރުއްސަބްޢު (Beersheba) އިން ފެށިގެން އައްސޭރި ފަށުގެ ބޮޑު ބައެވެ. އެ ބައިގައި އައްނަޤަބު (Negev) ސަހަރާވެސް ހިމެނެއެވެ.
  3. ޤުދުސް އާއި އެ ތަނުގެ ވަށައިގެންވާ ސަރަހައްދަކީ “އިންޓަނޭޝަނަލް” ތަނެއްގެ ގޮތުގައި ބޭއްވުން.
  4. އިންތިޤާލީ މަރުޙަލާގެ 2 އަހަރަށް ފަހުގައި މިނިވަން 2 ދައުލަތް ޤާއިމުކުރުން. އަދި އެ މުއްދަތުގައި އދ (UN) ގެ ބެލުމުގެ ދަށުން ފަލަސްޠީނުގެ ކަންކަން ބަލަހައްޓާނީ އިނގިރޭސީންނެވެ. ނަމަވެސް 2 މަސް ދުވަސްތެރޭގައި އިނގިރޭސި އަސްކަރިއްޔާއިން ފަލަސްޠީނުގެ ބިމުން ފައިބަން ޖެހޭނެއެވެ. ނުވަތަ އެންމެ ލަސްވެގެން 1948 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ފައިބަން ޖެހޭނެއެވެ.
  5. 150،000 މީހުން ޔަހޫދީ ދައުލަތަށް ހިޖުރަކުރުން. އެއީ މަހަކު 5،000 މީހުންގެ ރޭޓުންނެވެ.

އެގޮތުން ފަލަސްޠީނުގެ އަހުލުވެރިންނަށް އޮތީ ގާތްގަނޑަކަށް 12،000 އަކަ ކިލޯމީޓަރުގެ ބިމެވެ. އެއީ ފަލަސްޠީނުގެ ބިމުގެ ގާތްގަނޑަކަށް 43 ޕަސެންޓެވެ. އެތަނުގެ އާބާދީއަކީ ގާތްގަނޑަކަށް 661،000 މީހުންނެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 11،000 މީހުންނަކީ ޔަހޫދީންނެވެ. އަދި އެބައިމީހުންގެ މިލްކުގެ ދަށުގައި އޮތީ ގާތްގަނޑަކަށް 100 އަކަ ކިލޯމީޓަރުގެ ބިމެވެ.

ޔަހޫދީ ދައުލަތަށް އޮތީ ގާތްގަނޑަކަށް 14،000 އަކަ ކިލޯމީޓަރުގެ ބިމެވެ. އެއީ ފަލަސްޠީނުގެ ބިމުގެ ގާތްގަނޑަކަށް 57 ޕަސެންޓެވެ. އެތަނުގެ އާބާދީއަކީ ގާތްގަނޑަކަށް 990،000 މީހުންނެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 490،000 މީހުންނަކީ ޔަހޫދީންނެވެ. އަދި ގާތްގަނޑަކަށް 489،000 މީހުންނަކީ ޢަރަބިންނެވެ. ޔަހޫދީންގެ މިލްކުގެ ދަށުގައި އޮތީ އެ ބިމުގެ ތިންބައިކުޅަ އެއްބައެވެ.

ޢަރަބިން މި ނިންމުމާ ދެކޮޅުހެދިއެވެ. އެބައިމީހުން ބުނަމުން ދިޔައީ ފަލަސްޠީނުގެ ބިމަކީ އެތަނުގެ އަހުލުވެރިންގެ މިލްކެއްކަމުގައެވެ. އަދި ޚާއްޞަކޮށް ޔަހޫދީންނަށް ބޮޑުބައި ލިބޭގޮތަށް ބަހާފައިވުމުން އެއީ އެއްވެސް އިންސާފެއް ނެތް ނިންމުމެއް ކަމުގައެވެ.

އެއާ ޚިލާފަށް ޔަހޫދީންނަށް މިކަންވީ ބޮޑު ކާމިޔާބީއަކަށެވެ. އެމީހުން މިކަމުގެ އުފާފާޅުކޮށް އެއްވުންތައް ބޭއްވިއެވެ. ނަމަވެސް ޞުހްޔޫނީންގެ ތެރެއިން ބައެއް މީހުން މިކަން ބަލައެއް ނުގަތެވެ. އެބައިމީހުން ބުނަމުން ދިޔައީ ބައިކުރުމަކީ ޞުލްޙަވެރި ނިންމުމެއް ނޫންކަމުގައެވެ. ޞުހްޔޫނީންގެ ހަތިޔާރުއެޅި ދެ ޖަމާޢަތްކަމުގައިވާ “އިރުގުން” އާއި “ލެހި” ހިމެނުނީ މިކަން ބަލައިނުގަތް މީހުންގެ ތެރޭގައެވެ. އެބައިމީހުން ޤަބޫލުކުރި ގޮތުގައި މިއީ ލޭ އޮހޮރުވުންތަކެއްގެ ފެށުމެވެ. ފަލަސްޠީނުގެ މުޅި ބިން އެކީގައި އެބައިމީހުންގެ މިލްކަކަށް ހެދެންދެން ހަނގުރާމަކުރުން މަތީ އެބައިމީހުން ދެމިތިބެން ޖެހޭނެކަމުގައި “އިރުގުން” ޖަމާޢަތުގެ ރައީސް މެނަޚެމް ބެގިން (Menachem Begin) ބުންޏެވެ. ޞުހްޔޫނީންގެ ތެރެއިން މިކަން ބަލައިގަތް މީހުން މިކަން ބަލައިގަތީ އެއީ ވަގުތީ ނިންމުމެއްކަމުގައި ބަލައިގެންނެވެ. އެއީ ވަގުތީ ގޮތުން އެއީ ކާމިޔާބީއެއް ކަމުގައި ބަލައިގަނެ ފަހުން މުޅި ބިން ހޯދުމަށް މަސައްކަތްކުރުމަށެވެ.

