ޚަލީފާކަމުގައި ހުންނަވައިގެން ޢުޘްމާނުގެފާނު ކުރެއްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަމާ މެދުވެސް އެކަލޭގެފާނާ ދެކޮޅު ޝުބުހަތައް އުފައްދާ، މީސްތަކުންގެ ހިތްތަކުގައި އެކަލޭގެފާނަށް ނަފްރަތު އުފެއްދިއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންކަމަކީ:
1- އެކަލޭގެފާނު ޤުރްއާން މުޞްޙަފްތައް އަންދާލެއްވުން.
ޤުރްއާން ލިޔެފައިވާ މުޞްޙަފުތައް އަންދާލެއްވުމާ މެދު ދަންނައެވެ. ޢުޘްމާނުގެފާނު އަންދާލެއްވީ ޚިލާފު އުފެދުނު މުޞްޙަފުތަކެވެ. [1] އެކަލޭގެފާނުގެ ޚިލާފަތުގައި އަލުން ޤުރުއާން ޖަމާކުރައްވާ ލިޔުއްވަން މެދުވެރިވި ސަބަބު އިސްވެ ބަޔާންވެ ހިގައްޖެއެވެ. އޭރު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ޞަޙާބީންގެ މަޝްވަރާއާއެކު އަލުން ޤުރްއާން ޖަމާކުރައްވާ، އެއިން ނުސްޚާތައް (ކޮޕީތައް) ލިޔުއްވާ، މުސްލިމުންގެ ރަށްތަކަށް އެ ނުސްޚާތައް (ކޮޕީތައް) ފޮނުއްވިއެވެ. އަދި ޤުރުއާން ލިޔެފައިވާ އެހެނިހެން ތަކެތި އަންދާލުމަށް އެންގެވީއެވެ. މިއީ އެކަލޭގެފާނު މި އުންމަތަށްޓަކައި ކޮށްދެއްވި އެންމެ ބޮޑު އެއް ހެޔޮކަމެވެ. އަދި އެކަލޭގެފާނު އެކަން އެގޮތަށް ކުރެއްވީވެސް އެހެން ޞަޙާބީންވެސް އެގޮތަށް އެއްބަސްވެވަޑައިގަތުމުންނެވެ. އެކަމާ ބެހޭގޮތުން ޢަލީގެފާނު ވިދާޅުވިއެވެ.
“يَا أَيُّهَا النَّاسُ لَا تَغْلُوا فِي عُثْمَانَ وَلَا تَقُولُوا لَهُ إِلَّا خَيْرًا [أَوْ قُولُوا لَهُ خَيْرًا] فِي الْمَصَاحِفِ وَإِحْرَاقِ الْمَصَاحِفِ، فَوَاللَّهِ مَا فَعَلَ الَّذِي فَعَلَ فِي الْمَصَاحِفِ إِلَّا عَنْ مَلَأٍ مِنَّا جَمِيعًا”. [2]
މާނައީ: “އޭ މީސްތަކުންނޭވެ! ޢުޘްމާނުގެފާނާމެދު ހައްދުފަހަނައަޅާ ނުދާށެވެ. އަދި މުޞްޙަފުތަކާ އަދި މުޞްޙަފުތައް އަންދާލެއްވުމާ ގުޅޭގޮތުން އެކަލޭގެފާނާ މެދު ހެޔޮ ބަހެއް މެނުވީ ނުބުނާށެވެ. (ނުވަތަ އެކަލޭގެފާނަށް ހެޔޮ ބަސް ބުނާށެވެ.) ފަހެ، ﷲ ގަންދީ ވިދާޅުވަމެވެ! ތިމަންބޭކަލުން އެކަމާ އެއްބަސްވުމުން މެނުވީ މުޞްޙަފުތަކާ މެދުގައި ކަންތައް ކުރެއްވި ގޮތަށް އެކަލޭގެފާނު ކަންތައް ނުކުރައްވައެވެ.”
2- ޒަކާތުގެ ގޮތުގައި ގެންނަ ޖަމަލުތަކަށް ކާންދީ ބެލެހެއްޓުމަށް ތަނެއް ޚާއްޞަކުރައްވައި ހަމަޖެއްސެވުން.
ޒަކާތުގެ ގޮތުގައި ގެންނަ ޖަމަލު ކާންދީ ބެލެހެއްޓުމަށް މަދީނާގެ ރަށްބޭރުގައި ތަނެއް ޚާއްޞަކުރެއްވީ ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނެވެ. ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ޒަކާތުގެ ގޮތުގައި ގެނެވޭ ޖަމަލުތައް ގިނަވުމުން އެކަލޭގެފާނު އެތަން ބޮޑުކުރެއްވީއެވެ. [3]
3- އެކަލޭގެފާނުގެ ގާތް ބޭކަލުން ރަށްރަށުގެ ވެރިންނަށް ހަމަޖެއްސެވުން.
ޢުޘްމާނުގެފާނުގެ ގާތް ބޭކަލުންނަށް ރަށްތަކުގެ ވެރިކަން ދެއްވީ އެއަށް ވުރެ މާތް ބޭކަލުން ތިއްބަވަނިކޮށް ކަމުގައި އެކަލޭގެފާނާ ދެކޮޅުވެރިވީ މީހުން ބުންޏެވެ. އެކަމުގެ ޙަޤީޤަތާމެދު ދަންނައެވެ. ބަނޫ އުމައްޔާއަކީ ޤުރައިޝުންގެ ޤަބީލާތަކުގެ ތެރެއިން އެންމެ ބޮޑު ޤަބީލާއެވެ. އެހެންކަމުން އެކަމަށް އެކަށޭނަ އަދި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭކަލުން އެ ޤަބީލާގައި ގިނަވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ޢުޘްމާނުގެފާނު ރަށްރަށުގެ ވެރިންނަށް ހަމަޖެއްސެވީ އެކަމަށް އެންމެ އެކަށޭނަ ބޭކަލުންކަން ޘާބިތުވެފައިވާ އަދި އެކަމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭކަލުންނެވެ. އޭގެ އިތުރުން އެ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުންނަކީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތުގައިވެސް ރަށްރަށުގެ ވެރިކަމުގައި ތިއްބެވި ބޭކަލުންނެވެ. އެގޮތުން ޝާމުކަރައިގެ ވެރިއަކަށް ޢައްޔަނުކުރެއްވީ ޢުމަރުގެފާނުގެ ޚިލާފަތުގައި ޝާމުކަރައިގެ ވެރިއަކަށް ހުންނެވި މުޢާވިޔަތުގެފާނެވެ. އަދި އަލްވަލީދަކީ ޢުމަރުގެފާނުގެ ޚިލާފަތުގައި ބަނޫ ތަޣުލިބުގެ ޒަކާތް ނެގުމަށް ހަވާލުކުރެއްވި ފަރާތެވެ. އޭގެ ކުރިން އަބޫބަކުރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނުވަނީ މަޛާރުގެ ހަނގުރާމައިގައި ޚާލިދު ބުނުލް ވަލީދާއި އަބޫބަކުރުގެފާނާ ދެމެދު ބަދަލުކުރެވުނު ސިޓީތައް އުފުއްލަވާފައެވެ.
ޢުޘްމާނުގެފާނު، އެކަލޭގެފާނުގެ ގާތް ބޭކަލަކަށް ވެރިކަން ދެއްވާނަމަ އެކަން ދެއްވީހީ އެކަލޭގެފާނުގެ އަނބިކަނބަލުންގެ ދަރިކަލުން މުޙައްމަދު ބުން އަބީ ޙުޛައިފާއަށެވެ. އެކަލޭގެފާނަށް ރަށެއްގެ ވެރިކަން ދެއްވުމަށް އަމިއްލައަށް ޢުޘްމާނުގެފާނުގެ އަރިހުގައި އެދިވަޑައިގަތުމުން ޢުޘްމާނުގެފާނު އެކަމާ ދެކޮޅުހައްދަވާ ވިދާޅުވީ، އެކަލޭގެފާނާ އެކަށީގެން ނުވާ މަޤާމަކަށް އެކަލޭގެފާނު ޢައްޔަނު ނުކުރައްވާނެ ކަމުގައެވެ. ޢަލީގެފާނު ވިދާޅުވިއެވެ.
“فَلَمْ يُوَلِّ إِلَّا رَجُلًا سَوِيًّا عَدْلًا”. [4]
މާނައީ: “ފަހެ، އެކަލޭގެފާނު ރަނގަޅު، ޢަދުލުވެރިޔަކު މެނުވީ ވެރިއަކަށް އިސްނުކުރައްވައެވެ.”
އެބައިމީހުން ޢުޘްމާނުގެފާނާ ދެކޮޅަށް އެފަދައިން ވާހަކަދެއްކި ފަދައިން ޢަލީގެފާނާމެދުގައި ވާހަކައެއް ނުދައްކައެވެ. ޢަލީގެފާނުވެސްވަނީ އެކަލޭގެފާނުގެ ގާތް ބޭކަލުން ކުރެ ބައެއް ބޭކަލުންނަށް ވެރިކަން ހަވާލުކުރައްވާފައެވެ. އެގޮތުން ބަޞްރާގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ ޢަބްދުﷲ ބުން ޢައްބާސްއެވެ. ޔަމަނުގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ ޢުބައިދުﷲ ބުން ޢައްބާސްއެވެ. އަދި ޠާއިފާއި މައްކާގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ ޤަޘަމް ބުން ޢައްބާސްއެވެ. ޢުޘްމާނުގެފާނާ ދެކޮޅަށް ނުކުތް މީހުން މިކަންކަމުގައި ޢަލީގެފާނަށް އިންކާރެއް ނުކުރެއެވެ.
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] ބައްލަވާ: تمهيد الأوائل في تلخيص الدلائل للباقلاني (ص: 531).
[2] المصاحف لابن أبي داود (ص: 96)، وانظر فتح الباري لابن حجر (9 / 20 – 21).
[3] ބައްލަވާ: العواصم من القواصم لان العربي (ص: 72).
[4] البداية والنهاية لابن كثير (10 / 273).