ނަތީޖާއަކަށްވީ އަނެއްކާވެސް ފަލަސްޠީނުގެ ޢަރަބިންނާއި ޔަހޫދީންނާ ދެމެދު ކުރިމަތިލުންތައް ފެށުމެވެ. މި ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު ޤަތުލުވެ ޒަޚަމްވިއެވެ. ދެން Jewish Agency އިން އަވަސްވެގަތީ ފަލަސްޠީނުގެ ޢަރަބި ވެރިންގެ ޝަކުވާ އދ އަށް ހުށަހަޅާށެވެ. ޢަރަބީން މި ބައިކުރުމާ ދެކޮޅު ހަދާކަމުގެ ޝަކުވާއެވެ. ހަމައެއާއެކު، އެބައިމީހުން ފަލަސްޠީނުގެ ބިމުގައި ކުރަމުންދިޔަ ހަނގުރާމަ ދިޔައީ އިތުރަށް ވަރުގަދަކުރަމުންނެވެ.

އެގޮތުން 1948 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 9 ވީ ހުކުރު ދުވަހު ޞުހްޔޫނީން ހަތިޔާރުއެޅި ދެ ޖަމާޢަތްކަމުގައިވާ “އިރުގުން” އާއި “ލެހި” ޤުދުސްގެ ކައިރީގައި އޮންނަ ދައިރު ޔާސީން (Deir Yassin) އަވަށުގައި ޤަތުލުޢާންމެއް ހިންގާ، ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ހިމެނޭ ގޮތުން 100 އަށްވުރެ ގިނަ މީހުން ޤަތުލުކުރިއެވެ.

އދގެ ނިންމުމަށް ފަހުގައި، އިނގިރޭސީން ބުނީ އެބައިމީހުން އެކަމުގައި އެއްވެސް ދައުރެއް އަދާނުކުރާނެކަމުގައެވެ. ދެން ފެނިގެން ދިޔައީ ކުއްލިއަކަށް އިނގިރޭސިވިލާތުން ފަލަސްޠީނުގައި އޮތް އެބައިމީހުން ދައުރު ދޫކޮށްލިކަން އިޢުލާންކުރި ތަނެވެ. އެއީ 1948 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުގެ ދަންވަރެވެ. މިކަމުގެ ސަބަބުން ފަލަސްޠީނުގެ ބޮޑެތި ރަށްތަކުގައި ޔަހޫދީންގެ ފައިތިލަ ސާބިތުކުރުމަށް މަގުފަހިވެގެން ދިޔައެވެ. އަދި އިގިރޭސީންގެ ވައިގެ ބަނދަރުތަކާއި އަސްކަރީ މަރުކަޒުތަކާއި އެނޫންވެސް މުހިންމު ތަންތަނަށް ޔަހޫދީން ވެރިވެގަތެވެ.

 

އިނގިރޭސީން ފަލަސްޠީނުން ފައިބާކަން އިޢުލާންކުރުމާއެކު ހަމަ އެ ދުވަހު ޔަހޫދީން އެބައިމީހުންގެ ދައުލަތް އިޢުލާންކުރިއެވެ.

ޔަހޫދީންގެ ދައުލަތް އިޢުލާންކުރުން ވެގެންދިޔައީ ބޮޑު ހަނގުރާމައެއްގެ ފެށުމަށެވެ. އެގޮތުން ޖެހިގެން އައި ދުވަހު ޢަރަބީންނާއި ޔަހޫދީންގެ ހަނގުރާމަ (1948 Arab–Israeli War) ފެށުނެވެ.

 

=ނުނިމޭ=

 

_______________

 

މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري

 

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް

 

[1]  ބައްލަވާ: Jews on route to Palestine by Artur Patek (pages: 118 – 121).

[2]  ބައްލަވާ: The Bombing of The King David Hotel: July 1946 by Bruce Hoffman (pages: 1 , 8).

[3]  ބައްލަވާ: https://www.oxfordreference.com/display/10.1093/oi/authority.20110803095417471

[4]  ބައްލަވާ: زاد المعاد في هدي خير العباد لابن القيم (3 / 114 – 123)